ވުޟޫ ކުރުމަށްފަހު، ވުޟޫ ދުޢާ ނުކިޔާނަމަ ނަމާދު ޞައްހަވާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވުޟޫ ކުރުމަށްފަހު، ވުޟޫގެ ދުޢާ ކުރުމާއި މެދުގައި ބުނަމެވެ.
ފުރަތަމައީ : ވުޟޫ ކުރަން ފަށްޓާހިނދު ތަސްމިޔަ (بسم الله) ކިޔުން ނޫން އެހެން ޛިކުރެއް ކުރުން ވާރިދުވެގެންނުވެ އެވެ.
އަދި ވުޟޫގެ އެކިއެކި ގުނަވަންތައް ދޮވެމުން ދާހިނދުގައިވެސް އެއްވެސް ޛިކުރެއް، ދުޢާއެއް ކިޔުމަކީ ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ. ވުޟޫގެ ގުނަވަންތައް ދޮވުމުގައި އެފަދަ ޛިކުރެއް، ދުޢާއެއް ކިޔުމަށް ބުނެވިފައިވާނަމަ ދަންނަހުއްޓެވެ!
އެއީ ދީނަށް އަލަށް ވައްދާފައިވާ ބިދުޢަވެރި ޢަމަލެކެވެ. ދުރުވާން ޖެހޭނެ އެވެ. އޭގެ އެއްވެސް ޘާބިތުކަމެއް ނެތެވެ.
الإِمَام ابن القَيِّم ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ صلى الله عليه وسلم ވުޟޫ ކުރައްވަން ފައްޓަވާހިނދު بِسم الله ވިދާޅުވުން ފިޔަވައި އެހެން އެއްވެސް ޛިކުރެއް ވިދާޅުވާކަން ޘާބިތުވެގެންނުވެ އެވެ. އަދި (ވުޟޫކޮށް އަވަދިވަޑައިގެންނެވުމުން) أَشْهَدُ أَنْ لاَ إِلَه إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُه وَرَسُوْلُه.. (އެބަހީ :ވުޟޫ ދުޢާ) ވިދާޅުވެ އެވެ.“
އަޚުންނޭވެ! ދަންނަހުއްޓެވެ. އެކިއެކި ޢަމަލުތަކުގައި ދީނުގެ ތެރެއަށް ގެނެސްފައިވާ ބިދުޢަވެރި ބަސްތަކާއި، ޢަމަލުތަކުން ދުރުވުން ހުއްތެވެ. އެހެނީ ބިދުޢަތަކަކީ އޭގެ ސަބަބުން އެމީހެއްގެ ޢަމަލުތައް ޤަބޫލުވޮޑި ނުގަންނަވާ ޢަމަލުތައް ރައްދުކުރެވޭ ސަބަބެކެވެ. އެގޮތުން ވުޟޫ ކުރާއިރު މޫނު ދޮންނަހިނދު، اللهم بيض وجهي يوم تسود الوجوه ”އަޅަމެންގެ ވެރި އިލާހު! މޫނުތައް އަނދިރިވެ ކަޅުވެދާދުވަހު، މިއަޅާގެ މޫނު އަލިކޮސް އުޖާލާކޮށްދެއްވާނދޭވެ.“
އަތް ދޮންނަހިނދު : اللهم أعطني كتابي بيميني ، ولا تعطني كتابي بشمالي ”އަޅަމެންގެވެރި އިލާހު! މިއަޅާގެ ފޮތް މިއަޅާގެ ކަނައަތަށް ދެއްވާނދޭވެ. ވައަތަށް ނުދެއްވާނދޭވެ.“
މިއީ ބިދުޢަތަކެވެ. ޘާބިތު ދުޢަތަކެެއް ނޫނެވެ.
ދެވަނައީ : ވުޟޫކޮށް އަވަދިވުމުން ދުޢާ ކުރުމެވެ. މި މަޤާމުގައި ކިޔުމަށް އެކި އެކި ލަފްޒުތަކަށް ވާރިދުވެގންވެ އެވެ. އެ ރިވާޔަތްތަކުގެ ތެރޭގައި :
- أشْهَدُ أنْ لا إله إِلاَّ اللَّهُ وَحْدَهُ لا شَرِيك لَهُ ، وأشْهَدُ أنَّ مُحَمَّداً عَبْدُهُ وَرَسُولُهُ ، اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ ، سُبْحانَكَ اللَّهُمَّ وبِحَمْدِكَ ، أشْهَدُ أنْ لا إلهَ إِلاَّ أنْتَ ، أسْتَغْفِرُكَ وأتُوبُ إِلَيْكَ
- އިމާމް مسلم ޞަޙާބީ عمر بن الخطاب رضي الله عنه ގެ އަރިއަހުން ރިވާކޮށްފައިވެ އެވެ. ﷲ ގެ ރަސޫލާ ޙަދީޘް ކުރެއްވި އެވެ. ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ވުޟޫކޮށް، އެ ވުޟޫ ފުރހަމައަށްކޮށް -އަވަދި ވުމަށްފަހު- މި ދުޢާ ކިޔައިފިހިނދު أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ ސުވަރުގޭގެ 8 ދޮރުކޮޅު އޭނާއަށްޓަކައި ހުޅިވިގެންދެ އެވެ. އަދި އޭނާ އެދޭ ދޮރަކުން ވަދެވޭނެތެވެ.“
މި ރިވާޔަތަށް އިމާމް الترمذي އިތުރު ލަފްޒެއް -ޖުމްލައެއް- ގެންނަވާފައިވެ އެވެ. އެއީ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ ، وَاجْعَلْنِي مِنْ الْمُتَطَهِّرِينَ .
އެހެން ވުމުން މާނައީ މި ދުޢާ :أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ ، وَاجْعَلْنِي مِنْ الْمُتَطَهِّرِينَ މިފަދައިން ކިޔައި ފުރިހަމަ ކުރުމެވެ
ވުޟޫކޮށް އަވަދިވުމަށްފަހު، ވުޟޫ ދުޢާކިޔުމަށް ހަނދާން ނެތުނީ އެވެ. އެމީހާގެ ވުޟޫގެ މައްޗަށް ކުށެއް އަދި އުނިކަމެއް ނެތެވެ. އަދި ވުޟޫ ދުޢާ ކިޔުމަށް ހަނދާންނެތި އެމީހަކު ނަމާދު ކުރީ އެވެ. ފަހެ، އެމީހާގެ ނަމާދުގެ މައްޗަށްވެސް ކުށެއް އަދި އުނިކަމެއް ނެތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.