ޑައިސް ބޭނުންކޮށްގެން ކުޅިވަރު ކުޅުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޑައިސް ބޭނުން ކޮށްގެން ކުޅޭ ކުރިވަރުތައްވަނީ އޭގެ ޒާތުގައި ނަހީ ކުރެވިގެންނެވެ. ސަބަބަކީ ސުންނަތުގައި ޘާބިތުވެގެންވާ ޞައްޙަ ޙަދީޘްތަކުގައި އެފަދައިން ނަހީ ކުރެވިގެންވެ އެވެ.
އަދި ސުންނަތުގައި ބަޔާންވެގެންވާ نردشير އަކީ ޑައިސް އެވެ.
ޞަޙާބީ بريدة بن الحصيب الأسلمي ގެ އަރިހުން އިމާމް مسلم ޞަޙީޙުގައި ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (مَن لَعِبَ بالنَّرْدَشِيرِ، فَكَأنَّما صَبَغَ يَدَهُ في لَحْمِ خِنْزِيرٍ ودَمِهِ) ”ނަރްދަޝީރް (އެބަހީ : ޑައިސް) ކުޅެފި މީހާ، ފަހެ، އެމީހަކު އަތް އެ ބީހުނީ އޫރުގެ ލެއާއި އޫރުގެ މަހުގަ އެވެ.“
މި ޙަދީޘްއިން ބަޔާންވަނީ ނުވަތަ ދަލީލު ކުރެވެނީ އެ ކުޅިވަރު ޙަރާމްވެގެންވާ ކަމެވެ.
އެހެނީ އޫރުގެ ލެއާއި މަހަކީ އޭގައި ބީހުން ހުއްދަވެގެން ނުވާ އޭގެ ޛާތުގައި ނަޖިހެއް ކަމުގައި ކަނޑައެޅިފައިވާ އެއްޗެކެވެ.
މީގެ އިތުރަށް އިސްވެ ބަޔާންވި ޙަދީޘްއަށްވުރެ ޞަރީޙަކޮށް ސުނަނުގެ ފޮތްތަކުގައި ޑައިސް ކުޅެފި މީހާއަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދިގެންވާ މީހެއްކަމުގައި ޞަރީޙަކޮށް ވާރިވެފައިވުމުން އެ ކުޅިވަރަކީ އެއްވެސް ގޮތެއްގައި ހުއްދަވެގެން ނުވާނެ ޢަމަލެއް ކަމުގައި ބަޔާންވެ އެވެ.
އިމާމް أبو داود އަދި ابن ماجه އަދި އަދި أحمد އެނޫން ސުންނަތުގެ ފޮތްތަކުގައި ވާރިދުވެގެންވެ އެވެ.
ޞަޙާބީ أبو موسى الأشعري ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (من لَعِب بنَرْدٍ أو نَرْدِشيرَ ؛ فقد عصى اللهَ ورسولَه) ”ޑައިސް ކުޅެފި މީހާ ވަނީ ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ ރިސާލަތަށް އުރެދިގެންނެވެ.“ މި ޙަދީޘް އިމާމް الألباني ހަސަން ކުރައްވަ އެވެ.
ވުމާއެކު، ބަދަލުގައި އެއްޗެއް ހޯދުމުގެ ގޮތުގައި، ޖުވާގެ ސިފައިގައި ނުވަތަ އެ ނޫން ގޮތަކަށް ޑައިސް ކުޅުނު ކަމުގައިވީނަމވެސް އެއީ ހުއްދަވެގެންނުވާނެ ޢަމަލެކެވެ. ޙަރާމް ކަމެކެވެ.
އިތުރަށް ބުނަމެވެ. ބައެއް ތާބިޢީ ބޭކަލުންނަށް ނިޞްބަތްކުރެވި، އެބޭކަލުން ކުޅެ އުޅުއްވި ކަމުގައި ބުނެފައިވާ އެންމެހައި އަޘަރުތަކަކީ އެބޭކަލުންގެ މައްޗަށް ހަދާފައިވާ ބޮޑުވެގެންވާ ދޮގުތަކެވެ.
އަދި އުއްމަތުގެ ބައެއް ސަލަފުއް ޞާލިޙުންގެ ކިބައިން ޑައިސް ކުޅުން އެއީ މަކްރޫހަ ކަމެއްގެ ގޮތުގައި އައިސްފައިވާ ބަސްފުޅުތަކުގެ މާނައަކީ، އެއީ އުއްމަތުގެ ކުރީކޮޅުގެ ސަލަފުއް-ޞާލިޙުން މާނަކުރައްވާ ފަދައިން ޙަރާމްވެގެންވާ މާނައިގަ އެވެ. އެއީ ފަހުގެ ދުވަސްތަކުގައި މަކްރޫޙަ ބޭނުންކުރާ މާނައިގައި ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.