ހަތިމް ކުރުމަށް ޤުރުއާން ކިޔަވާ މީހާ الضحى ސޫރަތުން ފަށައިގެން الناس ސޫރަތާއި ހަމައަށް، އެ ދެމެދުގައިވާ ކޮންމެ ސޫރަތަކަށް ފަހު ތަކްބީރު ކިޔުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ހަތިމް ކުރުމަށް ޤުރުއާން ކިޔަވާ މީހާ الضحى ސޫރަތުން ފަށައިގެން الناس ސޫރަތާއި ހަމައަށް، އެދެމެދުގައި ކޮންމެ ސޫރަތަކަށް ފަހުގައި ތަކްބީރު ކިޔުމާ މެދުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ އަދި ޝެއިޚުލް-އިސްލާމްގެ ލަޤަބު ލިބިވަޑައިގެންނެވި ޢިލްމުވެރިޔާ الإمام ابن تَيمية- رحمه الله- ވަރަށްވެސް ތަފްސީލު ޖަވާބެއް ދެއްވާފައިވެއެވެ.
شَيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެއެވެ. “ފަހެ، ތަކްބީރު ކިޔުމާމެދު (ބުނަމެވެ.) (އެބަހީ، الضُّحى ސޫރަތުން ފެށިގެން النَّاس ސޫރަތުގެ ނިޔަލަށް އެ ދެމެދުގައިވާ ކޮންމެ ޞޫރަތަކަށްފަހު ތަކްބީރު ކިޔުމެވެ.) ފަހެ، އެފަދައިން ތަކްބީރު ކިޔުންވަނީ ކީރިތި ޤުރުއާނުގެ ތެރެއިން ކަމަށް ބުނެފި މީހާ މަގުފުރެދިއްޖެކަމީ، އެންމެހައި ޢިލްމުވެރިން އެކަމުގެ މައްޗަށް އިއްތިފާޤު ވެވަޑައިގެންފައިވާ ކަމެއްކަން ކަށަވަރެވެ. ފަހެ، އެ މީހަކު ތަޥްބާވުމަށް ނަޞޭޙަތް ލައިދިނުން ވާޖިބުވެގެންވެއެވެ. ފަހެ، ނަޞޭޙަތް ލައިދެވުމުންވެސް ތަޥްބާ ނުވެއްޖެނަމަ އެމީހަކު ޤަތުލު ކުރެވޭނެއެވެ.
ކަންހުރި ގޮތަކީ މިއީ ކަމަށްވާއިރު، އެ ތަކްބީރުތައް ނުކިޔައި ދޫކޮށްލާ މީހާގެ މައްޗަށް އެކަން އިންކާރު ކުރެވޭނީ ކޮންފަދައަކުން ތޯއެވެ؟ އަދި އެ ތަކްބީރުތައް ނުކިޔައި ދޫކޮށްލާ މީހާ އަކީ، ބިދުޢަވެރިއެއް ނުވަތަ ސުންނަތާ ޚިލާފްވެފައިވާ މީހެއް ނުވަތަ ފާފަވެރިއެއް ކަމަށް ބުނާ މީހާ، ފަހެ އެ މީހަކު އިސްލާމަކަމަށްވުރެ ކާފިރެއް ކަމުގައިވުން ގާތްކަން ބޮޑެވެ.
އެމީހަކަށް ޢުޤޫބާތް ދިނުން ވާޖިބުވެގެންވެއެވެ. އަދި ކިޔެއްހެއްޔެވެ! އޭނާގެ މައްޗަށް ޙުއްޖަތް ފާޅުވުމަށް ފަހުގައި ވެސް (އެ ޤަބޫލު ކުރުމުގެ މަތީގައި ދެމި ހުރެއްޖެ ނަމަ) އެ މީހަކު ޤަތުލުކުރުން ވާޖިބުވެގެންވެއެެވެ. (ޟަޢީފް ޙަދީޘްތަކެއްގެ މައްޗަށް ބުނެއެވެ.) އެބަޔަކަށް ނަބިއްޔާ ﷺ ޤުރުއާން ކިޔަވާ ވިދާޅުވެދެއްވި ބައެއް (ޞަޙާބީންނަށް) މިފަދައިން ތަކްބީރު ކިޔަން އަމުރު ކުރެއްވިކަމަށް، މިޘާލަކަށް ބުނެފިނަމަވެސް، އެކަމުން ދޭހަވާ އެންމެ ބޮޑު މިންވަރަކީ، އެކަމަކީ ހުއްދަކަމެއްކަން ނުވަތަ މުޞްތަޙައްބުވެގެންވާ ކަމެއް ކަމުގައިވުމެވެ.
އެހެނީ، އެ ކަމަކީ ވާޖިބު ކަމެއް ކަމުގައިވާ ނަމަ، ގިނަ ޤާރީވެރިން އެ ކަމާމެދު އިހުމާލުވެވަޑައި ނުގަތީސްކަން ކަށަވަރެވެ. އަދި އެކަމަކީ، ވާޖިބެއް ނޫން ކަމަށް ބުނެ، އެ ކަމުގެ މައްޗަށް އިއްތިފާޤު ވެވަޑައިނުގަތީސްއެވެ. ދީނުގެ އެއްވެސް އިމާމަކު އެ ކަމަކީ ވާޖިބެއް ކަމުގައި ބުނިކަން ވާރިދުވެގެން އައިސްފައިނުވެއެވެ. ފަހެ، ابن كَثِير ގެ ޤިރާއަތަށް ކިޔަވާ ޤާރީވެރިން އެ ކަމަކީ މުޞްތަޙައްބު ވެގެންވާ ކަމެއްކަމުގައި ވިދާޅުވިކަން އެކަންޏެވެ. އަދި މި މައްސަލަ (އެބަހީ، ތަކްބީރު ކިޔުން) ބިސްމި ކިޔުމުގެ މައްސަލައާ ތަފާތުވެގެންވެއެވެ. ފަހެ، ބިސްމި އަކީ ކީރިތި ޤުރުއާނުގެ އާޔަތެއް ކަމުގައި ދެކެވަޑައިގަންނަވާ ޢިލްމުވެރިން (ކޮންމެ ސޫރަތަކަށްފަހު) ބިސްމި ކިޔުމަކީ، ވާޖިބެއް ކަމުގައި ވިދާޅުވާ އިރުގައި ވެސް، ބިސްމިއަކީ ސޫރަތްތައް ވަކިކުރަން އޮތް އާޔަތެއް ކަމުގައި ނުދެކޭ ޤާރީވެރިންގެ އަރިހުގައި ބިސްމި ދޫކޮށްލުން ހުއްދަވެގެންވެއެވެ. ފަހެ، އެހެން ކަމުން ابن كَثِير ގެ ޤިރާއަތަށް ނުކިޔަވާ މީހަކަށް ތަކްބީރު ކިޔުން ދޫކޮށްލުން ހުއްދަނުވާންނީ ކޮންފަދައަކުންތޯއެވެ” (ފަތުވާ ނަގާފައި ވަނީ: مجموع الفتاوى، 13-419).
އަޚުންނާއި އުޚްތުންނޭވެ! މިފަދައިން ތަކްބީރު ކިޔާ މީހުންނަށް ތިމާމެންނަށް ހެޔޮކަމެއްގެ ގޮތުގައި މި ކުރެވޭނީ ކޮންފަދަ ޢަމަލެއްކަން ބަޔާންވެއްޖެހިނދު ހުރި ހެޔޮ ކަމެއްގެ ބޮޑުކަމާއެވެ. މިތަނުގައި ބަޔާންކޮށްފައި މިވަނީ ދިވެހިން އިސްލާމްދީން ޤަބޫލުކުޅައުމުގެ ކުރިން ދުނިޔެ މައްޗަށް ފާޅުވި އެންމެ ބޮޑެތި ދީނީ، ޢިލްމީ މުޖައްދިދުންގެ ބޭކަލެއްގެ ބަސްފުޅުތަކެވެ. އެ ޙަދީޘްްތަކުގެ މައްޗަށް ބުރަދަނެއްނެތް، އަދި ޘާބިތު ކަމެއް ނެތް ރިވާޔަތްތަކުގެ މައްޗަށް ބުރަވެ، ކުރަމުންދާ މިފަދަ ހުތުރުކަން ބޮޑު ޢަމަލުތަކުގެ މައްޗަށް އިންޒާރު ލިބިގަތުމާއެކު ދުރުވުން އުއްމަތަށް ވާޖިބު ވެގެންވެއެވެ. އެއަށްވުރެ ބޮޑު ނުރައްކަލަކީ، މިފަދައިން ތަކްބީރު ކިޔައިގެން މެނުވީ ޤުރުއާން ޚަތިމްކުރި ކަމުގައި ނުވާނެކަމަށް ބުނާ ބުނުންތަކެވެ.
ދީން އޭގެ ޞައްޙަ މަޞްދަރުތަކުން ހޯދުމަށް ސަމާލުވާން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެބައެއްގެ ފަރާތުން އުނގެނޭ ޢިލްމުގެ އިތުބާރު ހިފޭ ފަރާތްތަކުން ޢިލްމު ނެގުމަށް ރައްކާތެރިވާން ޖެހެއެވެ. އެހެންނޫން ނަމަ ހެޔޮ ޢަމަލުތަކަކީ އެއްވެސް ބުރަދަނެއްނެތް، ބޭކާރު ޢަމަލުތަކެއްގެ ގޮތުގައިވެ، ނަފްސަށް ޙާޞިލްވި ބުރަތަކާއި ލޮޑުކަން ނޫން އެހެން އެއްވެސް އެއްޗެއް އެއިން ނުލިބޭނެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.