ދީނީ ޢީދު ނޫން ޢީދުތައް ފާހަގަ ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އަޚާ އެވެ! ދެފަތުވާގެ ދެމެދުގައި އުޑާއި ބިމާ ދެމެދުގެ ބޮޑު ތަފާތެއްވެ އެވެ.

އިސްލާމް ދީނުގައި ޢީދުތައް ކިޔަނީ ކޮންމެ އަހަރަކު ނުވަތަ ވަކި ދުވަހަކަށް، އެ ދުވަހެއް ޤަޞްދެއްކޮށް އެ ދުވަހަށްޓަކައި އެކަން ފާހަގަ ކުރެވޭތީ އެވެ. އެގޮތުން ފިޠުރު ޢީދަށް ”ޢިދު“ ކިޔުނީ ޝައްވާލު މަހުގެ 1 ވަނަ ދުވަހަށް ޤަޞްދުކޮށް އެދުވަސް ފާހަގަ ކުރެވޭތީ އެވެ. ހަމަ އެފަދައިން އަޟްޙާ ޢީދުވެސް މެ އެވެ.

ވުމުން އޮކްޓޯބަރ ނުވަތަ ނޮވެމްބަރ މަހުގެ ދުވަހަކަށް ޤަޞްތުކޮށް އެ ދުވަސް ފާހަގަ ކުރެވޭ ގޮތުގައި، ޓީޗަރުންގެ ދުވަސް، ޤައުމީ ދުވަސް، މިނިވަންދުވަސް ނަމުގައި ފާހަގަ ކުރާނަމަ، އެވަންނާނީ ޢީދުގެ ޙުކުމަށެވެ. އުފަންދުވަސްތަކާއި، އެނިވާސަރީތައްވެސް މި ޙުކުމުގެ ތެރެއަށް ވަންނަނީ އެފަދައިންނެވެ.

ވުމުން މިއީ ކަނޑައެޅިގެން ފާހަގަ ކުރުން ހުއްދަވެގެން ނުވާނެ ދުވަހެކެވެ.

އެހެނަސް ދަރިފުޅު ޚަތިމް ފަށްޓަން އެއްވެސް މީހަކު ވަކި ދުވަހެއް ޤަޞްތުކޮށް އެ ދުވަހެއް ފާހަގަ ނުކުރާނެ އެވެ.

ފަހެ، ޝަރުޢީ ޢީދުތައް ފިޔަވައި އެއްވެސް ޢީދެއް ފާހަގަ ކުރުން ހުއްދަވެގެން ނުވާނެ ކަމުގައި ދަލީލުތައް ވާރިދުވެގެންވެ އެވެ.

ދެވަނައީ : ޓީޗާސްޑޭ ފަދަ ދުވަސްތަކަކީ، މުސްލިމުން އެއްވެސް ޙާލެއްގައި އެމީހުން ހެޔޮކަމެއް ކަމުގައި ދެކިގެން ކުރަން ފެށި ކަމެއް ނޫނެވެ. ފަހެ، ޝަރީޢަތް ފުރިހަމައަށް އެނގި މަޢުރިފާވެގެންވާ ފަރާތަކުން އެފަދައިން އެކަމެއް ނުވެސް ކުރާނެ އެވެ. ސަބަބަކީ ވަކި ދުވަހެއް ޤަޞްދުކޮށް އެ ދުވަސް ފާހަގަ ކުރުމެވެ. އެހެނަސް މި ކަމުގެ ޙަޤީޤަތަކީ ކާފަރުންގެ ފަރާތުން މުސްލިމުން ހޯދާފައިވާ އެއްޗެއް ކަމުގައި މެނުވީ ނުވެ އެވެ. މިއީ ދީނުގައި މަނާވެގެންވާ ކަމެކެވެ. މިކަންވަނީ ކާފަރުންގެ ޢާދަކާދަތަކުގެ ތެރެއިންވާ ކަމެއްކަމުގައި ތިބާއަށް އެނގިއްޖެނަމަ، ކާފަރުންނާއި، އެމީހުންގެ ޢާދަކާދަތަކާއި، ގޮތްތަކުގައި އެމީހުންނާ ވަތްތަރު ވުމަކީ ނުހަނު ނުރައްކާވެގެންވާ ބާބެކެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (من تشبه بقوم فهو منهم) ”ފަހެ ޤައުމެއްގެ ބަޔަކާ ވަތްތަރުވެއްޖެމީހާ ދަންނާށެވެ! ފަހެމ އެމީހަކު ވަނީ އެބައެއްގެ ތެރެއިންނެވެ.“

އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.

(لتتبعُنَّ سَنَنَ من كان قبلَكم، شبرًا بشبرٍ وذراعًا بذراعٍ، حتى لو دخلوا جُحْرَ ضبٍّ تبعتُمُوهم) قلنا :يا رسولَ اللهِ، اليهودُ والنصارى؟ قال: فمَنْ) البُخَاري 7320 ”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. (އެއީ) ކައިވަކަތަށްފަހު ކައިވަތަކަށެވެ. އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވުމުންގޮސް، އެބައިމީހުން ޟޮއްބެއް އޮންނަ ހޮރަކަށް ވަތްކަމުގައި ވީނަމަވެސް، ތިޔަބައިމީހުން (އެ މީހުންނަށް ތަބަޢަވުމަށް) އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. (ތިޔަ ވިދާޅުވަނީ، މުސްލިމުން) ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ (ވާހަކަތޯ އެވެ؟) ޙަދީޘް ކުރެއްވި އެވެ. ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“

އެހެނަސް ކީރިތި ޤުރުއާން ދަސްކުރުމާއި، އެކަމުގައި ކުރިއަރައި ދިއުމަށްޓަކައި ހިތްވަރުދީ އެކަމަށް ބާރު އެޅުވުމަށްޓަކައި ވަކި ދުވަހަކަށް އަދި ކިތޔެއްތަ އެއްވެސް ބަޔަކާއި އެއްވެސް ގޮތަކަށް އެއްވަތްތަރު ވުމެއްވެސް ނެތް ޢަމަލެއްގައި މަނާ ކުރެވޭނީ ކިހިނެތް ހެއްޔެވެ؟

އަޚާ އެވެ! ތިމާގެ ނަފްސަށް ހެޔޮއެދޭ، އަދި ﷲގެ ޙަޟުރަތުގައި ތިމާއަކީ ބާއްޖަވެރިއެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުމަށް އެދޭ ނަފްސު ދަންނަ އެވެ. މިފަދަ ޢަމަލުތަކުގެ މައްޗަށް އުއްމަތުގެ ޢިލްމުގެ އަހުލުވެރިން ދެއްވާފައިވާ ނަޞޭހަތްތައް، އިރުޝާދުތަކަކީ އެއީ ދީނާއި ސުންނަތުގެ އަހުލުވެރިންގެ ބަސްކަމުގައިވާންޖެހެ އެވެ.

ފަހެ، އަބާއްޖަވެރިކަން ޚިޔާރުކޮށްފައިވާ މީހާ ޙަލާލެއް ޙަރާމެއް ނުބަލާނެ އެވެ. އޭނާގެ ބުއްދިއަށް ވިސްނޭ އަދި އޭނާ ދެކޭ ގޮތަކީ އެއީ ދީންކަމުގައި ހަދައި ކިތަންމެ ބޮޑުވެގެންވާ ބާޠިލްއެއް ކަމުގައިވީނަމަވެސް އޭނާ އެކަން ކުރުމަށް އެދޭތީ އޭގައި ހިފަހައްޓަ އެވެ.

ޓީޗަރުންގެ ދުވަސް ނުވަތަ ޓީޗާސްޑޭ ފަދަ ދުވަސްތައް ފާހަގަކުރުން ހުއްދަވެގެންތޯ ނުވަތަ ނޫންތޯ ޢިލްމުވެރިންވަނީ ބަސްފުޅު ވިދާޅުވެފައި އެވެ. އެބޭކަލުންގެ ތެރޭގައި ކުރީގެ ސަޢުދީ ޢަރަބިއްޔާގެ މުފްތީ ހިމެނިވަޑައިގަންނަވަ އެވެ.

الإمام عَبد العَزِيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”މުދައްރިސުންގެ ޢީދަކީ އެއްވެސް އަސްލެއް ނުވާ އެއްޗެކެވެ. އެނގި ބަޔާންވެގެންވާ ޢީދުތައް މެނުވީ މުސްލިމުންނަށް ނުވެ އެވެ. ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ. އަދި އަޞްޙާ ޢީދުގެ ދުވަސްތައް ކަމުގައިވާ މިނާގެ ދުވަސްތަކާއި މުސްލިމުން އެއްތަންކުރުވާ ދުވަސްތައް ކަމުގައިވާ ޢަރަފާތް ދުވަހެވެ. އެހެނަސް، ކޮންމެ އަހަރަކު އަންނަ މުދައްރިސުންގެ ޢީދު ނުވަތަ އުފަންދުވަހުގެ ޢީދު، މި ހުރިހައި ދުވަސްތަކުގައި އަޞްލެއްނެތެވެ. އެނގިގެންވާ ޝަރުޢީ ޢީދުތައް މެނުވީ މުސްލިމުންނަށް ނުވެ އެވެ. …. އެނގިގެންވާ ޝަރުޢީ ޢީދުތައް ނޫން ދުވަސްތައް، (އެގޮތުން) އޭނާގެ ދަރިފުޅުގެ އުފަން ދުވަހުގެ ޢީދު، ނުވަތަ ކިޔަވައިދޭ ފިރިހެން އަދި އަންހެން މުދައްރިސުންގެ ޢީދު، މިފަދައިން ދުވަސްތައް ފާހަގަ ކުރުމަކީ އެއްވެސް އަޞްލެއްނުވާ ކަމެކެވެ. އަދި ކިޔެއްތަ! އެކަން ބެލެވޭނީ ބިދުޢަ އަކަށެވެ. އެފަދަ ދުވަސްތަކުގައި ދެވޭ ހަދިޔާ ބަލައިގެން ނުވާނެ އެވެ. އެފަދަ މީސްތަކުންނަށް އަޅުގަނޑުގެ ބަހަކީ، މި ދުވަސްތައް ފާހަގަ ކުރުން ރަނގަޅު ނޫން ކަމެވެ. މުދައްރިސުންނަށް -ޢީދެއްގެ ގޮތުގައި ދުވަހެއް ފާހަގަ ކުރުމަކީ- ކޮށްގެންވާނެ ކަމެއް ނޫނެވެ.“

(ފަތުވާ ނިމުނީ އެވެ.)

އެކިއެކި ދުވަސްތައް އެ ދުވަސްތަކަށް ޤަޞްުދުކޮށް، ވަކި ދުވަސްތަކެއް ގޮތުގައި ފާހަގަ ކުރުމާއި މެދުގައި ފަހުގެ ދުވަސްތަކުގައި ދުނިޔެމައްޗަށް ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإِمَام العَلاَّمَة ابن العُثَيْمِين رحمه الله އެ މައުޟޫގައިވާ ޙަދީޘް ޝަރަޙަ ކުރައްވާ ވިދާޅުވެފައިވެ އެވެ.

”މިއުއްމަތުގެ މީސްތަކުން الله تعالى ޝަރުޢުކުރަށްވާފައިވާ ޢީދުތައް ފިޔަވައި އިތުރު އެހެން ޢީދުތައް ތަޢާރަފްކުރުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ރުހިވަޑައިގެންނެވި ކަމެއް ނޫންކަން މިޙަދީޘްފުޅުން ހާމަވެގެން ދެއެވެ.“ الشرح الممتع

ވުމުން، ޙައްޤުގެ އަހުލުވެރިންނަށް، ސުންނަތުގެ އަހުލުވެރިންނަށް މިކަމުގައި ސާފުހެކިލިބި އެކަން ބަޔާންވެގެންވެ އެވެ. އަހަރެމެންނަށް އޮތީ މިފަދަ ދުވަސްތަކުން ދުރުވެ ވަކިވުމެވެ. މިދުވަސްތަކުގެ ޙަޤީޤަތް އޮޅުންފިލައިފި މީހާ، އޭނާގެ ސަލާމަތް އަދި ރައްކާތެރިކަން ހޯދުން ހުއްޓެވެ. މިއީ ދީނުގެ ތެރެއަށް އަދި ޝަރުޢީގޮތުން ވާރިދުވެފައިވާ، ﷲ ކަނޑައަޅުއްވާފައިވާ ޢީދުތަކުގެ ތެރެއަށް ވައްދާފައިވާ ޢީދެއް ކަމުގައި މެނުވީ ނުވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply