|

ޢީދުދުވަހު އުޟްޙިއްޔާއިން ކެއުން ސުންނަތްތޯއެވެ؟ އަދި  އޭގެ މޭގަނޑު ކެއުން ޘާބިތުތޯއެވެ؟ 

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޤުރުބާން ކުރާ އުޟްޙިއްޔާއިން ކެއުން ސުންނަތެއް ހެއްޔެވެ؟ އަދި އޭގެ މޭގަނޑު ކެއުން ސުންނަތްވޭ ހެއްޔެވެ؟

ޤުރުބާން ކުރާ އުޟްޙިއްޔާގެ މަސް ޢީދު ދުވަހުގައި އެންމެ ފުރަތަމަ އެމީހާގެ ކެއުމުގެ ގޮތުގައި ހެދުމަކީ ޘާބިތުވެގެންވާ ސުންނަތެކެވެ.

ޞަޙާބީ بُرَيْدة بنِ الحُصَيب الأسلميِّ رافعٍ رضي الله عنه ގެ އަރިހުން އިމާމް الترمذيُّ ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. «كَانَ النَّبِيُّ صلَّى الله عليه وسلَّم لَا يَخْرُجُ يَوْمَ الفِطْرِ حَتَّى يَطْعَمَ، وَلَا يَطْعَمُ يَوْمَ الأَضْحَى حَتَّى يُصَلِّيَ» ”ނަބިއްޔާ ﷺ ފިޠުރު ޢީދު ދުވަހު އެއްޗެއް ފަރިއްކޫޅުއްވުމަށްފަހުގައި މެނުވީ ޢީދު ނަމާދަށް ވަޑައެއް ނުގަންނަވަ އެވެ. އަދި އަޟްޙާ ޢީދު ދުވަހުގައި ޢީދު ނަމާދު ކުރެއްވުމަށްފަހުގައި މެނުވީ އެއްޗެއް ފަރިއްނުކުޅައްވަ އެވެ.“

އަދި ابنُ خزيمة (١٤٢٦) އާއި البيهقيُّ «الكبرى» (٦١٥٩) ގައި އަދި «صحيح الجامع» ٤٨٤٥ ގައި އިމާމް الألبانيُّ ޞައްޙަ ކުރައްވާފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. «وَلَا يَطْعَمُ يَوْمَ النَّحْرِ حَتَّى يَذْبَحَ» ”ޢީދު ދުވަހުގައި އުޟްޙިއްޔާ ޤުރުބާން ކުރެއްވުމަށްފަހުގައި މެނުވީ ފަރިއްނުކުޅައްވަ އެވެ.“

އަދި މި ރިވާޔަތް އިމާމް أحمد ރިވާ ކުރެއްވިހިނދު އިތުރު ލަފްޟެއްގައިވެ އެވެ. «فَيَأْكُلَ مِنْ أُضْحِيَتِهِ» ”ފަހެ، ނަބިއްޔާ ﷺ އެ ނަބިއްޔާ ޤުރުބާން ކުރައްވާ އުޟްޙިއްޔާއިން ފަތިއްކުޅުއްވަ އެވެ.“

ވުމާއެކު، ނަބިއްޔާ ﷺ ގެ އަޞްޙާ ޢީދުގެ ސުންނަތް ޢަމަލުތަކުގެ ތެރޭގައި މި ޢަމަލު ބަޔާންވެގެންވެ އެވެ. އެއީ އަޞްޙާ ޢީދުގައި އީދު ނަމާދަށް ފަހުގައި މެނުވީ އެއްޗެއް ނުކެއުމާއި އަދި ހަމަ އެފަދައިން އެންމެ ފުރަތަމަ އެ ދުވަހުގައި ކާ އެއްޗެއްގެ ގޮތުގައި އުޟްޙިއްޔާގެ މަސް ކަނޑައެޅުމެވެ.

މި ސުންނަތް ވާރިދުވެގެންވަނީ މުޠްލަޤް ކޮށެވެ. މާނައަކީ، އުޟްޙިއްޔާގެ މަހުން ވަކި ގުނަވަނެއް އަދި ވަކި މަސްކޮޅެއް ޚާއްޞަ ކުރުމެއްނެތި ކެއުމެވެ. މިއީ މި ކަމުގައި އެންމެ ޞައްޙަ ބުނުމެވެ.

ދެންފަހެ، އުޟްޙީއްޔާގެ މޭގަނޑުން ކެއުމުގެ މައްޗަށް ޙަދީޘެއް ވާރިދުވެފައިވެ އެވެ. އެހެނަސް އެއީ ބަލިކަށި ޙުއްޖަތް ނެރެވޭ މިންވަރުގެ ދަރަޖައިގައިވާ ޙަދީޘެއް ނޫނެވެ.

އެއީ بُرَيْدة بنِ الحُصَيب الأسلميِّ ގެ ޙަދީޘްގެ ބައެއް ލަފްޟުތަކުގައިވެ އެވެ. «كَانَ رَسُولُ اللهِ صلَّى الله عليه وسلَّم إِذَا كَانَ يَوْمُ الفِطْرِ لَمْ يَخْرُجْ حَتَّى يَأْكُلَ شَيْئًا، وَإِذَا كَانَ الأَضْحَى لَمْ يَأْكُلْ شَيْئًا حَتَّى يَرْجِعَ، وَكَانَ إِذَا رَجَعَ أَكَلَ مِنْ كَبِدِ أُضْحِيَتِهِ» ”ފިޠުރު ޢީދު ދުވަހުގައި އެއްޗެއް ފަރިއްކުޅުއްވުމަށްފަހުގައި މެނުވީ ނަބިއްޔާ ޢީދު ނަމާދަށް ނުކުމެވަޑައި ނުގަންނަވަ އެވެ. އަދި އަޟްޙާ ޢީދުގައި ނަމާދުކޮށް އެނބުރި ވަޑައިގެންނެވުމަށް ދާންދެން އެއްޗެއް ފަރިއްނުކުޅައްވަތެވެ. އަދި އެނބުރިވަޑައިގެން އެންމެ ފުރަތަމަ ފަރިއްކުޅުއްވަނީ އުޟްޙިއްޔާގެ މޭނޑުންނެވެ.“

ބުނަމެވެ. މި ޙަދީޘް ބަލިކަށިވުމުގައި ގިނަ ސަބަބުތަކެއްވެ އެވެ. ޙަދީޘްގެ ރާވީ الوليد بنُ مسلمٍ އަކީ ބަލިކަށި ރާވީއެއް ކަމުގައި ވުމާއި، އަދި އެހެން ރާވީ އެއް ކަމުގައިވާ ابنُ عبد الله الأصم الرفاعيُّ العبديُّ البصريُّ ވެސް ބަލިކަށި ރާވީއެއްގެ ގޮތުގައި ކަނޑައެޅިފައިވުމެވެ. އިމާމް الألبانيُّ މި ޙަދީޘްގައިވާ ”އުޟްޙިއްޔާގެ މޭގަނޑު ކެއުން“ މި ޖުމްލައަކީ ބަލިކަށި ޖުމްލައެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. އަދި ވިދާޅުވި އެވެ. ”ޙަދީޘްގައި އިތުރަށް ވާރިދުވެގެންވާ މި ޖުމްލައަކީ ބަލިކަށި ޖުމްލަ އެކެވެ.“ سُبُل السلام (٢/ ٢٠٠)

ވުމާއެކު، ޚުލާޞާއަކީ، އުޟްޙިއްޔާގެ މަސް އެއީ އެ ދުވަހުގައި އުޟްޙިއްޔާ ޤުރުބާން ކުރާ މީހާގެ އެންމެ ފުރަތަމަ ކެއުމުގެ ގޮތުގައި ހެދުން ސުންނަތްވެގެންވެ އެވެ. އެހެނަސް އޭގެ ވަކި މަސްކޮޅެއް ނުވަތަ ވަކި ގުނަވަނެއް ކެއުން އެއީ ވާރިދުވަގެންވާ ޢަމަލެއް ނޫނެވެ. އަދި އެކަމަށް އެއްވެސް ޙުއްޖަތެއްނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply