|

ހަށިގަނޑުގައި ފަޅާފައި ހުންނަ އިސްތަށިތަކާ މެދު ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ހަށިގަނޑުގައިވާ އިސްތަށީގެ މައްޗަށް ތަފާތު ޙުކުމްތަކެއްވެ އެވެ.

ބޭލުން ވާޖިބުވެގެންވާ އިސްތަށިތައް :

އަންހެނުންނާއި ފިރިހެނުން އެ އިސްތަށިތަކެއް ބާލައި އެތަންތަން ސާފު ކުރުމަށް ދީނުގައި ކަނޑައެޅިފައިވާ އިސްތަށިތަކެއްވެ އެވެ.

އޭގެ ތެރޭގައި ކިހިލިފަތުގެ އިސްތަށިތަކާއި ކުރިމަތި ފަރާތުގެ އިސްތަށިތަކެވެ. ޞަޙާބީ أنس بن مالك ގެ އަރިހުން އިމާމް مسلم ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (وُقِّتَ لَنَا فِيْ قَصِّ الشَّارِبِ، وتَقْلِيمِ الأظْفارِ، ونَتْفِ الإبِطِ، وحَلْقِ العانَةِ، أنْ لا نَتْرُكَ أكْثَرَ مِن أرْبَعِينَ لَيْلَةً) ”މަތިމަސް ކޮށުމާއި، ނިޔަފަތިކެނޑުން، ކިހިލިފަތުގެ އިސްތަށިތައް އުފުރުން، ކުރިމަތިފަރާތުގެ އިސްތަށިތައް ބޭލުން، (މިއިން އެއްވެސް ކަމެއް) ސާޅީސް ދުވަހުގެ މުއްދަތައްވުރެ ދިގު ނުކުރުމަށް ﷲ ގެ ރަސޫލާ އަހަރެމެންނަށް ވަޤުތުކަނޑައެޅުއްވި އެވެ.“

ދަންނައެވެ! މިއީ އެންމެ ދިގު މުއްދަތައް ބެހެއްޓުން ހުއްދަވެގެން ނުވާ މިންވަރެވެ.

ވީހާވެސް އަވަސްކޮށް އިސްތަށި ފަޅާހާ އަވަހަކަށް އެ އިސްތަށިތައް ނައްތައިލުން ހުއްޓެވެ.

الإِمام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނިޔަފަތިތައް ނުކަނޑައި ސާޅީސް ދުވަހަށްވުރެ ދިގު މުއްދަތަށް ބެހެއްޓުން ހުއްދައެއް ނުވާނެ އެވެ. އެއީ أَنَس -رضي الله عنه- އަރިއަހުން ޘާބިތުވެގެންވާ ޙަދީޘްގައިވާ ފަދައިންނެވެ. (ޙަދީޘްގައިވެ އެވެ.) ”މަތިމަސް ކޮށުމާއި، ނިޔަފަތިކެނޑުން، ކިހިލިފަތުގެ އިސްތަށިތައް އުފުރުން، ކުރިމަތިފަރާތުގެ އިސްތަށިތައް ބޭލުން، (މިއިން އެއްވެސް ކަމެއް) ސާޅީސް ދުވަހުގެ މުއްދަތައްވުރެ ދިގު ނުކުރުމަށް ﷲ ގެ ރަސޫލާ އަހަރެމެންނަށް ވަޤުތުކަނޑައެޅުއްވި އެވެ.“ އަދި (ނިޔަފަތި ދިގުކުރުމުން) އެހިނދު އެއީ ޖަނަވާރުތަކާއި ބައެއް ކާފަރުންނާ އެއްވަތްތަރުވާ ސިފައެއްގެ ގޮތުގައިވެ އެވެ.“ مجموع فتاوى 10-49

ސާޅީސް ރެއާއި ދުވާލަށްވުރެ ދިގު މުއްދަތެއްގައި ބެހެއްޓުން ޙަރާމްވެގެންވާހިނދު، އެތައް ބަޔަކު މި ޙަރާމް ޢަމަލަށް އަރައިގަނެފައިވުން މިއަދު ފެޝަނެއް ކަމުގައި ހަދައިފައިވުމަކީ ކޮންފަދަ ހިތާމަވެރި ޢަމަލެއް ހެއްޔެވެ؟

މިއީ ދީނާއި، ދުނިޔެވީ އަދި އަދި ޞިއްޙީ ގޮތުން އެބަޔަކަށް ކުރިމަތިވާނޭ ބޮޑުވެގެންވާ ވަބާއެއް ކަމުގައި މެނުވީ ނުވާނެ އެވެ.

އެ އިސްތަށިތައް ކޮށުމާއި އުފުރުން މަނާ ކުރެވިގެންވާ އިސްތަށިތަކެވެ.

އެއީ ފިރިހެނުންގެ ތުނބުޅި އަދި އަންހެނުންނާއި ފިރިހެނުންގެ ބުމައިގެ އިސްތަށިތަކެވެ. މިއީ ގިނަ ޙަދީޘްތަކުން، މި އިސްތަށިތައް އުފުރުން ކޮށުން ޙަރާމްވެގެންވާކަން ބަޔާންވެގެންވާ ޢަމަލެކެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (لَعَنَ اللهُ الوَاشِماتِ و المُسْتَوْشِماتِ، والنَّامِصاتِ والمُتَنَمِّصاتِ…..) ”ހަށިގަނޑުގައި ޓެޓޫ ޖަހައިދޭ އަދި ޓެޓޫ ޖެހުމަށް އެދޭ އަދި ބުމައިގެ އިސްތަށި އުފުރާ އަންހެނާ އާއި ބުމައިގެ އިސްތަށި އުފުރައިދިނުމަށް އެދޭ އަންހެނާއަށް ﷲލަޢުނަތް ލެއްވި އެވެ.“ السلسلة الصحيحة 2792

البخاري އަދި مسلم ، ابن عمر رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވެ އެވެ. الله ގެ ރަސޫލާ حديث ކުރެއްވި އެވެ. (خالفوا المشركين، أحفوا الشوارب، وأوفوا اللحى) ”ތިޔަބައިމީހުން މަތިމަސްތައް ކުރުކުރާށެވެ. ތުނބުޅިތައް ރައްކައުތެރިކުރާށެވެ. ދިގުކުރާށެވެ. އަދި މުޝްރިކުންނާ ޚިލާފުވާށެވެ.“

ޝަރުޢުގައި އެ އިސްތަށިތަކުގަ މައްޗަށް އެއްވެސް އެއްޗެއް ބަޔާންކޮށްފައިނުވާ އިސްތަށިތަކެވެ.

މިޘާލަކަށް މޭމަތީގައި، އަތުގައި، ފައިގައި ފަޅާފައިހުންނަ އިސްތަށިތަކެވެ. ފަހެ، މިފަދަ އިސްތަށިތައް ބޭލުން ނުވަތަ ކޮށުން ހުއްދަވެގެންވެ އެވެ.

الإِمام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަށިގަނޑުގެ ދެއަތާއި އަދި ފައިގެ އިސްތަށިތައް (ނައްތައިލުން) ގައި މައްސަލައެއް އޮތް ކަމުގައި ނުދެކެމެވެ. ދެންފަހެ، ޙަދީޘް ވާރިދުވެގެންވަނީ ބުމައިގެ އިސްތަށި އުފުރާ އަދި އުފުރައިދޭ މީހާ މީހާގެ މައްޗަށެވެ. އެގޮތުން ބުމަ އުފުރުމާއި އިސްތަށި ކޮށުން ހުއްދައެއް ނުވާނެ އެވެ. އަދި މޫނުގައި ޢާދަކޮށްހުންނަ އިސްތަށިވެސް އެފަދަ އެވެ. (އެބަހީ : ޢާދަޢާ ޚިލާފަށް ފިރިހެނުންނާ އެއްފަދައިން ތުބުޅި ނުވަތަ މަތިމަސް އިސްތަށިތައް ފަޅައި ހުތުރުވާ ފަދައިން ފެންނަހިނދު އެ އިސްތަށިތައް ނައްތައިލެވޭނެ އެވެ.) ދެންފަހެ، އަންހެނުންނާއި ފިރިހެނުން އެބައިމީހުންގެ އަދި ދެފަޔާއި ދެއަތުގެ އިސްތަށިތައް ނައްތައިލުމުގައި މައްސަލައެއްނެތެވެ…“

އިތުރަށް ބަޔާންކޮށްދިނުމަށް ބުނަމެވެ. މި އިސްތަށިތައް ބޭލުން ހުއްދަ ކަމުގައިވީނަމަވެސް އިސްތށިތައް އެގޮތުގައި ދޫކޮށްލުން އަޥްލާވެގެންވެ އެވެ.

العلامة ابن العثيمين-رحمه الله- ވިދާޅުވެފައިވެ އެވެ. ”އެހެނަސް އަޥްލާވެގެންވަނީ އެ އިސްތަށިތައް އޭގެ އަޞްލުގައި ފަޅާފައިވާ ގޮތުގައި، ނުބާލައި ބެހެއްޓުމެވެ. ސަބަބަކީ، އަޞްލަކީ ﷲ ތަޢާލާ ޚަލްޤު ކުރެއްވި ގޮތުގައި ހަށިގަނޑުގައި އެ އިސްތަށިތައް ބެހެއްޓުމެވެ. ހަމައެކަނި އެ އިސްތަށިތައް ބޭލުމަށް ނުވަތަ ނައްތައިލުމަށް އަމުރު ކޮށްފައިވާ އިސްތަށިތައް ފިޔަވަ އެވެ. ފަހެ، އެގޮތުން ދެއަތާއި ދެފައިގައި ފަޅާފައިވާ އިސްތަށިތައް އެގޮތުގައި ބެޖހެއްޓުން އަޥްލާވެގެންވެ އެވެ. އެހެނަސް، އެ އިސްތަށިތައް ގިނަވުމުން، ސިފަ ހުތުރުވެ، އަޅައިގަންނަ ފަދައިން ފަޅާފައިވާ ހިނދުގައި ފިޔަވަ އެވެ. ފަހެ، އެހިނދު ކޮށައި (ލުއި ކޮށްހުން) މައްސަލައެއް ނެތެވެ.“

ދަންނަ އެވެ! ކާފަރެއް، ފާސިޤެއް އަދި އެފަދަ މީހަކާއި އެއްވަތްތަރު ވުމަށްޓަކައި، އެފަދަ މީހަކަށް ތަބަޢަވުމަށްޓަކައި އެކަން ކުރާނަމަ އެއީ ހުއްދަވެގެންވާނެ ޢަމަލެއް ކަމުގައި ނުވާނެ އެވެ.

ވުމުން މައްސަލައިގެ ޚުލާޞާ އަކީ އިސްތަށިތައް މި ތިންބާވަތުގެ ތެރެއިން ބާވަތެއްގެ ޙުކުމަށްވަނުމެވެ. އެހިނދު އިސްވެ ބަޔާންވެދިޔަ ޙުކުމްތައް އެ އިސްތަށިގެ މައްޗަށް އޮންނާނެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply