ވައަތުން ކެއުމާއި ބުއިން އެއީ ކިހާވަރެއްގެ ޢަމަލެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

[ވައަތުން ކެއުމާއި ބުއިން – މީސްތަކުންގެ ތެރޭގައި ވަރަށް ޢާންމުވެފައިވާ މުންކަރާތެކެވެ.]

ވައަތުން ކެއުމާއި ބުއިން، އިސްލާމް ދީނުގައި އެކަން ނަހީކުރައްވާ އެއް ދަލީލަށްވުރެ ގިނަ ދަލީލުތައް ވާރިދުވެގެންވެ އެވެ.

އޭގެ ތެރޭގައި އިމާމް مسلم ޞަޙާބީ جابر بن عبدالله ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްވެ އެވެ.

(لا تَأْكُلُوا بالشِّمالِ، فإنَّ الشَّيْطانَ يَأْكُلُ بالشِّمالِ) ”ތިޔަބައިމީހުން ވައަތުން ނުކާށެވެ. ހަމަކަށަވަރުން ވައަތުން ކާހުށީ ޝައިޠާނާ އެވެ.“

މުއުމިނު އަޅުތަކުންނޭވޭ!

ތިމާ އަކީ ޝައިޠާނާ އެއްވަތްތަރުވެގެންވާ ފަރާތެއް ކަމުގައި ވުމަށް އެދޭނެ އެއްވެސް މުއުމިނު އަޅަކު ވާނެ ހެއްޔެވެ؟ ޝައިޠާނާގެ ސިފައިން ސިފަ ލިބިފައިވާ ފަރާތެއްގެ ގޮތުގައި ވުމަށް އެދޭނެ އެއްވެސް އަޅަކު ވާނެ ހެއްޔެވެ؟

ޝައިޠާނާއަކީ ބޮޑާވެރިކަމާއި ކިބުރުވެރިކަމުގެ އިމާމެވެ.

ޝައިޠާނާއަކީ ﷲއަށް އުރެދި ނުކިޔަމަންތެރިކަން ދައްކައި ގަދަބަސްބުނެ ﷲ ގެ ބަސްފުޅު ރައްދު ކުރި އެންމެ ބޮޑު އެއް ލީޑަރެވެ.

ޝައިޠާނާއަކީ ނަރަކަ ވަންނާނެ ކަމުގެ ޔަޤީންކަން އޭނާއަށް ލިބިފައިވާ ކަށަވަރުވެގެންވާ ފަރާތެކެވެ.

ޝައިޠާނާއަކީ ﷲގެ ލަޢުނަތް އޭނާއަށް ޙައްޤުވެގެންވާ ފަރާތެކެވެ.

މިފަދަ އެތައް ނަރަކަވެރި ބޮޑާވެރި ލަޢުނަތްލެވިފައިވާ ﷲގެ ރަޙްމަތުން ދުރުކުރެވިގެންވާ އެތައް އެތައް ސިފައެކެވެ.

މިފަދަ ޝައިޠާނާއާއި ވަތްތަރުޖެހިފައި ވުމަށް އެދޭނެ ފަރާތަކީ ކާކު ހެއްޔެވެ؟ މުއުމިނު އަޅާގެ ޢަދުއްވުގެ ގޮތުގައިވާ މި ޝައިޠާނާއާ އެއްގޮތް ވުމަށް އެދޭނީ ކާކު ހެއްޔެވެ؟

މި ޝައިޠާނާ އޭނާއަށް ތަބަޢަވުމަށް ދަޢުވަތް ދޭނެ ކަމާއި އަދި އޭނާގެ ދަޢުވަތަށް އިޖާބަދޭ ފަރާތްތަތަކީ އޭނާއާ އެކު ނަރަކައިގައި ވާނެ އޭނާގެ ޕާޓީ ކަމުގައި ވާނެ ކަމުގެ ޚަބަރު ﷲ ދެއްވާފައިވެ އެވެ.

إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِير) “ ހަމަކަށަވަރުން، ޝައިޔާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއަކީ، ޢަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެތެރެއިން ވުމަށެވެ.“

ވުމާއެކު، އޭނާއާ އޭނާއަށް ތަބަޢަވާ މީހުން އެއީ ނަރަކައިގެ އަހުލުންވެރިން ކަމުގައިވެ އެވެ. ފަހެ، އެންމެހައި މީސްތަކުންނަށް އޭނާގެ ޢަމަލުތައް އެ ޝައިޠާނާ ޒީނަތްތެރިކޮށްދެ އެވެ. އަދި އެ ޢަމަލުތައް މީސްތަކުންލައްވާ ކުރުވައި އޭނާގެ ސިފަ ލިބިގެންފައިވާ ބައެއްގެ ގޮތުގައި ހެދުމުގެ ބޭނުމަކީ މީސްތަކުން އޭނާއާ އެކުގައި ނަރަކައިގެ އަހުލުވެރިންގެ ގޮތުގައި ހެދުމެވެ.

ޝައިޠާނާއަށް ތަބަޢަވެ އޭނާއަށް ކިޔަމަންވުން ނަހީ ކުރެވުމުގެ އިތުރަށް އޭނާގެ ސިފައަކުން އެއްވެސް ސިފައެއް ޖެހިގެން ދިއުން ނަހީ ކުރެވިގެންވެ އެވެ.

އެގޮތުން އޭނާގެ ފިޔަވަޅަކަށްވެސް ތަބަޢަނުވުމަށް އަމުރުފުޅު ވާރިދުވެގެންވެ އެވެ.

ﷲ ވަޙީ ކުރެއްވި އެވެ. ( يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ وَمَن يَتَّبِعْ خُطُوَاتِ الشَّيْطَانِ فَإِنَّهُ يَأْمُرُ بِالْفَحْشَاءِ وَالْمُنكَرِ) ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަ ނުވާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ޝާއިޠާނާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ.“

މިފަދަ އެތައް އެތައް އާޔާތްތަކެކެވެ.

ޝައިޠާނާގެ އެންމެ ފިޔަވަޅަކަށްވެސް ތަބަޢަވުން ނަހީވެގެންވަނީ މިފަދަ ދަފަދަ އަމުރުންނެވެ.

ފަހެ، އޭނާގެ ސިފަތަކާއި އެ ޝައިޠާނާގެ ޢަމަލުތައް ކޮޕީ ކުރެވޭނެ ގޮތަކީ ފަހެ ކޮބައި ހެއްޔެވެ؟

ދުނިޔެ މަތީގައި ކުރެވޭ އެންމެހައި ޝިރުކާއި ފާފަތަކާއި މުންކަރާތްތަކުގެ ބާނީ ގެ ސިފައިން ސިފަޖެހުމަށް އެދޭނެ މުއުމިނަކީ ކާކު ހެއްޔެވެ؟

ޙަދީޘްގެ ފިޤުހަށް ބަލާއިރު ވައަތުން ނުކެއުމަށް ވަނީ އަމުރުފުޅު ވާރިދުވެގެންނެވެ. ފަހެ، ފިޤުއީ އަދި އުޞޫލްގެ ޤަވާއިދުގައި ވަނީ އަމުރެއްކަމުގައިވާނަމަ، އެ އަމުރުގެ ޙުކުމަކީ ވާޖިބުކަމެވެ. އެހެން ދަލީލެއް އެ އަމުރުގެ ޙުކުމް ލުއިކޮށްފުމަށް ދާންދެނެވެ.

މައްސަލައަށް ބަލާއިރު އެ އަމުރުފުޅު ލުއިވެގެންވާ އެހެން ޙަދީޘެއް ނެތެވެ.

އޭގެ ބަދަލުގައި އެހެން ޙަދީޘްތަކުގައިވެސް ވާރިދުވެގެންވަނީ އެފަދައިން އަމުރުކޮށްފައި ވުމެވެ.

އޭގެ ތެރޭގައި صحيح البخاري 5367 صحيح مسلم 2022 ގައި ވާރިދުވެގެންވެ އެވެ. عمر بن أَبِيْ سَلَمَة -رضي الله عنه- ރިވާކޮށްފައިވެ އެވެ. رَسُوْلُ الله -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ. (يَابُنَيَّ! سَمِّ الله، وَكُلْ بِيَمِيْنِكَ، وكُلْ مِمَّا يَلِيْكَ) ”އޭ ދަރިފުޅާ އެވެ! بِسْمِ اللهِ ކިޔާށެވެ. އަދި ކަނައަތުން ކާށެވެ. އަދި ތިބާގެ ގާތުން ކާށެވެ.“

އަދިވެސް ޙަދީޘްގައިވެ އެވެ. ޞަޙާބީ ابن عمر رضي الله عنهما ގެ އަރިހުން ރިވާވެގެންވެ އެވެ. ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا يأكلن أحدكم بشماله، ولا يشربن بها؛ فإن الشيطان يأكل بشماله، ويشرب بها) ”ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ވައަތުން ނުކެއުން ހުއްޓެވެ. އަދި ވައަތުން ނުބުއިން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ޝައިޠާނާ ކާކަން ކަށަވަރީ އޭނާގެ ވައަތުންނެވެ. އަދި ބޯނީވެސް އެ އަތުންނެވެ.“

އަޚުންނޭވެ! މިއަމުރުފުޅު ތަކާއި ޚިލާފްވެ ދިއުމުގައިވާ ޢުޤޫބާތް އެމީހަކަށް ވިސްނިއްޖެހިނދު، އޭނާއަށް މިއީ ކޮންފަދަ މުންކަރާތެއް ކަމާއި އަދި އޭގެ ނުބައިކަން ބޮޑުވެގެންވާކަން ބަޔާންވެގެންދާނެ އެވެ.

ނަބިއްޔާ صلى الله عليه وسلم ޙަޔާތްޕުޅުގައި ހިގާފައިވާ އެފަދަ ޙާދިޘާތަކުގެ ތެރޭގައި ވެ އެވެ. އިމާމް مسلم 2021 ޞަޙީޙުގައި ރިވާކުރައްވަފައިވެ އެވެ. ޞަޙާބީ سلمة بن الأكوع- رضي الله عنه- ވިދާޅުވެފައިވެ އެވެ. أن رجلاً أكل عند النبي صلى الله عليه وسلم بشماله، فقال: ”كل بيمينك“، قال: لا أستطيع!! قال: ”لا استطعت!، ما منعه إلا الكبر“، فما رفعها إلى فيه ”މީހަކު ނަބިއްޔާ صلى الله عليه وسلم ހުންނެވި ތަނެއްގައި ވައަތުން ކައިހެދި އެވެ. ފަހެ، އެހިނދު ނަބިއްޔާ ﷺ އެމީހާއަށް ޙަދީޘްކުރެއްވި އެވެ. ”ތިބާ ކަނައަތުން ކާށެވެ.“ އެމީހާ ބުންޏެވެ. ”ތިމަންނައަށް ކުޅަދާނައެއް ނުވާނެ އެވެ.“ އެހިނދު ނަބިއްޔާ ﷺ އެމީހާގެ މައްޗަށް (ބަދު ދުޢާ) ކުރައްވާ ޙަދީޘް ކުރެއްވި އެވެ. ”ތިބާއަށް ކުޅަދާނައެއް ނުވާނެ އެވެ. ކިބުރުވެރިކަން މެނުވީ އޭނާއަށް އެކަން މަނާ ނުކުރެ އެވެ.“ ޞަޙާބީ ވިދާޅުވި އެވެ. ”ފަހެ، އެމީހާގެ އަތް އެހިނދު އެމީހާގެ އަނގައާ ހަމައަށް ނުފުލެ އެވެ.“ ޔަޢުނީ އެމީހާގެ އަތް އެހިނދުން އެހިނދަށް ވާގިނެތިވެ، ޕެރެލައިސްވީ އެވެ.

ނަބިއްޔާ ﷺ  މިވަނީ އެމީހާ ވައަތުން ކެމުގެސަބަބުން އަދި އޭނާ ސުންނަތަށް ޢަމަލު ނުކޮށް ފުރަގަސް ދިނުމުން އޭނާގެ މައްޗަށް ބަދު ދުޢާ ކުރައްވާފަ އެވެ.

ވިސްނާލުން ހުއްޓެވެ. ނަފްސަށް ސުވާލުކޮށްލުން ހުއްޓެވެ. ތިމާ ވައަތުން ކާތަން ނުވަތަ ވައަތުން ބޯތަން ނަބިއްޔާ ﷺ އަށް ފެނިވަޑައިގަންނަވައިފިހިނދު، ޙަދީޘްފުޅު ކުރައްވާނީ ކީކޭ ހެއްޔެވެ؟

މި މީހާގެ މައްޗަށް މި ކުރިމަތިވި އަވަސް އުޤޫބާތް އޭނާގެ މައްޗަށް ފާވެފައިވާ އަވަސްކަން ވިސްނާލުން ހުއްޓެވެ.

ފަހުގެ ދުވަސްތަކުގައި ދުނިޔެދުށް އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العَلاَّمَة محمد بن صَالح العُثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.

”ފަހެ، މިޙަދީޘްއިން ދަލީލު ކުރެވެނީ ކަނައަތުން ކެއުމާއި، ކަނައަތުން ބުއިން ވާޖިބުވެގެންވާ ކަމެވެ. އަދި ވައަތުން ކެއުމަކީ ޙަރާމްވެގެންވާ ކަމެއް ކަމާއި އިންސާނާ އެކަމުގެ މައްޗަށް ފާފަވެރިވާނެކަމެވެ. އަދި ހަމައެފަދައިން ވައަތުން ބުއިމަކީވެސް ޙަރާމްވެގެންވާ ކަމެކެވެ.“ سرعة العقاب لمن خالف السنة والكتاب ص147

ޝައްކެތްވެސް ނެތެވެ. މި އެންމެހައި ދަލީލުތަކުން ފާޅުވެ ބަޔާންވަނީ، ވައަތުން ކެއުމާއި ބުއިން ޙަރާމްވެގެންވާ ކަމެވެ. އަދި މިފަދައިން ވިދާޅުވެފައިވާ ޢިލްމުވެރިންގެ ޤައުލުގެ ވަރުގަދަ ކަމާއި ބާރުގަދަ ކަމެވެ.

ނިންމާލުމުގެ ކުރީގައި ބުނެވެ.

ވައަތުން ކެއުމާއި ބުއިން މިފަދައިން ގަދަފަދަ ބަސްފުޅާއި އަދި ޚިލާފްވާ މީސްތަކުންނަށް ޢުޤޫބާތް ފާޅުވެފައިވާހިނދު، އަހަރެމެންގެ ނަފްސުތަކަށް އަދި ބެލެހެއްޓުމުގައިވާ ފަރާތްތަކަށް އަޅައިޅުން ކުޑަވެ ފަރުވާތެރި ވުމުގެ ބަދަލުގައި އިހުމާލުވުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟

ޝައިޠާނާ އަދި އޭނާގެ ބައިގަނޑުގެ އަހުލުވެރިން ކަމުގައިވާ ކާފަރުންގެ ސިފަތައް އެއީ ރީތި ހެޔޮ ނަމޫނާ ކަމުގައި ދެކޭ ފަރާތް، އާޚިރަތުގައި ދޭނެ ޖަވާބަކީ ކޮބައި ހެއްޔެވެ؟

މުއުމިނު އަޚުންނޭވެ! ސުންނަތަކީ އެންމެ ސާފު އަދި ޠާހިރު އެންމެ ހެޔޮވެގެންވާ ޢަމަލާއި ސިފަ އެވެ. އެއަށްވުރެ ރިވެތި ފުރިހަމަ ނަމޫނާއެއް ނޯންނާ އެވެ. މިއީ ކޮންމެ މުސްލިމެއްގެ ހިތުގައި ސުންނަތަށް ދެވިފައި އޮންނަންޖެހޭނެ ޤަދަރެވެ. ސުންނަތުގެ މަޤާމު ކަމުގައި ދަންނަންޖެހެ އެވެ.

ބައެއް މީހުން ކަނައަތުން ކައިހަދާއިރު، އެއްޗެއް ބޯން ޖެހިއްޖެހިނދު، ވައަތުން އެ ބޯތަށި ނަގައި ކަނައަތުގެ އިނގިއްޔެއް އެ ތަށީގައި ޖައްސަ އެވެ.

ވުމުން، އަމިއްލަ ނަފްސު ޙިސާބުކޮށް ބަލާލުން ހުއްޓެވެ. ވައަތުން ބޯ ކަމުގައިވާނަމަ، ވައަތް އެ ތަށިން ދޫކޮށްލުމުން ތަށި ވެއްޓޭނެ އެވެ. މިއީ ޤަބޫލު ކުރެވޭ ޙަޤީޤަތް ނޫން ހެއްޔެވެ؟

ވުމުން، އެތަށީން ވައަތް ދޫކޮށް ލުން ހުއްޓެވެ. ވައަތް ދޫކޮށްލުމުން ތަށި ވެއްޓޭ ކަމުގައިވާނަމަ، އެހިނދު އެ ބޮއެހަދަނީ ވައަތުންނެވެ. ކަނައަތަކުން ނޫނެވެ.

ސުންނަތް މަތިވެރި ކުރުމާއި ޤަދަރުކުރުން މިއީ ތޯ އެވެ؟

ސުންނަތް މަތިވެރި ކުރުމާއި މާތް ކުރުމުގެ އަހުލުވެރިން ދޫކޮށްފައިވާ ނަމޫނާވެރި ބަސްފުޅުތައް ބަލާލުން ހުއްޓެވެ.

أبو بكر الصديق رضي الله عنه ވިދާޅުވެފައިވެ އެވެ. ”ﷲގެ ރަސޫލާ ޢަމަލުފުޅު ކުރެއްވި ކަމެއް އަހުރެން ޢަމަލު ނުކޮށް ދޫކޮށްލާފައެއް ނުވާނެ އެވެ. ﷲޤަންދީ ބުނަމެވެ. އެ ނަބިއްޔާގެ އަމުރުފުޅުތަކުގެ ތެރެއިން އެންމެ އަމުރުފުޅެއްވެސް ދޫކޮށްފި ހިނދުގައި ޙައްޤުމަގުން އެއްކިބާވެދާނެ ކަމަށް އަހުރެން ބިރުވެތިވަމެވެ.“ البخاري 3092 ومسلم 1759

މި ރިވާޔަތް ޛިކުރުކުރެއްވުމަށްފަހު ابن بطة -رحمه الله- ވިދާޅުވި އެވެ. ”އެންމެހައި އަޚުންނޭވެ! މިއީ ޞިއްދީޤުލް އަކްބަރުގެ ޙާލުކޮޅެވެ. އެބޭފުޅާ، އެބޭފުޅާގެ ނަބިއްޔާގެ އެންމެ އަމުރުފުޅަކާ ޚިލާފުވެވަޑައިގަންނަވައިފިހިނދު ޙައްޤުމަގު ގެއްލިދާނެކަމަށް ބިރުފުޅުގެންނެވި އެވެ…. “

الإِمَام أَحمد -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ ﷺ  ގެ ޙަދީޘް (ޤަބޫލު ނުކޮށް، ޢަމަލުނުކޮށް) ރައްދުކޮށްލާ މީހާވަނީ، ހަލާކުވެދިޔުމުގެ ވަޅުގަނޑެއްގެ ތުންފަތްމަތީގަ އެވެ.“ طبقات الحنابلة 2-15

އަހަރެމެން މި ސުންނަތަށް އިހުމާލުވެ ފަރުވާކުޑަކޮށް ޙައްޤުމަގުގައި ދެމިތިބެވޭނެ ކަމަށް ދެކި އަމާންކަމުގައި ވާނެކަމަށް އުއްމީދު ކުރަނީ ހެއްޔެވެ؟

އެކަމެއް ކުރުމަށް އަހަރެމެންނަށް އަމުރުފުޅު އައުމުން ޢަމަލު ކުރުން އޮތީ މިފަދައިން ހެއްޔެވެ؟ އޮޅުވާލައި މަކަރު ހަދަނީ ކާކަށް ހެއްޔެވެ؟ ޢާލަމްތަކުގެ ވެރި އިލާހު ބައްލަވައިވޮޑިގަންނަވާހިނދު ދެކެދެނެވޮޑިގަންނަވާހިނދު މިއީ އަޅާގެ ޢަމަލު ކަމުގައި ވުމަށް އެދޭނީ ކޮން ނަފްސެއް ހެއްޔެވެ؟

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts