ކަރަންޓު ރެކެޓް ބޭނުން ކޮށްގެން މަދިރި މެރުމަކީ އެ އެއްޗެހި އަލިފާނުން މެރުމާއި އެއްފަދަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކަރަންޓު ރެކެޓް ބޭނުންކޮށްގެން ގެއްލުންދޭ ސޫފިތައް މެރުން ހުއްދަވެގެންވޭތޯ، މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ދަލީލުތަކުން ބަޔާންވަނީ، ކަރަންޓު ރެކެޓް ބޭނުންކޮށް މިފަދަ ސޫފިތައް މަރާލުމުގައި މައްސަލައެއްނެތްކަމެވެ.
ހުއްދަވެގެންވާ ސަބަބުތަކުގެ ތެރޭގައި :
1. ޝަރީޢަތުގައި އެފަދަ ސޫފިތައް މެރުމަށްޓަކައި މަނާވެގެންވަނީ އަލިފާން ބޭނުން ކުރުމެވެ. ޞަޙީޙު البُخَارِي ގައި 2904 ގައި أَبوهُريرة – رضي الله عنه – ގެ އަރިހުން ރިވާކުރެވިގެންވާ ޙަދީޘްގައިވެއެވެ. (… وإن النارَ لا يعذبُ بها إلا اللهُ…) ” ހަމަކަށަވަރުން އަލިފާނުން (ޢަޛާބު) އުޤޫބާތް ﷲ ނޫން އެހެން ފަރާތެއް ނުދެއްވާނެއެވެ.”
އެހެން ޙަދީޘެއްގައިވެއެވެ. އިމާމް أبو داود – رحمه الله – ރިވާކޮށްފައިވެއެވެ. ނަބިއްޔާ – صلى الله عليه وسلم – އަށް ބައެއް އަޞްޙާބު ބޭކަލުން ހިނިތަކެއް އަލިފާން ބޭނުންކޮށް އަންދާލާފައިވާތަން ފެނިވަޑައިގެންނެވުމުން ޙަދީޘްފުޅު ކުރެއްވިއެވެ. ( إِنَّهُ لَا يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلَّا رَبُّ النَّارِ ) ” ހަމަކަށަވަރުން އަލިފާނުގެ ރައްބު ނޫން ފަރާތެއް، އަލިފާނުން ޢުޤޫބާތް ދިނުން ނުވެއެވެ”.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عَبد العَزِيز بن عبد الله بن بَاز – رحمه الله – ވިދާޅުވެފައިވެއެވެ. “މި ސޫފާ ސޫފިތަކަކީ އެއިން އިންސާނުންނަށް ގެއްލުންލިބޭ ހިނދުގައި މަރާލުން ހުއްދަވެގެންވާ އެއްޗެކެވެ. އެހެނަސް އަލިފާނުން އަންދައިގެން ނުވާނެއެވެ” (الفتاوى 5-301).
ކަރަންޓު ރެކެޓަކީ އަލިފާނުން އެތަކެތި މެރުމަށް ބޭނުން ކުރެވޭ އެއްޗެއް ކަމުގައި ނުވެއެވެ. އެއީ އަލިފާނުން އަންދާލުމޭ ނުބުނެވޭނެއެވެ. އެހެނަސް އެއީ ކަރަންޓުން އެއަށް އަޘަރު ކުރާ މިންވަރަކަށް ކުއްލި ޝޮކެއްދެވިގެން އޭގައިވާ ލޭ ނުވަތަ ދިރުން ހުއްޓުވާލާ އާލަތެކެވެ. ވީމާ، އެއީ ކަރަންޓުން ޝޮކެއް ދިނުމެކެވެ. އަލިފާނުން އެންދުމޭ ބުނެވޭނެ ޖާގައެއްނެތެވެ.
2. މި ޒަމާނުގެ އެންމެ ބޮޑެތި ސުންނަތުގެ އަހުލުވެރިންނާއި، އެފަދަ ކޮމެޓީތަކުން މި މައްސަލައިގައި ފަތުވާ ނެރުއްވާފައިވުމެވެ. ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާއެއްގައިވެއެވެ.
ސުވާލު : ކަރަންޓު ޝޮކު ދީގެން މިފަދަ ސޫފިތައް މެރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ ސަބަބަކީ، އެނގި ބަޔާންވާ ގޮތުގައި މާތް ނަބިއްޔާ – صلى الله عليه وسلم – އަމުރުފުޅު ކުރައްވާފައިވަނި އެތަކެތި މަރާލުމުގައި އެތަކެއްޗަށް ހެޔޮކޮށް ހިތުމަށެވެ.
ޖަވާބު : ޙަޤީޤަތުގައިވެސް އެތަކެއްޗަކީ ގޯނާކުރާ ތަކެއްޗެއް ކަމުގައިވެ، އެތަކެތި، ކަރަންޓުން ޝޮކު ދީގެން ނުވަތަ އެފަދަ ގޮތަކަށް މަރާލައިގެން މެނުވީ އެތަކެތިން ސަލާމަތްވެވޭނެ ގޮތެއްނެތިއްޖެހިނދު، އެތަކެތި މެރުން ހުއްދަވެގެންވެއެވެ. އެފަދައިން (ޟަރޫރީވެގެން) މަރާލެވޭ ތަކެއްޗަށް މެރުމުގައި އިޙްސާންތެރިވުމަށް އަމުރުވެގެންވުމާއި އެކުގައެވެ. ނަބިއްޔާ – صلى الله عليه وسلم – ހަދީޘް ކުރައްވާފައިވެއެވެ. (خَمْسٌ مِنْ الدَّوَابِّ كُلُّهَا فَوَاسِقُ تُقْتَلُ فِي الحل و الْحَرَمِ الْغُرَابُ وَالْحِدَأَةُ وَالْكَلْبُ الْعَقُورُ وَالْعَقْرَبُ وَالْفَأْرَةُ ) “ހިނގާބިނގާ އުޅޭ ފަސް ސުއިއްޕެއްވެއެވެ. އެ ހުރިހައި ސުއިއްޕަކީ ފާސިޤުތަކެއްޗެވެ. ޙަރަމުގައި (ޙުރުމަތްތެރި ކުރައްވާފައިވާ ބިންތަކުގައި (މައްކާ، މަދީނާ) އަދި ޙަރަމުން ބޭރުގައި ޤަތުލުކުރުން ހުއްދަވެގެންވެއެވެ. ކާޅު، ބާޒު، ޢަޤޫރު ކުއްތާ (މީސްތަކުންނަށް ގޯނާކޮށް، ހަމަލާދޭ، ދަތްއަޅާ ކުއްތާ)، ނަގުލަންދާށި އަދި މީދަލެވެ”. އަދި ފެން ކައްވާރުގެ ތެރެއަށް މެހި ގަންބާލުމަށްވެސް ނަބިއްޔާ – صلى الله عليه وسلم – އަމުރުފުޅު ކުރައްވާފައިވެއެވެ. ފަހަރެއްގައި އެއީ އޭތި ޤަތުލުވެގެންދިއުމުގެ ސަބަބެއް ކަމުގައިވެސް ވެދާނެއެވެ”. فتاوى اللجنة الدائمة- 26-192
މިޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ ابن عثيمين – رحمه الله – ގެ އަރިހުގައި މިފަދައިން ސޫފާސޫފި މެރުމާއި މެދުގައި ސުވާލު ކުރުމުން ވިދާޅުވެފައިވެއެވެ. “އެކިއެކި ވަޖުހުތަކުން އެކަމުގައި މައްސަލައެއްނެތެވެ. ފުރަތަމަ ވަޖްހަކީ : އެއަށްދެވޭ ކަރަންޓް ޝޮކަކީ އެންދުމެއް ނޫނެވެ. އެހެނަސް އެއީ އޭގެ ދިރުން ހުއްޓުވާ، ނައްތާލާ ކަމެކެވެ. އެކަމުގެ ދަލީލަކީ، އެ އާލަތުގެ މަތީގައި ކަރުދާސްގަނޑެއް ބޭއްވުމަކުން އެ ކަރުދާސްގަނޑުގައި އަލިފާން ރޯވެ ނުދެއެވެ. (ކަރުދާސްގަނޑު އަނދައިގެން ނުދާނެއެވެ.)
ދެވަނަ ވަޖްހަކީ: މިފަދަ ކަރަންޓުގެ އާލަތްތައް ބޭނުން ކުރުމުގެ ޤަޞްދަކީ، އެމީހަކު އެ ބޭނުން ކުރަނީ މަދިރި އަދި ސޫފިތައް އަލިފާނުން އެންދުމަކަށް ނޫނެވެ. އެހެނަސް ޤަޞްދަކީ އޭގެ އުނދަގުލުން ދިފާޢުވުމެވެ. ޙަދީޘްގައިވަނީ (نهى أن يعذب بالنار) “އަލިފާލުން އެންދުން (އަނިޔާ ދިނުން) ނަހީ ކުރެވިގެންވެއެވެ.” މި ބޭނުން ކުރާ މީހާ އޭގެ އުނދަގުލުން ސަލަމާތްވުމަށް މެނުވީ އެއަށް އުޤޫބާތް ނުދެއެވެ”. لقاءات الباب المفتوح لقاء رقم 59
އަދިވެސް ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާފައިވެއެވެ. މިފަދައިން ކަރަންޓު ޝޮކް ދީގެން މަރާލެވޭ އެތި ބިންމައްޗަށް ވެއްޓިއްޖެހިނދު އެއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ގޮތުގައި ފެނެއެވެ. ފަހެ، އެއީ އަލިފާނުން އަންދާލުން ކަމުގައިވާނަމަ އެފަދައިން ފެންނަން ނޯންނާނެއެވެ. ފަހެ، ޝޮކް ދިނުމުން އެ ސޫފި މަރުވަނީއެވެ. އެ މަރުވަނީ އަލިފާނުން ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.