ރިސޯޓަށް ޗުއްޓީ ހޭދަކުރަން ދިއުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم.
الحمد لله و الصلاة والسلام على رسول الله.
و بعد :
އަބަދުވެސް ޗުއްޓީއެއް ކުރިމަތިވާހިނދު ހުށަހެޅޭ އެއް ސުވާލަކީ، ތަންތަނަށް ދަތުރު ދިއުމާއި، މުނިފޫހި ފިލުވުމުގެ ވާހަކަ ތަކެވެ.
މީގެ ކުރިންވެސް މިފަދައިން މި މައްސަލއިގައި ލިޔުން ލިޔުމަށް އެކަށީގެންވެ އެހެނަސް ލަސްވެ ދިޔައީ އެވެ.
ލިޔުމުން، އަޚުންނަށް ހެޔޮ މަގު ބަޔާންވެ އަދި ﷲ އަށްޓަކައި ޙައްޤުގައި ޘާބިތުވެ ދެމިތިބޭ ފަރާތްތަކެއް ގޮތުގައި އަޚުންނަށް ތަޥްފީޤް ލިބިގެން ދިއުމަށް ދުޢާކުރާ ހާލުގައި ފަށަމެވެ.
ފާފަތަކާއި މުންކަރާތްތަކަކީ މުއުމިނުއަޅާ ހިތައް އަޘަރު ކުރުވާ އޭގެ ސަބަބުން ހިތަށް ދަތިކުރުވާ ކަމެކެވެ.
ފަލާޙާއި ކާމިޔާބު މި އުއްމަތުގެ އަހުލުވެރިންނަށް ކަނޑައެޅިފައިވާ އެއް ސަބަބަކީ އެބައިމީހުންނަކީ މުންކަރާތްތައް ނަހީކޮށް ހެޔޮ ކަންތައްތަކަށް އަމުރު ކުރުމުގެ ސިފަ ލިބިގެންވާ ބައެއް ކަމުގައިވާތީ އެވެ.
ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. ﴿ وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُولَٰئِكَ هُمُ الْمُفْلِحُونَ ﴾ ”ހެޔޮކަމުގެ މަގަށް ގޮވާ އަދި ހެޔޮކަންތައްތަކަށް އަމުރުކުރާ އަދި ނުބައިކަންތައްތަކުން ނަހީ ކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. އެބައިމީހުންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ.“
އަދި އިސްވެ ދިޔަ އުއްމަތްތަކަށް ﷲ ގެ ކޯފާ އާއި ލަޢުނަތް ޙައްޤުވެގެންވީ އެއް ސަބަބަކީ އެބައިމީހުން ފާފަތަކާއި މުންކަރާތްތައް ކުރުމުން އެ މުންކަރާތްތައް ނަހީކުރުމުން އެއްކިބާވެ ދެމިތިބުމުގެ ސަބަބެވެ. ﷲ ބަސްވަޙީ ކުރެއްވި އެވެ. ﴿ لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴾ المائدة 78-79
”އިސްރާއީލްގެ ދަރިންގެ ތެރެއިން، ކާފިރުވި މީހުންނަށް، ދާޥޫދް އާއި މަރްޔަމުގެ ދަރިކަލުން ޢީސާ -عليه السلام-ގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައިވެ އެވެ. އެއީ އެބައިމީހުން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެބައިމީހުންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!“
މުންކަރާތްތަކުގެ މައްޗަށް ނުރުހުންތެރި ވުމާއި، އެފަދަ ތަންތަގައި ނުއިށީނުމާއި ބައިވެރި ނުވުމާއި، އަދި އެތަންތަނާއި ވަކިވުން އެއީ ދީނުގައި ވާޖިބު ކުރުވާފައިވާ އިސްލާމީ ސިފައެކެވެ.
އަދި މުންކަރާތް އިންކާރު ކުރުމުގެ މާނައަކީ އެ މުންކަރާތްތައް ހިނގާ ތަންތާނގައި ނުއިށީނުން ކަމުގައިވެސް ދީނުގައި ކަނޑައެޅިފައިވެ އެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (مَن رَأَى مِنكُم مُنْكَرًا فَلْيُغَيِّرْهُ بيَدِهِ، فإنْ لَمْ يَسْتَطِعْ فَبِلِسانِهِ، فإنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وذلكَ أضْعَفُ الإيمانِ) ”ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެހިނދު އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ. ފަހެ، އަތުން ހުއްޓުވުމަށް ކުޅަދާނަ ނުވެއްޖެމީހާ އޭނާގެ ދުލުން އެކަން ހުއްޓުވާށެވެ. އަދި އޭނާގެ ދުލުން އެކަން ނުހުއްޓުވޭ މީހާ އޭނާގެ ހިތުން އެކަން އިންކާރު ކުރާ ހުއްޓެވެ. ފަހެ، އެއީ އީމާން ކަމުގެ އެންމެ ދަށް މިންވަރެވެ.“ މި ޙަދީޘް އިމާމް مسلم ޞަޙީޙުގައި ރިވާ ކުރެއްވި އެވެ.
ދަންނައެވެ! އެކިއެކި ޤައުމުތަކުގައި ކަނޑައަޅާފައި ހުންނަ ”ރެޑްލައިޓް ސިޓީ“ ފަދަ ތަންތަނަކީ، އެންމެހައި ކަންތަކެއް ކުރުމަށް ހުއްދަވެފައިވާ ތަންތަނެވެ. މި ތަންތަނަށް ދެވިފައިވާ ނަމަކީ ”أماكن الإباحية“ އިބާޙިއްޔަ ގެ ތަންތަނެވެ.
މި ތަންތަނުގައި ޙަރާމް ޢަމަލެއް ނޯންނާނެ އެވެ.
ނޯ އޭ ބުނުމުގެ ޙައްޤެއް ނޯންނާނެ އެވެ.
ނުކުރެވޭނެއޭ ބުނުމުގެ ޙައްޤެއް ނޯންނާނެ އެވެ.
އޭގެ ބަދަލުގައި އެންމެހައި ކަންތައްތަކެއް ހުއްދަކޮށްފައިވާ ފާޙިޝް ޢަމަލުތަކާއި މުޑުދާރު ޢަމަލުތަކުން ފޯވެފައިވާ ތަންތަނެވެ.
ބަގުރާ ބުއިމެވެ. ޙައްދެއް ޙަޔާތެއްނެތި ދެޖިންސު އެއްވެ ކުރާނެ ޢަމަލެއް ކުރުމެވެ. ބަރަހަނާ ވުމުގައިވެ ލަދުވެތި ގުނަވަނެއް ނެތިވެ، ލަދުވެތި އެއްވެސް ޢަމަލެއް ނެތް ގޮތުގަ އެވެ.
އެއްޖިންސުން ގުޅުން ހިންގާ މީހާއަށް އެކަމުގައި ދޮރު ހުޅުވެ އެވެ.
ޖުވާ ކުޅޭ މީހާއަށް އެކަމަށް ދޮރު ހުޅުވިފަ އެވެ. والعياذ بالله!
ނުކުރާނެ އަދި ނުކުރެވޭ އެއްވެސް ކަމެއް ނެތެވެ.
މިފަދަ ތަނަކުން ތިމާ ފެނިއްޖެހިނދު ބުނެވޭނީ ކީކޭ ހެއްޔެވެ؟
މިއަދު މިފެންނަ ރިސޯޓްތަކަކީ، ވަރަށްގިނަ ގޮތްގޮތުން ”ރެޑްލައިޓް ސިޓީ“ ތަކާއި އެއްގޮތްވެގެންވާ ތަންތަނެވެ.
ހަމައެކަނި އެތަނަށް ކިޔާ ނަން ބަދަލުވުމެވެ. ”ރިސޯޓް“ ނުވަތަ ”ރިޒޯޓް“ އެވެ.
ހުރިހައި ފާފައެއްގެ މަންމަ ކަމުގައި ސިފަވެގެންވާ ބަގުރާ ބުއިން އެތަނުގައި އެއީ ފެން ބުއިން ފަދަ ޢަމަލެކެވެ. ބޭނުން ވަރަކަށް ހިތް އެދޭވަރަކަށް ހިތް އެދޭ ގޮތަކަށެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (الخمرُ أمُّ الخَبائِثِ، و مَنْ شربَها لمْ يَقْبَلِ اللهُ مِنْهُ صَلاةً أربعينَ يومًا، فإنْ ماتَ و هيَ في بَطْنِهِ ماتَ مَيْتَةً جَاهِلِيَّةً) ”ބަނގުރަލަކީ ހުރިހައި ނުބައި މުޑުދާރު ވެގެންވާ ފާފަތަކުގެ މައި މޫގަނޑެވެ. (ހުރިހައި މުޑުދާރު ކަންތައްތަކެއްގެ މަންމަ އެވެ.) ބަނގުރާ ބޮއެފި މީހާގެ ކިބައިން ނަމާދު 40 ދުވަސް ވަންދެން ﷲ ޤަބޫލުވޮޑި ނުގަންނަވާނެ އެވެ. އަދި އެ ބަނގުރާ އޭނާގެ ބަނޑުގައި ހުއްޓާ އޭނާ މަރުވެއްޖެ ނަމަ، އޭނާ މަރުވެގެން އެ ދިޔައީ ޖާހިލިއްޔަތުގެ މަރެއްގަ އެވެ.“ السلسلة الصحيحة ، حسن 1854
އެތަންތަނުގައި މިއީ ފާފައެއް ކަމުގައި ނުދެކޭހާ ލުއިކޮށް ކޮށްލާ ޢަމަލެކެވެ. އެއްވެސް ފަރާތަކަށް ފެނިދާނެތީ ކުޑަވެސް ލަދުވެތިކަމެއް ނެތް ގޮތުގަ އެވެ. މިއީ ޙައްދެއް ކަނޑައެޅި، ޙައްދު ޤާއިމްކުރެވޭ ޢަމަލެއް ކަމުގައި ނުދެކެވޭ މިންވަރަށް ފާފަވަނީ ފިނި ފެންތައްޓެއް ބޯލުންހާ ކުޑަ ކަމެއް ގޮތުގަ އެވެ.
އަންހެނުން ބަރަހަނާވެ އުޅޭނެ ގޮތަކަށް އުޅެން އޮތް ތަނެކެވެ. ފިރިހެނުންނަށްވެސް އެފަދަ އެވެ.
ޒިނޭ ކުރަން ބޭނުންވެއްޖެ މީހާއަށް އެކަމެކެވެ. އެކަން ކުރުމަށް މަނާވެގެންވާ އެއްވެސް އިމެއް ހައްދެއް ނުވެ އެވެ.
އެއްޖިންސުން ގުޅުން ހިންގަން އެދޭ މީހާއަށް އެއްވެސް އިމެއްނެތި އެކަން ކުރަންވީ އެވެ.
ޢާލަމީ ބްރޭޑްތަކުގައި މަތީ ކުލާސްތަކަށް އަރާ ވަރަކަށް މި ފާފަތައް ބޮޑަށް ހާމަކޮށް ކުރުމުގެ ފުރުސަތު ވެ އެވެ.
މިއީ، ވަލު ޖަނަވާރުންވެސް ނުވެއްޓޭ ދަށު ދަރަޖައަށް އިންސާނުންގެ ތެރެއިން ބަޔަކު ވެއްޓިފައިވާ ސޫރައެވެ.
ﷲއަށްޓަކައި ބުނަމެވެ.
ފާފަތަކުގެ މައްޗަށް ޣީރަތްތެރިވާ ފަރާތެއް މިތަނާއި މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟
ﷲގެ ދީނާއި ޝަރީޢަތަކާއި ދީނުގެ ޙުދޫދްތަކުގެ މައްޗަށް ޢިއްފަތާއި ލަދުވެތި ކަމާއި ޙިޝްމަތް އޮންނަ މީހަކު މިތަންތަނުގެ ވާހަކަ އަޑުއިވުނަސް ތުރުތުރު އަޅައި ނަފްސުގައި ބިރުވެރިކަން އުފެދި އެކަން އިންތިހާއަށް ބޮޑު ކަމަކަށް ވާނެ އެވެ.
ﷲގެ ކޯފާއަށް ހުށެހެޅިގެންވާ، ކޯފާގެ މައްޗަށް ހުޅުވިފައިވާތަންތަން ނޫން ހެއްޔެވެ؟
މިތަންތަނުގައި އުޅޭ މީހުން ބުނެފައިވާ ފަދައިންނެވެ. ރިސޯޓްގައި ”ނޯ“ އޭ ބުނެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ.
އެބަހީ: އެތަންތަނަކީ ”އިބާޙިއްޔާ“ ކުރުން މަނާ ކަމެއް ނެތްތަންތަނެވެ.
އަޚުންނޭވެ! އެ ދަޢުވަތްތަކަށް އިޖާބަ ދިނުން ވާޖިބު ކުރުވާފައިވާ، އޭނާގެ މައްޗަށް ލާޒިމް ކުރުވާފައިވާ ދަޢުވަތްތައްވެސް، އެ ތަނުގައި ފާޅުކުރާ މުންކަރާތްތަކުގެ ސަބަބުން ދޫކޮށްލުން އޭނާގެ މައްޗަށް ވާޖިބުވާނަމަ، ތިމާގެ މައްޗަށް އެއްވެސް ގޮތަކަށް އެތަންތަނަށް ދިއުމަށް ވާޖިބު ކުރެވިފައިނުވާ އެންމެ ބޮޑެތި ޙަރާމް ޢަމަލުތައް ހިންގައި އެ ޙަރާމް ޢަމަލުތައް ލޯމައްޗަށް ކެނޑިނޭޅި ފެންނަ ތަންތަނުގައި ތިމާ ހުއްޓިހުރުން އެއީ ކޮންފަދަ ޢައިބު ކުރެވޭ އަދި ދީނީގޮތުން އެމީހެއްގެ ދީންވެރިކަމެއް ނެތްކަމާއި ފާސިޤުކަން ފާޅުވާ ކަމެއް ހެއްޔެވެ؟
الإمام ابن قُدَامة -رحمه الله- ވިދާޅުވެފައިވެ އެވެ. ”އުރެދުންތަކަށް އަރައިގަތުމުގައިވާ ވަލީމާއަކަށް ދަޢުވަތު ލިބުމުން، މިޘާލަކަށް ބަނގުރާބުއިން، ބެރުޖެހުމާއި، އޮނު ފުމުން ފަދަ ޢަމަލުތަކެއް ވަލީމާގައި ވުމެވެ. އޭނާއަށް އެ މުންކަރާތް އިންކާރުކޮށް މުންކަރާތް ނައްތާލުމުގެ ކުޅަދާނަކަން އޮތްމީހާ ވަލީމާއަށް ޙާޟިރުވުން ވާޖިބުވާނެ އެވެ. ސަބަބަކީ އޭނާ ދެ ފަރުޟެއް އެހިނދުގައި އަދާކުރެވުމެވެ. އޭނާގެ މުސްލިމް އަޚާގެ ދަޢުވަތަށް އިޖާބަ ދިނުމާއި އަދި މުންކަރާތް ނައްތާލުމެވެ. އެ މުންކަރާތް ނައްތާލުމުގެ ކުޅަދާނަކަން ނެތްހިނދު ޙާޟިރުވެގެން ނުވާނެ އެވެ. އެތަނަކަށް ޙާޟިރުވުމަށް ދާންދެން މުންކަރާތް އޮތްކަމުގައި ނުދަންނަނަމަ، (އެހިނދު އެނާގެ މައްޗަށް އޮތީ) މުންކަރާތް ނައްތާލުމެވެ. މުންކަރާތް ނައްތާލުމުގެ ކުޅަދާނަކަން ނެތިއްޖެހިނދު އެތަން ދޫކޮށް ދިއުން ހުއްޓެވެ.“ المغني 7-279
މިއީ ވާޖިބުވެގެންވާ ދަޢުވަތެއްގެ ޙާލަތެވެ. މުންކަރާތް ހިންގާހިނދު އެކަން އިންކާރު ނުކުރެވޭނަމަ ދޫކޮށް ދިއުން އޭނާއަށް ލާޒިމް ކުރުވަ އެވެ.
ރިސޯޓްއަކީ އޭނާގެ ދުލުން އެއްވެސް ގޮތަކަށް މަނާކުރުން، ހުއްދަވެގެންވާ ތަންތަން ކަމުގައިވެސް ނުވެ އެވެ.
الشيخ الإمام الألباني ވިދާޅުވެފައިވެ އެވެ. ”މުންކަރާތްތައް ހިނގާ މަޖްލިސްތަކުގައި، އެ މުންކަރާތްތައް ހިނގަމުން ދިއުމާއި އެކު އެތަނުގައި އިށީނދެއިނުން، މި ދެކަންތައް ޖަމަޢަވެގެން ނުވާނެ އެވެ. އަދި ކިޔެއްތަ! ކޮންމެހެންވެސް އިންކާރު ކުރުމާއި އެކުގައި، އެމަޖްލިސް ދޫކޮށް ދާން ޖެހޭނެ އެވެ.“ فتاوى جدة ١٦
الشَّيْخُ أ.د. العَلاَّمة صَالح الفَوْزَان حفظه الله ވިދާޅުވެފައިވެ އެވެ. ”މުންކަރާތްތަކުގެ މައްޗަށް ނުރުހުންވުމަކުން ނުފުދެ އެވެ. އަދި މުންކަރާތްތަކުގެ މައްޗަށް ރުޅިވެރިކަން ފާޅުކުރުންވެސް ނުފުދެ އެވެ. މިއީ އެކަމަށް ފުދިގެންވާ މިންވަރެއް ނޫނެވެ. އެހެނަސް މުންކަރާތުގެ އަހުލުވެރިންގެ ކިބައިން އެއްކިބާވެ ދުރުވާން ޖެހެ އެވެ. އަދި އެމީހުންނާ އެކު މަޖްލިސް ބާއްވައިގެން ނުވާނެ އެވެ. އެމީހުންނާ ދުރުވާން ޖެހޭނެ އެވެ.“ التعليق على رسالة: وجوب الأمر بالمعروف ـ112
الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ސުވާލު : މުންކަރާތްތައް ނަހީ ކުރާހިނދުގައި ބައެއްމީހުން ބުނެ އެވެ. ޚަލްޤުތަކުން އަލް-ޚާލިޤުވަންތަ ފަރާތަށް ދޫކޮށްލާށެވެ. މިފަދައިން ބުނަމަކީ ޞައްޙަ ގޮތެއް ތޯ އެވެ؟
ޖަވާބު : ”ޞައްޙަ އެއް ނޫނެވެ. ތިޔައީ ހުއްދަވެގެންވާ ވާހަކަތަކެއް ނޫނެވެ. މުންކަރާތްތައް ނަހީކޮށް މީސްތަކުންނަށް ބަޔާންކޮށްދޭން ޖެހޭނެ އެވެ. އަދި އެބައިމީހުން އެދޭހާ ކަމެއް ކުރުމަށްޓަކައި ދޫކޮށްލައިގެން ނުވާނެ އެވެ. ތިބާ އެކަމަށް އަޅާނުލުން ހުއްޓޭ، ﷲ އެމީހުން ޙިސާބު ކުރައްވާނޭ (މިފަދައިން ބުނެގެން ނުވާނެ އެވެ.) ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރުމެވެ. އަދި ﷲ ގެ ދީނަށް ދަޢުވަތު ދިނުމެވެ. އާނއެކެވެ.“ شرح اغاثة اللهفان 15\5\1438
މިފަދަ ތަންތަނަށް ޙާޟިރުވާ ފަރާތްތައް ދަންނަ އެވެ.
މިތަންތަނަކީ އެތަން ބިނާކުރުމުގެ ފުރަތަމަ ބިންގާއެޅޭ ސާޢަތުގައިވެސް، އެންމެ ބޮޑެތި ފާފަތަކާއި މުންކަރާތްތެރި ޢަމަލާއި، ފާޙިޝް ޢަމަލުތަކަށް ހުޅުވާ ދޮރުތަކެވެ.
ރާ ބުއިން އަދި ރަލުގެ ޢީދުތަކެވެ. ފެން ބުއިމުގެ ސިފައިގައި ބަގުރާ ބޮއެވެ. އެއްވެސް ގޮތަކަށް މީހަކަށް ފެނިދާނެތީ ޖެހިލުމެއްނެތި ކުޑަވެސް ޣީރަތެއްނެތް ޙާލުގަ އެވެ.
އެތަންތަން ބިނާކޮށްފައިވަނީ، ބޭނުންވާ މީހަކު ބަރަހަނާކޮށް އުޅެން ބޭނުންނަމަ އެމީހަކަށް އެމީހެއްގެ ހިތައް ވިސްނުނު ގޮތަކަށް އުޅުމަށެވެ.
އޮރިޔާން ހާމަކޮށް، ދެޖިންސުގެ ގުޅުން ހިންގުމަށެވެ. ނަފްސަށް ފެނުނު ކޮންމެ ކަމެއް ކުރުމަށެވެ. އެއްޖިންސުން ގުޅުން ހިންގުން ކަމުގައިވާނަ އެކަމަށެވެ. އެތަންތަނުގައި ”ނުކުރެވޭނެ“ ”ހުއްދައެއް ނުވާނެ“ މިލަފްޒު ބޭނުން ކުރުމަކީ ނެތް ކަމެކެވެ. ސަބަބަކީ މިތަންތަން ކަނޑައެޅިފައިވަނީ ”އިބާޙިއްޔާ“ -އެންމެހައި ކަންތައްތައް ކުރުން ހުއްދަވެގެންވާ- ތަންތަން ގޮތުގަ އެވެ. މި ތަންތަނަށް ފޭބުމަށް ފަހުގައި، އޮރިޔާން އަކީ ދަންނަ އެއްޗެއް ކަމުގައި ނުވެ އެވެ.
ވަލު ޖަނަވާރުތަކެއް، ކިޔެއްތަ! އެތަކެއްޗަށްވުރެންވެސް އަޚްލާޤާއި އުޅުން ދަށުދަރަޖައަށް ވެއްޓިފައިވެ އެވެ. ލަދު އަދި ލަދުވެތިކަމުގެ ފޭރާން ހޭކި، އުނގުޅިފައެއްވެސް ނުވާ ކަހަލަ އެވެ.
ސުވާލަކީ، މިއީ ހިތްތައް ކުދިކުދިވެދާ ނަފްސު ކޮންފަދައަކުން އިންކާރުކުރަންޖެހޭ އަދި ތިމާގެ ދީނާއި ނަފްސާއި އަބުރަށްޓަކައި ކޮންފަދައަކުން ލަދުވެތިވާންޖެހޭ ޢަމަލުތަކެއް ހެއްޔެވެ؟ ނަފްސަށް މިކަމުގެ މުޑުދާރުކަމާއި މި ޢަމަލުތަކުގެ ފާޙިޝް މުންކަރާތްތައް ދަންނަ ނަފްސެއް މިފަދަ ތަނެއްގައި ހުންނަން ކެރޭނެ ހެއްޔެވެ؟
ތިމާ އެފަދަ ތަނެއްގައި ވަނިކޮށް ﷲ ބައްލަވައިވޮޑިގަތުމަށް އެދޭނެ ހެއްޔެވެ؟
ބިރުވެރިކަމުގެ ކޮޅެއްވެސް ނެތެވެ. ތިމާ އެ ޢަމަލު ނުކުރި ކަމުގައިވީނަމަވެސް އެބަޔަކާއި އެކުގައި މަޙްޝަރު ކުރެވިދާނެ ކަމުގެ މައްޗަށް ބިރުވެތި ނުވަނީ ހެއްޔެވެ؟
شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެބައެއްގެ ޢަމަލުގެ މައްޗަށް ރުހިއްޖެ މީހާ އެބަޔަކާ އެކުގައި މަޙްޝަރު ކުރެވޭ ހުއްޓެވެ. އެއީ لُوط -عليه السلام- ގެ އަނބިކަނބަލުން ލިވާޠުގެ ފާޙިޝް ޢަމަލުގައި ޤައުމުގެ އަހުލުވެރިންނާ ބައިވެރިނުވި ކަމުގައި ވީނަމަވެސް އެބައިމީހުންނާ އެކުގައި މަޙްޝަރު ކުރެވޭނެ ފަދައިންނެވެ. ފަހެ، މިއީ ހަމަކަށަވަރުން އަންހެންމިހާގެ ކިބައިން ފާޅުވި (ޢަމަލެއް) ނޫނެވެ. އެހެނަސް އެ އަންހެންމީހާ އެ ޢަމަލުގެ މައްޗަށް ރުހުމުން އެ ޤައުމުގެ މީސްތަކުންގެ މައްޗަށް ބާވައިލެއްވުނު ޢަޒާބުގައި ޝާމިލުވެގެންވި އެވެ.“ مجموع الفتاوى ٣٤٤/١٥
އަދިވެސް މި ޢަމަލުގައި ހުރި ނުރައްކަލުގެ ބޮޑުކަމެވެ.
ﷲ ތިމާއަށް ދެއްވި ޙަލާލު ރިޒުޤަކީ އެއަށް ﷲއަށް ޝުކުރު ކުރުމަށް އޮތް ޢަމަލެކެވެ. އޭނާއަށް ﷲގެ ފަޟްލުވަންތަވެރިކަމުން ލިބުނު މި ތަނަވަސް ކަމަކީ ﷲއަށް ކުއްތަންވުމަށް އޮތް ޢަމަލެއް ކަމުގައި ހެދުމަކީ އެކަލާނގެއަށް ޝުކުރުވެރިވެވޭ ޢަމަލެކެވެ. އެހެނަސް އަތްމައްޗަށް ލިބިދިޔަ ތަކެތި ފާފައިގެ އަހުލުވެރިންނަށް، މުންކަރާތްތަކުގެ އަހުލުވެރިންނަށް ހޭދަކުރުން ވެގެންދަނީ ކޮންފަދަ އަބާއްޖަވެރި ޢަމަލަކަށް ހުށަހެޅިގެން ދިއުން ކަމުގައި ހެއްޔެވެ؟
شَيخ الإسلام ابن تَيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”މީސްތަކުން އެއްބަޔަކު އަނެއް ބަޔަކަށް ފާފަވެރިވުމާއި ޢަދާވާތްތެރި ވުމުގެ މައްޗަށް އެހީވެ ވާގިވެރިވެއްޖެހިނދު އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ރުޅިވެރިކަން (ނަފްރަތު) ފާކުރެވެ އެވެ.“ مجموع الفتاوى (١٢٨/١٥)
ތިމާގެ އަތުން ކިތަންމެ ކުޑަ މިންވަރެއް ހޭދަކުރި ކަމުގައިވީނަމަވެސް އެވާކަން ކަށަވަރީ އެތަންތަނުގެ އާމްދަނީއަށް އިތުރުވެދާ ތަކެއްޗެއް ކަމުގަ އެވެ. އަދި އެ ޢަމަލުތައް އިތުރުކުރުމަށް އެބަޔަކަށް ލިބޭ ހިތްވަރެއް ކަމުގައި މެނުވީ އެކަމެއް ނުވެ އެވެ.
ފާފަތަކާއި މުންކަރާތްތައް ހިންގާ ތަންތަނަށް ޙާޟިރުވުމުގެ ޙުކުމް ބަޔާންކޮށް شَيخ الإسلام ابن تَيمية -رحمه الله- ވިދާޅުވެފައިވެ އެވެ.
”އެތަންތަނުގައި މުންކަރާތްތައް ހިގާތަންތަން ފެންނަ ތަންތަނަށް އިންސާނާ ޙާޟިރުވުން ހުއްދައެއް ނުވާނެ އެވެ. އެ މުންކަރާތްތައް އޭނާއަށް އިންކާރު ނުކުރެވޭނެނަމަ، ޝަރުޢީގޮތުން އެތަނަށް އޭނާ ޙާޟިރުވުން ވާޖިބު ކުރުވާ ސަބަބެއްގެ މަތިން މެނުވީ އެތަނަށް ޙާޟިރުވެގެން ނުވާނެ އެވެ. މިޘާލަކަށް، ކޮންމެހެންވެސް އެތަނަށް ޙާޟިރުވާންޖެހޭ ދުނިޔަވީ ނުވަތަ ދީނީ މަޞްލަޙަތެއް އޮވެ އެއަށް ޙާޖަތް ޖެހިފައިވުމެވެ. ނުވަތަ އޭނާއަށް މަޖުބޫރުވެ އެ މަޖުބޫރީ ޙާލަތުގަ އެވެ. ދެންފަހެ، ހަމައެކަނި މުނިފޫހި ފިލުވުމަށްޓަކައި ނުވަތަ އޭނާގެ އަނބިމީހާ އެކުގައި އެތަން ބަލާލުމަށް (އެތަނަށް އައުމަކީ) އޭނާގެ ޢަދުލުވެރިކަމާއި މުރޫއަތްތެރިކަމުގެ މައްޗަށް ބަދުބަސް ރައްދުވެގެންވާނެ ކަމެކެވެ. އެއީ އޭނާއަށް ބަޔާންވެ ދިއުމަށްފަހު އެ ގޮތުގައި ދެމިހުރެއްޖެ ހިނދުގަ އެވެ. والله أعلم“
ބައެއް އަޚުން- ﷲ އެއަޚުންގެ ދީންވެރިކަން އިތުރުކޮށްދެއްވާށި އެވެ.- ސައިހޮޓަލާއި ރެސްޓޯރަންޓް ތަކުގައި ލަވަ ޖަހާފައި ހުރުމުން އެތަންތަނުގައި އިށީނުމަށް ދެކޮޅުހަދައި ދޫކޮށްދެ އެވެ.
އެހެނަސް ހިތާމައަކީ، މި ޙަރާމް ޢަމަލުތަކަށް، އިބާޙިއްޔާތްތަކަށް ކުޑަވެސް ކުޑަކޮށްވެސް ޖެހިލުމެއްނެތް ގޮތުގައި އެމީހަކު އެދޭހާ ޙަރާމް ކަމެއް ކުރުމަށް ހުޅުވާލައިފައިވާ މި ތަންތަނަށް ދިއުމަށް ޖެހިލުމެއް ނުވާ ކަމެވެ.
އެމީހެއްގެ އަނބިންނާއި ދަރިންނަށް، ޢިއްފަތްތާއި ހިޝްމަތް އަދި ލަދުވެތިކަން އުނގަންނައިދޭން ބޭނުންވާ މަންމައެއް ބައްޕައެއް، މިފަދަ ތަނަކަށް އަނބިންނާއި ދަރިން އެކުގައި ފައިބާނެ ހެއްޔެވެ؟
އެ އަނބިންނާއި ދަރިނގެ ލޯތަކަށް ފެންނާނެ މަންޒަރަކީ ކޮބައި ހެއްޔެވެ؟ އިވޭނެ އަޑަކީ ކޮބައި ހެއްޔެވެ؟ ލޮލުން ދެކޭނެ އެއްޗަކީ ކޮބައި ހެއްޔެވެ؟
މިއަށްވުރެ ބޮޑު ހިތާމައަކީ، މި އިބާޙިއްޔާ ތަންތަނަށް ދިއުމަށްފަހު، އެތަންތަނަށް ތިމާއަށް ދެވުނީތީވެ، އެފަދަ ފުރުސަތެއް ލިބުނީތީވެ އެކަމަށް އުފާކުރުމެވެ. ފޮޓޯނަގައި އެ ތަސްވީރުތައް ސޯޝަލް މީޑިޔާއަށް ލަ އެވެ. އަދި އެއަށްފަހު، އެއަށްވުރެ ފާޙިޝްކަމާއި ފާފަވެރި ޢަމަލުތައް ބޮޑުވެފައިވާ ތަންތަނަށް ދިއުމަށް އެދޭކަމަށް ބުނެފައި ލިޔުންތައް ލިޔުމެވެ.
އަނެއް ބަޔަކު، އެކަކު ދިއުމުން އެއަށްވުރެ މޮޅެތި އަދި އަގުބޮޑެތި މިފަދަ އިބާޙިއްޔަތުގެ ތަންތަނަށް ދިއުމުގެ ޢަޒުމުކަނޑައަޅައި ވާދަވެރިވާ، ވާދަކުރާ ސިފަ ފާޅު ކުރެ އެވެ.
މިއީ ހިތްތައް ޣާފިލުކަމުގައިވާ ކޮންފަދަ ޢަލާމާތެއް ހެއްޔެވެ؟ ފާފަތަކުގެ މައްޗަށް ނަފްރަތު ކުރުމާއި ފާފަތައް ކުރެވޭ ތަންތަނުގެ މައްޗަށް އިންކާރުކޮށް ނަފްސު އެތަންތަނުން ދުރުކުރުމުގެ މައްޗަށް އޮންނަން ޖެހޭ ގަދަފަދަ ޢަޒުމާއި ހިތްވަރުގެ ބަދަލުގައި އެ ހިތްތަކަށް ވެރިވެފައިވާ ކޮންފަދަ ބަލިމަޑުކަމުގެ އާފާތެއް ހެއްޔެވެ؟
މިއީ ޗުއްޓީ ހޭދަކުރުމަށް ނުވަތަ މުނިފޫހި ފިލުވުމަށްއޮތް ތަންތަން ކަމުގައި ދެކެނީ ހެއްޔެވެ؟
ހިތްތަކުގައި މި ތަންތަނަށް ނަފްރަތާއި ރުޅިވެރިކަމާއި، ފާފަތައް އެފަދައިން އެއްވެސް ޙައްދެއްނެތި ކުރާ ތަންތަން ކަމުގައިވުމުން ދީނަށް ޤަދަރުދެވޭ ހިތްތަކުގެ އަހުލުވެރިން ފެންނާނެ ތަންތަން ކަމުގައިވޭ ހެއްޔެވެ؟
ތެދެކެވެ. ޗުއްޓީ ހޭދަކޮށްލުމަށް ނުވަތަ މުނި ފޫހި ފިލުވުމަށް ދާ އެހެނިހެން ތަންތަނަކީ، އެންމެ އެކަށީގެންވާ ތަންތަން، އެންމެ ހިތްހަމަ ޖެހޭ ތަންތަން ކަމުގައި ނުވީނަމަވެސް މުއުމިނު އަޅާއަށް އެތަންތަނުން ލިބޭ އެއްޗެއްގެ މައްޗަށް ރުހިގެންވާނެ އެވެ. އެއީ ސައިހޮޓަލެއް ކަމުގައިވީނަމަވެސް އެވެ.
އެތަންތަން މޮޅުވެ، ޢާލަމީ ބްރޭންޑްތައް ކަމުގައިވީނަމަވެސް އެއީ މުންކަރާތާއި ފާޙިޝް ޢަމަލުތަކުގެ މައްޗަށް ހުށެހެޅިފައިވާ ތަންތަން ކަމުގައިވެއްޖެހިނދު، މުއުމިނު އަޅާ އެތަންތަނަށް ދިއުން އިޚްތިޔާރު ނުކުރާނެވެ.
އިސްވެ ބަޔާންވެދިޔަ شَيخ الإسلام ابن تَيمية -رحمه الله- ބަސްފުޅުގައިވާ ފަދައިންނެވެ. މިތަންތަނަށް ދާ އަހުލުވެރިޔާގެ މައްޗަށް ބަދުބަސްބުނެވި އޭނާގެ ޢަދުލުވެރިކަމާއި މުރޫޢަތްތެރިކަމުގެ މައްޗަށް ބަދުބަސް ރައްދުވެ އެވެ.
އުސްތާޛްގެ އަމިއްލަ ތަޖުރިބާގެ ވާހަކަ ކޮޅެއް މިތަނުގައި އަޚުންނަށް ޙިއްސާ ކޮށްލަމެވެ. ރާއްޖެ އެންމެ ފަހުން ޒިޔާރަތް ކުރި އަހަރެމެންގެ ޝެއިޚް شَيخ عَرَفَات بن حسن -حفظه الله- މި ތަންތަނާއި ގުޅިގެން ވަރަށް ގިނައިން ބަސްތައް ވިދާޅުވެފައިވެ އެވެ.
އެ ގޮތުން މިއީ އިސްލާމީ ފާސީޤު، ފާޖިރު، މުޑުދާރު ޢަމަލުތަކަށް ހުޅިވިފައިވާ ތަންތަން ކަމާއި، އެތަންތަނަކީ އެފަދަ ފާސިޤު ޢަމަލުތަކާއި މުޑުދާރު ޢަމަލުތައް ޒީނަތްތެރިވާ މީހުންގެ ތަންތަން ކަމެވެ. ލަޢުނަތް ހައްޤުވެފައިވާ އެތައް ޢަމަލެއް އެ ރަށްތަކުގައި ހިންގާ ކަމުގައިވުމުން، އެއީ އެއްވެސް ޙާލެއްގައި މި މުންކަރާތްތަކަށް އިންކާރުކޮށް ދެކޮޅުވެރިވާ ފަރާތްތަކަށް އޮތް ތަންތަން ނޫން ކަމާއި އެންމެ ކުޑަމިންވަރުން އެތަންތަނަށް ނަފްރަތު ކުރުން އޮންނަން ޖެހޭނެ ކަމެވެ.
މިތަންތަނަށް ފައިބައި އެތަންތަނަށް އޭނާގެ އަނބިންނާއި ދަރިން ގެންދާ މީހުންގެ މައްޗަށް އެމީހުންގެ މުރޫޢަތުގެ މައްޗަށް އަދި ދީނުގެ މައްޗަށް ޢައިބު ކުރެވޭނެ ކަމާއި އެއީ ﷲއަށް ބިރުވެތިވާ މީހެއްގެ ފަރާތުން ފެނިގެން ނުވާނެ ޢަމަލެއްކަން ބަޔާން ކުރެއްވި އެވެ.
ޝެއިޚް އެކި ރަށްތަކަށް ވަޑައިގެންނެވިހިނދު، މި ރިސޯޓް ތަކަށް ފޭބުމަށް (ދިއުމަށް) ލިބިވަޑައިގެންނެވި އެންމެހައި ފުރުސަތު ތަކެއް އިންކާރު ކުރައްވައި ދެކޮޅު ހެއްދެވި އެވެ. އަދި މި ލިޔުމުގައި މަތީގައި ލިޔެފައިވާ އިމާމް ابن تَيمية -رحمه الله- ގެ ބަސްފުޅު އެކަމަށް ދަލީލު ކުރެ އެވެ.
ޝެއިޚް ކައިރީގައި އުޅުމުން ދީންވެރިކަމާއި، ޝެއިޚް މުންކަރާތްތައް ހިންގޭ ތަންތަނުގެ މައްޗަށް ވަރަށް ބޮޑަށް ނަފްރަތުކޮށް އެތަންތަނުގައި ބައިވެރި ނުވާކަން ދެކުނީމެވެ. އެގޮތުން އެއް ސިފައަކީ، ރެސްޓޯރެންޓް ފަދަ ތަނަކަށް ވަތް ކަމުގައިވިޔަސް، މިއުޒިކް ޖަހާފައި ހުރެއްޖެހިނދު، އެތަނެއްގައި، މިއުޒިކް ނިއްވާލުމަށް އެދުމެވެ. ނުނިއްވައިފިހިނދު އެތަން ދޫކޮށްފައި ވަޑައިގަންނަވަ އެވެ. ވަޤުކޮޅަކަށް ނިއްވާލައި، ކާއެއްޗެހި ތައްޔާރުކޮށް ގެނައުމަށް ފަހު، ދެވަނަ ފަހަރަށް މިއުޒިކް ޖެހުމުން ތަން ދޫކޮށްފައި ދިޔަކަންވެސް ތަޖުރިބާ ކުރީމެވެ.
އަދި ޝެއިޚްއަށް ހެޔޮ މެހުމާންދާރީއެއް އެރުވުމަށް ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމުން މިއުޒިކް ޖަހާފައި ހުންނަތަން ފެނުމުން، މިއުޒިކް ނުޖަހާނީ އާދައިގެ ތަންތާނގައި ކަމުގައި ދެންނެވުމުން، އާދައިގެ ސައިހޮޓާއަށް ވަޑައިގެން ފަރިއްކުޅެއްވުން މާ ހެޔޮކަން ކަމުގައި ދެކެވަޑައިގެން، އެފަދަ ސައިހޮޓާއަށްވެސް ވަދެވަޑައިގަންނަވަ އެވެ. އަދި މާ ހިތްހަމަ ޖެހޭކަމުގައި ވިދާޅުވެ އެވެ. اللهم بارك له.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.