ޝަރުތު ފުރިހަމަ ނުވާ މީހަކު ދޮގު ހެކި ހުށައަޅައިގެން ފުލެޓް ހޯދުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވަރަށް ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އެއީ : ފްލެޓް އަދި ގޯއްޗަށް ފޯމު ލުމަށްޓަކައި ކަނޑައެޅިފައިވާ ޝަރުޠު ތަކުގެ ތެރޭގައި އެމީހަކު ވަކި އަހަރެއް ވަންދެން، މާލޭގައި ދިރިއުޅެން ޖެހެ އެވެ. އަދި އެކަމުގެ ހެއްކާއި ޤަރީނާ ނެރެން ޖެހެ އެވެ. އެހެނަސް އެފަދައިން ދިރިއުޅެފައި ނުވާ މީހާ، އޭނާ ހެކި ނެރުމަށް ލިޔުންތައް ހަދައި އެކަން އެ ލިޔުންތަކުން ފުރިހަމަ ކުރެ އެވެ….. މިއީ ހުއްދަވާނެ ޢަމަލެއް ހެއެްޔެވެ؟]
ޖަވާބުގައި ބުނަމެވެ! ރަސޫލާ صلىى الله عليه وسلم ގެ ބަސްފުޅުގެ ތެދުކަމާ އެވެ! ޞަޙާބީ أبو هريرة ގެ އަރިހުން އިމާމް البخاري ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (لَيَأْتِيَنَّ علَى النَّاسِ زَمانٌ، لا يُبالِي المَرْءُ بما أخَذَ المالَ، أمِنْ حَلالٍ أمْ مِن حَرامٍ) ”މީސްތަކުންނާ ޒަމާނެއް ބައްދަލު ކުރާނެ އެވެ. (އެޒަމާނުގައި) އިންސާނަކު އޭނާ ހޯދި މުދާ، ހޯދާފައިވަނީ ޙަލާލުގޮތުގައިތޯ ނުވަތަ ޙަރާމް ގޮތުގައިތޯ އޭނާ ފަރުވާލެއް ނުބަހައްޓާނެ އެވެ.“ صحيح البخاري 2083
އެ ޒަމާނުގައި ތިމާ އެ ފްލެޓެއް، ގޯއްޗެއް، މުދަލެއް، ހޯދީ އޭގެ ޙައްޤުވެރި ފަރާތެއް ގޮތުގައިތޯ ނުވަތަ ނޫންތޯ ނުބަލާނެ އެވެ. ހުރިހައިވެސް އެއްޗަކީ އޭނާއަށް ލިބުމެވެ. ޝަރުޠު ފުރިހަމަވީނަމަވެސް ނުވަތަ ޝަރުޠުފުރިހަމަ ނުވި ނަމަވެސް އެވެ.
އޭނާއަށް އަތުގައިވާ އެއްޗަކީ އެއީ ޙަލާލު އެއްޗެކެވެ. އޭނާއަށް ނުލިބޭ ޙާލުގައި އެއީ ޙަރާމް އެއްޗެކެވެ. މިފަދަ ޙާލަތަށް މީސްތަކުންގެ ދީނަށް އަދި ޙުކުމްތަކަށް ފަރުވާކުޑަވެ، އިހުމާލުވެ، ޙަލާލެއް ޙަރާމެއް ނުބަލައި ޢަމަލު ކުރާނެކަމުގައި ވަނީ ބަޔާންވެގެންނެވެ. ތިމާއަށް ޙަލާލު ނުވާ، ޙައްޤު ނުވާ އެއްޗެއް ހޯދުމަށް ތިމާ ނެރޭ ހެއްކަކީ އެއީ ދީނުގައި ބަޔާންވެގެންވާ شَهَادَةُ الزُّور -ޝަހާދަތުއް ޒޫރް- އެވެ.
އެއީ ދޮގު ހެއްކެވެ. އޭނާ އަމިއްލައަށް މިފަދައިން ދޮގު ހެކި ނެރޭ ވާހަކަ ސުވާލުގައި ވަނީ ބަޔާންކޮށްފަ އެވެ.
ނުވަތަ ބަޔަކު މީހުން އެހެން މީހަކަށް ޙައްޤު ނުވާ އެއްޗެއް ހޯދުމަށް ހެކި ދިނުމެވެ. لاحول ولا قوة إلا بالله!
ތިމާ އަމިއްލައަށް ވިސްނާލުން ހުއްޓެވެ! ތިމާއަށް ހުއްދަ ނުވާ، ޙައްޤު ނުވާ އެއްޗެއް ތިމާ އެ ހޯދައި، އޭގެ މަތީގައި ތިމާ ޤާއިމްވެ ހުރެ، އެއިން ތިމާގެ ދިރިއުޅުން އާރާސްތު ކުރާ މީހާގެ ދުނިޔެވީ އަދި އުޚްރަވީ ޙަޔާތް ހުންނާނެ ގޮތަކީ ކޮބައި ހެއްޔެވެ؟ އެތައް ބައެއް އެ އެއްޗަށް ޙައްޤުވެގެންވާހިނދު، އެ އެންމެން އެ ހައްޤުން މަޙްރޫމްކޮށް ތިމާ އެ އެއްޗެއް ނުޙައްޤުން، ދޮގު ހެކި ދީގެން ހޯދުން ވާނީ ކޮންފަދަ ޢަމަލެއް ކަމުގައި، ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު ވިސްނާލުން ހުއްޓެވެ! ދީނީ ޢިލްމާއި، ދީނުގެ ޙުކުމްތައް ނޭނގޭ މީހާއަށްވެސް، ތިމާއަށް ޙައްޤު ނުވާ، ޝަރުޠު ފުރިހަމަ ނުވާ ޙާލުގައި ތިމާ އެތައް ބައެއް އެއަށް ޙައްޤުވެގެންވާ ހިނދު، ތިމާ އެ ހޯދުން ވަންނާނީ ކޮންފަދަ ޢަމަލެއްގެ ތެރެއަށް ހެއްޔެވެ؟
ޝައްކެތްވެސް ނެތެވެ! މިއީ އިންސާފުގެ ތިލަފަތް އިދިފުށަށްޖެހި، ޢަދުލުވެރިކަމުގެ ނިޒާމް ގެއްލި، ބޭއިންސާފާއި އަނިޔާވެރިކަމާއި، ތެދުވެރިކަމާއި އަމާނާތްތެރިކަން މުޖުތަމަޢުއިން ނެތި ބޮޑުވެގެންވާ ހަލާކާއި، ގެއްލުމުގެ ތެރެއަށް ދިއުމުގެ ބޮޑުވެގެންވާ ސަބަބެކެވެ.
ހިތްތަކުގައި ނަފްރަތާއި، ރުޅިވެރިކަމާއި، ނުޙައްޤުން ޝަރުޠު ފުރިހަމަ ނުވާ މީހާ އެ ހޯދައިފައިވާ އެއްޗަކީ އޭނާއަށް ޙައްޤުވެގެންނުވާނެ އެއްޗެއްކަން ދަންނަ ކިތައް ފަރުދުން ވާނެ ހެއްޔެވެ؟ އެ އެންމެން ދުލުން ފާޅުގައި ނުބުންޏަސް، ހިތުގައި އެ ފަރާތަކުން ކޮށްފައިވާ ނުބައި ޢަމަލުގެ ސަބަބުން، ފަރުދީ ގުޅުންތަކާއި، މުޖުތަމަޢުގެ ޙާލަތު ހުންނާނީ ކިހިނެތް ހެއްޔެވެ؟ والله المستعان!
މި އިންސާނާގެ އުޚްރަވީ ޙަޔާތް އޮތީ ކިހިނަކުންބާއެވެ!
މިފަދަ ސަބަބުތަކާއި އެކު، ދީނުގައި މިފަދައިން ދޮގުހެކި ނެރުމާއި، ދޮގުހެކި ދިނުންވަނީ ބޮޑުވެގެންވާ ފާފައިގެ ޢަމަލުތަކުގެ ތެރޭގައި ކަނަޑައޅާފައި އެވެ.
ތިމާއަކީ ޝަރުޠު ފުރިހަމަ ނުވާ، އެގޮތުން މާލޭގައި ކުރު މުއްދަތެއްގައި އުޅުނު މީހަކު، އޭނާ މާލޭގައި 15 އަހަރު ނުވަތަ 20 އަހަރު އުޅުނު ކަމަށް ހެކި ނެރެ ލިޔުން ތައްޔާރުކޮށް ހުށެހެޅުން ނުވަތަ އެއީ ކުއްޔަށް މިވެނި ޙާލަތެއްގައި އުޅޭ މީހެއް ކަމުގައި ހެކި ހުށަހަޅާއިރު އޭނާ ދިރިއުޅުން ބިނާވެފައިވާ ނުވަތަ ދިރިއުޅޭ ޙާލަތަކީ އެއީ ނޫން ކަމުގައިވާނަމަ، މިހެކި ނެރުމަކީ ﷲ ގަދަފަދަ ޙުކުމެއް ކަނޑައަޅުއްވާފައިވާ ދޮގުހެކި ދިނުމެވެ. އަދި ނަބިއްޔާ ﷺ އެކަމެއްގެ މައްޗަށް ގަދަފަދަ ބަސްފުޅު ޙަދީޘް ކުރައްވާފައިވާ ދޮގުހެކި ދިނުމެވެ.
ﷲ ﷻ ވަޙީކުރައްވާފައިވެ އެވެ. ﴿ اجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ﴾ ”އަޅުކަން ކުރެވޭ ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ. އަދި ދޮގު ހެކިބަސް ދިނުމުން ތިޔަބައިމީހުން ދުރުހެލިވާށެވެ.“
ފަހެ، މުއުމިނު އަޅުތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ އިންތިހާއަށް، އެންމެ މަތީ ދަރަޖައިން މިކަމުގެ މައްޗަށް އިންޒާރު ލިބިގަތުމެވެ. އަދި ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. (ألا أنبِّئُكم بأَكبَرِ الكبائرِ قُلنا : بلَى يا رسولَ اللَّهِ، قالَ: الإشراكُ باللَّهِ، وعقوقُ الوالدينِ وَكانَ متَّكِئًا فجلسَ فقالَ ألا وقولُ الزُّورِ وشَهادةُ الزُّورِ) ”ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް ބޮޑެތި ފާފަތަކުގެ ތެރޭގައިވާ އެންމެ ބޮޑެތިފާފަތައް ބަޔާންކޮށްދެމު ހެއްޔެވެ؟“ ޞަޙާބީން ދެންނެވި އެވެ. އާދޭހެވެ! ޙަދީޘް ކުރެއެްވި އެވެ. ”ﷲ އަށް ޝަރީކު ކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ.“
އެހިނދު ރަސޫލާ ﷺ އޮންނެވީ އޮށޯވެވަޑައިގެންނެވެ. އެއަށްފަހު، އިށީނދެވަޑައިގެން ޙަދީޘްފުޅު ކުރެއެްވި އެވެ. ”ދޮގު ބަސް (ހެކިބަސް) ދިނުމެވެ. ދޮގު ހެކިބަސް ދިނުމެވެ.“
ފަހެ، ދޮގު ހެކިބަސް ދިނުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ.
އަދިވެސް ޙަދީޘް ކުރެއްވި އެވެ. (الكبائرِ الشر باللَّهِ، وعقوقُ الوالدينِ وقتل النفس، وشَهادةُ الزُّورِ) ”އެންމެ ބޮޑެތި ފާފަތަކަކީ : ﷲ އަށް ޝަރީކު ކުރުން، މައިންބަފައިންނަށް ނުކިޔަމަންތެރިވުން، ޤަޞްތުގައި ނަފްސެއް މެރުން އަދި ދޮގު ހެކިބަސް ދިނުމެވެ.“
މިއީ ނުހަނު ބޮޑުވެގެންވާ ފާފައެކެވެ. އޭނާއަށް އެފާފައިގެ ޢުޤޫބާތާއި އަދި ހެކި ދިނުމުގެ ސަބަބުން އެއިން ނަގައިގެނެވުނު ތަކެތީގެ ޢުޤޫބާތް އުފުލަން ޖެހޭނެ އެވެ.
މިފަދައިން ދޮގުހެކި ދިނުމުގެ ޖަރީމާ ހިންގާ މީހުންގެ ޙާލަތު ބަޔާންކުރައްވާ، ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ العلامة ابن بَاز-رحمه الله- ވިދާޅުވެފައިވާ ފަތުވާއެއްގައިވެ އެވެ.
”އޭނާގެ ދޮގު ހެކިބަހުގެ ސަބަބުން މީސްތަކުންގެ ތެރެއިން ބަޔަކަށް އަނިޔާ ލިބިފައިވެއްޖެ ހިނދުގައި، ހަމަކަށަވަރުން އޭނާގެ މައްޗަށް އޮތީ އެ ހެކީގެ ސަބަބުން ވެވުނު އަނިޔާވެރިކަމުގެ ބަދަލު ހޯދައި ދިނުމެވެ. އެއީ އެކަމުގެ މައްޗަށް ތަޥްބާވުމާއި، ފާފަފުއްސެވުމަށް އެދި ދެންނެވުމާއި އެކުގަ އެވެ. އަދި އެ ކުރެވުނު ކަންތައްތަކުގެ މައްޗަށް ހިތާމަކޮށް ދެރަވުމާ އެކު އެ ކުރެވުނު ފާފަތަކުން އެކުއެކީގައި އެއްކިބާވުމެވެ. މަޒީވެ ދިޔަ ކަންތައްތަކުގެ މައްޗަށް ހިތާމަކުރާ ޙާލުގަ އެވެ. އަދި ﷲ އަށް އެކަމުގެ މައްޗަށް ބިރުވެތިވެ، އެ އިލާހު މާތްމަތިވެރި ކުރާ ޙާލުގައި އެފަދަ ކަމަކަށް އަނބުރައި އަރައި ނުގަންނާނެ ކަމުގައި ޢަޒުމް ކަނޑައެޅުމެވެ. އަދި އެބައިމީހުން އޭނާއަށް ޙައްޤުތައް ކަނޑައި މަޢާފު ދީފި ހިނދުގައި އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެން ނޫނީ އޮތީ އެބައިމީހުންނަށް އެކަމުގައި ދޭންޖެހޭ ޙައްޤު ދިނުމުގައި ވުމެވެ. ނުވަތަ އެކަން ޙައްލު (ޞުލްޙަކޮށް ނައްތައިލުން) ކަމުގައި ހެދުމެވެ.“ فتاوى نور على الدرب 4-2182
سبحان الله! މި ޢަމަލުތައް ހިންގުމަށްފަހު، މުސްލިމުން، ހެޔޮ ވެރިކަމަށް އެދެނީ ހެއްޔެވެ؟ އެބައިމީހުން ﷲގެ ނަޞްރަށް އެދެނީ ހެއްޔެވެ؟ ޞިއްހަތާއި ޢާފިޔަތަށް އެދެނީ ހެއްޔެވެ؟
އަނިޔާވެރިކަމާއި، ބޭއިންސާފާއި، ޙައްޤު ނޫން ތަކެތި ހޯދުމަށްފަހު އެބައިމީހުން ވެރިން ކިބައިން ޢަދުލުވެރި އިންސާފާއި ހަމަހަމަ ވެރިކަމަށް އެދެނީ ކިހިނަކުން ހެއްޔެވެ؟
އަނިޔާވެރިންގެ މައްޗަށް އަނިޔާވެރިކަމާއި ބޭއިންސާފުގެ ވެރިން އިސްވުން އެއީ އުއްމަތް ދައްކައިދޭ ޙަޤީޤަތެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ) “ ތިމަންއިލާހު އަނިޔާވެރިންގެ އެއް ބަޔަކު އަނެއް ބަޔަކާ މަތިވެރިކުރެއްވީމެވެ.“
މިއަދު މުޞީބާތްތަކާއި އަނިޔާ މި ދިމާވަނީ ކީއްވެ ހެއްޔެވެ؟ ﷲ ވަޙީ ކުރެއްވި އެވެ
. (وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ) ”ތިޔަބައިމީހުންނަށް ޖެހޭ މުޞީބާތްތައް ޖެހެނީ ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތައްްތަކުގެ ސަބަބުންނެވެ.“
ނުޙައްޤާއި، ބޭއިންސާފާއި، އަނިޔާވެރިކަމާއި، ދޮގު ހެކި ދީގެން ޙަލާލުވެގެން ނުވާ އެއްޗެއް ހޯދީ ކޮން ބައެއް ހެއްޔެވެ؟ މި ކަންތައް ޢާންމުވެ ފާޅުވެ މިއީ ފެންފޮދެއް ފަދައިން ޢަމަލު ކުރަމުންދާ ބައެއްގެ ތެރޭގައި، އޮންނާނެ އިންސާފެއް ޢަދުލަކީ ކޮބައިހެއްޔެވެ؟
سبحان الله!
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.