ޔާސީން ސޫރަތް ފަތިސް ނަމާދަށް ފަހުގައި ކިޔެވުމަށް ބުނެފައި ވުން
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފަތިސް ނަމާދަށްފަހު سورة ياسين -ޔާސީން ސޫރަތް- އަދި މަޣްރިބް ނަމާދަށް ފަހު ވާޤިޢަތް ސޫރަތް ކިޔެވުމަށް ބުނެފައިވާ ބުނުމެވެ.
ޔާސީން ސޫރަތާއި މެދުގައި ޙަދީޘްތަކެއް ވާރިދުވެގެންވެ އެވެ.
އެއްވެސް ޙަދީޘެއްގައި ފަތިސް ފަހުން ކިޔުމަށް ޚާއްޞަ ކަމުގައި އެއްވެސް ދަލީލެއް ވާރިދުވެގެން ނުވެ އެވެ. އަދި ކިޔެވުމުން ވަކި ޚާއްޞަ ދަރުމައެއް އަދި ޘަވާބެއް ލިބޭނެ ކަމުގައިވެސް ވާރިދުވެގެން ނުވެ އެވެ.
ވަކި ވަޤުތަކަށް ޚާއްޞަވެގެން ނުވާ ޢަމަލެއް، ﷲ އެފަދައިން ކަނޑައަޅުއްވާފައި ނުވާ ޢަމަލެއް، އިސްލާމް ދީނުގައި ކަނޑައެޅުމަކީ ނުރައްކާ ބޮޑުވެގެންވާ ކަމެކެވެ. ދީން ވަނީ ފުރިހަމަ ކުރައްވާފަ އެވެ. ދީނުގައި ހެޔޮ ކަމެއް ކަމުގައިވާނަމަ ބަޔާން ނުކޮށް ދޫކޮށްލައްވާފައި ނުވެ އެވެ.
ވުމާއެކު، ދީނުގައި ޚާއްޞަ ކޮށްފައި ނުވާ ޢަމަލެއް ޚާއްޞަ ކުރުމަކީ ދީނުގެ ތެރެއަށް އަލަށް އެއްޗެއް ވެއްދުމެވެ. ގެނެސްގަތުމެވެ. މިއީ އެންމެ ބޮޑުވެގެންވާ ޙަރާމް ޢަމަލެކެވެ.
މިފަދަ ޢަމަލު ތަކަކީ ބިދުޢަ އެވެ.
ނަފްސަށަށް ސުވާލު ކޮށްލުން ހުއްޓެވެ. ފަތިސް ނަމާދު ފަހުން ކިޔުމަށް ވާރިދުވެގެންވާ ޛިކުރު ތަކާއި އަދި ވިދުރުތައް، ސޫރަތްތަކާއި އާޔަތްތައް ނަބިއްޔާ صلى الله عليه وسلم އުނގަންނައި ނުދެއްވާ ހެއްޔެވެ؟
ޖަވާބަކީ އުނގަންނަވައި ދެއްވާފައިވެ އެވެ.
ވުމުން، އުނގަންނަވައި ދެއްވާފައި ނުވާއެއްޗެއް އެވަޤުތަށް ޚާއްޞަކޮށް ކިޔުން ވަންނާނީ ދީނުގެ ތެރެއަށް އަލަށް ގެނެވޭ ކަމަކަށެވެ.
ފަތިސް ނަމާދަށްފަހު ވަކި ޚާއްޞަ ސޫރަތެއް ކިޔަވައިގެން ދިރިއުޅުމަށް ހެޔޮ، ރަނގަޅު އަޘަރެއް ކުރާނަމަ، އެކަންވެސް މާތް ނަބިއްޔާ އުއްމަތަށް ބަޔާން ނުކުރައްވާ ދޫކޮށް ނުލައްވާނެ އެވެ.
ނަބިއްޔާ ﷺ ދެނެވަޑައި ނުގަންންވާ އެއްޗެއް އެއަށްފަހު އުއްމަތުގެ އެހެން މީހަކަށް އެނގުމަކީ މުސްތަޙީލު ކަމެކެވެ. ވާނެ ކަމެއް ނޫނެވެ.
الإِمَام ابن عَبد الهَادِي -رحمه الله- ވިދާޅުވެފައިވެ އެވެ. ” އުއްމަތުގެ ސަލަފުއް ޞާލިޙުން ދެނެވަޑައިނުގަންނަވާ އަދި އުއްމަތަށް އެބޭކަލުން ބަޔާންކޮށްދެއްވާފައި ނުވާ، އާޔަތެއްގެ ނުވަތަ ޙަދީޘެއްގެ މާނަ ނެރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. (ފަހެ، އެބޭކަލުން ވިދާޅުވެފައިވާ ބަސްފުޅު ނޫން މާނައެއް ނެރެފި ކަމުގައިވާނަމަ) އެހިނދު ބަޔާންވެގެންދަނީ، އެ ހައްޤުމަތިން އުއްމަތުގެ ސަލަފުއް ޞާލިޙުން ޖާހިލުވެ، މަގުފުރެދިގެންދިޔަ ކަމެވެ. އަދި އެބޭކަލުންނާ ދެކޮޅުހަދާ ފުރަގަސްދީފައިވާ މި މީހާއަށް ވަނީ އެކަމުގައި ހިދާޔަތް ލިބިގެންކަމެވެ.“
الرد على السبكي 1/318
ސުވާލު ކޮށްލުން ހުއްޓެވެ.
އެ އެންމެހައި ބޭކަލުން މި ހެޔޮ ކަމުގެ މައްޗަށް ޖާހިލުވެ އޭގެ އެތަކެއް ޒަމާނަށްފަހު އަންނަ މީހަކަށް މިއީ ހެޔޮކަމެއް ކަމާއި ޙަޔާތަށް ހެޔޮ ބަދަލު އަންނާނެ ކަމެއް ކަމުގައި އިނގޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟
އެއްވެސް އަޅުކަމެއް އެ އަޅުކަން ކުރުމަށް ވާރިދުވެގެންވާ ގޮތުގައި މެނުވީ ކޮށްގެން ނުވާނެ އެވެ. އަދި އަޅުކަމުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމަކީ ދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ޢަމަލެވެ.
عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) ”އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ.“
މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވި އެވެ.
މިއީ އިސްލާމް ދީނަށް އަލަށް ވައްދާފައިވާ ބިދުޢާވެރި ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެއް ކަމުގައި ދަންނަ ހުއްޓެވެ. މި ފަދައިން ނަބިއްޔާ ﷺ ޛިކުރު ކުރެއްވި ކަމަށް އަދި މަތިވެރި ޞަހާބީން ޛިކުރު ކުރެއްވިކަން ބަޔާންވެގެންވާ އެއްވެސް ރިވާޔަތެއް ނުވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )
”ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“
رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.
ޝައްކެތްވެސް ނެތް މިންވަރަށް އެނގިގެންދަނީ މިއީ ތިމާގެ އަމިއްލަ ބުއްދިއާއި ވިސްނުމަށް ބަރޯސާވެ، ދީނަށް އެކަމެއް ވެއްދުމެވެ.
الإمام الشاطبي -رحمه الله- ވިދާޅުވެފައިވެ އެވެ . ” އޭނާގެ ވިސްނުން (ބުއްދި) ޝަރީޢަތަށް ތަބަޢަވުމުގައި ނުވާނަމަ، އޭނާގެ ވިސްނުން (ބުއްދި) ހަވާނަފްސަށާއި ޝަހުވާނީ އެދުމަށް ދިއުން ނޫން ގޮތެއް ނެތެވެ.“الإعتصام 35
ފަތިސް ނަމާދު ކުރުމަށްފަހު ޔާސީން ސޫރަތް ކިޔެވުމަކީ ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅެއް ނޫނެވެ. އަދި މާތް މަތިވެރި ހެޔޮލަފާ އުއްމަތަށް ފާޅުވި އެންމެ ނަމޫނާވެރި ހަތަރު ޚަލީފާވެރި ބޭކަލުންގެވެސް ޢަމަލު ފުޅެއް ނޫނެވެ.
އެއަށްފަހު އެއީ، ޙަޔާތަށް ހެޔޮ ބަދަލު އަންނާނެ ކަމެއް ގޮތުގައި ބުނާނީ ކިހިނަކުން ހެއްޔެވެ؟
الإمام ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ. ”ފަހެ، މީސްތަކުން رَسُوْلُ اللهِ ﷺ އަށް ޙައްޤުގޮތުގައި ކިޔަމަންވާނަމަ، މި ބިންމަތީގައި އެއްގޮތަކަށް ވެސް ނުބައިކަމެއް ނުއޮންނާނެ އެވެ. މިކަން ބިންމަތީގައި ޢާންމުކޮށް މެދުވެރިވާ ނުބައި ކަންތަކުންނާއި، މުޞީބާތްތަކުން އެނގިގެން ދެއެވެ. އަދި ހަމަ އެފަދައިން އަޅާއަށް އޭނާގެ އަމިއްލަ ނަފްސަށް މެދުވެރިވާ އެންމެހައި ނުބައި ކަންތަކާއި، ވޭނާއި، ހިތްނުތަނަވަސްކަން މެދުވެރިވާ ސަބަބަކީ ވެސް ހަމަކަށަވަރުން رَسُوْلُ اللهِ ﷺ އަށް ކިޔަމަން ނުވުމެވެ. އަދި އެ ނަބިއްޔާ ﷺ އަށް ކިޔަމަންވުމަކީ ކިއްލާއެއްގެ ތެރެއަށް ވަނުމުގެ ސަބަބުން އޭނާއަށް އަމާންކަން ލިއްބައިދޭ ސަބަބެއް ކަމުގައި ވެދެއެވެ. އަދި އެއީ އެ ހޮހަޅައެއްގެ ތެރެއަށް ވަނުމުން އެމީހަކަށް ކާމިޔާބު ލިބިދެނިވި އެއްޗެއްކަމުގައިވެ އެވެ. އެހެން ވުމުން އެނގިގެންދަނީ ދުނިޔޭގެ އެންމެހައި ނުބައި ކަންތަކާއި، އާޚިރަތުގެ އެންމެހައި ނުބައިކަންތައް މެދުވެރިވާ ސަބަބެއް ކަމުގައި ވަނީ ނަބިއްޔާ ﷺ ގެނެސްދެއްވި ކަންތަކުގެ މަތިން އިންސާނުން ޖާހިލު ކަމުގައި ވުމެވެ. އަދި އެކިޔަމަންގަތުމުން ބޭރުވުމެވެ. މިއީ ހަމަ ޔަޤީނުންވެސް النَّبِيُّ ﷺ ގެނެސްދެއްވި އެންމެހައި ކަންތަކުގެ ޢިލްމު ހޯދައި އަދި އެއަށް ޢަމަލު ކުރުމުގައި ފުރިހަމައަށް ޤާއިމްވެ ހުރުމުން މެނުވީ އެއްވެސް އަޅަކަށް ކާމިޔާބީއެއް، ސަލާމަތްތެރިކަމެއް ލިބިގެން ނުދާނެކަން އެއްވެސް ޝައްކަކާއި ވަހުމަކާ ނުލައި ބަޔާންވެ އެނގިގެންދާ ބުރުހާނެކެވެ.“ الرِّسَالةِ التَّبُوكيَّة (ص 75- 86)
الإِمَام العلامة ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ.
”އެންމެހައި ހެޔޮކަމަކާއި، ބަރަކާތެއް އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ ސުންނަތަށް ތަބަޢަވުމުގަ އެވެ.“الفتاوى ١٧٧/١١
ވުމާއެކު، ބިދުޢަވެރި ޢަމަލެއް ކޮށްގެން ޙަޔާތަށް އަންނާނެ ހެޔޮ ބަދަލެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި ޙަޔާތަށް އަންނާނީ ބަނަ ކަމާއި ތަދުމަޑުކަމެވެ. ޙަޔާތްތުގައި އުފުލާ ފާފަތައް ގިނަ ވާނެ އެވެ. ޙަޔާތުގައި އޮންނާނީ ސުންނަތުގެ ފޮނި މީރު ރަހައިން މަހްރޫމުވެ ބިދުޢައިގެ ތެރެއަށް ޣަރަޤުވެ ދިއުމެވެ. ﷲ ގެ ރަސޫލާގެ ލޯބި ޙާޞިލް ނުވެ އެކަލާނގެ ރަޙްމަތުން ދުރުވެގެން ދިއުމެވެ.
ހިތާމައަކީ، މިފަދަ ތަކެތި ލިޔެހަދާ މީހުންގެ ލިޔުންތައް މީސްތަކުންގެ ތެރޭގައި ދައުރުވާކަމެވެ. ގިނަ ބަޔަކު މިފަދަ ޚުރާފީ ބިދުޢަވެރި ޢަމަލުތަކުގެ އަވައިގައި ޖެހިގެން ދާ ކަމެވެ. والله المستعان!
އެއަށްފަހު ވާޤިޢާތް ސޫރަތް ކިޔެވުމާއި މެދުގައި ބުނަމެވެ.
ވަރަށްވެސް ގިނަ މީސްތަކުންގެ ތެރޭގައި މަޝްހޫރުވެފައިވާ ޢަމަލެއް ކަމުގައިވާ، ވާޤިޔާތް ސޫރަތް ކޮންމެ ރެއަކު ކިޔެވުމާއި މެދުގައި ވާރިދުވެފައިވާ ޙަދީޘްއާ މެދުގަ އެވެ.
ނަބިއްޔާ ﷺ އަށް ނިސްބަތް ކުރެވިފައިވާ ޙަދީޘެއްގައިވެ އެވެ.
(مَنْ قرأَ سورةَ الوَاقِعَةِ في كلِّ ليلةٍ لمْ تُصِبْهُ فَاقَةٌ أبدًا)
”ކޮންމެ ރެއެއްގައި الوَاقِعَة ސޫރަތް ކިޔަވާ މީހާއަށް ދުވަހަކުވެސް ފަޤީރުކަމާ ބައްދަލެއް ނުކުރާނެ އެވެ.“
إمام أحمد ވިދާޅުވެފައިވެ އެވެ. هذا حديث منكر -މި ހަދީޘްއަކީ މުންކަރު ޙަދީޘެކެވެ.- (المنتخب من علل الخلال ص١١٦)
الألباني ވިދާޅުވެފައިވެ އެވެ. موضوع -މި ޙަދީޘްއަކީ ނަބިއްޔާ ﷺގެ މައްޗަށް ހަދައިފައިވާ ދޮގު ހަދީޘެކެވެ.- (السلسلة الضعيفة 290)
ابن حجر ވިދާޅުވެފައިވެ އެވެ. إسناده ضعيف جداً -މި ޙަދީޘްގެ ސަނަދު ނުހަނު ބަލިކަށިވެގެންވެ އެވެ.- (نتائج الأفكار 3/264 )
ވުމާއެކު، ވާޤިޔާތް ސޫރަތް ރޭގަނޑު ކިޔުމަށް ޚާއްޞަވެގެންވާކަން ބަޔާންވެގެންނުވެ އެވެ.
އިތުރު ފައިދާއެއްގެ ގޮތުގައި ބަޔާން ކުރަމެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. މަޣްރިބް އަދި ޢިޝާ ނަމާދުގެ ދެމެދުގެ ވަޤުތަކީ އެއީ ދުވާލުގެ ބުރަ، ބިޒީ ކަމާއި ވަރުބަލި ކަމުގައި އުޅުމާއި އެކު، ވަރަށްވެސް ގިނަ މިހުން ހެޔޮ ޞާލިޙް ޢަމަލު ކުޅައުމަށް ޣާފިލްވެގެންވާ ވަޤުތެއް ކަމުގައިވެ އެވެ. އަޅުކަން ކުރުމަށާއި އަދި ﷲ އަށް ކުއްތަން ވުމުގައި ދެމިތިބުމަށް ވަރަށްވެސް ގިނަ ބަޔަކުވަނި ދުރުވެފަ އެވެ. ވުމާއެކު މީސްތަކުން އެ ވަޤުތެއްގެ މަތިން ޣާފިލު ވުމުގައިވާ ވަޤުތެއްގައި ޞާލިހް އަޅުކަންތައް ކުރުމަކީ އޭގެ އަޖުރު ބޮޑުވެގެންވާ އަދި ﷲ ލޯބިވޮޑިގަންނަވާ ޢަމަލެއް ކަމުގައިވެ އެވެ. އެހެންވުމުން މި ވަޤުތުގައި ޤުރުއާން ކިޔެވުމަކި ނުހަނު ހެޔޮވެގެންވާ ޢާދައެއް ކަމުގައި މެނުވީ ނުވެ އެވެ.
މި ޢާދަ އަހަރެމެން ދިރުވުމަކީ ނުހަނު ހެޔޮ ވެގެންވާ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ. ޣޭގައި ކުދިން މި ގަޑީގައި ޤުރުއާން ކިޔެވުމަށް ބޭތިއްބުން، އަމިއްލައަށްވެސް މި ވަޤުތަކީ އަޅުކަމަށް ޚާއްޞަ ވަޤުތެއްކަމުގައި ހެދުން ވަރަށް ބޮޑަށް އެދެވިގެންވޭ އެވެ. މި ގޮތުގައި މި ވަޤުތު އިހްޔާ ކުރުން ނުހަނު ހެޔޮ ވެގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.