ދެއަނބިނަން ހަރަދުކުރުމުގެ ތަނަވަސްކަންނެތް މީހާ ދެއަތްބަށްއިނުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ސުވާލުގައި ބުނެފައިވާ މީހާގެ މައްޗަށް ޝަރީޢަތުގައި ގިނަ ޙުކުމްތަކެއް ބަޔާންވެގެންވެ އެވެ.

ފުރަތަމައީ : އިސްލާމް ދީނުގައި އެއް އަނބިންނަށްވުރެ ގިނަ އަނބިން ހުއްދަ ކުރައްވާފައިވަނީ އެތައް މަޞްލަޙަތަކާއި، އޭގައި ގިނަގުނަ ޙިކްމަތްތަކެއް ލައްވާފައިވާ ޙާލުގަ އެވެ.

އެއީ، ތިމާގެ ޛާތީ އެދުންތަކާއި އަދި ”ދެ އަނބިންނާއި އިނދެގެން“ ނަން ހޯދުމަށް ކުރެވޭނެ ޢަމަލެއް ނޫނެވެ.

ވުމާއެކު، ޝަރުޢީ މިންގަނޑުގެ އިންތަކާއި ހައްދުތަކުގައި ދެމި ހުންނަން ޖެހޭނެ އެވެ. އިސްލާމް ދީނުގައި ޙައްޤު ހޯދުން އޮތީ އެއަށް ކަނޑައެޅިފައިވާ އިންތަކާއި ޤަވާޢިދާއި ޝަރީޢަތުގެ ހަމަތަކުންނެވެ.

ދެވަނައީ : އަނބިން ހޯދައި ޒަވާޖީޙަޔާތެއް ފެށުން އޮތީ އެކަމަށް ކަނޑައެޅިފައިވާ ޝަރުޢީ އަދި ދީނީ ޙުކުމްތަކުގެ މަތީގަ އެވެ. ﷲ ވަނީ މި މުޢާމަލާތްވެސް ދީނީ ޙުކުމްތަކެއް ކަނޑައަޅުއްވާފަ އެވެ.

ތިމާ ދެވަނަ އަންހެނަކާ ކައިވެނިކޮށް އަންހެން މީހާއަށް ދޭން ޖެހޭ ޙައްޤުތަށް އަދާ ނުކުރެވި އަދި އަންހެން މީހާއަށް އެ ޙައްޤުތައް ފުއްދައި ނުދެވޭނަމަ، ކައިވެނި ކުރުން އެމީހެއްގެ މައްޗަށް ޙަރާމްވެގެންވެ އެވެ. އާނއެކެވެ. އެފަދަ މީހާ ކައިވެނި ކުރުން ޙަރާމްވެގެންވެ އެވެ.

الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެ އެވެ. ”އިންސާނަކު އެންމެ އަތްބަކާ ކައިވެނިކޮށްގެން ހުރެ، ދެވަނަ އަންހެނަކާ ކައިވެނި ކުރުމުން ޢަދުލުވެރި ނުވެވި ދާނެކަމަށް ބިރުގަންނަހިނދު، (ދެވަނަ) ކައިވެނި ކުރުން ޙަރާމްވާނެ އެވެ.

ﷲގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. (فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً) ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާ އެވެ.

ފަހެ، އަހަރެމެންނަށް ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، ﷲ އަމުރުފުޅު ކުރައްވާފައިވަނީ އެކަކާ ކައިވެނިކޮށް އެވަރުން ފުއްދާލުމަށެވެ. އެހެން ނޫންކަމުގައިވެއްޖެހިނދު (އެ ބިރުވެރިކަންނެތް ހިނދު) މުޞްތަޙައްބުވެގެންވެ އެވެ. ސަބަބަކީ އެއީ އަޞްލު ކަމުގައިވުމެވެ.“ شرح الممتع 12-9

އާޔަތުގައި ބަޔާންވެގެންވާ ފަދައިން، ޢަދުލުވެރި ނުވެވޭނަމަ ކައިވެނި ކުރުން ވަނީ އެއް އަންހެނުންނާ އެވެ. ކައިވެންޏަށް ފަހު ތިމާގެ މައްޗަށް މަތިކޮށްފައިވާ ޙައްޤުތަކުގެ ތެރޭގައި އަންހެނުން ޢިއްފަތްތެރި ކަމާއެކު ދިރިއުޅޭނެ ހިޔާވައްސެއް ހޯދައި ދިނުމާއި، އަންނައުނާއި ކާބޯތަކެތި ފޯރު ކޮށްދިނުންފަދަ އެންމެހައި ކަންތަކެއް އަންހެން މީހާއަށް ހޯދައިދޭންޖެހެ އެވެ.

އިނދެގެން ހުރި އަނބިމީހާއަށް ޚަރަދު ނުކުރެވޭ ފަރާތެއް ދެވަނަ އަންހެނަކާ ކައިވެނިކުރުން އެއީ އޭނާގެ މައްޗަށް ޙަރާމްވެގެންވާ ޢަމަލެކެވެ. ޔަޤީން ކަށަވަރުކަމާއި އެކު އިނގޭ އެއްޗަކީ އޭނާއަށް އަނބިމީހާއަށް ދޭން ޖެހޭ ހައްޤުތައް ފުއްދައި ނުދެވޭނެ ކަމެވެ.

މި ފިރިހެނާ ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ތިމާގެ މައްޗަށް ޙައްޤުތަކާއި މެދުގައި ސުވާލު ކުރެވޭނެ ދުވަހަށްޓަކައި ތިމާ ބިރުވެތިވުންވެ އެވެ.

ތިންވަނައީ :

އަނބިމީހާއަކީ ކިތަންމެ މުއްސަދި އަދި ކިތަންމެ ތަނަވަސް އަންހެނެއްކަމުގައިވީނަމަވެސް، އަންހެން މީހާއަށް އަދާކުރުމަށް ފިރިމީހާގެ މައްޗަށް މަތިކޮށްފައިވާ ޙައްޤުތައް އަނބިމީހާއަށް އަދާކުރުމަކީ ފިރިހެން މީހާގެ މައްޗަށް ލާޒިމްވެގެންވާ ވާޖިބުވެގެންވާ ކަމެކެވެ.

ފިރިހެން މީހާއަށް ”އަނބިމީހާއަކީ ތަނަވަސް މީހެއް، އަމިއްލައަށް ހަރަދު ކުރެވޭނެ“ ބުނުމަކީ އޭނާއަށް ބުނުމަށް ޙައްޤު ބަސްތަކެއް ނޫނެވެ.

އަނބިމީހާ އޭނާއަށް އަދާކުރުމަށް އޮތް ޙާއްޤުތަށް ދޫކޮށްފުމަށް ދާންދެން ފިރިހެން މީހާ އެ ޙައްޤުތައް އަދާ ކުރުން ވާޖިބުވެ ލާޒިމްވާނެ އެވެ.

މި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشَّيخ العَلاَّمَة د. صَالح الفَوزاَن حفظه الله ވިދާޅުވެފައިވެ އެވެ.

ސުވާލު : ފަޟީލަތުއް ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާށި އެވެ. ފިރިމީހާގެ އިޛުނަ ލިބިގެން ވަޒީފާއަށް ދާ އަންހެނަކަށް، ފިރިމީހާއަށް އޭނާގެ އެ އަނބިމީހާއަށް ޚަރަދު ކުރުން ވާޖިބުވާނެ ހެއްޔެވެ؟

ޖަވާބު : އާނއެކެވެ. އަންހެން މީހާއަކީ މިލިޔަނަރެއް ކަމުގައިވީނަމަވެސް ފިރިމީހާއަށް އަންހެން މީހާއަށް ޚަރަދު ކުރުން ވާޖިބުވެގެންވެ އެވެ. މިކަމުގައި އެއްވެސް ޝައްކެތްނެތެވެ. (ޚަަރަދު ކުރުމަށް ބޭނުން ނުވާކަމަށް) ޝަރުޠުކޮށްފައިވާ ހިނދެއްގައި ފިޔަވަ އެވެ. ފަހެ، މުސްލިމުން ވަނީ އެބައިމީހުންގެ ޝަރުޠުތަކުގެ މަތީގަ އެވެ. އެހެނަސް ޝަރުޠު ނުކުރާ ކަމުގައިވެއްޖެހިނދު، އަންހެން މީހާއަށް ޚަރަދު ކުރުން ފިރިހެން މީހާގެ މައްޗަށް (ވާޖިބުވެގެން) ވެ އެވެ.“ (ފަތުވާ ނިމުނީ)

ތިމާގެ ނަފްސުގައި ޚަރަދު ކުޅައުމުގެ ޤާބިލް ކަމެއް ނެތް މީހާ ގިނަ އަނބިންތަކަކާ ކައިވެނިކޮށްފައިވެ، ﷲ ގެ ޙަޟުރަތުގައި ދޭނެ ޖަވާބަކީ ކޮބައިހެއްޔެވެ؟

މިފަދަ މީހާއަކީ ކޮންފަދަ އަނިޔާވެރި ފަރާތެއް ހެއްޔެވެ؟

ސުވާލުގައި ބުނެފައިވާ ފަދައިން އަންހެން މީހާ ދިމާލަށް ”އަންހެން މީހާ އަތުގައިވާ ތަނަވަސްކަމުން ޚަރަދު ކުރޭ“ ބުނުމަށް ފިރިހެން މީހާއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

އޭނާގެ ނުބައި ކަމާއި ނުލަފާކަމާއި އަދި ބޭއިންސާފު ކަމާއި އަދި އަނިޔާވެރި ޙާލުގައިވުން ނޫން އެއްޗެއް ނުފެނެ އެވެ.

ހަތަރުވަނައީ :

އަނބިދަރިންނަށް ހޭދަ ކުރުމާއި، ބޭނުން ޖެހިފައިވާ ޙާޖަތްތައް ނުފުއްދައި އެހެނިހެން ކަންކަމަށް ހޭދަކުރާ ފަރާތުގެ މައްޗަށް އައިސްފައިވާ ވަޢީދެވެ. އެގޮތުން އެއް ކައިވެނިކޮށްގެން ހުރި ފިރިހެނާ އޭނާގެ އަންބިމީހާއަށް ޚަރަދު ނުކޮށް އަދި ދޭން ޖެހޭ ޙައްޤުތައް ނުދީ ދެވަނަ މީހަކާ ކައިވެނިކުރުން ވެގެންދާނީ ކޮންފަދަ އަނިޔާވެރި ޢަމަލެއް ގޮތުގައި ހެއްޔެވެ؟ އޭނާގެ މައްޗަށް އޮތް ޢުޤޫބާތުގެ ބޮޑުކަމެވެ.

ޙައްޤު އަދާ ނުކުރުމުގެ ޢަމަލުގެ ނުބައި ކަމުގެ ބޮޑު ކަމެވެ. އެފަދައިން ބަޔާންވެގެންވާ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (كفى بالمرءِ إثمًا أنْ يُضيِّعَ مَن يقُوتُ)

”އެމީހަކު ޚަރަދުކޮށް ބަލަހައްޓަންޖެހޭ ފަރާތްތަކުގެ މައްޗަށް ފަރުވާކުޑަކޮށް (އިހުމާލުވެއްޖެ މީހާގެ އެ ޢަމަލު) ފާފައެއްގެ ގޮތުގައި ފުދިގެންވެ އެވެ.“ صحيح أبي داود 1692

(އެބަހީ : އިތުރު ފާފަތަކަކަށް އަރައިނުގަތް ކަމުގައިވީނަމަވެސް މި ޢަމަލުގެ ނުބައިކަންކަން އެ ހުރިހައި ފާފަތަކުގެ މައްޗަށް ފުދެ އެވެ.)

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إِنَّ اللهَ سَائِلٌ كُلَّ راعٍ عَمَّا اسْتَرْعَاه، أَحَفِظَ أَمْ ضَيَّعَ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِه)

”އެމީހެއްގެ ބެލުމުގެ ދަށުގައިވާ ބަޔަކާ ބެހޭގޮތުން ﷲ ތަޢާލާ ކޮންމެ ބެލެހެއްޓުންތެރިއަކާ ސުވާލު ކުރައްވާނެކަން ކަށަވަރެވެ. އެއީ އޭނާ ވަނީ އެކަމަށް ރައްކާތެރި މީހެއްކަމުގައިތޯ ނުވަތަ އިހުމާލުވެގެންވީ މީހެއްތޯ (ބެއްލެވުމަށްޓަކަ އެވެ.) އެގޮތުން ކޮންމެ މީހަކާ އޭނާގެ ބެލުމުގެ ދަށުގައިވާ އަހުލުބައިތުން (އެބަހީ : އަނބި ދަރިންނާ ބެހޭގޮތުން) ސުވާލު ކުރެވޭނެ އެވެ.“ النسائي (السنن الكبرى) ގައި ރިވާކުރެއްވި އެވެ. އަދި މި ޙަދީޘް (السلسلة الصحيحة) ގެންނަވާފައިވެ އެވެ.

ދަންނަހުއްޓެވެ! މަސްޢޫލިއްޔަތު އުފުލުމުގައިވާ ފަރާތްތައް ނުހަނު ގިނަ އެވެ. އެމީހެއްގެ އަނބިމީހާގެ މައްޗަށް އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތް ތަކެއްވެ އެވެ. ތިމާއާ ޙަވާލު ކުރެވޭ އަމާނާތްތަކަކީ މަސްޢޫލިއްޔަތް ތަކެވެ.

ތިމާއާ ޙަވާލު ކުރެވޭ އެންމެހައި ކަންތައްތަކެވެ.

އެ ދުވަހުގައި ކުރެވޭ ސުވާލަށް ދޭނެ ޖަވާބެއް ތައްޔާރު ކުރުން ހުއްޓެވެ.

ފަސްވަނައީ :

އަނބިންނަށް ޚަރަދުނުކޮށް، އަނބިންގެ ޙައްޤުތައް އަދާނުކޮށް އަނބިންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް ބޭއިންސާފާއި ޢަދުލުން އެއްކިބާ ވެފައިވާ މީހާގެ އެ ޢަމަލު ފާފަތެއްގެ ގޮތުގައި ފުދެ އެވެ. އިތުރު ފާފައެއް ނުކުރި ކަމުގައިވީނަމަވެސް ފާފައަކަށް އޭނާގެ އެ ޢަމަލު ފުދެ އެވެ.

ވުމުން، އެމީހެއްގެ ޚުލުޤު ނުބައިވެ، އޭގެ އިތުރަށް ޙަރާމް ޢަމަލުގައި މެދުކެނޑުމެއްނެތި ހުރުމުގެ ސަބަބުން، އެމީހެއްގެ ގާތުން ވަރިއަށް އެދުން ހުއްދަވެގެންވެ އެވެ. އަނބިންނަށް ޚަރަދު ނުކޮށް އަނބިންނަށް ޢަދުލުވެރި ނުވުމަކީ ފިރިމީހާ އަރައިގެންފައިވާ ބޮޑުވެގެންވާ ފާފައެކެވެ.

އެފަދަ ޙާލުގައި ވަރިއަށް އެދުމަކީ ޝަރުޢީ ސަބަބެއްނެތި ވަރިއަށް އެދޭ އަންހެނާގެ މައްޗަށްއޮތް ޢުޤޫބާތަށް ހުށަހެޅިގެންދާނެ ކަމެއް ނޫނެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކޮށްފައިވެ އެވެ. (أيما امرأة سألت زوجها الطلاق من غير ما بأس فحرام عليها رائحة الجنة) ”އެއްވެސް އަންހެނަކު އޭނާގެ ފިރިމީހާގެ ކައިރިން ޝަރުޢީ ސަބަބެއް (ވަރިއަށް އެދުން ހުއްދަވެގެންވާ ސަބަބެއް) ނެތި ވަރިއަށް އެދެފި ހިނދުގައި، ފަހެ އެ އަންހެންމީހާގެ މައްޗަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެގެންވެ އެވެ.“

މި ޙަދީޘްގައިވާ ވަޢީދުގެ ތެރެއަށް އެ އަންހެނާ ނުވެއްޓޭނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply