އިސްލާމް ދީނުގައި ފިރިހެނުން ޚިތާނުކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި އެކަމަށް ބަދުބަސް ބުނާ މީހާގެ މައްޗަށް އޮތް ޙުކުމަކީ ކޮބައިހެއްޔެވެ؟
بسم الله الرحمن الرحيم، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ޚިތާނު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ކަމެކެވެ. އަދި ޝަރުޢީ ދަލީލުތައް އެކަމަށް ވާރިދުވެގެންވާ ޢަމަލެކެވެ.
ދީނީ ގޮތުން އަދި ދުނިޔެވީ ޞިއްޙީ ގޮތުން ގިނަގުނަ ވެގެންވާ ފައިދާތަކެއް އެކުލެވިގެންވާ ރިވެތި ކަމެކެވެ.
އިމާމް البخاري 5891 އަދި مسلم 257 ރިވާކޮށްފައިވާ ހަދީޘްގައިވެ އެވެ. عن أبِي هريرة رضي الله عنه قال: سمعت رسول اللَّه ﷺ يقول: «الْفِطْرَةُ خَمْسٌ: الْخِتَانُ، وَالاسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ، وَنَتْفُ الإِبِطِ» ނަބިއްޔާ ﷺ ހަދީޘް ފުޅު ކުރައްވަނިކޮށް އަޑު އެއްސެވިކަމަށް أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެ އެވެ. ”ފިތުރަތުގެ ތެރެއިންވާ ފަސް ކަމެއް ވެއެވެ. ޚިތާނު ކުރުމާއި ކުރިމަތި ފަރާތުގެ (ވަށައިގެންވާ ) އިސްތަށިތައް ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލަފަތް ދަށުގެ އިސްތަށިތައް އުފުރުމެވެ.“
ބައެއް ޙަދީޘްތަކުގައި ޚިތާން ކުރުމަކީ އެންމެހައި ރަސޫލު ބޭކަލުންގެ ޢަމަލުފުޅު އަދި އެބޭކަލުން ޤާއިމްވަޑައިގެން ތިއްބެވި ޢަމަލެއް ކަމުގައި ބަޔާންވެގެންވެ އެވެ.
ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. (…أربع من سننِ المرسلين : الختانُ – ، والتعطرُ ، والسواكُ ، والنكاحُ) ”އެންމެހައި ރަސޫލު ބޭކަލުންގެ ޢަމަލުފުޅު (ސުންނަތް) ތަކުގެ ތެރެއިން ހިމެނިގެންވާ 4 ކަމެއްވެ އެވެ. … (އޭގެ ތެރޭގައި ޛިކުރު ކުރެއްވި އެވެ.) ޚިތާނު ކުރެއްވުމެވެ.“
ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން ޚިތާނު ކުރުމަކީ ފިޠުރަތުގެ ތެރެއިން ކަނޑައަޅުއްވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.
ޝަރީޢަތުގައި އެފަދައިން ކަނޑައެޅިފައި ވުމުން އެކަން ކުރުމަށް އަދި އެކަމުގެ މަޤްޞަދާއި އޭގެ ޙައްދަކީ ކޮބައިކަންވެސް ދީނުގައި ޝަރީޢަތުގައި ޛިކުރުވެގެންވާނެ އެވެ.
ފިރިހެނުންނަށް ޚިތާނު ކުރުމަކީ ވާޖިބެއް ކަމުގައި ވަރަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ. މި ބަސްފުޅަކީ الشَّافعيَّ މަޛްހަބާއި الحنابلة އިންގެ މަޛްބަހުގެ ޤައުލެވެ.
އިމާމް އަލް-ޙާފިޟް ވިދާޅުވެފައިވެ އެވެ. ”ދެންފަހެ ޚިތާނު ކުރުން : ފަހެ، އެއީ ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ޢަމަލެކެވެ….“ المغني 1/64
ދަންނައެވެ. މި ޢަމަލަކީ އިސްލާމީ ޝަޢާއިރުތަކުގެ ތެރެއިން ހިމެނިފައިވާ ފާޅުކަންބޮޑު ޝަޢާއިރެކެވެ. މުސްލިމުންގެ ސިފަ ގޮތުގައި ބަޔާންވެގެންވާ ފާޅުކަންބޮޑު ޢަލާމާތެކެވެ.
މި ޤައުލަކީ ގިނަ ޞަޙާބީ ބޭކަލުންގެ ޤައުލުވެސްމެ އެވެ. އަދި އުއްމަތުގެ ބޮޑެތި މުޙައްޤިނުންނާއި އިމާމުންގެ ތެރެއިން ابنُ تيميَّة މި ޤައުލު އިޚްތިޔާރު ކުރެއްވި އެވެ. ފަހުގެ ދުވަސްތަކުގައި އުއްމަތަށް ދުށް ޢިލްމުވެރިންގެ ތެރެއިން ابنُ عُثيمين، މިފަދައިން ދެކެވަޑައިގަންނަވަ އެވެ. އަދި މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ފަތުވާ ނެރުއްވާފައިވެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عبد العَزِيز بن باز -رحمه الله- ރިޔާސަތުގައި، ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރުއްވާފައިވާ ފަތުވާގައިވެ އެވެ.
”ފިރިހެނުންގެ ޙައްޤުގައި އެއީ ވާޖިބުވެގެންވާ ޢަމަލެކެވެ. ސަބަބަކީ، އެކަމަށް (ޚިތާނު ކުރުމަށް) ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުފުޅު ކުރައްވާފަ އެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިސްލާމްވި މީހަކަށް ހަދީޘް ކުރައްވާ ވިދާޅުވިކަމަށް ޞައްޙަވެގެންވެ އެވެ. (ألْقِ عنك شَعْرَ الكُفرِ، ثم اختَتِن) ”ކުފުރުގެ އިސްތަށިތައް ތިބާގެ ހަށިގަނޑާ ވަކިކުރުން ހުއްޓެވެ. (އެބަހީ : ބޮލުގެ އިސްތަށިތައް ބޭލުން ހުއްޓެވެ.) އެއަށްފަހު ޚިތާނު ކުރާށެވެ.“ فتاوى اللَّجنة الدَّائمة – المجموعة الثانية 4/42
ދަންނައެވެ. މި ޢަމަލަކީ ﷲ ތަޢާލާ މި އުއްމަތަށް އެކަނި ކަނޑައެޅުއްވި ޢަމަލެއް ނޫނެވެ. އަހަރެމެންގެ ކުރީގެ އުއްމަތްތަކަށްވެސް ކަނޑައެޅުއްވި ޢަމަލެކެވެ. އެކަމަށް ހެކިދޭ ދަލީލުތަކުގެ ތެރޭގައިވެ އެވެ. އިމާމް البخاري (3356) އަދި مسلم (2370) ރިވާކުރައްވާފައިވެ އެވެ.
ޞަޙާބީ أبو هريرة -رضي الله عنه- ގެ އަރިހުން ރިވާވެގެން ވެ އެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (اختَتَن إبراهيمُ النبيُّ عليه السَّلام وهو ابن ثمانين سَنَةً بالقَدُّومِ) ”ނަބިއްޔާ صلى الله عليه وسلم ޢުމުރުފުޅުން 80 އަހަރުފުޅުގައި ޤައްދޫމު -ތޫނު އެއްޗަކަށް ކިޔާ ނަމެއް- އިން ޚިތާނު ކުރެއްވި އެވެ.“
ދަންނައެވެ. ޚިތާނު ކުރުމުގެ މުހިންމުކަން ބަޔާންވެ އެނގިގެންދަނީ، ބައެއް ޞަޙާބީ ބޭކަލުން ޚިތާނު ނުކުރާ މީހާގެ ހެކިބަސް ޤަބޫލު ނުކުރެވޭނެ ކަމާއި އޭނާގެ ނަމާދު ޤަބޫލުވޮޑި ނުގެންނެވޭނެ ކަމާއި އަދި އޭނާ ކަތިލާ އެތީގެ މަސް ކެއުން ހުއްދައެއް ނުވާނެ ކަމުގައި ވިދާޅުވެފައިވެ އެވެ. މިފަދައިން ޞަޙާބީ ابنِ عبَّاسٍ ވިދާޅުވެފައިވެ އެވެ. ابن أبي شيبة – المصنف – 7/339
ފިރިހެނާ ޚިތާނު ނުކޮށް ހުރުމުން އޭނާގެ ޒަކަރު އެ ހަންކޮޅުން ނިވާވެފައިވެ އެވެ. މިއީ އޭގެ ސަބަބުން އެތަނުގައި ނަޖިސް ހަރުލައި ސާފު ނުވާނެ ސަބަބެކެވެ. އެއީ، އެ ހަންގަނޑުން ކުޑަކަމުދާ ގުނަވަން ފޮރުވިފައިވެ ނިވާކުރެވެ އެވެ. އަދި ނުކުންނަ ނަޖިސް އެތަނުގައި ހަރުލަ އެވެ. އަދި އެ ހަންކޮޅު ވަކި ނުކުރާހާ ހިނދެއްގައި އެމީހަކަށް އިސްތިޖްމާރު (ހިލަ ބޭނުންކޮށް ތާހިރުވުން) އޭނާއަށް އެފަދައިން ޠާހިރު ނުވެވޭނެ އެވެ. ވުމުން، އެއީ ހަށިގަނޑާ ވަކިކޮށް ނައްތާލަންޖެހޭ ހަންކޮޅެއްގެ ގޮތުގައިވެ އެވެ.
އެމީހާގެ ނަމާދު ޞައްހަ ނުވާނެ ކަމުގައި ބުނެފައިވާ ބަސްފުޅު ބިނާވެގެންވަނީ މި ސަބަބަށްޓަކަ އެވެ.
އެއަށްފަހު ބުނަމެވެ. ޚިތާނު ކުރުމުގެ ސިފައަކީ، އެއީ ޒަކަރުގެ ކޮޅު ނިވާ ކުރާ ހަންގަނޑު ވަކިކޮށް ބުރިކޮށްލުމެވެ. އަދި ޒަކަރުގެ ކޮޅު ފެންނާން ހުންނަ ގޮތަށް ހާމަކޮށް ފާޅުވާނެ ގޮތުގައި ހެދުމެވެ.
ޒަކަރުގެ ކޮޅު ނިވާ ކުރާ ހަންކޮޅު ބުރިކުރުމުން އެ މަޤްޞަދު ޙާޞިލްވީ އެވެ. މިއީ ޚިތާނު ކުރުމުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އެނގި ބަޔާންވެގެންވާ ކަމެކެވެ.
އަދި މި ޢަމަލު އުމުރުން ޅައިރުގައި ކުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ. ސަބަބަކީ، ޅައިރު މިފަދައިން ހަންކޮޅު ބުރިކުރުން އެއީ ފަސޭހަ ކަމެއްގެ ގޮތުގައި ވުމެވެ.
ވުމުން، މި މަޤްޞަދު ޙާޞިލްވެއްޖެހިނދު އެއީ ޚިތާނު ކުރެވުމެވެ.
ކުރީ ޒަމާނުގައި ކުރަފަތިން އެ ހަންކޮޅު ބުރިކޮށް އެތަނުގެ ފާރު ފަސޭހަވަންދެން ޙަރަކާތް ނުކޮށް އެ ކުއްޖާ ބާއްވަ އެވެ.
މި ޒަމާނުގައި ހޮސްޕިޓަލް ތަކުގައި އޮޕަރޭޝަނެއްގެ ސިފައިގައި މިކަން ކޮށް މަދު ގަޑި ތަކެއްގެ ތެރޭގައި ހެލިފެލި އުޅެވޭ ގޮތުގައި ވެ އެވެ.
އަދި ބޭސްފަރުވާ އާއި ތަމައްދުނާއި ތަރައްޤީޤެ ދާއިރާގެ ކުރިއަރައި ގޮސް، ހަންގަޑު ބުރިކޮށްލުމުގެ ބަދަލުގައި، އެތަނަށް އެކަމަށް ޚާއްޞަކޮށްފައިވާ ދަގަނޑު ބޮޅެއް ލައްވައި، ދެތިން ދުވަސްތެރޭގައި އެ ބުރިކުރަން ޖެހޭ ހަންކޮޅު ބުރުކޮށްލުމެއް ނެތި އެ މަޤްޞަދު ޙާޞިލްވެ، އެ ހަންކޮޅު ފައިބައިގެން ދެ އެވެ.
ލޭ ފޭބިކަމުގައި ވީނަމަވެސް އަދި ލޭ ނުފޭބި ކަމުގައިވީނަމަވެސް އެކަމުގައި މައްސަލައެއް ނެތެވެ.
ޝައްކެތްވެސްނެތެވެ. އިސްވެ ބަޔާންކުރެވުނު ސިފައިގައި، ޒަކަރުގެ ކޮޅު ނިވާކުރާ އެ ހަނކޮޅު ވަކިކޮށް، ޒަކަރުގެ ކޮޅު ހާމަވެ ފެންނަން އޮންނަ ގޮތުގައި އެކަން ކުރެވިއްޖެހިނދު، އެއީ ޚިތާނު ކުރެވުނީ އެވެ.
އެކި ޒަމާންތަކުގައި އެކަން އެކިއެކި ސިފައިގައި ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.
އެއަށްފަހު ބަޔާން ކުރަމެވެ.
ޚިތާނު ކުރުމުގެ ޝަރުޢީ ދަލީލުތައް ބަޔާންވެ، ދުނިޔެވީ ގޮތުން އެތައް ނަފާއެއް ޙާޞިލްވާކަން އެކަމުގެ ޢިލްމު ލިބިފައިވާ ފަރާތްތަކުން ބަޔާންވެގެންވާ ޙާލުގައި، މިއީ ފިރިހެނުންނަށް ގެއްލުން ދިނުން ކަމުގައި، މިއީ މީސްތަކުން ނުކުޅެދޭ މީހުންގެ ގޮތުގައި ހެދުމާއި، މިއީ އިލާހީ ޝަރުޢީ ޙުކުމެއް ނޫން ކަމުގައި ބުނާ މިހާއަކީ ދީނުން ބޭރުވެ މުރުތައްދު ވެފައިވާ ފަރާތެކެވެ.
އޭނާ އެވަނީ ދީނަށް ކުޑައިމީސް ބަސްތައް ރައްދުކޮށްފަ އެވެ. މިއީ އިންތިހާއަށް ނުރައްކާ ބޮޑުވެގެންވާ ޢަމަލެކެވެ.
ﷲ އަށާއި އެކަލާނގެ ބާވައިލެއްވި ޙުކުމެއް އިންކާރުކޮށް އެއީ މުޑުދާރުކަމާއި ނުކުޅެދޭ އަދި ނާތަހުޒީބީ ޢަމަލެއް ކަމާއި މީސްތަކުންނަށް އަނިޔާދިނުން ކަމުގައި ބުނުން އެއީ ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެގެންވާ ފަރާތެއްގެ ދުލުން ބޭރުވާނެ ބަސްތަކެއް ނޫނެވެ.
މުއުމިނު އަޅާ ދަންނަ އެވެ.
ﷲ ބާވައިލެއްވި އެންމެހައި ޙުކުމްތަކަކީ އިންސާފާއި ޢަދުލުވެރި ފުރިހަމަ އޭގެ ކޮޅުނެތްކޮޅަށް ހެޔޮކަން އެކުލެވިގެންވާ ޙުކުމްތަކެއްގެ ގޮތުގައި ހިތުގެ އަޑިން އީމާންވެ ޤަބޫލުކުރަންޖެހެ އެވެ.
ﷲ ވަޙީކުރެއްވިއެވެ. { وَتَمَّتْ كَلِمَةُ رَبِّكَ صِدْقًا وَعَدْلا لا مُبَدِّلَ لِكَلِمَاتِهِ وَهُوَ السَّمِيعُ الْعَلِيمُ} [الأنعام:115] ”އަދި ނަބިއްޔާގެ ވެރި އިލާހުގެ ކަލިމަފުޅު ތެދުވެރިކަމާއި ޢަދުލުވެރިކަމުގައި ފުރިހަމަވެއްޖެ އެވެ. އެކަލާނގެ ކަލިމަފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެ އެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ އަދި މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“
الإمام ابن كَثِير رحمه الله މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެ އެވެ. “ قَتَادَة ވިދާޅުވި އެވެ. އެކަލާނގެ ވަޙީކުރެއްވި އެންމެހައި ބަސްފުޅަކީ ތެދުކަމެވެ. އަދި ޙުކުމް ކުރެއްވި އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި ޙުކުމްތަކެއް ކަމުގައި ޤަބޫލު ކުރުމެވެ…. ފަހެ، އެކަލާނގެ ދެއްވި އެންމެހައި ޚަބަރުތަކަކީ ޙައްޤުކަމާއި އޭގައި އެއްވެސް ޝައްކެތް އޮޅުމެއް ނެތްކަމެވެ. އަދި އަމުރުފުޅު ކުރެއްވި އެންމެހައި އަމުރުފުޅުތަކަކީ ޢަދުލުވެރި ޙުކުމްތަކެއް ކަމާއި އަދި އެނޫން އެއްޗެއްގައި ޢަދުލުވެރިކަމެއް ނޯންނާނެ ކަމުގައި ދެކުމެވެ. އަދި އެކަލާނގެ ނަހީކުރެއްވި އެންމެހައި ތަކެއްޗަކީ ފަހެ، ބާޠިލް އެވެ. ފަހެ، ހަމަކަށަވަރުން އެކަލނާގެ ނަހީކުރައްވާ ކޮންމެ ކަމެއް ނަހީކުރައްވަނީ އޭގައި ފަސާދައެއް ވުމުންނެވެ.“
މަދީނާގެ ޢިލްމުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلامة الشَّيخ عَبد المحسن العَبَّاد حفظه الله ވިދާޅުވެފައިވެ އެވެ. “ މާނައަކީ :ﷲގެ ބަޔާންކުރައްވާ ވަޙީކުރައްވާފައިވާ އެންމެހައި ޚަބަރުތަކަކީ ތެދުވެރި ބަސްފުޅުތަކެއް ކަމާއި އަދި އަމުރުފުޅު ކުރެއްވި އެންމެހައި އަމުރުފުޅެއް އަދި ނަހީކުރައްވާފައިވާ އެންމެހައި ނަހީފުޅު ތަކަކީ ޢަދުލުވެރި ކަންތައްތަކެއް ކަމުގައިވުމެވެ.“
ސަޢުދީ ޢަރަބިއްޔާގެ މުފްތީ العَلاَّمَة الشّيخ صَالح الفَوزَان حفظه الله އަރިއަހުގައި ސުވާލު ކުރެވުނެވެ.
ސުވާލު : ﷲގެ ޝަރީޢަތް މި ޒަމާނަށް އެކަށީގެން ނުވާކަމުގައި ބުނާ މީހާގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ މިބަސްބުނި މީހަކީ ޖާހިލު މީހެއްގެ ގޮތުގައިވެއްޖެހިނދު އެފަދަ މީހާއަކީ ޢުޛުރު ލިބިގެންވާ މީހެއްގެ ގޮތުގައިވާނެ ހެއްޔެވެ؟ (ޔަޢުނީ : މި ބަސް ބުނާ މީހާއަށް ނޭނގިފައިވުމުން މި ޙުކުމުން ސަލާމަތްވާނެ ހެއްޔެވެ؟)
ޖަވާބު : ”ނޫނެކެވެ. އޭނާ ޖާހިލު ކަމުގެ ސަބަބުން ޢުޛުވެރިއެއްގެ ގޮތުގައި ނުވާނެ އެވެ. والعيَاذ بالله، އޭނާ ބުނަނީ ޝަރީޢަތް މި ޒަމާނަށް އެކަށީގެން ނުވާއެއްޗެއްް ކަމެވެ. والعيَاذ بالله، މިއީ ކުފުރުވުމެވެ. ދީން ޤަބޫލު ނުކުރުމެވެ. އާނއެކެވެ. (އިސްލާމީ ޝަރީޢަތަކީ) ޤިޔާމަތާއި ޖެހެންދެން އެންމެހައި ތަނަކަށް އަދި އެންމެހައި ޒަމާނަކަށް އެކަށީގެންވާ އެއްޗެކެވެ. އާނއެކެވެ.“ http://bit.do/eYv8Q
އަދިވެސް ވިދާޅުވެފައިވެ އެވެ. العَلاَّمَة الشّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. ”އިސްލާމް ދީނުން ބޭރުވާ ކަންތައްތަކުގެ ތެރެއަށް މިފަދައިން ބުނާމީހުންގެ ބަސްތައް ވަންނާނެ އެވެ. (އެއީ) ހަމަކަށަވަރުން ޝަރީޢަތް އޮތީ ވޭތުވެދިޔަ ޒަމާނަށެވެ. މިހާރު މި ޒަމާނަށް އެކަށީގެންވާ އެއްޗެއް ނޫނެވެ. (މިބަހުގެ މާނައަކީ) ޝަރީޢަތަކީ އުނި އެއްޗެއްް ކަމެވެ. އެއީ ޙަމްދުލިބިވޮޑިގެންވާ ޚިކުމަތްވަންތަ އިލާހުގެ ޙަޟުރަތުން ބާވައިލެއްވުނު އެއްްޗެއްް ނޫން ކަމެވެ. މިބަސްބުނާ މީހާ ކާފަރުވާނެ ކަމާއިމެދު އެއްވެސް ޝައްކެތްނެތެވެ. مُحمَّد ﷺ ގެ ޝަރީޢަތުން ބޭރުވެގަތުން ހުއްދަވެގެންވާކަމަށް ދަޢުވާކުރާ މީހުންގެ ބަސްތަކުގެ ތެރެއަށް މިބަސްތައް ވަދެ އެވެ. އެމީހުން ބުނެ އެވެ. ޝަރީޢަތް މިޒަމާނާ އެކަށީގެން ނުވެ އެވެ. އެއީ ވޭތުވެދިޔަ، ނިމިދިޔަ ޒަމާނަށްއޮތް އެއްޗެކެވެ. މިބަސްތައް (މި ޒަމާނުގައި) ބުނާ މީހުންގެ ގިނަކަމާ އެވެ.“ دروس في شرح نواقض الإسلام 182
”ﷲ ގެ ޙުކުމްތަކަކީ މި ޒަމާނާއި ނުގުޅޭ، މި ޒަމާނަށް އެކަށީގެންނުވާ ޙުކުމްތައް ކަމުގައި ސިފަކޮށްފި މީހާގެ ކުފުރުވެ، މުރުތައްދުވާމެދު ޝައްކެތްވެސް ނެތެވެ. ސަބަބަކީ އެމީހަކު އެވަނީ ﷲ ގެ ޝަރީޢަތުގެ މައްޗަށް ބަދުބަސްބުނެ، ޝަރީޢަތަކީ ޢަދުލު އިންސާފް ނެތް އެއްޗެއް ގޮތުގައި ސިފަކޮށްފަ އެވެ.“
އަދިވެސް العَلاَّمَة الشّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ޙައްދުތައް ޤާއިމް ކުރުމާއި، ޒިނޭ ކުރާ މީހާ ރަޖަމް ކުރުމާއި، ވައްކަން ކުރާ މީހާގެ އަތް ކެނޑުމާއި، މުރުތައްދުވާ މީހުން މެރުމަކީ، މިއީ ހަރުކަށި، މި ތަރައްޤީވެ ކުރިއަރައިގޮސްފައިވާ ޒަމާނާއި، މީސްތަކުންގެ ވިސްނުމާއި ބުއްދީގައި ތަރައްޤީވެފައިވާ ޒަމާނާއި އެކަށީގެންވާ އެއްޗެއް ނޫން ކަމުގައި ބުނާބަޔަކު ވެ އެވެ. މި ޙައްދުތައް ޤާއިމްކުރުމެއް ނުވެ އެވެ. މީހަކު މެރި މީހެއްގެ މައްޗަށް ޤިޞާޞް ހިފުމެއް ނުވެ އެވެ. ސަބަބަކީ އެއީ (ހަރުކަށި) އަނިޔާވެރި ޙުކުމެކެވެ. ބައެއް މުނާފިޤުންގެ ކިބައިން ފާޅުވާ މިފަދަ ބަސްތަކަކީ ފާޅުކަން ބޮޑުގޮތުގައި އިސްލާމް ދީނުން މުރުތައްދުވެ ދިއުމެވެ. ސަބަބަކީ މިއީ ﷲ ގެ ޙުކުމުގެ މައްޗަށް ދެކޮޅުހެދުމެވެ. އަދި ﷲ ގެ ޙުކުމަކީ އުނި އަދި އެކަށީގެންނުވާ (ޒަމާނާއި ނުގުޅޭ) ޙުކުމްތަކެއް ކަމުގަ އެވެ. މިއީ ސާފު ޞަރީޙަ ގޮތުގައި އިސްލާމް ދީނުން މުރުތައްދުވުމެވެ.“ دروس في شرح نواقض الإسلام 100
والله تعالى أعلم.
وصلى الله على نبينا محمد وآله وصحبه وسلم.
