ދަރިފުޅު ޚިތާނު ކުރުމަށްފަހު ޕާޓީ ބޭއްވުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލުގައި ބުނެފައިވާ ޚިތާނު ޕާޓީގެ މާނައަކީ، ދަރިފުޅު ޚިތާނު ކުރުމުގެ މުނާސަބަތުގައި، ގެއަށް ޢާއިލާ އެކި ފަރާތްތަކަށް ދަޢުވަތުދީގެން ގެނެސް، އެ މުނާސަބަތުގައި ބައިވެރިވެ، ދަރިފުޅަށް އެކަމުގައި އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދިނުމުގެ ޤަޞްދުގައި ބޭއްވޭ ޙަފްލާއެއް ކަމުގައި ދެކެމެވެ.

މިކަންތައް ޢާންމުކޮށް ކުރެވޭ ސިފަ ބަޔާންކޮށް މިއަދު ސުންނަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަދީނާގައި އުޅުއްވާ އަހަރެމެންގެ ޝެއިޚް ޑރ. عبد الله بن عبد الرحيم -حفظه الله – އަށް ސުވާލު ފޮނުވީ މެވެ.

ސުވާލު : އަހަރުމެންގެ ޝެއިޚް އެވެ. ޢާދަކާދައެއްގެ ގޮތުގައި އަހަރެމެންގެ ތެރޭގައި، ދަރިފުޅު ޚިތާނު ކުރުމަށްފަހު، ގެ ޒީނަތްތެރިކޮށް، އެ ގޮތުން ބޮކި އެލުވުމާއި، ކުރެހުން ހުއްދަވެގެންވާ ތަކެތި ކަމުގައިވާ ތަރި ފަދަ ތަކެތި ކުރަހައި ތައްޔާރު ކުރެ އެވެ.

އަދި ދަރިފުޅުގެ ބައްޕަ އާއިލާގެ އެކި ފަރާތްތަކަށް (ބޮޑު ބޭބެ އަދި ބޮޑުދައިތަ) ފަދަ ފަރާތްތަށް ޚިތާނު ކުރި ދަރިއަށް ޒިޔާރަތްކުރުމަށް ދަޢުވަތުދެ އެވެ. އަދި އެވަޤުތަކީ ޢިޝާގަޑި ކަމުގައިވާނަމަ ކެއުން ތައްޔާރުކޮށް އެ ކެއުމުގައި އެންމެން ބައިވެރި ކުރެ އެވެ. ނުވަތަ އެއީ ސައި ބުއިމަށް މުނާސިބު ވަޤުތު ކަމުގައި ވެއްޖެހިނދު ސައިބޮއެ ހަދަ އެވެ.

މިފަދަ ޢަމަލުތަކަކީ ކުރުން އެދެވިގެން ނުވާ އަދި މަނާ ކުރަންޖެހޭ ކަންތައް ކަމުގައި ބުނެވޭނެ ހެއްޔެވެ. އަދި މިފަދަ ޢަމަލުތަކުގެ މައްޗަށް އިންޒާރު ލިބިގަތުންވޭ ހެއްޔެވެ؟

ޖަވާބު : ނޫނެކެވެ. އެއި ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ނަހަދާހިނދެއްގައި، އަދި ދީނީ ކަމެއްގެ ގޮތުގައި ނަހަދާ ހިނދެއްގައި އެކަމުގައި މައްސަލައެއް ނެތެވެ. އަދި މިފަދައިން ޙަފްލާ ނުބާއްވާތީ އެކަން އިންކާރު ކޮށް ބަސްބުނާހިނދު، އަހަރެމެންނަށް އޮތީ އެހިނދު އެކަމުގެ ޙުކުމް ބަޔާން ކޮށްދިނުމެވެ. އެއީ މިއީ މުބާހު (ހުއްދަ ކަމެއް) ގޮތުގައި ބަޔާން ކުރުމެވެ.

ފަހެ، މިފަދައިން ޢަމަލު ކުރަނީ އެއީ ދީނީ ކަމަށް ހަދައިގެން ކަމުގައިވާނަމަ އެހިނދު އެވާނީ ބިދުޢަކަށެވެ.

އަދި މިފަދައިން ޙަފްލާ ނުބާއްވާ ބައެއްގެ މައްޗަށްވެސް އިންކާރު ކުރުމެއް ނުވެ އެވެ. ސަބަބަކީ އެހިނދު އެމީހަކު ދޫކޮށްލާފައި އެވަނީ ދީނުގައި ހުއްދަ ކަމެކެވެ. ވާޖިބު ކަމެއް ނޫނެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)

ވުމުން، ޝެއިޚް ވިދާޅުވެފައިވާ ފަދައިން ދަންނަން ޖެހެ އެވެ. މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްވެސް ނޫނެވެ. އަދި އެގޮތަށް ދެކިގެން ނުވާނެ އެވެ. އަދި މިއީ ދީނީ ކަމެއްވެސް ނޫނެވެ.

ދަރިފުޅު ޚިތާން ކުރި ދުވަސްތަކުގައި އެކަމާއި ގުޅިގެން އާއިލާ މީހުން އެ އުފަލުގައި، ދަރިފުޅު އުފާކޮށްދިނުމުގެ ޤަޞްދުގައި ޒިޔާރަތްކޮށް އެ ވަޤުތުގައި ސައި ބޮއި ނުވަތަ ކެއުމެއް ގައި ބައިވެރި ވުމަކީ އެއްވެސް މަނާކަމެއް އެކަމުގައި ނުވެ އެވެ.

ނިންމާލުމުގެ ކުރިން ބަޔާން ކުރަމެވެ. މިއީ މިފަދަ މުނާސަބަތެއްގައި ކެއުމެއް ބުއިމެއް ބާއްވައި ޢާއިލާ ޖަމަޢަވެ އެ އުފަލުގައި ބައިވެރިވުމުގެ ޙުކުމެވެ. އެހެނަސް މިފަދަ ޙަފްލާއެއްގައި، މިއުޒިކާއި ލަވަ ޖެހުމާއި، ﷲ ޙަރާމް ކުރައްވާފައިވާ އެންމެހައި ޢަމަލުތަކުން ދުރުހެލިވާން ޖެހޭނެ އެވެ. އެފަދަ ޢަމަލެއް މިފަދަ ޙަފްލާއެއްގައި ފާޅުވެއްޖެހިނދު، އެއީ ހަރާމްވެގެންވާ ޢަމަލެއްގެ ގޮތުގައިވެ އެފަދަ ޙަފްލާއެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިޖާބަވެސް ދީގެން ނުވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply