އަންހެނުން އިޙްރާމުގައި މޫނު ނިވާ ކުރުން އޮތްގޮތަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަދި ޙައްޖުގައި ”މޫނު ކަޝްފު ކޮށްފައި ބެހެއްޓުން“ އެއީ މޫނު ނިވާ ކުރަން ނުޖެހޭ ކަމުގެ ޙުއްޖަތުގެ ގޮތުގައި ބައެއް މީހުން ދައްކާ ވާހަކައަށް ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : މިއީ ޙަޤީޤަތާއި ޚިލާފް އޮޅުވެއްގެ ތެރެއިން ބުނެވޭ ބަހެއް ކަމުގައިމެނުވީ ނުވެ އެވެ.
ސަބަބަކީ މޫނު ނިވާ ކޮށްފައިވާ އަންހެނާ، ނިޤާބްވެފައިވާ އަންހެނާ ޙައްޖުގެ އިޙްރާމުގައި ހުންނަ ޙާލުގައި މޫނު ނިވާކުރުމަށް އޮތީ ޚާއްޞަ ސިފަ އެކެވެ. މޫނު ދެއްކުމެއް ނޯވެ އެވެ. އެހެނަސް ނިވާކުރުން އޮތް ސިފައަކީ ޚާއްޞަ ސިފައެކެވެ.
ފަހެ، އަންހެނާ ޢާންމުކޮށް މޫނު ނިވާކުރުމަށް ބޭނުންކުރާ ލޮލަށް ކަނޑާފައި ހުންނަ މޫނު ފޮތިގަނޑު އަދި މޫނުގައި އައްސާ ގޮތަށް ހަދާފައި ހުންނަ ފޮތިގަނޑު ބޭނުން ކޮށްގެން ނުވާނެ އެވެ. މިފަދައިން އޮތުމުން ބަޔަކަށް ހީވެފައި އޮންނަނީ އިޙްރާމުގައި ހުންނަ އަންހެނާ މޫނު ނިވާކުރުމެއްނުވާ ކަމަށެވެ. ފަހެ، މިއީ ވަރަށްބޮޑު ކުށް ހީއެކެވެ. އޮޅުމެކެވެ.
އެހެނީ ދަލީލުތަކުގައި ނަހީ އައިސްފައިވަނީ އިސްވެ ބަޔާން ކުރެވެިފައިވާ ގޮތަށް ވަކި އެއްޗަކުން މޫނު ނިވާ ކުރުމެވެ. އެކުއެކީގައި މޫނު ނިވާކުރުން މަނާކުރާކަށެއް ނޫނެވެ. އަދިވެސް ތަފްޞީލުކުރަމެވެ.
އިޙްރާމުގައި ފިރިހެނުންގެ ހައްޤުގައި ފަޓްލޫނު އަދި ގަމިސްފަދަ އެއްޗެއް ހައްޖުގައި (އިޙްރާމުގައި ނުލެވޭނެ އެވެ.) މީގެ މާނައަކީ ފިރިހެނުން އޮރިޔާމުން ތިބޭންޖެހުން ހެއްޔެވެ؟
އެހެނަސް އެއީ ފިރިހެނުން އެބައިމީހުންގެ ހަށިގަނޑުގެ ބައްޓަމަށް ތައްޔާރު ކުރެވިފައިވާ ތަކެތި ނުލުމެވެ.
މަނާ ވެފައިވަނީ ވަކި އެއްޗެއް ބޭނުން ކުރުމެވެ.
ވުމުން، މިއީ ތަފާތު ކުރަން ޖެހޭނެ ކަމެކެވެ. ވަކި އެއްޗެއް ލުމަށް، ވަކި އެއްޗަކުން ނިވާކުރުމަށް އައިސްފައި ވުމަކީ ހާމަކޮށް، ކަޝްފު ކުރުމެއް ނޫނެވެ.
ދެވަނައީ : މަނާވެފައިވާ ސިފަތަކެވެ. ނަބިއްޔާ ﷺ حديث ކުރައްވާފައިވާ ފައިވެ އެވެ. (وَلَا تَنْتَقِب المُحْرِمَة وَلاَ تَلْبَس القُفَّازَيْن) ”އިޙްރާމުގައި ހުންނަ އަންހެނާ ނިޤާބް އަދި އަންގި ލައިގެން ނުވާނެއެވެ.“ މިޙަދީޘް البخاري (1838) ގައި ابن عمر -رضي الله عنهما- ގެ އަރިއަހުން ރިވާކުރެއްވިއެވެ.
މިތަނުގައި މަނާވެފައިވަނީ، ލޮލަށް ކަނޑާފައި ހުންނަ ފަދައިން ސިފަވެފައިވާ މޫނު ފޮތިގަނޑު (ނިޤާބް) ބޭނުން ކޮށްގެން ނުވާނެ ކަމެވެ.
މޫނު ކަޝްފުކޮށް ހާމަ ކުރުން ހުއްދަވެފައިވީ އެއް ނޫނެވެ.
ތިންވަނައީ : އިޙްރާމުގައި ހުންނަ އަންހެނާ ނިވާކުރުން ދީނުގައި ބަޔާންވެގެންވާ ކަމުގެ ހެކި ތަކާއި ދަލީލު ތަކެވެ. އެއީ عائشة -رضي الله عنها- ގެ حديث ގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ.
ވިދާޅުވިއެވެ. (كان الرُّكبانُ يَمُرُّون بنا ونحن مع رسولِ اللهِ ﷺ مُحْرِماتٌ فإذا حاذُوا بنا سدَلَتْ إحدانا جِلْبابَها من رأسِها على وجهِها) ”އަހަރެމެން ރަސޫލާ ﷺ ގެ އަރިއަހުގައި އިޙްރާމުގައިވީ ހިނދު، ކައިރިން ސަވާރީގެ މަތީގައި މީހުން ހުރަސްކޮށްފައި ދެއެވެ. އަހަރެމެންނާ ހަމައަށް އެބައިމީހުންނަށް އާދެވުމުން، އަހަރެމެންގެ ތެރޭގައިވި ކޮންމެ އަންހެނަކު އޭނާގެ ޖިލްބާލު ބޯމަތިން މޫނުމައްޗަށް ވައްޓާލައި (މޫނު ނިވާކުރެތެވެ.) އަދި އެމީހުން ފަހަނައަޅާ ދިއުމުން މޫނު ކަޝްފުކުރަމެވެ.“
أبوداود (1833) އަދި އެނޫންވެސް އިމާމުން ރިވާކުރެއްވިއެވެ.
އަދި ޞަޙާބިއްޔާ فاطمة بنت المنذر އަރިއަހުން ރިވާކޮށްފައިވެ އެވެ. އެކަމަނާ ވިދާޅުވިއެވެ. (كُنَّا نُخَمِّر وُجُوْهَنا وَنَحْنُ مُحْرِمات، وَنَحْنُ مَعَ أَسْمَاء بنت أَبِيْ بكر الصديق) ”އަހަރެމެން އިޙްރާމުގައި ތިބި ހިނދުގައި އަހަރެމެންގެ މޫނުތައް ބޯމަތިން ވައްޓާލެވޭ ފޮތިގަނޑަކުން (ޚިމާރު) އިން ނިވާކުރަމެވެ. އަދި އަހަރެމެން أسماء بنت أبي بكر الصديق އަރިއަހުގައިވީމެވެ.“
މި ޙަދީޘްތަކުން ބަޔާންވެގެންވަނީ އިހްރާމުގައި ހުންނަ އަންހެނާ މޫނު ނިވާކުރުން އޮތް ކަމެެވެ. އެހެނަސް އެއީ ބޯމަތިން މޫނުމައްޗަށް ވައްޓާލެވޭ ފޮތިގަނޑެއް ފަދަ އެއްޗަކުންނެވެ.
މޫނުގައި އައްސާ ސިފައެއް ނުހުންނާނެ އަދި މޫނުގައިވާ އެއްވެސް ތަނަކަށް ކަނޑާފައިވާ ގޮތުގައި ނުހުންނަ އެއްޗެއްގެ ސިފައިގައިވާ ފޮތިގަނޑެކެވެ.
ފަހެ، އެހެންވުމުން ޙައްޖު ނުވަތަ ޢުމުރާގެ އިޙްރާމުގައި ”މޫނު ނިވާ ކުރުމެއްނުވޭ“ ބުނެފައިވާ ބުނުމުގެ ޙަޤީޤަތް ބަޔާންވެ ދިޔައީ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.