ވަރި ކުރުމުގެ ޙުކުމް އަދި ވަރި ކުރެވޭ ޙާލަތްތަކަކީ ކޮބާހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ވަރީގެ ޙުކުމްތައްވަނީ ތަކްލީފީ ޙުކުމްތަކުގެ ބާވަތްތަކުގަ އެވެ.

އެ ގޮތުން ވަރި 5 ބަޔަކަށް ބެހިގެންވެ އެވެ.

އެންމެ ފުރަތަމައީ ވަރިވުން ވާޖިބު ވުމެވެ.

އެފަދައިން ވާޖިބުވަނީ 2 ޙާލަތެއްގަ އެވެ.

ފުރަތަމަ ޙާލަތަކީ އީލާއުގެ ޙާލަތުގަ އެވެ.

އެއީ ފިރިމީހާ 4މަސް ދުވަހަށްވުރެ ދިގު މުއްދަތަށް އަނބިމީހާ އެކު ޖިމާޢު ނުވުމަށް ހުވާކުރުމެވެ.

އެހިނދު 4 މަސް ދުވަސް މުއްދަތަށް އިންތިޒާރު ކުރުމަށްފަހު ޖިމާޢު ވުމަށް އެނބުރި ރުޖޫޢަވުން ނުވަތަ ވަރިކުރަން ޤާޟީ ލާޒިމް ކުރުމެވެ.

އޭނާއާ ޖިމާޢު ނުވެ، އަނބުރައި ރުޖޫޢަވުމަށް ބޭނުން ނުވާނަމަ، ވަރިކުރުން އޭނާގެ މައްޗަށް ވާޖިބުވާނެ އެވެ.

ވަރިކުރުން ވާޖިބުވާ ދެވަނަ ޙާލަތަކީ :

ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަ ޙައްލުނުކުރެވި، ދެފަރާތުންވެސް ދެ ޙަކަމުން، ދެ ޢާއިލާގެ ދެފަރާތުންވެސް ޙަކަމުން ނުކުމެ ވާހަކަ ދައްކައިގެންވެސް ޙައްލެއް ނުލިބި އެންމެ ރަނގަޅު ގޮތަކީ އެ ދެމީހުން ވަކިވުންކަމުގައި އެ ޙަކަމުންނަށް ނުވަތަ ޤާޟީ ނިންމުމެވެ.

މިއީ ވަރިކުރުން ވާޖިބުވާ ޙާލަތްތަކެވެ.

ދެންއޮތީ، ވަރިކުރުން ޙަރާމްވާ ޙާލަތެވެ.

ވަރިކުރުން ޙަރާމްވާ 2 ވަނަ ޙާލަތެއްވެ އެވެ.

އެއީ، އަންހެންމީހާ، ޙައިޟުވެފައިވަނިކޮށް ނުވަތަ އެ ޠުހުރެއްގައި އަނބިމީހާއާ އެކު ޖިމާޢުވެފައިވާ ޠުހުރެއްގައި އަނބިމީހާ ވަރި ކުރުމެވެ.

އެހެން ޢިބާރާތަކުން ނަމަ، އެއީ ބިދުޢީ ވަރިއަކުން ވަރި ކުރުމެވެ.

ވަރިކުރުން ޙަރާމްވާ ދެވަނަ ޙާލަތަކީ ދެވަނަ ޙާލަތަކީ، އެއްފަހަރާ ތިންފަށް ވަރިން ވަރިކުރުމެވެ.

ވަރިކުރުން މުސްޠަޙައްބުވާ ޙާލަތެވެ.

އެއީ ﷲގެ ޙައްޤުތަކަށް އަނބިމީހާ ފަރުވާ ކުޑަ ކުރާނަމަ، ނަޞޭޙަތްދީގެންވެސް އިސްލާޙު ނުކުރާނަމަ އެވެ.

ދެން އޮތީ ވަރިކުރުން މަކްރޫޙަ ވުމެވެ.

އެއީ ދެމަފިރިންގެ ދިރިއުޅުން، ރަނގަޅު ޙާލަތެއްގައި ވަނިކޮށް، އަދި އަނބިމީހާއާ ފިރިމީހާއަށް ޙައްޤުތައް ބަރާބަރަށް އަދާކުރަމުން ދަނިކޮށް ޝަރުޢީ އެއްވެސް ސަބަބެއް ނެތި ވަރި ކުރުމެވެ.

ދެން ސުވާލުގައި ޛިކުރުވެގެންވާ ބަހުން ރުޖޫޢަ ކުރުމާ މެދުގައި ބުނަމެވެ.

ތިކަމުގައި ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ.

އެހެނަސް ޢިލްމުވެރިން ރުޖޫޢަ ކުރުމުގައި ޚިލާފްވެފައިވަނީ ޢިއްދައިގެ ވަޤުތުގައި އަނގަބަހުން ރުޖޫޢަ ކުރުމަކާ ނުލައި ހަމައެކަނި ޖިމާޢުވުމުން ރުޖޫޢަވުމާއި މެދުގަ އެވެ.

ބައެއް ޢިލްމުވެރިން ހަމައެކަނި ޖިމާޢު ވުމަކުން، ނުވާނެ ކަމުގައި ބުނާއިރު އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ރުޖޫޢަވާނީ ނިޔަތަކާއެކު ޖިމާޢުވުމުންނެވެ.

އެހެނަސް މައްސަލައިގެ ރާޖިހު ޤައުލަކީ، ނިޔަތްނެތިވެސް ޖިމާޢުވެއްޖެނަމަ ރުޖޫޢަވާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts