ފާފަތަކުން އަދި މީހުންގެ ޙައްޤުތަކަށް އަރައިގަނެވިފަވާނަމަ ތަޥްބާވާނީ ކިހިނެތްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަޚާއެވެ! ސުވާލުގައި ބުނެފައިވާ ޖުމްލަތަކަށް ބަލާއިރު ﷲ ތަޢާލާގެ ހައްޤުތަކެއް އަދި އާދަމު ދަރިންގެ ޙައްޤުތަކެއްވެ އެވެ.
ތަޥްބާވުމުގެ ވާހަކަ ބަޔާން ކުރުމުމުން އެކަމުގެ މުހިންމުކަމަށް ޖުމަލަތަކެއް ބަޔާން ކުރަމެވެ.
ފުރަތަމައީ : ތަޥްބާއަކީ އަޅުކަމެކެވެ. އެހެން ވުމުން އެ އަޅުކަން ﷲ ހަޟުރަތުގައި ޤަބޫލުވޮޑިގެންނެވުމަށް އެ އަޅުކަން އަމުރުފުޅު ކުރައްވާފައިވާ ގޮތުގައި އަދާކުރަން ޖެހެ އެވެ. الإمام شيخ الإسلام ابن تيمية ވިދާޅުވެފައިވެ އެވެ . ”ތަޥްބާވުމަކީ ހެޔޮއަޅުކަންތަކުގެ ތެރޭގައި ހިމެނިގެންވާ އެންމެ ހެޔޮވެގެންވާ އަޅުކަމެވެ. އަދި އެންމެހައި އަޅުކަންތަކަށް ﷲ އަށް އެ އަޅުކަމުގައި އިޚްލާޞްތެރިވުމާއި، ﷲ ގެ ރަސޫލާއަށް ތަބަޢަވުން އަމުރު ކުރެވިފައިވެ އެވެ.“
އެގޮތުން ތަޥްބާގެ އެންމެހައި ޝަރުޠުތަކެއް ފުރިހަމަވާންޖެހެ އެވެ.
ތަޥްބާގެ ހެޔޮކަން ބަޔާންވެގެންވާ އާޔަތްތަކުގެ ތެރޭގައި ހިމެނެ އެވެ. ﷲ ވަޙީކުރެއްވި އެވެ. ﴿وَهُوَ الَّذي يَقبَلُ التَّوبَةَ عَن عِبادِهِ وَيَعفو عَنِ السَّيِّئَاتِ وَيَعلَمُ ما تَفعَلونَ )
”އެ އިލާހުއީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތަޥްބާ ޤަބޫލު ކުރައްވައި، ނުބައިކަންތައްތަކަށް ޢަފޫ ކުރައްވާ އިލާހެވެ. އަދި އެބައިމީހުންކުރާ ކަންތައްތައް އެ އިލާހު ދެނެވޮޑިގެންވެ އެވެ.“
العلاّمة عبيد الجابري حفظه الله ވިދާޅުވެފައިވެ އެވެ.
”އެހެންވުމުން ތަޥްބާވާ އަހުލުވެރިޔާ އެވެ. ތިބާދެނެގަތުން ހުއްޓެވެ. ހަމަކަށަވަރުން ތިބާއަށްވަނީ ނުހަނު އުފާވެރި ޚަބަރެއް ވަޢުދުކުރެވިގެންނެވެ.
ފުރަތަމައީ : ﷲ ތިބާގެ ތަޥްބާ ޤަބޫލުވެވޮޑިގެންވުމެވެ. ފަހެ، އެހިނދު ތިބާއަށް ޝައިޠާނާގެ ވަކިތަކުން ސަލާމަތްވެ އެއިން ޚަލާޞްވެގަތުމަށް އަވަސްވެގަތުމަށް ބާރުއެޅުވިފައިވެ އެވެ. އަދި الرحمٰن ވަންތަ އިލާހުގެ ދޮރުގައި ޓަކިޖަހައި އެދޮރުން ވަނުމަށް ޝައުޤުވެރިކޮށްދެ އެވެ.
ދެވަނައީ : ތިބާއަށް ޢަފޫ ލިބިގެންދިއުމެވެ.
ތިންވަނައީ : ﴿وَيَعلَمُ ما تَفعَلونَ﴾ މިތަނުގައި ﷲ ވަނީ ތިބާ ސަމާލުކަމަށް ގެނެސްދެއްވާފަ ވެއެވެ. އެއީ މި ތަޥްބާ ވުމުގައި ތިބާ އިޚްލާޞްތެރި ކަމުގައިވާނަމަ އެއިލާހު ތިބާގެ ޙާލު މޮޅަށް ދެނެވޮޑިގެންވާ ކަމެވެ.“
އަޚާ އެވެ! ތަޥްބާވެ ފާފަތައް ދޫކޮށް އެގޮތުގައި ޤާއިމްވާ ދުވަހަކީ ޙަޔާތުގެ އެންމެ މާތް މަތިވެރި ދުވަހެވެ. މި ހެޔޮކަން ގެއްލުވާ ނުލާށެވެ. އަނބުރައި ހިތާމައަށް ނުދާށެވެ. الإمام ابن القيم ވިދާޅުވެފައިވެ އެވެ.
”އަޅާ ދުނިޔެމަތީގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މުޠްލަޤުކޮށް އެންމެ ހެޔޮވެގެންވާ އަދި މަތިވެރި ދުވަހަކީ، އަޅާ ﷲ އަށް ތަޥްބާވި ދުވަހެވެ.“
އަޚާ އެވެ! ތަޥްބާގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެ އެވެ.
- އެމީހަކަށް ކުރެވިފައިވާ ފާފައަށް އިޢުތިރާފްވުން.
- އެ ފާފަ ކުރެވުނު ކަމުގެ މައްޗަށް ދެރަވެ ހިތާމަ ކުރުން
- ފާފައަށް އަނބުރައި އަރައި ނުގަތުމަށް ޢަޒުމް ކަނޑައެޅުން.
- ފާފަ ފުއްސެވުމަށް އެދި ﷲ ގެ ޙަޟުރަތުގައި ދެންނެވުން.
- ފާފާ އިން ތަޥްބާވުމަށް ހުއްދަވެގެންވާ ވަޤުތުގައި ތަޥްބާވުން
- އެއްވެސް އިންސާނެއްގެ ޙައްޤެއް އޮތް ކަމުގައިވެއްޖެހިނދު އަނބުރާ ޙައްޤު އަދާ ކުރުން.
ދެވަނައީ : ނަމާދު ކުރުމަށް ފަރުވާކުޑަކޮށް ޢަދަދު ނޭނގޭހާ ގިނަ ނަމާދުގެ މައްސަލައިގެ މައްޗަށް ބުނަމެވެ. ނަމާދު އެޅުމަކީ ކިހާ ބޮޑު ފާފައެއްކަން ދަންނަމު ހެއްޔެވެ؟ الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ނަމާދު އަޅާ މީހާއަކީ ވައްކަން ކުރާމީހާއަށްވުރެ، ޒިނޭ ކުރާމީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ.“
ވުމާއެކު އިސްވެ ދިޔަ ނުކުތާ ތަކުގެ މައްޗަށް މިފާފައިން ތަޥްބާވުމަށް ނަޞޭހަތްތެރި ވަމެވެ. މި ފާފަ ކުރެވުނު ކަމުގެ މައްޗަށް އިޢުތިރާފްވެ، ދެރަވެ ނިކަމެތިވެގެންވާ ޙާލުގައި ހިތާމަކޮށް، ﷲ އަށް އަތް އުފުލައި ފާފައިން ތަޥްބާވުމަށް އެދި ދަންނަވާށެވެ. އެހިނދު ދުވަހަކުވެސް ނަމާދު އަޅައި ދޫނުކުރާނެ ކަމުގެ ވަރުގަދަ އަޒުމާ އެކުގަ އެވެ.
ތިންވަނައީ : އެ ޢަދަދު ނޭނގޭ ގިނަ ނަމާދުތަކާމެދުގައި ޢަމަލު ކުރާނީ ކިހިނަކުން ތޯ އެވެ؟
މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ދެއްވާފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.
ސުވާލު : އަހަރެންނަކީ މުސްލިމް ޒުވާނަކީމެވެ. އަހަރެން ނަމާދު ކުރަން ފަށްޓާފައިވަނީ ޢުމުރުން 18 އަހަރުގަ އެވެ. މީގެ ކުރިން އަހަރެންގެ މައްޗަށް ވާޖިބުވެފައިވެ ފާއިތުވެ ގޮސްފައިވާ ނަމާދުތައް ޤަޟާކުރަންޖެހޭނެ ހެއްޔެވެ؟ އަދި ޤަޟާ ކުރަންޖެހޭ ކަމުގައިވާނަމަ ޤަޟާކުރަންޖެހޭނީ ކޮން އަހަރަކުން ފަށައިގެން ހެއްޔެވެ؟
ޖަވާބު : ”މާޒީވެ، ތިބާގެ މައްޗަށް ފާއިތުވެދިޔަ ދުވަސްތަކުގެ މައްޗަށް އިސްތިޣްފާރުކޮށް ﷲއަށް ތަޥްބާވުން ހުއްޓެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ނަމާދު ތިބާއަށް ޤަޟާކުރުމެއްނުވެ އެވެ. ސަބަބަކީ النَبِيُّ ﷺ ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިން ނަމާދު އެޅުމަކީ ކާފަރުވާނެ ކަމެކެވެ. ޙަދީޘް ކުރެއްވި އެވެ. (العَهدُ الذِّي بَينَنا وَبَينهم الصلاة فَمَن تَرَكَهَا فَقَد كَفَر) ”އަހަރެމެންނާ އެބައިމީހުންނާ ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. ހަމަކަށަވަރުން ނަމާދު އަޅައިފިމީހާއަކީ ކާފަރެކެވެ.“ އަދި މި ނޫން ޙަދީޘްތައްވެސް ވެ އެވެ. ކާފަރުވެފައިވާ މީހާގެ ކައްފާރާއަކީ ﷲ އަށް ތަޥްބާވުމާއެކު ހެޔޮ ޞާލިޙް ޢަމަލުކުޅައުމުގެ މައްޗަށް ގަދައަޅާ މަސައްކަތް ކުރުމެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ﴾ ”ތަޥްބާވެ، އީމާންވެ އަދި ޞާލިޙް އަމަލުކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން ތިމަންއިލާހުއީ ގިނަގިނައިން ފާފަފުއްސަވާ އިލާހުކަން ކަށަވަރެވެ.“وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“
ހަތަރުވަނައީ : މީހެއްގެ ޙައްޤަކަށް އަރައިގަނެފައިވާ ކަމުގައި ބުނުމެވެ. މުދަލެއް ނުޙައްޤުން ނަގާފައި ވުމެވެ. އިސްވެ ބަޔާން ކުރި އެންމެހައި ޝަރުޠުތަކުގެ މައްޗަށް އެކުލެވޭ ގޮތަށް (އެ ވައްކަން ކުރި ކަމުގެ މައްޗަށް އިޢުތިރާފްވެ، އެކަމާއި ހިތާމަކޮށް ދެރަވެ، ވައްކަމަށް ދުވަހަކުވެސް އަރައި ނުގަންނާނެ ޢަޒުމާއެކު ﷲ އަށް ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ.)
އަޚާ އެވެ! ބުނަމެވެ. ފާފައިން ތަޥްބާ ވުމަކީ މީހުންނަށް ކިޔައިދީ ހެދުމެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ ކޮށްގެން ވާނެ ކަމެއްވެސް ނޫނެވެ. ސިއްރުކޮށް ވަންހަނާ ކުރާށެވެ. الإمام ابن رجب الحنبلي رحمه الله ވިދާޅުވެފައިވެ އެވެ . ”ފާފައަކަށް އަރައިގަތުމަށްފަހު އެ ފާފައިން ތަޥްބާވެއްޖެ މީހާގެ މައްޗަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ އެކަމުގެ އަޞްލަކީ އަޅާ އޭނާގެ އަމިއްލަ ނަފްސަށް އެކަން ވަންހަނާކޮށް އެއްވެސް މީހަކަށް އެކަން ބަޔާންނުކުރުމެވެ. އަދިކިޔެއްތޯ! އެ ފާފައިން ތަޥްބާވެ، އެއީ ﷲއާއި އޭނާއާާ ދެމެދުއޮތް ކަމެއްގެ ގޮތުގައި ހެދުމެވެ.“
ނަގާފައިވަނީ ފައިސާ ކަމުގައިވާނަމަ އެ އަނބުރައި އޭގެ އަހުލުވެރިޔާއަށް ރައްދު ކުރުން ހުއްޓެވެ. މުދަލެއް ކަމުގައިވާނަމަ އެ މުދަލެއް ނުވަތަ އޭގެ އަގު ރައްދު ކުރުން ހުއްޓެވެ. ސަބަބަކީ އެއީ އާދަމު ދަރިއެއްގެ ޙައްޤު ކަމުގައިވުމުންނެވެ. މުދަލެއް ވުމުން އެއީ އަނބުރައި އަދާ ކުރެވޭނެ އެއްޗެކެވެ. އެއްގޮތަކީ ތިމާގެ އަމިއްލަ އަތުން ގޮސް އޭގެ އަހުލުވެރިޔާއަށް އަދާ ކޮށްދިނުމެވެ. ނުވަތަ ތިމާ ދިޔުމުގެ ބަދަލުގައި އެހެން މީހަކު މެދުވެރިކޮށް އެމީހެއްގެ އަތަށް އެ އެއްޗެއް ދިނުމެވެ. މިކަމުގައި އަޚާއަށް ލުއިވެގެންވާ މަގެއް ދައްކަވާނދޭވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.