ޞަދަޤާތް ދޭހިނދު، ނުވަތަ މީހަކަށް އެއްޗެއް ދޭހިނދު ކިޔަން ވަކި ޚާއްޞަ ދުޢާއެއް ކިޔުމަށް ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެފައިވޭ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޞަދަޤާތް ދޭހިނދު، ނުވަތަ މީހަކަށް އެއްޗެއް ދޭހިނދު ކިޔަން ވަކި ޚާއްޞަ ދުޢާއެއް ކިޔުމަށް ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެފައި ނުވެއެވެ. ނަމަވެސް އޭގެ ޙަޤީޤަތް ބަޔާން ކުރުމަށްޓަކައި، ބައެއް ފޮތްތަކުގައި ލިޔެވި އަދި މީހުން އެބައިމީހުންގެ ދޫތަކުން ޞަދަޤާތް ދޭހިނދު ކިޔާ ޢާންމު ޛިކުރެއް މި ތަނުގައި ބަޔާން ކުރަމެވެ.
صحيح مسلم ގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން عائشة أم المؤمنين ގެ އަރިހުން ވާރިދު ވެގެންވާ ޙަދީޘްގައިވެއެވެ. قُلتُ: يا رَسولَ اللهِ، ابنُ جُدْعانَ كانَ في الجاهِلِيَّةِ يَصِلُ الرَّحِمَ، ويُطْعِمُ المِسْكِينَ، فَهلْ ذاكَ نافِعُهُ؟ قالَ: لا يَنْفَعُهُ، إنَّه لَمْ يَقُلْ يَوْمًا: رَبِّ اغْفِرْ لي خَطِيئَتي يَومَ الدِّينِ.
عائشة ވިދާޅުވެފައިވެއެވެ. “ތިމަން ކަމަނާ ދެންނެވީމެވެ. ﷲ ގެ ރަސޫލާއެވެ. އިބްން ޖުދްއާން އަކީ ޖާހިލިއްޔަތުގައި ރަޙިމްގެ ގުޅުން ނުހަނު ބޮޑަށް ޤާއިމް ކުރައްވާ، މިސްކީނުންނަށް ކާބޯތަކެތި ހޭދަކުރައްވާ އުޅުއްވި މީހެކެވެ. ފަހެ، އޭނާއަށް އެއިން (ޤިޔާމަތް ދުވަހު) މަންފާ ކުރާނެ ހެއްޔެވެ؟ އެހިނދު ނަބިއްޔާ ޙަދީޘްފުޅު ކުރެއްވިއެވެ. “ނޫނެކެވެ. އޭނާއަށް އެއްވެސް ފައިދާއެއް އެއިން ނުކުރާނެއެވެ. އޭނާއަކީ ދުވަހަކުވެސް رَبِّ اغْفِرْ لي خَطِيئَتي يَومَ الدِّينِ ދުވަހަކުވެސް ކިޔައި އުޅުނު މީހެއް ނޫނެވެ”.
ފަހެ، މި ރިވާޔަތް ނަގައި، ޞަދަޤާތް ދޭހިނދު މި ޛިކުރު ކިއުމަށް ބައެއް މީހުން ބުނެފައިވެއެވެ. رَبِّ اغْفِرْ لي خَطِيئَتي يَومَ الدِّينِ މާނައަކީ : އަޅުގެ ވެރި އިލާހެވެ! މިއަޅާގެ ފާފަތައް އިބައިލާހު މިއަޅާއަށް ޤިޔާމަތް ދުވަހުގައި ފުއްސަވާނދޭވެ.
މި ރިވާޔަތުގެ މައްޗަށް ނުކުތާތަކަށް ބަލައިލަމެވެ.
ފުރަތަމައީ: އެންމެހައި މުސްލިމުން ދަންނަ ގޮތުގައި ކާފަރަކު އިސްލާމް ނުވާ ހިނދެއްގައި އޭނާ މި ދުނިޔެ މަތީގައިކޮށްފައިވާ އެއްވެސް ޢަމަލަކުން އޭނާއަށް ޘަވާބެއް އަދި ދަރުމައެއް ނުލިބޭނެއެވެ. އޭނާއަށް ލިބޭނެ ހެޔޮކަމާއި އަޖުރު ވަނީ މި ދުނިޔޭގައިއެވެ. މިއީ ކާފަރުންނަށް އަޖުރު ދެވޭ ސިފަ އެވެ. އެއީ ޙަދީޘްގައި ވާރިދުވެގެންވާ ފަދައިންނެވެ. وعن أنس بن مالك رضي الله عنه قال :قال :رسول الله صلى الله عليه وسلم : (إِنَّ الكَافِرَ إِذَا عَمِلَ حَسَنَةً أُطْعِمَ بِهَا طُعْمَةَ فِي الدُّنْيَا، وَأَمَّا المُؤْمِنُ فَإِنَّ اللهَ يَدَّخِرُ لَهُ حَسَنَاتِهِ فِي الآخِرَةِ وَيُعْقِبُهُ رِزْقاً فِي الدُّنيْاَ عَلَى طَاعَتِهِ) رواه مسلم
أنس بن مالك رضي الله عنه ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ކާފަރަކު ހެޔޮ ޢަމަލެއް ކުރުމުން، އޭގެ ސަބަބުން ދުނިޔޭގައި އޭނާއަށް އެއީ ކާނާއެއްގެ ގޮތުގައި ކާއެތިކޮޅެއް ދެވެއެވެ. ދެންފަހެ، ހަކަމަށަވަރުން މުއުމިނު އަޅާ (ހެޔޮ ކަމެއް ކުރުމުން) ފަހެ، ހަމަކަށަވަރުން ﷲ އޭނާގެ ހެޔޮކަންތައްތައް އޭނާގެ އާޚިރަތަށްޓަކައި ރައްކާތެރި ކުރައްވައެވެ. އަދި އޭގެ އިތުރުން އޭނާގެ ކިޔަމަންތެރިކަމުގެ ސަބަބުން ދުނިޔޭގައި ހެޔޮވެގެންވާ ރިޒުޤު ދެއްވަތެވެ”.
ދެވަނައީ: ކާފަރު ކަމަކީ ހުރިހައި ހެޔޮކަމެއް ނައްތާލާނެ ކަމެކެވެ. ކާފަރު ކަމުގެ މަތީގައިވާ މީހާއަށް އެއްވެސް އަޖުރެއް އަދި ޤިޔާމަތް ދުވަހުގައި ނަރަކަ ނޫން ތަނެއް ނެތެވެ. އެބައިމީހުން ގެންދާ ޢަމަލު ތަކަކީ ﷲ ގެ ހަޟުރަތުގައި ޤަބޫލުވެވޭނެ އެއްޗެއް ނޫނެވެ. ﷲ ވަޙީ ކުރެއްވިއެވެ. (وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا) “އެބައިމީހުން ކުޅަ ޢަމަލުތައް ތިމަން އިލާހު ބައްލަވައި އެ ޢަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ”.
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ. مَا كَانَ لِلْمُشْرِكِينَ أَنْ يَعْمُرُوا مَسَاجِدَ اللَّهِ شَاهِدِينَ عَلَى أَنْفُسِهِمْ بِالْكُفْرِ أُولَئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ [التوبة:17] “އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކާފިރުކަމަށް ހެކިވެތިބި ޙާލުގައި اللهގެ މިސްކިތްތައް ޢިޢުމާރުކުރުމަކީ (ބިނާކޮށް ބެލެހެއްޓުމަކީ) މުޝްރިކުންނަށް އޮތް ކަމެއްނޫނެވެ. އެބައިމީހުންނީ އެބައިމީހުންގެ ޢަމަލުތައް ބާޠިލް ވެފައިވާ މީހުންނެވެ. އަދި އެބައިމީހުންނަކީ ނަރަކައިގައި ތާއަބަދަށް ދެމި ތިބޭނެ ބައެކެވެ”. ވުމާއެކު، މި ޤަވާޢިދުގެ މަތީގައި ތިންވަނަ ނުކުތާމެދު ވިސްނުން ހުއްޓެވެ.
ތިންވަނައީ: ޙަދީޘްގައި ވާރިދުވެފައި ވަނީ އިބްން ޖުދްއާން އަކީ ކާފަރެއް ކަމެވެ. ދަންނައެވެ! ކާފަރެއް އޭނާގެ ކުފުރުގެ މަތީގައިހުރެ ޞަދަޤާތް ކުރާހިނދު رَبِّ اغْفِرْ لي خَطِيئَتي يَومَ الدِّينِ މިފަދައިން ކިޔުމުން އޭނާއަށް ޤިޔާމަތް ދުވަހުގައި އަޖުރު ލިބޭނެ ހެއްޔެވެ؟ ޔަޤީން ކަށަވަރު ކަމަކީ، ކާފަރެއްގެ ގޮތުގައި ހުރެ މި ޛިކުރު އަދި މި ނޫން ޛިކުރެއް ކިޔައި ޞަދަޤާތް ކުރި ކަމުގައި ވީނަމަވެސް އާޚިރަތުގައި އޭނާއަށް އެއްވެސް އަޖުރެއް ނޯންނާނެކަމެވެ. ސަބަބަކީ، ﷲ އަށް ކާފަރުވެފައިވާ ފަރާތެއް ކަމުގައި ވުމެވެ. ޛިކުރެއް ކުރުމާއި ނުކުރުމެއް ނޫނެވެ. އެހެންކަމުން، މިތަނުގައި ނަބިއްޔާ މިފަދައިން رَبِّ اغْفِرْ لي خَطِيئَتي يَومَ الدِّينِ ޙަދީޘްފުޅު ކުރެއްވުމުގެ މުރާދު ފުޅަކީ ކޮބައިތޯ އެވެ؟
ހަތަރުވަނަ ނުކުތާ: އޭގެ މުދާދުފުޅަކީ އިބްން ޖުދުޢާން އަކީ މުސްލިމެއް ނޫންކަން ބަޔާން ކުރުމެވެ. އޭނާއަކީ ﷲ އަށް ކާފަރުވެފައިވާ ފަރާތެއް ކަމެވެ. ވުމާއެކު، އޭނާ ކޮށްފައިވާ ޞަދަޤާތެއް، ހޭދަ ކޮށްފައިވާ ހޭދަކުރުމަކުން އޭނާއަށް މަންފާއެއް ނުކުރާނެ ކަމެވެ. މިކަން ބަޔާންވުމުން، މިއީ ޞަދަޤާތް ދޭހިނދު ކިޔުމަށްއޮތް ޛިކުރެއް ނޫންކަން އެނގިގެން ދެއެވެ.
މި ބަސްފުޅު ނަބިއްޔާ ވިދާޅުވެފައި ވަނީ އެމީހަކީ ކާފަރެއްކަން ބަޔާން ކުރުމަށާއި، ކާފަރެއް ކަމުގައި ވުމުން އެމީހާގެ ޢަމަލު ޤަބޫލު ނުކުރެވޭނެކަން އުނގަންނައި ދިއުމަށެވެ. ވުމާއެކު ދަންނައެވެ. އެ ޞަދަޤާތް ހޭދަކުރާ މީހާގެ ހިތުގައި، ﷲ އަށްޓަކައި ޘަވާބާއި ދަރުމައަށްޓަކައި ހޭދަކުރާ އެއްޗެއް ގޮތުގައި ޤަޞްދު އޮތުމުން އެކަމަށް ފުދޭނެއެވެ. އަދިވެސް ދަންނައެވެ. ޞަދަޤާތްފަދަ ޢަމަލުތައް ކުރުމަކީ އެ ޢަމަލު ކުރުމުގައި (ގިނަފަހަރު) މީސްތަކުންނަށް ފެންނަ ގޮތުގައި ކުރެވޭ ޢަމަލެއް ގޮތުގައިވުމުން، ދެއްކުންތެރިކަން ފާޅުނުވާނެ ގޮތުގައި ކުރުމަށް ސަމާލު ވާންޖެހޭނެއެވެ. ސަބަބަކީ ދެއްކުންތެރި ކަމަކީ އޭގެ ސަބަބުން އަޅުކަމުގެ އަޖުރު ނެތިކޮށްލާ ކަމެކެވެ. އަދި ހަމަ އެފަދައިން ޞަދަޤާތް ދިނުމަށްފަހު، ކަލަ ގޮވުމަކީ ވެސް އެފަދަ ކަމެކެވެ. ތިމާ ހޭދަ ކުރި އެއްޗެއްގެ އަޖުރު އެހިނދު ނެތިވެގެން ދިޔައީއެވެ. އެއީ އަޖުރު ނެތިވެފައިވާ އެއްޗެއްގެ ގޮތުގައިވެ އޭގެ ބަދަލުގައި ތިމާ ފާފަވެރިވާނެ ޢަމެއް ކަމުގައި ވެގެންދެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.