ހިނައިގަންނައިރު ފުރަތަމަ ސައިބޯނި ޝޭންޕޫ ބޭނުންކުރުންވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފުރަތަމައީ : ހިނައިގަތުމުގައި އެންމެ ފުރިހަމަ ވެގެންވާ ހިނައިގަތުމަކީ އަންނަނިވި ސިފައިގައި ހިނައިގަތުމެވެ.

މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ޘާބިތުވެގެންވާ ސިފައިގައި އެ ތަފްސީލުގެ މައްޗަށް ހިނައިގަތުމެވެ.

އޭގެ ސިފަތައް ތިރީގައި ބަޔާން ކުރަމެވެ.

  1. ނިޔަތް ގަތުން (ބޮޑު ޙަދަޘަވެރިކަމުން) ޠާހިރުވުމުގެ ނިޔަތް އޮތުމެވެ.
  2. ނަޖިސް ނުކުންނަ ދެ ދޮރު ދޮވެ ސާފު ކުރުމެވެ.
  3. ނަމާދަށް ވުޟު ކުރާ ފަދައިން ފުރިހަމަ ވުޟޫއެއް ކުރުމެވެ.
  4. ބޮލަށްވާ ގޮތަށް ތިން ފަހަރަށް ފެން އޮއްސާލުމެވެ.
  5. ހަށިގަނޑުގެ ކަނައަތްފަރާތަށް 3 ފަހަރަށް ފެން އޮއްސާލުމެވެ.
  6. ހަށިގަނޑުގެ ވައަތްފަރާތަށް ފެން އޮއްސާލުމެވެ. ބަޔާންކޮށްފައިވާ ސިފަތައް الامام مسلم ޞަޙީޙުގައި 1190 ގައި ބަޔާންކޮށްފައިވެ އެވެ.

(ހަށިގަނަޑަށް ފެން އޮއްސާ ލުމުގައި ކަނައަތްފަރާތް އިސްކޮށްފައިވަނީ ސަބަބަކީ ނަބިއްޔާ ﷺ ގެ ޢާންމުކޮށް ޠަހާރަތުގައި ކަނައަތްފަރާތް އިސްކުރައްވަ އެވެ.)

މި ސިފައިގައި ހިނައި ގަތުމަކީ އެންމެ ފުރިހަމަ އެންމެ އެދެވިގެންވާ ގޮތުގައި ހިނައިގަންނަ އަދި މޮޅުއިތުރުވެގެންވާ ގޮތެވެ.

ދެވަނައީ : ހިނައިގަތުން ހުއްދަވެގެންވާ ގޮތެވެ.

އެއީ ބޮޑު ޙަދަޘައެރިގަތުމުގެ ނިޔަތާއެކު މުޅި ހަށިގަނޑުގައި ފެންޖެއްސުމެވެ.

މުޅިހަށިގަނޑުގެ އެންމެހައި ހިސާބެއްގައި ފެން ޖައްސައިފިހިނދު އެވަނީ ހިނައިގަނެފަ އެވެ.

އަދިވެސް ބުނަމެވެ. ސައިބޯނި ލުމާއި ޝޭންޕޫލުން ނުވަތަ ކޮންޑިޝަނާ ފަދަ އެއްޗެއް އެއްވެސް ގޮތަކަށް ބޭނުން ނުކުރި ކަމުގައިވީނަމަވެސް އަންހެން މީހާ އަދި ފިރިހެން މީހާގެވެސް ހިނައިގަތުން އެއްވެސް ޝައްކެތްނެތި ޞައްޙަވާނެ އެވެ.

ސައިބޯނިފަދަ އެއްޗެއް ބޭނުން ކުރުމަކީ ހިނައިގަތުން ޞައްޙަ ވުމާއި ޞައްޙަ ނުވުމުގެ މައްޗަށް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ.

އޭގެ ބަދަލުގައި ހަށިގަނޑު ބޮޑަށް ޠާހިރުކޮށް، ހަށިގަނޑުން ވަސް ފިލުވުމަށްޓަކައި އެފަދަ ތަކެތި ބޭނުން ކުރީ އެވެ. އަދި ފެންވަރައި އެގޮތަށް ޠާހިރުވީ އެވެ.

އެ ޢަމަލުގައި މައްސަލައެއް ނެތެވެ.

އެހެނަސް ހަށިގަނޑުގައި އެފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރި ކަމުގައިވީނަމަވެސް އޭނާގެ ހިނައިގަތުން އިސްވެ ބަޔާން ކުރެވުނު ސިފައިގައި ވެއްޖެހިނދު ޞައްޙަވާނެ އެވެ.

ބައެއް މީހުން ބޮޑު ޙަދަޘަވެރި ޢަމަލެއް ދިމާވުމުން ފެންވަރައި އަދި ހިނައިގަނެ އެވެ.

އެގޮތުން ފުރަތަމަ ފެންވަރަނީ އެވެ. ހަށިގަނޑުގައި ފެންޖައްސައި ސައިބޯންޏާއި ޝޭންޕޫފަދަ ތަކެތި ބޭނުންކޮށް ފެންވަރަ އެވެ. އަދި އެއަށްފަހު ހިނައިގަތުމުގެ ނިޔަތްގެނެސް ބޮޑުޙަދަޘަ އެރިގަނެވެ.

މި ޢަމަލާއި މެދުގައި އަހަރެމެންގެ ޝެއިޚް ޑރ. عَرَفَات بن حسن المحمدي-حفظه الله- ގެ އަރިހުގައި ސުވާލު ދެންނެވީމެވެ.

ސުވާލު :

އަހަރެމެންގެ ޝެއިޚް އެވެ! ބައެއް މީހުން އެބައިމީހުން ބޮޑު ޙަދަޘައެރިގަތުމުގައި ޢަމަލު ކުރާ ގޮތަކީ، ހަށިގަނޑު ޠާހިރު ކޮށް ފެންވެރުމުގެ ޤަޞްދުގައި އެންމެ ފުރަތަމަ ސައިބޯނި އަދި ޝޭންޕޫ ފަދަ އެއްޗެހި ބޭނުންކޮށް ފެންވަރަނީ އެވެ.

އަދި އެފަދައިން ފެންވަރައި ނިމުމުން އެއަށްފަހުގައި، ބޮޑުޙަދަޘަ އެރިގަތުމަށް ނިޔަތް ގަންނަނީ އެވެ.

ދެން އެގޮތުން عَائِشة އަދި مَيمونة -رضي الله عنهما- ގެ ޙަދީޘްގައިވާ ތަފްޞީލު ޞިފައިގައި ހިނައިގަނެ އެވެ.

މި ފަދައިން ޢަމަލު ކުރުމުގައި މައްސަލައެއްވޭ ހެއްޔެވެ؟ އެއީ : އެންމެ ފުރަތަމަ ސައިބޯނި އަދި ޝޭންޕޫ ބޭނުންކޮށް ފެންވެރުމަށް ފަހުގައި، ޙަދަޘަ އެރިގަތުމެވެ.

ޖަވާބު :

”ތިޔަ ސުވާލުގެ ޤަޞްދު ކަމުގައިވަނީ، ފެންވެރުމަށްފަހު، އަނެއްކާ އޭނާ ހިނައިގަންނަނީ ބޮޑު ޙަދަޘަ އެރިގަތުމުގެ ބޭނުމުގައި ކަމުގައިވާނަމަ، އެކަމުގައި މައްސަލައެއް ނެތެވެ. އޭނާގެ ހިނައިގަތުން ޞައްޙަވާނެ އެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply