އަމިއްލައަށް އެދުން ފުއްދުން އަދި އޭގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޖަވާބު : ”އަމިއްލައަށް އެދުން ފުއްދުން އަދި އޭގެ ޙުކުމް އެކިއެކި ބާވަތްތަކުގެ ދަލީލާއި ޙުއްޖަތުން އެއީ ޙަރާމްވެގެންވާ ޢަމައްކަން ބަޔާންވެގެންވެ އެވެ.

ފުރަތަމައީ : ކީރިތި ޤުރުއާނުގެ ދަލީލެވެ. ﷲ ގެ ވަޙީ ބަސްފުޅެވެ.(وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ فمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ) المؤمنون 6

(މި އާޔަތްތަކުގައި ﷲ ތަޢާލާ ވަނީ މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވާފަ އެވެ. އޭގެ ތެރޭގައިވެ އެވެ.) އެބައިމީހުންނަކީ، އެބައިމީހުންގެ ޖިންސީ ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބިންގެ މައްޗަށާއި އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީ އެވެ. އެ ނޫންގޮތަކަށް ޖިންސީ އެދުން ފުއްދުމަށް އެދޭ މީހާ ދަންނާށެވެ! އެބައިމީހުންނަކީ ހުއްދަވެގެންވާ އިންތައް ފަހަނައަޅައިދާ މީހުންނެވެ.“
މިއާޔަތުގައި ވަރަށް ޞަރީޙަކޮށް ބަޔާންވެގެންވަނީ ފަރުޖަށް ރައްކާތެރިވުމާއި ރައްކާތެރި ނުވުމަކީ ކޮބައިކަމެވެ.

އަނބިން އަދި ގެންގުޅޭ އަޅުއަންހެނުންގެ ކިބައިން އެދުން ފުއްދުން ޙަލާލުވެގެންވާ އިމުގެ ތެރޭގައިވާ ކަމެވެ. އޭގެ ބޭރުން، އޭގެ ފުރަގަހުން އެއްވެސް އުފަލެއް، އަރާމެއް ހޯދުމަކީ ޙަލާލު އިންތައް ފަހަނައަޅައިގޮސްފައިވާ މީހުން ކަމެވެ.

ދެވަނައީ : މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުން ބަޔާންވެެގެންވާ ދަލީލުތަކެވެ. ޙަދީޘް ކުރެއްވި އެވެ. (يا معشر الشباب من استطاع الباءة فليتزوج فإنه أغض للبصر وأحصن للفرج ومن لم يستطع فعليه بالصوم فإنه له وجاء) ”އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން (ޖިންސީ އެދުންވެރިކަމުގައި އެފުއްދަން އެދޭ މީހާ) ކުޅަދާނަވެގެންވާ މީހާ ފަހެ، ކައިވެނި ކުރުން ހުއްޓެވެ.. ފަހެ، ހަމަކަށަވަރުން އެއީ އޭނާގެ ބެލުމަށް (ލޮލަށް) އަދި ފަރުޖަށް އެންމެ ރައްކާތެރިގޮތް ކަމުގައިވެ އެވެ. (ކައިވެނި ކުރުމަށް) ކުޅަދާނަ ނުވެއްޖެ މީހާ ރޯދަހިފުން ހުއްޓެވެ. އެއީ އޭނާއަށް އޮތް ރައްކާތެރި ކަމުގެ އަށްޑަނައެއް ކަމުގައިވެ އެވެ.“

ޙަދީޘްގައި ބަޔާންވެގެންވަނީ ޝަހުވަތްތެރިކަމުގައިވެ، އެކަން ފުއްދުމަށް އެދޭ މީހާއަށް އޮތީ ކައިވެނި ކުރުން ކަމުގައި ކަނޑައިފަ އެވެ. އިސްވެ ޤުރުއާނުގައި ބަޔާންވި އާޔަތުގައިވާ ފަދައިންނެވެ. ކައިވެންޏަށް ކުޅަދާނަ ނުވުމުން އޭނާގެ އަތަށް، އެހެނިހެން ވަޞީލަތެއް ހޯދައި އެދުން ފުއްދުމަށް ނެތެވެ. އޭގެ ބަދަުގައިވަނީ އެކަން ހުއްޓުވޭނެ، ކޮންޓްރޯލް ކުރެވޭނެ ވަޞީލަތަށް އިރުޝާދުދެވިގެންނެވެ. އެއީ ރޯދައަށް ހުރުމެވެ.

ތިންވަނައީ : ތަފްސީރު ފޮތްތަކުގައި އާޔަތްތައް ތަފްސީރު ކުރެވިގެންވާ ގޮތްތަކެވެ. އަލް-އިމާމް الشافعي -رحمه الله- ގެ އަރިހުން ابن كَثِير މި އާޔަތުގެ ތަފްސީރު ގެންނަވާ ވިދާޅުވެފައިވެ އެވެ. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ އެބައިމީހުންނަކީ، އެބައިމީހުންގެ ޖިންސީ ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބިންގެ މައްޗަށާއި އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީ އެވެ. މި އާޔަތުން ދަލީލު ކުރައްވާ الشافعي ވިދާޅުވެފައިވެ އެވެ. ”މިއީ އަމިއްލައަށް އެދުން ފުއްދުން ޙަރާމްްވެގެންވާކަން ބަޔާންވެގެންވާ ދަލީލެކެވެ.“

ހަތަރުވަނައީ : ﷲގެ ދީނާއި ޝަރީޢަތް އެންމެ ފުރިހަމައަށް އެނގިވަޑައިގަންނަވާ އަދި ދެނެވަޑައިގަންނަވާ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުންގެ ފަތުވާތަކެވެ. އަމިއްލައަށް އެދުން ފުއްދުން އެއީ ﷲ އެ އިލާހުގެ ދީނުގައި ހުއްދަކޮށްފައިވާ އިންތައް ފަހަނައަޅައިދިއުން ކަމުގައި އެބޭކަލުން ފަތުވާ ދެއްވާފައިވުމެވެ. عَائِشَة رضي الله عنها ވިދާޅުވެފައިވެ އެވެ. ”ތިމަން ކަމަނާއާ އެބައިމީހުންނާ ދެމެދުގައިވަނީ ﷲގެ ފޮތެވެ. ﷲ ވަޙީކުރެެއްވި އެވެ. (وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ) އެބައިމީހުންނަކީ، އެބައިމީހުންގެ ޖިންސީ ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބިންގެ މައްޗަށާއި އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީ އެވެ. (އެއަށްފަހު ވިދާޅުވި އެވެ.) ﷲ ތަޢާލާ ޝަރުޢުގައި ޙަލާލު ކައިވެނީގެ ގޮތުގައިލެއްވި ކައިވެނި ނުވަތަ އެމީހެއްގެ މިލްކުގައިވާ އަޅެއްގެ ފާރަތުން ނޫން ގޮތަކަށް އެމީހެއްގެ އެދުން ފުއްދާ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން އެމީހަކު އެވަނީ ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅާ ގޮސްފަ އެވެ.“ صحيح، مسند الحارث، انظر بغية الباحث 479

ފަސްވަނައީ : އުއްމަތަށް އެކިއެކި ޖީލުތަކުގައި ފާޅުވި އެކި އެކި ޢިލްމުވެރިންގެ ބަސްފުުތަކުގައި މިއީ ޙަރާމް ޢަމަލެއްކަން ކަނޑައެިފައި ވުމެވެ.

الإِماَمُ مَالك رحمه الله (ދުނިޔެ ދޫކުރެއްވީ 179ގައި) އަމިއްލައަށް އެދުން ފުއްދުމަކީ ޙަރާމް ޢަމަލެއްގެ ގޮތުގައި ވިދާޅުވެފައިވެ އެވެ. އެގޮތުން މި މައުޟޫގައި ވިދާޅުވެފައިވެ އެވެ. އެކަމަށް ބޭނުންވެފައިވާ މީހާއަށް ނަބިއްޔާ އިރުޝާދު ދެއްވާފައިވަނީ ކައިވެނި ކުރުމަށެވެ. އަދި ކައިވެނިކުރުމަށް ކުޅަދާނަ ނުވެއްޖެހިނދު އިރުޝާދު ދެއްވާފައިވަނީ ޝަހުވަތް ހުއްޓުވާނެ ގޮތުގައިވާ ރޯދަ ހިފުމަށެވެ. ފަހެ، އޭނާގެ އަމިއްލައަށް އެދުން ފުއްދުން ހުއްދަކަމުގައިވާނަމަ އެކަމަށް އިރުޝާދުދެއްވީހެވެ. ސަބަބަކީ ރޯދަ ހިފުމަށްވުރެ ލުއި ފަސޭހަ ގޮތެއްކަމުގައިވުމެވެ. (ޙަޤީޤަތަކީ މިއީ ނުހަނު ޢިބްރަތާއި ޙައްޤު ހޯދާ މީހަކަށް ފެންނަންއޮތް ވަރަށް ފުރިހަމަ ޤަވާޢިދެކެވެ. ޙަލާލު ލުއިފަސޭހަ ގޮތެއް އޮއްވައި ބުރައަކަށްވާ، ދަތި ކަމެއްގެ ތެރެއަށް ދިއުމަށް އިރުޝާދު ދެއްވާނެ ހެއްޔެވެ)

الإمام الشافعي رحمه الله (ދުނިޔެ ދޫކުރެއްވީ 204ގައި) އަމިއްލައަށް އެދުން ފުއްދުން ޙަރާމް ޢަމަލެއްގެ ގޮތުގައިވިދާޅުވެފައިވެ އެވެ.

މިފަދަ ބަސްތައް الحنبلي رحمه الله މަޛްހަބުގެ ބަސްފުޅުތަކުގައިވެސް ވެ އެވެ.

الإمام ابن تَيمية رحمه الله (728 ގައި ދުނިޔެ ދޫކުރެއްވި) ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، އޭނާގެ އަތުން އެދުން ފުއްދުން ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ފަހެ، އެއީ ޙަރާމްވެގެންވާ ކަމެވެ. އެއީ އިމާމް أحمد ގެ މަޛްހަބުގައި އެންމެ ޞައްޙަ ގޮތެވެ. އަދި އެކަން ކޮށްފި މީހާ (ޙުކުމްކޮށް) ތަޢުޒީރު ކުރެވުމެވެ. …..“

العلامة محمد الأمين الشنقيطي رحمه الله ވިދާޅުވެފައިވެ އެވެ. (އިސްވެ ބަޔާން ކުރެވުނު އާޔަތްތަކުގެ މައްޗަށް) ދަންނަހުއްޓެވެ! މި އާޔަތުގައި އެއްވެސް ޝައްކެތް ނުވާގޮތުގައި، ޢާންމު މާނައިގައި ދަލީލު ކުރެވެނީ އަތުން އެދުން ފުއްދުން މަނާވެގެންވާ ކަމެވެ….. އެފަދައިން ޢަމަލު ކޮށްފި މީހާއަކީ ޙަލާލުވެގެންވާ އިންތައް ފަހަނައަޅައިފައިވާ މީހެކެވެ. މި އާޔަތުގެ ޞަރީހަކޮށް ބަޔާންވަނީ އެމީހާއަކީ ޙައްދުފަހަނަ އަަޅައިފައިވާ މީހެއްގެ ގޮތުގައިވެ އެވެ. …..“

الإمام ابن باز ވިދާޅުވެފައިވެ އެވެ. ”އަތުން އެދުން ފުއްދުން ޢިލްމުވެރިންގެ ބަސްފުުތަކުން ބަޔާންވެގެންވާ ޞައްޙަ ގޮތަކީ އެއީ ޙަރާމްވެގެންވާ ޢަމަލެއް ކަމެވެ. އެއީ ޖުމްހޫރުންގެ ބަސްފުޅެވެ….“

العلامة ابن العُثيمين رحمه الله ވިދާޅުވެފައިވެ އެވެ. ”وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ”އެބައިމީހުންނަކީ، އެބައިމީހުންގެ ޖިންސީ ގުނަވަންތަކަށް ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބިންގެ މައްޗަށާއި އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީ އެވެ. އެ ނޫންގޮތަކަށް ޖިންސީ އެދުން ފުއްދުމަށް އެދޭ މީހާ ދަންނާށެވެ! އެބައިމީހުންނަކީ ހުއްދަވެގެންވާ އިންތައް ފަހަނައަޅައިދާ މީހުންނެވެ.“

الإِمَام العَلاَّمَة العُثَيْمِيْن رحمه الله ވިދާޅުވެފައިވެ އެވެ. ”މިއީ އަމިއްލައަށް ޖިންސީ އެދުން ފުއްދުން ޙަރާމްވެގެންވާ ކަމުގެ މައްޗަށް އޮތް ދަލީލެކެވެ. ސަބަބަކީ މިއީ އަނބިންނާއި އަޅުންގެ ފަރާތުން ނޫން ގޮތަކަށް ހިންގޭ ޢަމަލެއް ކަމުގައިވުމެވެ.“

ހަވަނައީ : މިފަދައިން އެދުން ފުއްދުމަށް މާތް ނަބިއްޔާ ﷺ ގެ ޒަމާނުގައި ޙާޖަތްޖެހިފައިވާ ނަމަ އެފަދައިން ޙާޖަތްޖެހިފައިވެ އެހެނަސް އެކަމަށް އިރުޝާދު ދެއްވާފައި ނުވުމެވެ. ޞަޙާބީން އެތައް މައްސަރުތަކެއް ވަންދެން އަނބިއަނބިކަނބަލުންނާއި ވަކިވެ، ޖިހާދުގައި އެކިއެކި ކަމުގައި އުޅެން ޖެހިފައިވެ އެވެ. އެހެނަސް މިފަދަ އެއްވެސް ކަމަކަށް އިރުޝާދު ދެއްވާފައި ނުވެ އެވެ. އޭގެ ބަދަލުގައި މިކަން ހުއްދަނުވާނެ ކަމާއި، އެއްވެސް ގޮތަކަށް އެކަމަށް އިރުޝާދު ދެއްވާފައެއް ނުވެ އެވެ.

ކައިވެނި ކުރުމަށް އަތްޕުޅުގައި އެއްވެސް ތަނަވަސް ކަމެއް ނެތްހިނދު، ކުޅަދާނަވެގެން ނުވާހިނދު މިފަދަ ޢަމަލަކަށް އިރުޝާދު ދެއްވައިފައި ނުވެ އެވެ. މިހުރިހައި ކަމަކުން ބަޔާންވެގެންވަނީ މިއީ ޞަރީޙަކޮށް އިސްލާމް ދީނުގެ ރިވެތި ކަމާއި، މާތް މަތިވެރި ކަމާއި ދެކޮޅު ނުހަނު ހުތުރުކަން ބޮޑުވެގެންވާ ޙައްދުފަހަނައަޅައިފައިވާ ޢަމަލެއް ކަމެކެވެ.

ހަތްވަނައީ : ޝަހުވަތްތެރިކަމުގައި ޖެހި ޙުދޫދުން ބޭރުވެ މެނުވީ މިފަދަ ޢަމަލުތަކަށް އަރައި ނުގަނެވޭނެ އެވެ. މިއީ ދީނުގައި އެބައެއްގެ ކިބައިން ދުރުވެ ވަކިވުމަށް އަމުރުކުރައްވާފައި މީހުންގެ ސިފަ އެވެ.

الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ﷲ ގެ މަތިން ޣާފިލު ވުމާއި، ޝަހުވާނީ އެދުންވެރިކަމަކީ ހުރިހައި ނުބައިކަމެއްގެ އަޞްލެވެ. ﷲ ވަޙީ ކުރެއްވި އެވެ. (ولا تطع من اغفلنا قلبه عن ذكرنا واتبع هواه وكان أمره فرطا) އަދި ތިމަން އިލާހު ހަނދުމަކުރުމުން އެމީހެއްގެ ހިތް ޣާފިލު ކުރައްވައި އަދި އެމީހެއްގެ އެދުންވެރިކަމަށް ތަބަޢަވެ އަދި އެމީހެއްގެ ކަންތައް ނުބައިކަމުގައި ހައްދުފަހަނައަޅައިފައިވާ މީހަކަށް ނަބިއްޔާ ކިޔަމަންވެ ވަޑައިނުގަންނަވާށެވެ.“

އިންސާނާ ޚަލްޤު ކުރެއްވި ފަރާތް އެއިންސާނާގެ ނަފްސުގައި ޝަހުވަތާއި، އެދުން ވެރިކަން ލެއްވި އެވެ. އަދި އެ ޝަހުވަތާއި އެދުންވެރިކަން އަދާކުރެވޭނެ މަގުތައްވެސް ވަނީ ކަނޑައަޅުއްވާފަ އެވެ. އެއީ ޙަލާލު މަގުތަކެވެ. އެގޭ ފުރަގަހުގައި ވަނީ ޙަރާމް މަގުތަކެވެ. އެހެނަސް ޙަލާލު މަގުތައް ދޫކޮށް ޝަހުވަތަށް ބަރޯސާވުމުން ފެންނަ މަންޒަރާއި ބަސްތައް މިއަދު މި ފެންނަނީ އެވެ. އަޚުންނޭވެ!

މިއީ އެތައް ވޭނެއް އެހިނދު ތަޙައްމަލު ކުރަން ޖެހޭނެ ހިތްދަތިކަމެއްގެ ގޮތުގައި ވެދާނެ ކަމުގެ މައްޗަށް ބިރުވެތިވާން ޖެހެ އެވެ. العز بن عبد السلام رحمه الله ވިދާޅުވެފައިވެ އެވެ. ”ވަޤުތު ކޮޅަކަށް އޭނާ ހޭދަކުރާ ޝަހުވަތްތެރި ކަމަކީ، އެތައް ދުވަސްތަކެއް ވަންދެން ހިތާމަ އާއި ހިތްދަތިކަން އުފުލަންޖެހި އަދި އިންތިހާއަށް ބޮޑުވެގެންވާ ޢަޛާބާއި ބައްދަލުކުރަންޖެހޭ ކަމަކަށް ވެދާނެ އެވެ.“

އަށްވަނައީ : މިކަން ހުއްދަކަމަށް ބުނާ އެއްވެސް ބައެއްގެ އަތުގައި އެކަމަށް ޤުރުއާނާއި ސުންނަތުގެ ދަލީލުތަކެއް ނުވާކަމެވެ. ޞަރީޙަ ސާފު ދަލީލުތައް އޮއްވައި، އެ ދޫކޮށް ދާން ޖެހޭނެ އެއްވެސް ދިމާލެއް ނޯންނާނެ އެވެ. މުއުމިނު އަޅާއަށް ޙުއްޖަތް އޮތީ ދަލީލުގަ އެވެ.

ابن عَبَّاس -رضي الله عنهما- ޞަޙާބީންނަށް ވިދާޅުވި އެވެ. ”(ޢުޤުބާތެއްގެ ގޮތުގައި) ތިޔަބައިމީހުންގެ މައްޗަށް އުޑުން ހިލަތަކެއް ފޮނުއްވުން ގާތްވެގެންވެ އެވެ. (ސަބަބަކީ) ރަސޫލާ ﷺ ގެ ޙަދީޘްފުޅު ތިމަން ތިޔަބައިމީހުންގެ އަރިހުގައި ބަޔާންކޮށްދިނުމުންވެސް أبُو بكر އަދި عُمر ވިދާޅުވިއޭ ތިޔަބައިމީހުން ބުނުމެވެ. (ޙަދީޘް ޤަބޫލު ނުކުރުމުގެ ބަހަނާއެއް ކަމުގައި ހަދައިފީމު އެވެ.)“

الإمَام الشافعي رحمه الله ވިދާޅުވެފައިވެ އެވެ. ”ރަސޫލާ ގެ ސުންނަތެއް ބަޔާންވެއްޖެހިނދު، އެއްވެސް މީހެއް ބުނެފައިވާ ބަހެއްގެ މައްޗަށް ސުންނަތް ދޫކޮށްލުން ހުއްދަވެގެން ނުވާނެ ކަމުގައި އެންމެހައި މުސްލިމުން އިޖްމާޢުވެގެންވެ އެވެ.“

ނުވަވަނައީ : މިމަޢުޟުގައި އުފައްދާފައިވާ ޝުބުހާތެއް ބަޔާން ކޮށްދިނުމެވެ. ސުންނަތުގެ އަހުުވެރިންގެ ތެރެއިން ބައެއް ބޭކަލުން އަމިއްލައަށް އެދުން ފުއްދުން ހުއްދައޭ ބުނެފައިވެއޭ ބުނެ ބަޔަކު އެކަން ޤަވާޢިދެއްނެތި، އޭގެ އެއްވެސް ހިފެހެއްޓުމެއްނެތި ހުއްދަ އޭ ބުނެ އެފަދައިން ކިޔަމުންދާ ކިޔުމުގެ މައްޗަށް ނަޒަރު ހިންގާލން ޖެހެ އެވެ. އިންސާނަކު ކުރިމަތީގައި ޒިނޭއަށް މަގުފަހިކޮށް، އޭގެ ދޮރުތައް ހުޅުވި އޭނާއަށް އެއިން ނުކުމެވޭނެ އެއްވެސް ޙައްލެއް، މަގެއް ފެންނާކަށެއް ނެތީ އެވެ. ފަހެ، މިއީ ތިމާގެ ކުރިމަތީގައި އެވަޤުތުން ވަޤުތުން ހިނގަމުންދާ ޙާލަތެކެވެ. މިފަދަ މަޤާމެއްގައި ކުޑަ މުންކަރާތެއްގެ މައްޗަށް އަރައި ބޮޑު މުންކަރު ޢަމަލުން ސަލާމަތް ވުމަށްޓަކައި ތިމާގެ އެދުން ފުއްދުން ހުއްދާވާނެކަމަށް ޢިލްމުގެ އަހުލުވެރިން ކަނޑައަޅާފައިވުމެވެ. ހުއްދަވާނެ ކަމަށް ބުނާ ޢިލްމުވެރިންގެ މާނައަކީ މި އެވެ. އެ ޢިލްމުވެރިންގެ މުރާދަކީވެސް މި އެވެ.

ތިބާ އެފަދަ ކަންތައްތަކަށް ފިކުރުކޮށް، އެފަދަ ތަކެއްޗަށް ނަޒަރު ހިންގައި، އެއަށް ވިސްނުން ގެންގޮސް، ޝަހުވަތްރޯކޮށްލައި، ނަފްސަށް އެކަންތައްތައް ގެނެސް ތިމާގެ އަމިއްލައަށް ޖިންސީ އެދުން ފުއްދުން ހުއްދަވާ ވުމެއްގެ ވާހަކައެއް ނޫނެވެ.

އަދި ކިޔެއްތަ! މިފަދައިން ވިސްނުމާއި، ތަކެއްޗަށް ބެލުމާއި، ފިކުރު ކުރުމަކީ އޭގެ އަޞްުލުގައިވެސް ހުއްދަވާނެ ކަމެއް ނޫނެވެ. ވުމުން ”ހުއްދައޭ“ ބުނެފައިވާ ބުނުމުގެ ޙަޤީޤަތް އެނގިގަތުން ހުއްޓެވެ. ބަޔަކު މީހުން އެބަސްތައް އޭގެ މަޤާމުން ނެރެ މުރާދުން ނެރެފައި އެއީ ހުއްދަ ކަމެއްގެ ގޮތުގައި ބުނާ ބުނުމަށް އެއްވެސް އޮށްޓަރެއް މަޤާމެއް ހުއްޖަތެއްނެތްކަން ދެނެގަތުން ހުއްތެވެ. އެފަދަ މީހާއަކީ ހަވާނަފްސަށް ގެއްލި، އެ ޢަމަލަކީ ހުއްދަ ޢަމަލެއްކަމިގައި ދެކޭ މީހާ އަކީ އުއްމަތް ފަސާދަ ކުރާނެ މީހެއްކަމުގައި މެނުވީ ނުވެ އެވެ

އަޚުންނޭވެ. މިޖަވާބު ނިންމާލުމުގެ ކުރީގައި ބުނަމެވެ. ލަދުވެތިކަން ގެއްލި، ޙަޔާތްނެތިވެ، ޝަހުވަތާއި އެދުންވެރިކަން ހަމައިން ނެއްޓި، ޖަނަވާރުންގެ ޙާލަތަށްވުރެ ދަށުދަރަޖައަށް ވެއްޓިފައިވާ ބަރަހަނާ ފިލްމުތަކާއި އެފަދަ ތަކެތިން މެނުވީ އުއްމަތަށް މި ޢިއްފަތްތެރިކަން ގެއްލިފައިވާ ލަދެއް ޙަޔާތެއްނެތް ޢަމަލުތައް ފާޅެއް ނުވެ އެވެ. ފަހެ، މިތަކެތީގެ ޛަރީއާއިން މުޖުތަމަޢުގެ ލަދުވެތިކަމާއި ޢިއްފަތް މިވަނީ ހިތާމަ ކުރާ ޙާލަތުގަ އެވެ. ﷲ އަށް ކުފުރުވެފައިވާ، ޙަރާމެއް ޙަލާލެއް ބެލުމެއްނެތި ޖަނަވާރުންގެ ދަރަޖައަށްވުރެ ދަށަށް ގޮސްފައިވާ މުޖުތަމަޢުގައި މިކަންތައްތައް ވަނީ ޢާންމުވެފަ އެވެ. ފިރިހެން ހައްޓާއި އަންހެން ގުނަވަންތައް ވިއްކުމުގަ އެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މިއަދު މި މުޖުތަމަޢުގައިވެސް މިތަކެތި ވިއްކައި ވިޔަފާރި ކުރާ ވާހަކަ އަޑުއިވޭކަމީ ކޮންފަދަ ހިތާމަ ހުރި ކަމެއް ހެއްޔެވެ؟ މީއީ ލަދުވެތިކަން ގެއްލިފައިވާ، ޙަޔާތް ވެއްޔާ މޮޑެވިފައިވާ ކާފަރުންގެ ކިބައިން އައިސްފައިވާ މުޑުދާރު ތަކެއްޗާއި ޢާދަ އެވެ. لاحول ولا قوة إلا بالله

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts