ފަތިސް ނަމާދު މެންދުރު ނަމާދަށްފަހު ގަޟާ ކުރުމުގެ ޙުކުމަކީ ކޮބާ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލުގެ ޖަވާބު 2 ނުކުތާއެއްގެ މައްޗަށް ބަޔާން ކުރަމެވެ.  

ފުރަތަމައީ :

ޢުޛުވެރި ފަރާތެއްގެ ގޮތުގައިވެ ނަމާދު ޤަޟާ ކުރާ މީހާ އެވެ. ދަންނަ އެވެ.  ތިމާގެ އަމިއްލަ އިޚްތިޔާރުގައި، ބުއްދި ސަލާމަތުންހުރެ އެއްވެސް ނަމާދެއް، އެންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުން ނެރުން އެންމެ ބޮޑުވެގެންވާ ޙަރާމް ޢަމަލެކެވެ. އެއްވެސް އިންސާނަކަށް ހުއްދައެއް ނުވާނެ އެވެ.  ދެންފަހެ، ނިދުން ފަދަ ޢުޛުރެއް ދިމާވެ، ނަމާދުގެ ވަޤުތުގައި ނުކުރެވިއްޖެ މީހާއަށް އޮތީ ނަމާދު ޤަޟާ ކުރުމެވެ.  އޭނާއަށް ހޭލެވުމާއި އެކުގައި ނަމާދަށް އަވަސްވެގަތުމެވެ. ނަމާދުގެ މައްޗަށް އެހެނިހެން ކަންތައްތައް ނުގެނެސް ﷲ ގެ ހައްޤު އަދާކުރުމަށް އަވަސްވެގަތުމެވެ. ދަންނަ އެވެ. ހޭލެވުމަށްފަހު ނަމާދު ކުރުމަށް އަވަސްވެގަތުން ހުއްޓެވެ. ދުނިޔެވީ ޢަމަލުތަކާއި، އޭނާގެ އެދުންތަކުގެ މައްޗަށް މަޝްޣޫލުވެ ނަމާދު ކުރުން ލަސްކޮށްގެން ނުވާނެ އެވެ.  

ޙަދީޘްގައި ވެ އެވެ. (مَن نَسِيَ صَلَاةً، أَوْ نَامَ عَنْهَا، فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا) صحيح مسلم 684 ”ނަމާދު ހަނދާންނެތުނު މީހާ ނުވަތަ ނަމާދުގެ (ވަޤުތުގައި) ނިދިފައޮތް މީހާ، އޭނާގެ މައްޗަށް އޮތް ކައްފާރާއަކީ ހަނދާންވުމާއެކު ނަމާދު ކުރުމެވެ.“  ފަހެ، އޭނާގެ ޙައްޤުގައި އޭނާއަށް އެވަޤުތުވަނީ އެވެ. އަދި ނަމާދަށް އަވަސްވެގަތުން ހުއްޓެވެ.  

ފަތިސް ނަމާދަށް ނުހޭލެވި އޭނާ ހެނދުނުވުމުން ހޭލެވުމާއިއެކު ނަމާދު ކުރުން ހުއްޓެވެ. މެންދުރު ފަހުން ކުރުމަށް ނަމާދު ލަސްކުރުން ހުއްދައެއް ނުވާނެ އެވެ. މަދީނާގައި މިހާރު ތިއްބެވި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمَة الشيخ عَبد المُحسن العبَّاد -حفظه الله- ވިދާޅުވެފައިވެ އެވެ. ”ނިދުމުގެ ސަބަބުން ނުވަތަ ހަނދާންނެތުމުގެ ސަބަބުން ނަމާދު އޭގެ ވަޤުތުން ނުކުމެއްޖެނަމަ އޮތީ ނަމާދު ޤަޟާކުރުމެވެ. އެހެން ފާފައެއްނެތެވެ. އެނޫން ގޮތެއްގައި ނަމާދު ލަސްކޮށްފިހިނދު ފާފަވެރިވާނެއެވެ. އަދި ނަމާދު ޤަޟާކުރަންޖެހޭނެއެވެ.“  އެހެންވުމުން އުޛުރެއް ދިމާވެ، ނަމާދުގެ ވަޤުތުން ނޫން ވަޤުތެއްގައި ނަމާދު ކުރަންޖެހިއްޖެހިނދު އޭނާގެ ނިޔަތް ކަމުގައިވާހުށީ ނަމާދު ޤަޟާއަށް ކުރުމެވެ.  

ދެވަނައީ :  

އެމީހަކަށް އެއްވެސް ޢުޛުރެއްނެތި ޤަޞްތުގައި ކަނޑައެޅިގެން އެނގިހުރެ ނަމާދު ވަޤުތުން ބޭރުކޮށްލާ މީހާ އެވެ. އެގޮތުން ފަތިސް ނަމާދު ވަޤުތުގައި ނުކުރެވުނީ އެވެ. އަދި ހޭލުމަށްފަހުގައިވެސް ނަމާދު ޤަޟާ ކުރުމަށް އަވަސްވެގަތުމުގެ ބަދަލުގައި ނަމާދު ނުކޮށް ލަސްކުރުމުގައިވީ އެވެ. އެ ގޮތުން މެންދުރު ނަމާދަށްފަހުގައި ކުރުމެވެ. މިފަދައިން ޢަމަލު ކުރާ މީހާގެ މައްޗަށް ބުނަމެވެ.  އަޚާ އެވެ! މިއީ ކޮންފަދަ ބޮޑުވެގެންވާ ފާފައެއްކަން ދަންނަހުއްޓެވެ!  

الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ.  ”عُمر بن الخَطَّاب -رضي الله عنه- ވިދާޅުވެފައިވެ އެވެ. ޢުޛުރެއް ނެތި ދެ ނަމާދު ޖަމްޢު ކުރުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ. ފަހެ، މިއީ ޢުޛުރެއްނެތި ދެ ނަމާދު ޖަމްޢު ކުރުމުގެ ޙުކުމް ކަމުގައި ވެއްޖެ ހިނދު، އެއްވެސް ޣުޛުރެއްނެތި ނަމާދު އެޅުން (ނަމާދު އޭގެ ވަޤުތުން ބޭރުކޮށްލުން) ކޮންފަދައަކުން ވާނެ ހެއްޔެވެ؟“ منهاج السنة 5-231 

މި ފާފައިގެ ބޮޑުކަމާއި ނުރައްކަލުގެ ބޮޑުކަން އެނގިގެންދަނީ ބައެއް ޢިލްމުވެރިން އެފަދަ މީހާ ކާފަރެއް ކަމުގައިވެ، ދީނުން ބޭރުވުން ދުރުކަމެއް ނޫން ކަމުގައި ވިދާޅުވެފައިވުމެވެ.  ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة صَالح الفَوزان حفظه الله ވިދާޅުވެފައިވެ އެވެ . ”ޤަސްތުގައި އެނގިހުރެ ނަމާދު އޭގެ ވަޤުތަށްވުރެ ލަސްކުރާ މީހާ ކާފަރުވުމަކީ ދުރުގައިވާކަމެއް ނޫނެވެ.“  شرح العقيدة الواسطيه ١٦ محرم١٤٣٨  

ނަމާދަކީ،އިސްލާމް ދީނުގެ ތަނބެވެ. އިސްލާމް ދީން އެމީހެއްގެ ނަފްސުގައި ޤާއިމްވެ ދެމި އޮންނަނީ ނަމާދުންނެވެ. ނަމާދު ދޫކޮށްފި މީހާއަކީ ކާފަރެއްކަން ދޭހަވާ އަދި އެފަދައިން ދަލީލު ކުރެވޭ ޙުއްޖަތްތައް ނުހަނު ގިނަ އެވެ.  ނަމާދުތައް ﷲ ވަނީ ކަނޑައަޅުއްވާ ވަޤުތުތަކެއްގައި ފަރުޟު ކުރައްވާފަ އެވެ. އެ ވަޤުތުން ނަމާދެއް ނެރެލުން ހުއްދަވާނީ ކާކަށް ހެއްޔެވެ؟  

ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވާ ޞައްޙަ ބުނުމަކީ މިފަދައިން ފަތިސް ނަމާދުގެ ވަޤުތުގައި ނުހޭލެވުނު މީހާ، އޭނާ ހޭލެވުމާއި އެކު ނަމާދު ކުރުމަށް އަވަސްވެނުގަނެ، އޭގެ ބަދަލުގައި ހިތަށް އެރި ވަޤުތެއްގައި ކުރުމަށް ކަނޑައެޅީ އެވެ. އެއީ އެންމެހައި ނުބައިވެގެންވާ ފާފަތަކަށްވުރެ ބޮޑު ނުބައިކަމެއްކަން އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާ ފާފަ އެކެވެ. 

 الإمام ابن القيم  ވިދާޅުވެފައިވެ އެވެ. ”ޤަސްތުގައި ފަރުޟު ނަމާދު އެޅުމަކީ އެންމެ ނުބައިކަން ބޮޑު ފާފައިގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަމާއި އަދި އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަމާއި މެދު މުސްލިމުން ޚިލާފެއްނުވެ އެވެ. އަދި ﷲ ގެ ޙަޟުރަތުގައި އެއީ، ނަފްސެއް ޤަތުލު ކޮށްލުމަށްވުރެ، މުދާ ފޭރުމަށްވުރެ، ވައްކަން ކުރުމާއި ޒިނޭ ކުރުމަށްވުރެ އަދި ބަނގުރާ ބުއިމަށްވުރެ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އަދި ހަމަކަށަވަރުން އެމީހަކުވަނީ ﷲ ގެ ޢުޤޫބާތަށް ހުށަހެޅިގެންނެވެ. އަދި އެމީހަކުވަނީ ދުނިޔެއާއި އާޚިރަތުގައި ﷲ ގެ ކޯފާއަށް ހުށަހެޅިގެންނެވެ. 

الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ނަމާދު އަޅާ މީހާއަކީ ވައްކަން ކުރާމީހާއަށްވުރެ، ޒިނޭ ކުރާމީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ.“ جامع المسائل 4-142 

ޝަރުޢީ ޢުޛުރެއްނެތި ނަމާދު އަޅައިފިމީހާގެ މައްޗަށް އޮތް ޙުކުމް ބަޔާންކޮށް ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ފަތުވާގައިވެ އެވެ.  

ސުވާލު : ނަމާދު ކުރުމަށް ކަނޑައެޅިފައިވާ ވަޤުތުތައް ފާއިތުވެދިއުމުން ނަމާދު ކުރާ އަންހެނެކެވެ. އަދި އެފަދައިން ނަމާދު ކުރުމަށް ބޮޑެތި އަންހެން ދަރިންނަށާއި ކުޑަ އަންހެން ދަރިންނަށް އޭނާ ހިތްވަރުދެ އެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ 

ޖަވާބު : ”އެމީހެއްގެ ޙާލަކީ ސުވާލުގައި ޛިކުރު ކުރެވިގެންވާ ފަދައިން ކަމުގައިވެއްޖެ ހިނދު، އެ އަންހެނާއަކީ މުރުތައްދުވެފައިވާ އަންހެނެކެވެ. އަދި އޭނާވަނީ އޭނާގެ އަންހެން ދަރިން ފަސާދަ ކުރުމުގަ އެވެ. ފަހެ، އޭނާއަށް އޮތީ ތަޥްބާވުމަށް ބަޔާންކޮށްދިނުމެވެ. ފަހެ، ތަޥްބާވެ ހެޔޮ ޙާލަތެއްގައި ޤާއިމްވެއްޖެހިނދު الحمد لله އެވެ. އަދި ސުވާލުގައި ޛިކުރު ކުރެވިފައިވާ ގޮތަށް އޭނާ ދެމިހުރެއްޖެހިނދު، އޭނާގެ ޙާލަތު ޙާކިމާއާ ހަމައަށް އުފުލުން ހުއްޓެވެ. އެއީ އޭނާއާ އޭނާގެ ފިރިމީހާ ދުރުކުރުވުމަށް (ކައިވެނި ރޫޅާ ލުމަށެވެ.) އަދި އޭނާގެ މައްޗަށް ޝަރުޢީގޮތުން ކަނޑައެޅިފައިވާ ޙައްދު ތަންފީޛު ކުރުމަށްޓަކަ އެވެ. އެއީ ޤަތުލެވެ. النَبِيُّ  އަރިއަހުން ابن عَبَّاس  ރިވާކޮށްފައިވާ ޙަދީޘްގެ މައްޗަށެވެ. (مَنْ بَدَّل دِينه فَاقتُلُوه) ”އެމީހެއްގެ ދީން ބަދަލުކޮށްފިމީހާ ޤަތުލުކުރުން ހުއްޓެވެ.“ މިއީ ނަމާދު އޭގެ ވަޤުތު ފާއިތުވެދިއުމަށް ދާންދެން ނަމާދު ލަސްކުރުމެވެ. މިޘާލަކަށް އަޞްރު ނަމާދު އެ ނަމާދުގެ ވަޤުތު ފާއިތުވެ މަޣްރިބް ވަޤުތު ވަނުމަށް ދާންދެން ލަސް ކުރުމެވެ. ނުވަތަ ފަތިސް ނަމާދު އިރު އެރުމަށް ދާންދެން ލަސް ކުރުމެވެ. ސަބަބަކީ ނަމާދަށް ކަނޑައެޅިފައިވާ ވަޤުތުން ޝަރުޢީ ޢުޛުރެއްނެތި ނަމާދު ލަސްކުރުމުގެ ޙުކުމަކީ ނަމާދު ނުކޮށް ދޫކޮށްލުމުގެ ޙުކުމެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“ ފަތުވާ ނަންބަރ : 2255 

ފަހެ، މިފަދަ މީހާ ނަމާދު ކުރި ކަމުގައިވީނަމަވެސް އެ ނަމާދު ﷲ ޤަބޫލުވޮޑިނުގަންނަވާނެ ކަމެވެ.  މި ޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العلامة صالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.  ”ޤަސްތުގައި އެނގިހުރެ ނަމާދު އޭގެ ވަޤުތުން ބޭރުކޮށްފި މީހާގެ ކިބައިން އެނަމާދު ޤަބޫލުވެވޮޑިއެއް ނުގަންނަވާނެ އެވެ.“ حماية الشباب 14-05-1437هـ  

 والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

 

Similar Posts