މުޙައްރަމް މައްސަރުގައި ކިޔުމަށް ޙާއްސަ ދުޢާއެއް ނުވަތަ ވިރުދެއްވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މުޙައްރަމް މައްސަރުގައި ޡާބިތު ނޫން ޢަމަލުތަކާއި އެހެނިހެން ކުށްފާފަތަކަށް އަރައިގަތުމުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ.
މުޙައްރަމް މައްސަރު ހިމެނިފައިވަނީ ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރު ތަކުގެ ތެރެއިންނެވެ. އަހަރުގައިވާ 12 މައްސަރުގެ ތެރެއިން 4 މައްސަރެއް ވަނީ ޙުރުމަތްތެރި ކުރައްވާފަ އެވެ.
އޭގެ ތެރޭގައި މުޙައްރަމް މައްސަރު ހިމެނެ އެވެ.
ވުމުން، އެ މައްސަރެއްގައި އެހެން މައްސަރަށްވުރެ ޙުރުމަތްތެރިކަން އިތުރު ވެފައި ވުމުން، ކުރެވޭ ކުށް ފާފަތައްވެސް އޭގެ ޛާތުގައި ބޮޑުވެގެންވެ އެވެ.
މިފަދައިން ޞަޙާބީން ތަފްޞީރު ކުރައްވާފައިވެސް ވެ އެވެ. ابن عبـاس رضي الله عنهما ވިދާޅުވެފައިވެ އެވެ.
”ހުރިހައި މައްސަރެއްގައިވެސް ތިޔަބައިމީހުން އަމިއްލަނަފްސުތަކަށް އަނިޔާވެރިވުމެއް ނުވެ އެވެ. އެއަށްފަހު، އެ މައްސަރުތަކުން 4 މައްސަރެއް ޚާއްޞަ ކުރައްވައި، އެމައްސަރު ތަކަކީ ޙަރާމްވެގެންވާ (ޙުރުމަތްތެރި) މައްސަރުތަކެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ. އަދި އެމައްސަރުތަކުގެ ޙުރުމަތްތެރިކަން މާތް މަތިވެރި ކުރެއްވި އެވެ. އަދި އެމައްސަރުތަކުގައި ކުރެވޭ ފާފަތަކަކީ އެހެން މައްސަރުތަކުގައި ކުރެވޭ ފާފަތަކަށްވުރެ ބޮޑުވެގެންވާ ފާފަތަކެއްގެ ގޮތުގައި ކަނޑައެޅުއްވެވި އެވެ.“ تفسير الـقرآن الـعظيم (١٤٨/٤)
الإِمَام ابن رَجب الحَنبَلِي رحمه الله ވިދާޅުވެފައިވެ އެވެ. ”ޙަލާލުވެގެންވާ މައްސަރުތަކުގައި އަދި ޙަރާމްވެގެންވާ މައްސަރުތަކުގައި، ޙަރާމް (ފާފަތަކަށް) އަރައިގަތުމުން ހުއްޓައިނުލާ މީހާ އެވެ. ހެޔޮވެގެންވާ ޢަމަލުތައް ކުރުން އޭނާގެ ފުރަގަހަށް ދޫކޮށް، އޭނާގެ ކުރިމައްޗަށް ފާފަތައް ނެރެފައިވާ މީހާ އެވެ. އޭނާގެ ޢުމުރުގެ ކޮންމެ ދުވަހަކީ ޢުމުރުގައި ފާއިތުވި ކޮންމެ ދުވަހަކަށްވުރެ ނުބައިވެގެންވާ ދުވަހެއްގެ ގޮތުގައި ހޭދަކުރަމުންދާ މީހާ އެވެ. ތިބާ ތިޔަ ޣާފިލުކަމުން ހޭލާނީ ކޮން ހިނދެއްގައި ހެއްޔެވެ؟ ތިޔަ އެންމެހައި ޖަރީމާތަކުން ތިބާ ތަޥްބާވާނީ ކޮން ހިނދެއްގައި ހެއްޔެވެ؟ މަރުގެ އިންޒާރެއްގެ ގޮތުގައި އިސްތަށިތައް ނުރަވެފައިވާ ހިނދުގައި ފާފަތަކުގެ މަތީގައި މެދުކެނޑުމެއްނެތި ޤާއިމްވެ ހުރި މީހާ އެވެ. ޤުރުއާން އާއި އިސްލާމް ގެ އިތުރުން ފާޅުވެފައިވާ ނުރަތަކަކީ ތިބާއަށް ވަޢުޟެއް ކަމުގައި ނުފުދެނީ ހެއްޔެވެ؟ މިޙާލަތުގައި ހޭދަކުރާ ޙަޔާތަކުން ތިބާ މަރުވެދިއުން މާ ހެޔޮކަން ބޮޑުވެގެންވެ އެވެ. والـــســَّلام އެވެ.“ لـطـائف الـمعـارف“(صـ٤٥٧)
މުސްލިމް އަޚުންނާއި އުޚްތުންނޭވެ!
މާތް ނަބިއްޔާ 23 އަހަރުދުވަސް ދުނިޔެ މަތީގައި ﷲގެ ދީން ބަޔާންކޮށްދެއްވައި އުނގަންނަވައި ދެއްވުމުގައި ހޭދަ ކުރެއްވިހިނދު، މުޙައްރަމް މައްސަރު ބައްދަލު ކުރުމުން، އެ ދުވަހަށް ޚާއްޞަ ދުޢާއެއް ކިޔުމަށް އުނގަންނަވައި ދެއްވާފައި ނުވެ އެވެ.
އެއްވެސް ސުންނަތުގެ ފޮތެއްގައި ނުވެ އެވެ. ޞައްޙަވެގެންވާ އެއްވެސް ބަސްފުޅެއް ނުވެ އެވެ.
އަހަރުގެ ފުރަތަމަ ދުވަހުގައި ރޯދަ ހިއްޕަވާ އަދި އެ ދުވަހުގައި ރޯދައަށް ހުރުމަށް އުއްމަތަށް އިރުޝާދު ދެއްވާފައި ނުވެ އެވެ.
މުޙައްރަމް މައްސަރުގެ ފުރަތަމަ ދުވަހުގައި ކިޔުމަށް ޚާއްޞަ ވިރުދެއް އުއްމަތަށް ބަޔާން ކޮށްދެއްވާފައި ނުވެ އެވެ. ޢީދުގައި ތަހުނިޔާ އަދި ތަހުނިޔާ ބަދަލުކުރާ ފަދައިން ޢަމަލުފުޅެއް ނުކުރައްވަ އެވެ.
ވުމުން މިއީ ހެޔޮ ޢަމަލެއް ކަމުގައި ދެކެނީ ކިހިނަކުން ހެއްޔެވެ؟ މިއިން އެއްވެސް ޢަމަލަކީ ﷲ އެ އިލާހުގެ ދީނުގައި ކަނޑައެޅުއްވި ޢަމަލެއް ނޫނެވެ. ނަބިއްޔާ 23 އަހަރުގައި އެތައް މުޙައްރަމް މައްސަރަކާއި ބައްދަލު ކުރެއްވިހިނދު ކުރެއްވި ކަންތައްތަކެއް ނޫނެވެ.
ފަހެ، މިއިން އެއްވެސް ޢަމަލެއް މުހައްރަމުގެ ފުރަތަމަ ދުވަހަށް (އާ އަހަރުގެ ނަމުގައި) ކުރާ މީސްތަކުން އެ ޢަމަލުތަކުން ދުރުވުން ހުއްޓެވެ. އިންޒާރު ލިބިގަތުން ހުއްޓެވެ.
ދީނުގައި ޝަރުޢު ކުރައްވާފައި ނުވާ ޢަމަލު ތަކަކީ ބިދުޢަތަކެވެ. އެންމެހައި ބިދުޢަތަކެއް ގެންގޮސްދެނީ ނަރަކައިގެ އަލިފާނަށެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ)
”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“
رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.
އަދި އެހެން ހަދީޘެއްގައިވެ އެވެ. عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“
މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.
ޘާބިތު ނޫން ޢަމަލުތަކުގައި ދެމިހުރުން ޚާއްޞަކޮށް މި މައްސަރުތަކުގައި ފާފަވެރިވުން ގުނަތަކަށް އިތުރު ވެގެންވެ އެވެ. މުސްލިމް އަޅާގެ ޢަމަލުތައް ކަމުގައިވާންޖެހޭނީ ﷲ އާއި ރަސޫލާ صلى الله عليه وسلم ކަނޑައަޅުއްވައި ޝަރުޢުކޮށްދެއްވި ކަންތައްތަކެވެ.
އެކަލާނގެ ނުރުއްސަވާ، ފާފަވެރިވާނެ ޢަމަލުތަކެއް ނޫނެވެ.
ފަހެ، މުޙައްރަމް މައްސަރުގެ ފުރަތަމަ ދުވަހަށް ބުނެ ކުރެވޭ އެންމެހައި ކަންތައްތަކަކީ ބިދުޢަވެރި ޢަމަލުތަކެވެ.
މި މައްސަރުގެ ޙުރުމަތާއި އެކުވެސް މުސްލިމް އަޅުތަކުން ﷲ އަށް ބިރުވެތިވެ މިފަދަ ޢަމަލުތަކުން ދުރުވުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.