ރޯދަ ވީއްލާ ގަޑީގައި ކުރާ ދުޢާ އިޖާބަ ކުރެވެނީ ރޯދަ ވީއްލުމުގެ ކުރިން ދުޢާ ކުރުމުން ތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ރޯދަ ވީއްލާ ގަޑީގައި ދުޢާ ކުރުމުގެ މައްޗަށް ކޮށްފައި ސުވާލުގެ ޖަވާބުގައި ބުނަމެވެ. އާނއެކެވެ. ޢިލްމުވެރިން އެ ޙަދީޘްތައް ޞައްޙަ ކުރައްވާފައިވާ ބައެއް ޙަދީޘްތައް މި މައުޟޫގައިވެއެވެ. އެ ޙަދީޘްތަކުގެ ތެރޭގައި ރޯދަވެރިޔާ ރޯދައަށް ހުންނަ އެންމެހައި ވަޤުތުތަކަކީ ވެސް ދުޢާ އިޖާބަކުރެވޭ ވަޤުތުތަކެއް ކަމާއި އަދި ޚާއްޞަކޮށް ރޯދަ ވީއްލަން ކައިރިވެފައިވާ ވަޤުތަކީވެސް އެފަދަ ވަޤުތެއްކަމުގައި ވުމެވެ. އެއީ ރޯދަ ވީއްލާ ގަޑިއަކީ ދުޢާ އިޖާބަ ކުރެއްވޭ ގަޑިއެއް ކަމެވެ.
ޙަދީޘްގައި ވެއެވެ. ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ : دَعْوَةُ الصَّائِمِ ، وَدَعْوَةُ الْمَظْلُومِ، وَدَعْوَةُ الْمُسَافِرِ “ތިން މީހެއްގެ ދުޢާ އިޖާބަ ކުރެވިގެންވެއެވެ. …(އޭގެ ތެރޭގައި) ރޯދަ ވެރިޔާގެ ދުޢާ…” (އިމާމް الألباني – صحيح الجامع 3030 ގައި މި ޙަދީޘް ޞައްޙަ ކުރައްވާފައިވެއެވެ.).
އެހެން ހަދީޘެއްގައި ވެއެވެ. ثَلَاثُ دَعَوَاتٍ لَا تُرَدُّ: دَعْوَةُ الْوَالِدِ لِوَلَدِهِ، وَدَعْوَةُ الصَّائِمِ، وَدَعْوَةُ الْمُسَافِرِ “އިޖާބަ ނުކުރެވި، ރައްދު ނުކުރެވޭނެ 3 މީހެއްގެ ދުޢާއެއް ވެއެވެ. …… (އޭގެ ތެރޭގައި) …ރޯދަ ވެރިޔާގެ ދުޢާ …”. އިމާމް الألباني – صحيح ابن ماجه ، 3129 ގައި މި ޙަދީޘް ޙަސަން ކުރައްވާފައި ވެއެވެ.
އެހެން ޙަދީޘެއްގައި ވެއެވެ. إنَّ للصَّائمِ عندَ فِطرِهِ لدعوةً ما تردُّ “ރޯދަވެރިޔާ އޭނާ ރޯދަ ދޫކުރާ ވަގުތަކީ، ދުޢާ ރައްދު ކުރެވިގެން ނުވާ ވަޤުތެކެވެ”. މި ޙަދީޘް، ބައެއް ޢިލްމުވެރިން ޢަމަލު ކުރެވޭނެ ހަދީޘެއް ކަމުގައި ބަޔާންކުރައްވައެވެ. އޭގެ ތެރޭގައި الحافظ ابن حجر -ޙަސަން ކުރައްވައެވެ. (الفتوحات الربانية 4/342)
العلامة العثيمين -رحمه الله- ވިދާޅުވެފައި ވެއެވެ. “ރޯދައަށް ހުންނަ މީހާއަށް އެދެވިގެން ވަނީ އޭނާ ރޯދައަށް ހުނަން ވަޤުތުގައި، ނަމާދު ކުރުމާއި، ޛިކުރު ކުރުމާއި ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމާއި އަދި އެގޮތުން ގިނަ ތަފާތު ބާވަތްތަކުގެ އަޅުކަމުގައި އޭނާ މަޝްޣޫލުވެގެން ވުމެވެ. …” (فتاوى في الزكاة و الصيام، 556).
މި ޙަދީޘްތަކުގައި ބަޔާންވެގެންވަނީ ރޯދަ ވެރިޔާ ރޯދައިގައި ހުންނަ އެންމެހައި ވަޤުތަކީ ވެސް، ދުޢާ އިޖާބަ ކުރެވިގެންވާ ވަޤުތުތަކެއް ކަމެވެ. އަދި ބައެއް ޙަދީޘްތަކުގައި ޛިކުރު ކުރެވިފައިވާ ފަދައިން ރޯދަ ވީއްލުމަށް ގާތްވެފައިވާ ވަޤުތު ވެސް މެއެވެ. އެހެނަސް އެއީ ރޯދަ ވިއްލުމަށް ފަހުގައި ނޫނެވެ. ސަބަބަކީ، ނަފްސަށް އަންނަ ބަލި ކަމާއި، މަޑުމޮޅިކަމާއި، ﷲ އަށް ބޮޑަށް ކުއްތަންވުން ނަފްސަށް ފާޅުވާ ވަޤުތަކީ ރޯދައިގެ އެންމެ ފަހުކޮޅެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.