ކައިވެނީގެ ރަން ދިނުން އޮތީ ކޮން އިރަކުތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ކައިވެނީގެ ރަނަކީ ކައިވެނި ކުރުމާއި އެކުގައި ފިރިމީހާގެ ކިބައިން އަންހެން މިހާއަށް ދިނުން ވާޖިބުވެގެންވާ އެއްޗެކެވެ.

އެހެނަސް އޭގައި ޙުކުމްތަކެއްވެ އެވެ.

ސުވާލުގެ ޖަވާބުގައި 3 ނުކުތާއެއް އިޝާރަތް ކޮށްލަމެވެ.

ފުރަތަމައީ :

  1. ކައިވެނިކޮށް އެހެނަސް ރޭނުކޮށް ވަރިކޮށްފިހިނދު ފިރިހެން މީހާ އަންހެން މީހާއަށް ދިނުން ވާޖިބުވެގެންވަނީ ކައިވެނީގެ ރަނުގެ ދެބައިކުޅަ އެއްބައެވެ.

ﷲ ވަޙީ ކުރެއްވި އެވެ. (وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ) ”ކައިވެނިކޮށް ރޭކުރުމުގެ ކުރިން ވަރިކޮށްފިހިނދު ރަނުގެ ދެބައިކުޅަ އެއްބައި ދިނުން ފަރުޟުވެގެންވެ އެވެ.“

  1. ކައިވެނިކޮށް އަދި ރޭކޮށްފިހިނދު (އެއްދާންކޮށްފިހިނދު) ކައިވެނީގެ ރަނުގެ ގޮތުގައި ކަނޑައެޅި އެތި ފުރިހަމައަށް ދިނުން ވާޖިބުވެގެންވެ އެވެ.

ﷲ ވަޙީކުރައްވާފައިވެ އެވެ. (وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً) ”ތިޔަބައިމީހުން ހިތުންރުހުމުން ދޭ އެއްޗެއްގެ ގޮތުގައި އަންހެނުނަށް ތިޔަބައިމީހުން ކައިވެނީގެ ރަން ދިނުން ހުއްޓެވެ.“

ދަންނަ އެވެ! ކިތަންމެ އަހަރެއްވިޔަސް ރަނުގެ ގޮތުގައި ކަނޑައެޅުނު ޢަދަދު އަންހެން މީހާއަށް ފިރިހެން މީހާގެ ފަރާތުން އަދާކުރުން ވާޖިބުވާނެ އެވެ.

އަންހެން މީހާ ކިޔާފައިވާ ރަނާއި މެދުގައި ޢަމަލު ކުރާނެ ގޮތް ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިގެންވަނީ ކައިވެނި ކުރި އަންހެން މިހާއަށެވެ.

މަތީގައި ބަޔާންކުރެވިފައިވަނީ ރަނުގެ ޙުކުމެވެ.

ދެވަނައީ : ޝަރީޢަތުގައި ރަން އަންހެން މީހާއާ ހަވާލު ކުރުމަށް، ދިނުމަށް ވަކި ވަޤުތެއް ސާޢަތެއް ކަނޑައެޅިފައި ނުވެ އެވެ. އެކަން އޮތީ އެތަނުގެ އަހުލުވެރިންގެ ތެރޭގައި ޢާދަވެ އެ ޢަމަލު ކުރާ ބީދައިން ޢަމަލު ކުރުމެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”މި މައްސަލައަކީ މީސްތަކުންގެ ތެރޭގައި ޢާދަވެގެންވާ ގޮތުގެ މައްޗަށް ކަނޑައެޅިފައިވާ ކަމެކެވެ. ކައިވެނި ޢަޤުދު ކުރުމުގެ ކުރިން ދިނުން ހުއްދަވެގެންވެ އެވެ. އަދި ކައިވެނި ޢަޤުދު ކުރެވޭ ހިނދުގައި ދިނުންވެސް އަދި ޢަޤުދު ކުރުމަށްފަހުގައިވެސް ދިނުން ހުއްދަވެގެންވެ އެވެ. މުހިންމުވެގެންވަނީ ޢަޤްދު ކުރެވޭހިނދު ދެފަރާތުން ރަނުގެ މައްޗަށް އިއްތިފާޤުވެފައިވުމެވެ. އިއްތިފާޤުވެއްޖެހިނދު ފިރިހެން މީހާއަށް އެ އެއްޗެއް އަންހެން މީހާއަށް ދިނުން ވާޖިބުވެގެންވެ އެވެ….“

ތިންވަނައީ :

ކައިވެނީގެ ރަން ނުދީ ހުއްޓާ ފިރިހެން މީހާ މަރުވީ އެވެ. ފަހެ، އެހިނދު ފިރިހެން މީހާގެ ތަރިކަ މުދަލުން ރަނުގެ މިންވަރު ނަގައި އަންހެން މީހާއަށް ދެވޭނެ އެވެ. މިފަދައިންވެސް ރަނުގެ މިންވަރު ނަގައި އަންހެން މީހާއަށް ދޭން ޖެހޭނެ އެވެ. ވުމާއެކު، ފިރިހެން މީހާގެ ބޮލުގައި އެޅިފައިވާ ޛިންމާއިން ފިރިމީހާ ބަރީޢަ ވުމަށްޓަކައި ކޮންމެހެންވެސް އަންހެން މީހާއަށް ދިނުން ވާޖިބުވެ އެވެ. ކޮންމެ އިރަކުންވެސް ދޭން ޖެހޭނެ އެވެ. މަރުވި ނަމަވެސް އަންހެން މީހާއަށް ދޭން ލާޒިމްވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply