މުޞްޙަފު ހުއްޓާ، މޯބައިލް ފޯނުފަދަ އެއްޗަކުން ޤުރުއާން ކިޔެވުމުން ލިބޭ ޘަވާބު މަދުވާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ފުރަތަމައީ : މުޞްޙަފުން އަދި ފޯނުފަދަ ވަޞީލަތަކުން ޤުރުއާން ކިޔެވި ކަމުގައިވީނަމަވެސް، ޤުރުއާން ތިލާވަތް ކޮށްގެން ލިބޭ ޘަވާބު އޭނާއަށް ޙާޞިލްވާނެ އެވެ. އެކަމުގައި އެއްވެސް ޝައްކެތް ނެތެވެ
ޞައްޙަ ޙަދީޘްގައިވެ އެވެ. منْ قرأَ حرفًا من كتابِ اللهِ فله به حسنةٌ، والحسنةُ بعشرِ أمثالِها لا أقولُ : آلم حرفٌ، ولكنْ ألِفٌ حرفٌ وميمٌ حرفٌ “ﷲގެ ފޮތުން އަކުރެއް ކިޔައިފި މީހަކަށް ހެޔޮކަމެއް ހުއްޓެވެ. އަދި ކޮންމެ ހެޔޮކަމަކީ އޭގެ ދިހަގުނަ އެވެ. آلم އަކީ (އެއް އަކުރު) ކަމުގައި ތިމަން ނަބިއްޔާ ޙަދީޘް ނުކުރައްވަމެވެ. އެހެނަސް އަލިފް އަކީ އަކުރެކެވެ. އަދި ލާމު އަކީ އަކުރެކެވެ. މީމު އަކީ އަކުރެކެވެ.”
ފޯނުން ކިޔެވި ކަމުގައިވިޔަސް ނުވަތަ މުޞްޙަފުން ކިޔެވި ކަމުގައިވީނަމަވެސް މި އަޖުރު ލިބޭނެތެވެ.
ابن كَثير ތަފްސީރުގެ މުޤައްދިމާގައި ވިދާޅުވެފައިވާ ފަދައިން، ހަމަކަށަވަރުން ޤުރުއާނުގެ އަކުރުތަކުގެ ޢަދަކަކީ 361180 އެވެ. އަދި 323015 ކަމުގައި ބުނެވެ އެވެ. އަދިވެސް ބުނެވިފައިވެ އެވެ. އަކުރުތަކުގެ ޢަދަދަކީ 34040 އެވެ.
މި އަޖުރުން އޭނާއަށް އުނިކަމެއް ނުލިބޭނެ އެވެ.
މިކަމުގައި އޮތް ހެއްކަކީ، ޤުރުއާން އަޑުއަހާ މީހާއަކީ ޤުރުއާން ކިޔަވާ މީހާފދައިން އެ އަޖުރުގައި (އެ ކިޔަވާ ކިޔެވުމުގެ މިންގަނޑުން) އަޖުރު ލިބޭނެ ފަރާތެކެވެ. މާނައީ : މީހަކު މުޞްޙަފުން ބަލައިގެން ކިޔަވާހިނދު، އެ ޤުރުއާން އަޑުއަހަން އިންނަ މީހާއަށް ކިޔަވާ މީހާގެ ކިޔެވުމުގެ ޘަބާވު އެއްފަދައިން ލިބުމެވެ. މިއީ އަޑުއަހާ މީހާ އެވެ. ފަހެ، އެހިނދު ފޯނުން ބަލައިގެން ވިޔަސް ކިޔަވާ މީހާއަށް ލިބުން އަޥްލާނުވޭ ހެއްޔެވެ؟
މި މައުޟޫގައި الإِمام ابن باز ވިދާޅުވެފައިވެ އެވެ.
“ފަހެ، ޤުރުއާން ކަނުލައި އަޑުއަހާ މީހާއަކީ ޤުރުއާން ކިޔަވާމީހާއާ އެކަމުގައި ބައިވެރިވާނެ މީހެކެވެ. (ހޯދާ ޘަވާބުގައި ބައިވެރިވާނެ މީހެކެވެ.) ކޮންމެ އަކުރަކަށް ހެޔޮކަމެއް ލިބުމުގައި އޭނާވެސް ވެ އެވެ. އަދި ކޮންމެ ހެޔޮ ކަމަކީ ދިހަ ހެޔޮކަމެވެ.”
ފަހެ، މި ނުކުތާ އޮޅުންފިލައި ގޮސްފިކަމުގައި އުއްމީދު ކުރަމެވެ.
ދެވަނައީ : މުޞްޙަފް (ޤުރުއާން ލިޔެފައިވާ ފޮތް) އަށް ބަލައިގެން ކިޔެވުން އެދެވިގެން ވުމެވެ. މާނައީ، މުޞްޙަފް ނަގައިގެން ކިޔެވޭ މީހާ މުޞްޙަފުން ކިޔެވުން އެދެވިގެން ވުމެވެ. ސަބަބަކީ، ﷲ ގެ ކަލިމަފުޅު އުފުލުމާއި، އެ ކަލިމަފުޅުތަކަށް ބެލުން ވެގެންދަނީ އަޖުރު ލިބޭނެ ކަމެއްގެ ގޮތުގަ އެވެ. މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މިއަދު އުއްމަތުގައިވާ ސުންނަތުގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ العلامة الشيخ عُبيد الجابري حفظه الله ވިދާޅުވެފައިވެ އެވެ. “މިސްކިތުގައި މުޞްޙަފް ހުރެއްޖެ ހިނދު، ފޯނުން ޤުރުއާން ކިޔެވުން އެދެވިގެން ނުވެ އެވެ. އަހަރެން އެކަން ކުރުމަށް ނޭދެމެވެ. ސަބަބަކީ މުޞްޙަފަކީ އެ އުފުލުމާއި އަދި އެއަށް ނަޟަރުހިންގައި ބެލުމުގައި ﷲ އަށް (އަޅުކަން) ކުއްތަންވެވޭ ކަމެކެވެ.
ފޯނަކީ އެފަދަ އެއްޗެއް ނޫނެވެ.
މިކަމަކީ، މުޞްޙަފް ހަޖުރު ކުރުމާއި މުޞްޙަފުން މީސްތަކުން އެއްކިބާވެ ދުރުވުމަށް އޮތް ކަމެއްގެ ގޮތުގައި ވެދާނެ އެވެ.”
އުއްމަތުގެ އެންމެ ކުރީގައި ދުނިޔެ ދުށް ބޮޑެތި ޢިލްމުވެރިންވެސް މިފަދައިން ވިދާޅުވެފައިވެ އެވެ. އަދި މުޞްޙަފް ހުރެއްޖެކަމުގައިވެެއްޖެހިނދު، މުޞްޙަފުން ކިޔެވުމަށް ލޯބިކުރުމެވެ. الإِمَام أبو بكر الآجري ވިދާޅުވެފައިވެ އެވެ. “ގިނަގުނައިން މުޞްޙަފުން (ޤުރުއާން ކިޔަވާހިނދު މުޞްޙަފުން) ޤުރުއާން ކިޔުމަށް ލޯބި ކުރަމެވެ. އެއީ، މުޞްޙަފުން ޤުރުއާން ކިޔަވާ މީހާއަށް ލިބޭ މަތިވެރިކަމުގެ ބޮޑުކަމުންނެވެ.”
الحَافِظ النوَوِي رحمه الله ވިދާޅުވެފައިވެ އެވެ.”މުޞްޙަފަށް ބަލައިގެން ޤުރުއާން ކިޔެވުމަކީ މުޞްޙަފަށް ނުބަލައި ކިޔުމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. ސަބަބަކީ، މުޞްޙަފަށް ބެލުމަކީ އެދެވިގެންވާ އަޅުކަމެކެވެ. ފަހެ، އެހިނދު ޤުރުއާން ކިޔެވުމުގެ އަޅުކަމާއި އަދި މުޞްޙަފަށް ބެލުމުގެ (އަޅުކަން) ޖަމަޢަވެގެންދެ އެވެ.” التبيان في آداب حملة القرآن 95
އެހެންވުމުން ކިޔެވުމާއި ތިލާވަތް ކުރުމުގެ އިތުރަށް ލިބޭނެ ޢަމަލެއްގެ ގޮތުގައި މި ޢަމަލުވެ އެވެ. ފަހެ، މި ޢަމަލަށް (މުޞްޙަފުން ބަލައިގެން) ކިޔެވުމަށް ޞޙާބިންގެ ތެރޭގައި ތިއްބެވި ޤުރުއާނުގެ އިމާމްވެރި ބޭފުޅުންވެސް ވިދާޅުވެފައިވުން މިކަމަށް އިތުރަށް ބާރުދެ އެވެ. عبد الله بن مسعود ވިދާޅުވެފައިވެ އެވެ. “ތިޔަބައިމީހުން ހުއްޓުމެއްނެތި (މެދުކެނޑުމެއްނެތި) މުޞްޙަފަށް ބަލައި ޤުރުއާން) ކިޔެވުން ހުއްޓެވެ.”
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު العلامة صَالح الفَوزان حفظه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : އެންމެހައި މީސްތަކުން ދަންނަގޮތުގައިވާ ގަޑު އުކާލެވޭގޮތުގައިވާ ލިޔެފައި ހުންނަ މުސްޙަފުން ކިޔެވުމަށްވުރެ މޮބައިލް ފޯނުގައި ލިޔެފައި ހުންނަ މުޞްޙަފުން ކިޔުން އައުލާވެގެންވޭތޯ އެވެ؟ މި ދޭތީގެ އެއްވެސް ފަރަޤެއް ވޭތޯ އެވެ؟
ޖަވާބު : ތިޔަ ދޭތީގެ އެއްވެސް ފަރަޤެއް ނުވެ އެވެ. ހުރިހައި އެއްޗެއްގައިވެސް ލިޔެވިފައިވަނީ ޤުރުއާން އެވެ. ފަހެ، ލިޔެފައި ހުންނަ މުޞްޙަފުން ކިޔެވުން އައުލާވެގެންވެ އެވެ. ސަބަބަކީ މުޞްޙަފަކީ އެކަމަށް ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. އަދި ފޯނަށްވުރެ ސާފުކަން ބޮޑެވެ. ފަހެ، އެގޮތުން ފޯނުން ކިޔެވުމަށްވުރެ މުޞްޙަފުން ކިޔުން އައުލާވެގެންވެ އެވެ. އަދި ފޯނުން ކިޔެވުން ހުއްދަވެގެންވެ އެވެ. ފަތުވާ ނަގާފައިވަނީ : http://goo.gl/rzdZVm
އިސްވެ ބަޔާންކުރި ފަދައިން މިއީ ޤުރުއާން ކިޔެވުމުގައި 2 މީހުން އެއްވަރު އަޖުރު ހޯދި ކަމުގައިވީނަމަވެސް، މުޞްޙަފް އުފުލައި މުޞްޙަފަށް ނަޟަރު ހިންގާ މީހާއަށް ލިބޭނެ އިތުރު ދަރުމައެކެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.