“ސިވާކު” އަކީ ކޮންއެއްޗެއް ތޯއެވެ؟ އަދި “ސިވާކު”ގެ ބޭނުމަކީ ކޮބައިތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ސިވާކުގެ މާނައަކީ އަނގަ އާއި ދަތްތައް ޠާހިރު ކުރުމެވެ. އެގޮތުން “ސިވާކު” މި ލަފްޒު އަނގަ ޠާހިރު ކުރުމަށްޓަކައި ބޭނުންކުރާ އާލަތަށް (ދަނޑިކޮޅަށް) ވެސް ބޭނުން ކުރެވެއެވެ. އަދި ހަމަ އެފަދައިން ޠާހިރު ކުރުމުގެ ޢަމަލަށް ވެސް ބޭނުން ކުރެވެއެވެ.
ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގެންފައިވަނީ، ސިވާކު ކުރުން އެންމެ މޮޅު އިތުރު ވެގެންވަނީ ދަނޑި ކޮޅުންނެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެންމެ މޮޅު އިތުރުވެގެންވަނީ އަރާކު ގަހުގެ ދަނޑިކޮޅުންނެވެ.
އެއީ އޭގައިވާ މީރު ވަހުގެ އިތުރުން ދަތްތަކުގެ ތެރޭގައިވާ ކާއެތިކޮޅު އެންމެ އެދެވިގެންވާ ގޮތުގައި ސާފު ކުރެވުމާ އެކު އަދި އޭގެ ސަބަބުން ރަސޫލާ ﷺ ގެ ސުންނަތައް ޢަމަލު ކުރެވޭތީއެވެ. އެހެނީ ޞަޙާބީ عبد الله بن مسعود ނަބިއްޔާ ﷺ ސިވާކު ކުރެއްވުމަށް ޓަކައި އަރާކު ގަހުން ދަނޑިކޮޅު ބިންނަވާ ކަމުގައި الإمام أحمد ޞައްޙަ ސަނަދުން ރިވާކޮށްފައިވެއެވެ.
ސިވާކު ކުރުމަކީ ނުހަނު ގަދަވެގެންވާ ސުންނަތެކެވެ. އެގޮތުން أبوهريرة رضي الله عنه ގެ ޙަދީޘްގައި އެއީ ނުހަނު ބޮޑަށް އަނގަ ޠާހިރު ކޮށްދޭ ކަމެއް ކަމާއި އަދި އޭގެ އިތުރުން އަހަރެމެންގެ ވެރި ރައްބުގެ ރުއްސަވާވޮޑިގަތުން ލިބިގެންދާ ކަމެއްކަން ބަޔާން ކުރައްވާފައިވެއެވެ. އެ ޙަދީޘްގައި ވެއެވެ. (السواك مطهرة للفم مرضاة للرب) ”ސިވާކަކީ އަނގަ ޠާހިރުކޮށްދޭ އަދި ރައްބު ރުއްސަވާވޮޑިގެންވާ ސަބަބެއް ކަމުގައި ވެއެވެ“. މި ޙަދީޘްގެ ލަފްޟުގައި ސިވާކު ކުރުމުގެ ޢަމަލު އަދި ސިވާކު ކުރުމަށް ބޭނުން ކުރެވޭ އާލަތް، މި ދެ ކަން ވަނީ ޝާމިލް ވެގެންނެވެ. އެހެންކަމުން، މީސްތަކުންނަށް މި ދެގޮތުން ކުރެ ކޮންމެ ގޮތަކުން ބެލިޔަސް މޮޅު އިތުރު ވެގެންވާ ގޮތް ނޭނގޭ ގޮތަށް، ޢާންމު ލަފްޟަކުން މާނަ ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ.
ހަމައެފަދައިން عائشة رضي الله عنها ގެ ޙަދީޘްގައި އުއްމަތަށް ބުރަކަމަކަށް ނުވާނަމަ، ކޮންމެ ނަމާދަކަށް ސިވާކު ކުރުމަށް އަމުރު ކުރެއްވީސްކަން ބަޔާން ވެގެންވެއެވެ. ޙަދީޘްގައި ވެއެވެ. (لولا أن أشقَّ على أمَّتي لأمرتُهم بالسِّواكِ عند كلِّ صلاةٍ)
”ތިމަން ނަބިއްޔާގެ އުއްމަތަށް އެއީ ބުރަކަމެއް ގޮތުގައި ނުވާނަމަ، ކޮންމެ ނަމާދެއްގެ ކުރިން ސިވާކު ބޭނުން ކުރުމަށް ތިމަން ނަބިއްޔާ އަމުރުފުޅު ކުރެއްވީމުއެވެ“.
މިފަދަ ޙަދީޘްތަކުގެ ގިނަކަމާ އެކު އަދި ޙަދީޘްތަކުން ބަޔާން ވެގެންވާ މާނަތައް ޖަމަޢަ ކުރައްވާ ސުންނަތުގެ އިމާމްވެރި ބޭފުޅުންގެ ތެރެއިން الإمام الصنعَاني -رحمه الله- ވިދާޅުވެފައި ވެއެވެ. ”ސިވާކު އާ މެދުގައި 100 ޙަދީޘްއަށްވުރެ ގިނަ ޙަދީޘް ޛިކުރު ވެގެންވެއެވެ. ހުރި ޢަޖައިބެއްގެ ބޮޑުކަމާއެވެ! ގިނަގުނަ ޙަދީޘްތަކުން ވާރިދު ވެގެންވާ ސުންނަތެއް ކަމުގައިވެ އެއަށްފަހުގައި ގިނަ މީސްތަކުންވަނީ އެކަމަށް އިހުމާލުވެފައިއެވެ“ (البدر المنير 1-41).
ވުމާއެކު، ސިވާކަކީ ވަރަށް ވެސް މުޞްތަޙައްބު ވެގެންވާ ޠަހާރަތުގެ ޢަމަލެކެވެ. އަދި ވަކިން ޚާއްޞަކޮށް ސިވާކު ކުރުން މުޞްތަޙައްބު ވެގެންވާ ވަޤުތުތަކެއް ވެއެވެ. އެއީ:
- އިސްވެ ބަޔާންކުރި عائشة رضي الله عنها ޙަދީޘްގައި ޛިކުރު ކުރެވިގެންވާ ފަދައިން ، ވުޟޫ އަދި ނަމާދު ކުރުމަށް ފެށުމުގެ ކުރިންނެވެ.
- އެހެނިހެން ޙަދީޘްތަކުގައި ބަޔާންވެގެންވާ ފަދައިން ގެއަށް ވަންނަ ހިނދުގައެވެ.
- ޞަޙާބީ حُذَيفة -رضي الله عنه- ގެ ޙަދީޘްގައި ބަޔާން ވެގެންވާ ފަދައިން ނިދިން ހޭލުމަށް ފަހުގައެވެ.
- އަނގައިގެ ވަސް ބަދަލުވެއްޖެ ކޮންމެ ޙާލަތެއްގައެވެ.
- ޤުރުއާން ކިޔަވާ ޛިކުރު ކުރަން ފެށުމުގެ ކުރިންނެވެ.
ސިވާކު ކުރާހިނދު އަނގަ ސާފު ކުރުމުގެ އިތުރުން ދޫ ވެސް އޭގެއިން ސާފު ކުރުމަކީ ސުންނަތުން ޘާބިތު ވެގެންވާ ކަމެކެވެ. ހަމައެފަދައިން ސިވާކު ކުރާހިނދު، މަތިން ތިރިއަށް، އަދި ދިގަށް ކުރުމުގެ ބަދަލުގައި ކަނައަތުން ވައަތަށް ހުރަހަށް ކުރުން ބައެއް ފިޤުހު ޢިލްމުވެރިން ލޯބި ކުރައްވައެވެ. އެހެނަސް އެމީހަކަށް އެންމެ ލުއި ވެގެންވާ ގޮތަށް އިޚުތިޔާރު ކުރުމުގައި އެއްވެސް ގޯހެއް ނެތެވެ.
ދަންނައެވެ! އަރާކު ދަނޑިކޮޅުން ސިވާކު ކުރުމަކީ އޭގައި ނުހަނު ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެކެވެ. އިމާމް الإمام ابن القيم އެފަދަ ވަރަށްގިނަ ފައިދާތައް ޛިކުރު ކުރައްވާފައިވެއެވެ. (އޭގެ ތެރޭގައި) “ސިވާކު ބޭނުން ކުރުމުގައި ވަރަށްގިނަ ފައިދާތަކެއްވެއެވެ. އަނގައިގެ ވަސް (މީރުވަސް) ދުއްވައެވެ. ހިރުގަނޑު ވަރުގަދަ ކޮށްދެއެވެ. (ދަތް ފަނިކެއުން) ދުރު ކޮށްދެއެވެ. ލޮލުގެ ފެނުން ވަރުގަދަ ކޮށްދެއެވެ. މަޢިދާ އިސްލާޙު ކޮށްދެއެވެ. އަޑު ސާފުކޮށް (ރީތި ކޮށްދެއެވެ.) ކާތަކެތި ހަޖަމްކުރުމަށް އެހީ ވެދެއެވެ. އަޑު ނުކުންނަ (ކަރުތެރެ ފަސޭހަ ވެގެން ދެއެވެ.) ޤުރުއާން ކިޔެވުމާއި ޛިކުރު ކުރުމާއި އަދި ނަމާދު ކުރުމަށް ގަދަކަން ދެއެވެ. ނިދި ދުރުކޮށް ދެއެވެ. ﷲގެ ރުއްސަވައި ވޮޑިގެންނެވުން ޙާޞިލް ވެގެންދެއެވެ. މަލާއިތަކުން އެކަމާއި ލޯބި ކުރައްވައެވެ. ހެޔޮކަންތައް ގިނަ ކޮށްދެއެވެ…”.
މިތަނުގައި ބަޔާންވެގެންވަނީ އަރާކު ދަނޑިން ސިވާކު ކުރުމުގައި ހުރި ހެޔޮ ކަންތައްތަކުގެ ވާހަކައެވެ. ޙަދީޘްގައި ވެއެވެ. (السواك مطهرة للفم مرضاة للرب) ”ސިވާކަކީ އަނގަ ޠާހިރު ކޮށްދޭ އަދި ރައްބު ރުއްސަވާ ވޮޑިގެންވާ އެއްޗެކެވެ“. ވީމާ، އެއީ ދަތް އުނގުޅުން ކަމުގައި ބުނުން އެއީ އެދެވިގެންވާ ގޮތެއް ނޫނެވެ.
މި ޙަދީޘްގައި “ސިވާކު” ބުނެވިފައި ވަނީ ދަަތް އުނގުޅުން އެކަންޏެއް ނޫނެވެ. އެހެނަސް ދަނޑިން ދަތް އުނގުޅައި އަނގަޔާއި ދަތް އަދި ދޫ ވެސް އެކުގައި ސާފު ކުރުމަކީ، އެއީ މި ޙަދީޘް މާނަ ކުރެވޭނެ އެންމެހެ ހެޔޮކަން ބޮޑުވެގެންވާ އަދި އެންމެ އަޥްލާ ވެގެންވާ ގޮތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.