|

ވަސްވާސް ތަކުން ސަލާމަތް ވާނީ ކިހިނެއްތޯ؟

 بسم الله الرحمن الرحيم

الحمد لله و الصلاة و السلام على ر سول الله و على آله وصحبه ومن والاه :

أما بعد :

އަޚާ އެވެ! ދަންނަ އެވެ! ވަސްވާސްތަކާއި އަދި ޝައްކު އުފެއްދުމުގައި ޝައިޠާނާ ކެނޑިނޭޅި މުއުމިނު އަޅާގެ މައްޗަށް މަސައްކަތް ކުރާނެ އެވެ.

މިކަމުގައި ދެބާވަތެއްގެ މީހުން ވެ އެވެ.

ފުރަތަމަ ގިންތިއަކީ ހަޤީޤަތުގައިވެސް ކަންތަކެއް ދިމާވެ ޝައްކު ނުވަތަ އޮޅުން އަރާފަރާތްތަކެވެ. (މިއީ ކޮންމެ މިހަކަށްވެސް ދިމާވެދާނެ ފަދަ ކަންކަމެވެ.)

ދެވަނައީ : އެއީ ބައްޔަކަށްވެފައި، އެއިން ސަލާމަތް ނުވާ މިންވަރަށް ކޮންމެ ޢަމަލެއްގައި، ކިތަންމެ ވިސްނައިގެން ނުވަތަ ހިތް ޙާޟިރުކޮށްގެން ކުރިއަސް ޝައްކާއި ވަސްވާސް އުފެދުމުގައިވާ މިހުންނެވެ.

މި ގިންތި އަކީ ވަސްވާސް ބައްޔެއްގެ ގޮތުގައިވާ ފަރާތްތަކެވެ.

މިޘާލަކަށް، ވުޟޫ ކުރަނީ އެވެ. ކައިރީގައި ތިބި އެންމެން އެކަކަށްފަހު އަނެކަކު ވުޟުކޮށްގެން ދަނީ އެވެ! އެހެނަސް އޭނާއަށް ވުޟު ނުކުރެވެ އެވެ. އަތް ދޮވެ ބޮލުގައި ފެން ފޮހޭހިނދު އަތުގައި ފެންނުލެވޭ ވިސްނި އަނެއްކާވެސް ވުޟު ކުރަން ފަށަ އެވެ. ފައި ދޮންނަ ތަނާ، ބޮލުގައި ފެން ނުލެވޭ ޝައްކުވެ އަނެއްކާވެސް ވުޟު ކުރަން ފަށަ އެވެ. ނަމާދުގައި ދެވަނަ ރަކުޢަތުގައި އޭނާ ނިޔަތް ނުގަނެ ކަމުގައި ވަސްވާސް އުފެދި ނަމާދުން ނުކުމެވެ…..

މި ކަމުގައި ކޮޅެއް ނެތެވެ. އަޚާ އެވެ!

މިއީ ބައްޔެކެވެ. މި ބަލިން ސަލާމަތްވުމަށްވެސް އޮތީ ދީނުގަ އެވެ. އެއީ 2 ބޭސް ފަރުވާއެކެވެ. ފަހެ، މިކަން ވިސްނިއްޖެ މީހާއަށް މި ބަލިން ސަލާމަތްވުމަށް މަގު ނުހަނު ފަސޭހަ ވެއްޖެ އެވެ.

ފުރަތަމައީ :އެއީ އެއްވެސް ވަސްވާހަކަށް ނުބެލުމެވެ. އެއަށް ނަޟަރު ނުހިންގުމެވެ. އެއްވެސް ގޮތަކަށް ވިސްނައި ނުހެދުމެވެ. އެހެން މީހުންވެސް ވުޟުކޮށްގެން ހިގައިދާ ގޮތަށް އޭނާވެސް ކުރިއަށް ދިއުމެވެ. ވަސްވާސް އައިސްފިހިނދު އަވަހަށް އެއިން ދުރުވުމެވެ. އެފަދަ ވަސްވާސްއަށް ނުވިސްނައި ދުރަށް ދިއުމެވެ. ތިމާއަށް ކުރެވުނީ ފުރިހަމައަށް ބަރާބަރަށް ކަމުގައި ނަސްފުގައި ޔަޤީން ކުރުމެވެ. ފަހެ، އިސާހިތަކު އެ ވަސްވާސް ދޭ ޝައިޠާނާގެ މައްޗަށް އޭނާއަށް ގަދަވެގަނޭވެ އެވެ.

އަޚާ އެވެ! މިއީ އުސްތާޛުއަށް ޢިލްމުވެރިންގެ ފަރާތުން އަޑު އިވިފައިވާ ގޮތެވެ. ފަހެ އެެހެންވުމުން މި ގޮތުގައި ދެމިހުންނާށެވެ.

ދެވަނައީ : އެފަދަ ވަސްވާސް އަދި ޝައްކުތައް ގެނެއުމުގައިވާ ޝައިޠާނުންގެ ކިބައިން ރައްކާތެރި ވުމަށް ގިނަގުނައިން ޛިކުރުތައް ކިޔުމުގައި ދެމިހުރުމެވެ. ޚާއްޞަކޮށް ހެނދުނާއި ހަވީރުގެ ޛިކުރުތަކެވެ. ނަމާދު ފަހުގައި ކިޔާ ޛިކުރުތަކެވެ. އަދި ޚާއްޞަ އިސްކަމެއް ދީގެން سورة الفلق އަދި سورة الناس ކިޔެވުމެވެ. ޙަދީޘްގައިވެ އެވެ. ”عقبة بن عامر އަށް ރަސޫލު الله صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. [އޭ عقبة بن عامر އެވެ! މި ދެ ސޫރަތުން ރައްކާތެރިކަން ހޯދާށެވެ. ރައްކާތެރިކަން ހޯދާ މީހަކަށް ރައްކާތެރިކަން ހޯދުމަށް މިފަދަ އެހެން ސޫރަތްތަކެއް ނުވާނެއެވެ.] – صحيح أبي داوود 1463 ފަހެ، އެހިނދު އޭނާގެ ކިބައިން ރައްކާތެރި ވާނެކަން ޔަޤީން ކުރާށެވެ. ފަހެ، މިއީ ﷲ އަށް ދެންނެވުމެވެ. ވުމުން ދުޢާ ކުރުމުގައިވެސް އިސްކަން ދިނުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts