މިހާލަތުގައި އަނބިމީހާ ކަންތައް ކުރަންޖެހޭ ގޮތަކީ ކޮބާ ތޯ؟

ފިރިމީހާ ރުޅިއައިސްގެން އަނބިމީހާއާ މުޚާތަބްކޮށް [އަހަރެން މިވަނީ މިވެނި އެވެނި ރައްޓެހިންގެ ހާޒިރުގައި އޮންނާނެއޭ ބުނެފަ ތިޔައީ އަހަރެންގެ މަންމައެއްގެ މަޤާމުގަ ހުރި މީހެކޭ. އެ މީހުން އެކަމަށް ހެކިވާނެއޭ] މިހާލަތުގައި އަނބިމީހާ ކަންތައް ކުރަންޖެހޭ ގޮތަކީ ކޮބާ ތޯ؟ އަދި ފިރިމީހާ މިކަމުގެ ކައްފާރާ ދޭން ޢަމަލު ކުރާނީ ކިހިނެއް ތޯ؟

 

أُسْتَاذ أبو أنس محمد حسن حفظه الله

ސުވާލުގައި ބަޔާންވެގެންވާ ލަފްޒަކީ، އޭގެ މާނައިގައި އެކި އިޙްތިމާލުތައް އެކުލެވިގެންވާ ލަފްޒެއް ކަމުގައިވާތީ ފިރިމީހާގެ ނިޔަތަށް ބެލުމެއްނެތި އެއީ ޟިހާރު ظهار ކުރުން ކަމުގައި ކަނޑައަޅައިގެން ނުވާނެއެވެ. ވުމާއެކު އޭނާގެ ނިޔަތާ މެދުގައި އޭނާގެ ކިބައިން ސުވާލު ކުރެވެން ޖެހޭނެއެވެ. އެ ގޮތުން އޭނާގެ އަންހެނުންވަނީ އޭނާގެ މަންމަގެ މަޤާމުގެ ކަމުގައި ބުނުމުގެ ނިޔަތަކީ މަންމަ ޙަރާމްވެގެންވާ ފަދައިން އޭނާގެ މައްޗަށް އޭނާގެ އަންހެނުން ޙަރާމް ވެގެންވާކަމަށް ބުނުން ކަމުގައިވާނަމަ އެވާނީ ޙަރާމް ވެގެންވާ ޟިހާރަކަށެވެ. އެއާއި އެކު އެހިނދު އޭނާގެ މައްޗަށް އޮތީ ޤުރުއާނުގެ ނައްޞުން ބަޔާންވެގެންވާ ތަރުތީބުން ޟިހާރުގެ ކައްފާރާ ދިނުމެވެ.

ﷲ ވަޙޫކުރައްވާފައިވެއެވެ. وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ذَلِكُمْ تُوعَظُونَ بِهِ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ، فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا‌‏ ‏ [އެބައިމީހުންގެ އަނބިންނަށް ظهار ކޮށް، ދެން އެބައިމީހުން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ!

އެއީ ތިޔަބައިމީހުންނަށް އެކަމަށް نصيحة ދެއްވާގޮތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.

ފަހެ، އަޅަކު މިނިވަންކުރަން ނުލިބުނުމީހާ، އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދެގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ! ފަހެ، ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ!

އެއީ ތިޔަބައިމީހުން اللَّه އާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެއީ اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި كافر ންނަށް ވޭންދެނިވި عذاب ހުށްޓެވެ].

އެހެނަސް އޭނާ އެ ބުނުން ބުނެފައިވަނީ އެހެން މަޤްޞަދެއްކަމުގައިވާނަމަ، އެބަސްތައް ވަނީ އޭނާ ނިޔަގަތް ފަދައަކުންނެވެ. ފަހަރެއްގައި، އޭނާގެ ޤަޞްދަކީ އިޚްތިރާމް ކުރުމުގައި، ނުވަތަ އެހީތެރިކަން ލިބުމުގައި ނުވަތަ އެނޫންވެސް އެހެނިހެން ގޮތްގޮތުން މަންމަގެ މަޤާމުގައިވާ ފަދަ މީހެއް ކަމުގައި އޭނާގެ އަންހެނުންވާކަމަށް ބުނުން ކަމުގައި ވެދާނެއެވެ.

ތި މައްސަލައިގައި ކޮންމެހެން އެ ޙުކުމަށް ތަބަޢަވާންޖެހޭ ޙުކުމެއް ހޯދުމަށް އެދޭ ކަމުގައިވާނަމަ ހުރިހައި ފަރާތަކުން އަޑުއަހައި، ހުރިހައި ދިމާލަކަށް ބަލައި، ފައިޞަލާ ކުރުމަށްޓަކައި ޝަރުޢީ ކޯޓަކަށް ހުށަހަޅާށެވެ.

Similar Posts

Leave a Reply