މީހެއްގެ އަތްބަކާ ޒިނޭ ކުރުމަށްފަހު ޙައްޖަށް ދާންވެގެން މަޢާފް އެދެންޖެހޭނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އެންމެ ފުރަތަމަ ނުކުތާއަކީ : 

ތިބާއާ ﷲ އާ ދޭތެރޭގައި ތަޥްބާ ޤަބޫލު ވުމަށްޓަކައި އަންހެން މީހާގެ ފިރިމީހާ، އަލަތު ފިރިމީހާ ކަމުގައިވިނަމަވެސް ފިރިމީހާގެ ކިބައިން މަޢާފަސް އެދުމަކީ ޝަރުޠެއް ނޫނެވެ. 

އެހެނީ ﷲ ވަނީ އެ އިލާހުގެ އޯގާވަންތަކަމުގައި ތިބާ ކޮށްފައިވާ ފާފަތަކެއް ކަމުގައިވީނަމަވެސް އަދި އެހެން ކަންތައްތަކެއް ކަމުގައިވީނަމަވެސް އެކަންތައް ސިއްރު ކޮށްފަ އެވެ.  

ތަޢާލާ އެ ފާފަތައް ސިއްރު ކުރައްވާފައިވުމުން، ތެދުވެރި ތަޥްބާއަކުން ތަޥްބާވުމުން، ﷲ ތަޥްބާ ލައްވާނެތެވެ.  

އެއީ، ތަޥްބާވުމުގައި އިޚްލާސްތެރި ކަމާއި އެކު ތެދުވެރި ކަމާއި އެކު، އަދި ތެދުވެރިވެ އެ ފާފައާ މެދުގައި ހިތާމަކޮށް ދުވަހަކުވެސް އެ ފާފައަށް އެނބުރި ރުޖޫޢަ ނުވާނެކަމަށް ޢަޒުމް ކަނޑައެޅުމާއި އެކު އެފަދަ ކަމަކަށް އަރައިގަނެވޭނެ އެންމެހައި ދޮރުތައް ބަންދު ކުރުމެވެ.  

ތެދުވެރި ތަޥްބާއަކުން ތަޥްބާވެއްޖެނަމަ، ﷲ ތަޥްބާ ލައްވާނެކަން ޔަޤީން ކުރުން ހުއްޓެވެ. 

އަދި އެމީހާގެ ނުބައިކަން ހެޔޮކަމަށް ބަދަލުވެ، ބަދަލުކޮށް އެކުއެކީގައި އިޞްލާޙުވުމުން އެމީހާގެ މިޘާލަކީ ފާފައެއް ނުކުރާ މީހެއް ފަދައިން ލެއްވުމަކީ ދުރުކަމެއް ނޫނެވެ. 

ދަންނަ އެވެ! ﷲ ތަޢާލާއީ ތަޥްބާ ޤަބޫލުކުރެއްވުމަށް ނުހަނު ލޯބިވެވޮޑިގަންންވާ އިލާހެވެ. 

ދެން ފަހަރެއްގައި ސުވާލު އުފެދިދާނެ އެވެ.  

މީހެއްގެ ޙައްޤެއް އެކުލެވިގެންވާނަމަ އެ ޙައްޤު އަދާކުރުން ތަޥްބާގެ ޝަރުޠުތަކުގެ ތެރެއިން ނުވޭ ހެއްޔެވެ؟ 

މި ސުވާލުގައި އޭނާ އަރައިގެންފައިވާ އަންހެން މީހާގެ ފިރިމީހާގެ ޙައްޤަށް ހަދާނީ ކިހިނެތް ހެއްޔެވެ؟  

އެއްވެސް ޝައްކެތްނެތް ގޮތުގައި އެ އަންހެން މީހާ އެކު ޒިނޭ ކުރުމުގެ ސަބަބުން އެ ފިރިހެން މީހާ އެވަނީ، ﷲ ތަޢާލާގެ ހައްޤެއްގެ އިތުރުން ފިރިހެން މީހާގެ ޙައްޤަކަށްވެސް އަރައިގަނެފަ އެވެ.  

އެހެނަސް ފިރިހެން މީހާގެ ޙައްޤަށް އަރައިގަނެފައިވަނީ އޭގެ ޖިންސަކުން ބަދަލުދެވޭފަދަ ގޮތަކުންނެތް ނޫނެވެ. 

އެހެނީ މިޘާލަކަށް މުދަލެއް ނުވަތަ ފުރާނައަށް އަރައިގެންފައިވާނަމަ އެއަށް އެއާއި އެއްފަދަ ވެގެންވާ ބަދަލެއް އޭގެ ޖިންސުން ދެވިދާނެ އެވެ.  

އެހެނަސް މިޙާލަތުގައި އަރައިގެންފައިވާ ޙައްޤަކީ ފިރިހެން މީހާގެ އަބުރާއި ގުޅިފައިވާ ޙައްޤެއް ކަމުން އެފަދަ ބަދަލެއް ދެވޭކަށް ނޯންނާނެ އެވެ. 

އެހެން ކަމުން އޭގެ ބަދަލެއްގެ ގޮތުގައި ﷲ އަށް ތަޥްބާ ވުމާއެކުގައި އޭގެ އިތުރުން ފިރިހެން މީހާއަށް ހެޔޮ ދުޢާކޮށް އަދި އެ ފިރިހެން މީހާއަށް ފާފަފުއްސެވުމަށް އެދި ދަންނަވައި އޭނާގެ މަތިން ޞަދަޤާތްކޮށް ހެޔޮކަންތައްތައް އިތުރު ކުރުމެވެ. 

މިފަދަ މައްސަލަ އެއްގައި ޝައިޚުލް އިސްލާމް ابن تيمية މި މޭރުމުން ވާހަކަ ދައްކާފައިވެ އެވެ.  

ދެން އޮތީ އަންހެން މީހާގެ ޙާލަތެވެ.  

އަސްލަކީ އަންހެން މީހާއަކީވެސް ފާޙިޝް ކަންތައްތައް ކުރުމުގައި މަޝްހޫރު މީހެއް ނޫންނަމަ، އެ އަންހެން މީހާގެ މަތިންވެސް ސިއްރު ކުރުމެވެ. 

ފަހެ، މުއުމިނެއްގެ މަތިން ސިއްރުކޮށްފި މީހަކަށް ޤިޔާމަތް ދުވަހުން ﷲ އެމީހެއްގެ ޢައިބުތައް ސިއްރުކޮށްދެއްވަ އެވެ. 

އެހެންކަމުން، އަންހެން މީހާއަކީ ﷲ އަށް ތަޥްބާވެ، އިސްލާޙުވެގެން ހުރި ފަރާތެއް ކަމުގައިވާނަމަ އެ އަންހެން މީހާގެ ޢައިބުތައް ފަތުރައިގެން ނުވާނެ އެވެ. އެއްވެސް ގޮތަކަށް އެފަދަ ޢައިބު ފަތުރައިގެން ނުވާނެ އެވެ. 

އަދި އަންހެން މީހާ ތަޥްބާވެ އިސްލާޙުވުމަށްފަހު، ތިބާ އެ އަންހެން މީހާ ކުރި ފާފައެއް ފަތުރައި އެ އަންހެން މީހާގެ ދިރިއުޅުން އެއްކޮށް ހަލާކުކޮށް މަސައްކަތް ކުރުމަކީ ޙައްޖަށް ދާށޭ ކިޔާފައި އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. 

ފަހެ، އެއަންހެން މީހާއަށް އެހިނދު ތިޔަ ދެނީ ކޮންފަދަ ބޮޑުވެގެންވާ އަނިޔާއެއް ހެއްޔެވެ؟  

އެހެނަސް އެ އަންހެންމީހާއަކީ އަދިވެސް އެފަދަ ފާޖިރު ފާސިޤެއްގެ ގޮތުގައިވެ، ޖެހޭ ކޮންމެ ފިރިހެނަކާއެކުގައި ޒިނޭކޮށް، ޢިއްފަތްތެރި ކަމެއް ނެތް އަންހެނެއްގެ ގޮތުގައި ވެއްޖެހިނދު، އަދި މިއީ އަންހެން މީހާގެ މައްޗަށް ކުރެވޭ ހީއެއްގެ ބަދަލުގައި ޔަޤީން ކަށަވަރު ކަމެއްގެ ގޮތުގައި ތިބާއަށް އިނގޭނަމަ، އޭނާގެ ފިރިމީހާގެ އަބުރަށް ރައްކާތެރިވުމުގެ ގޮތުން ޝަރުޢީ އިދާރާއަކަށް އެފަދައިން މަޢުލޫމާތު ޙިއްސާކުރުން މައްސަލެއް ނޫނެވެ. 

އަދިވެސް އެއްފަހަރު ބުނަމެވެ. މިއީ ޔަޤީންކަމާއެކު އެ އަންހެން މީހާއަކީ ހަށިވިއްކާ އަންހެނެއްކަން ތިބާއަށް އިނގޭނެ ނަމަ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts