މަލާއިކަތްބޭކަލުންގެ ނަންފުޅުން ކުދިންނަށް ނަން ކިޔުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ދަރިންނަށް ކިޔުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ : މަލާއިކަތުންގެ ނަންފުޅުތައް އާދަމު ދަރިންނަށް ކިޔުން މަނާކުރާނެ ދަލީލެއް ނެތެވެ. ޔަޢުނީ : އެއްވެސް ޙަދީޘެއްގައި އެކަން ނަހީ ކުރެވިފައިނުވެ އެވެ. އަދި އެފަދައިން ބަޔާންވެގެންވާ ޙަދީޘްތައް ބަލިކަށި ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވެ އެވެ. އެފަދައިން ނަބިއްޔާއަށް ނިސްބަތް ކުރެވިގެންވާ ޙަދީޘް ތަކުގެ ތެރޭގައި އަންނަނިވި ޙަދީޘް ހިމެނިގެންވެ އެވެ. ރިވާޔަތުގައިވެ އެވެ. (أن رجلاً قال: يا رسول الله، ولد لي مولود فما أخير الأسماء؟ قال: إن خير أسمائكم الحارث وهمام، ونعم الاسم عبد الله وعبد الرحمن، وسموا بأسماء الأنبياء، ولا تسموا بأسماء الملائكة.) ”ނަބިއްޔާ صلى الله عليه وسلم އަރިއަހަށް މީހަކު ވަޑައިގެން ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ. ތިމަންނައަށް އަލަށް ދަރިކަލެއް ލިބިއްޖެ އެވެ. ފަހެ، ދަރިއަށް ނަން ދިނުމުގައި އިޚްތިޔާރު ކުރާނީ ކޮން ނަމެއްތޯ އެވެ؟ އެހިނދު (ޙަދީޘް ކުރެއްވި އެވެ.) ތިޔަބައިމީހުން ކިޔުމަށް އެންމެ ހެޔޮވެގެންވާ ނަންތަކަކީ الحارث އަދި همام އެވެ. އަދި عبد الله އާއި عبد الرحمن (މި ދެނަމުގެ) ހެޔޮ ކަމާ އެވެ. އަދި ނަބީބޭކަލުންގެ ނަންފުޅުތަކުން ނަންދޭށެވެ. މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުން ނަންތައް ނުދޭށެވެ…“
މި ޙަދީޘަކީވެސް، މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުން ނަން ނުދިނުމަށް ޛިކުރުވެގެންވާ ޙަދީޘްތަކުގެ ތެރެއިން ރިވާޔަތެކެވެ. އެހެނަސް މުޙައްޤިޤުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ބަލިކަށި ޙަދީޘެކެވެ.
ވުމުން މިފަދައިން މަނާ ކުރުމަށް ދަލީލެއް ވާރިދުވެގެންނުވެ އެވެ.
ދެވަނައީ : ޢިލްމުވެރިންގެ މެދުގައި މަލާއިކަތް ބޭކަލުންނަށް ނަންތައް ދަރިންނަށް ކިޔުމާއިމެދުގައި ޚިލާފް އުފެދިފައިވެ އެވެ. އެޚިލާފް އުފެދިފައިވަނީ، ހުއްދަ ކަމެއް ކަމާއި މަކްރޫހަ ވެގެންވާ ޢަމަލެއް ކަމުގެ ދާއިރާގަ އެވެ.
އެގޮތުން ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުން ނަން ދިނުން ހުއްދަވެގެންވާ ކަމުގަ އެވެ.
އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އެއީ މަކްރޫހަވެގެންވާ ކަމެއް ކަމުގަ އެވެ. އިމާމް مالك މިފަދައިން ވިދާޅުވެފައިވެ އެވެ. ابن رشد ވިދާޅުވެފައިވެ އެވެ. ”(އިމާމް مالك މިފަދައިން ކަރާހާތްތެރި ވުމުގެ ސަބަބު ކަމުގައި ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ.) އެއީ އެނަން އާދަމުދަރިންނަށް ކިޔުމުގެ ސަބަބުން އެ ނަމަށް ހުތުރުކަން ގެނުވާތީ އެވެ. އެގޮތުން އެ ނަމަށް ޢައިބުވާ ގޮތަށް އެކުލެވިގެންވާތީ އެވެ.“ އެބަހީ : މީހަކަށް ޖިބްރީލްގެ ނަމުން ނަން ދެވުމުން އެހިނދު އެމީހާއަށް އިޝާރަތްކޮށް ބުނެވެ އެވެ. ޖިބްރީލް އަތުވެއްޖެ އެވެ. ޖިބްރީލް ފެނިއްޖެ އެވެ. މިފަދައިން ބުނާއަޑު އިވުމުން އެއީ ނުހަނު ޙައިރާންކަން ގެނުވާ ކަމެއްގެ ގޮތުގަވުމާއި، އެ ނަމަށް ޢައިބުވެގެންދިއުން ހިމެނިގެންވުމެވެ.
އަދި އިމާމް ابن القيم ލިޔުއްވި މަޝްހޫރުފޮތް تحفة المودود ގައި މަލާއިކަތުންގެ ނަންފުޅުތަކުން ނަން ދިނުމުގެ ޞައްޙަ ގޮތަކީ އެއީ މަކްރޫހަވެގެންވާ ޢަމަލެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވެ އެވެ. އަދިވެސް ކަރާހަތްތެރި ކަމުގައިވާ ސަބަބެއް ކަމުގައި ވިދާޅުވެ އެވެ. އެ ނަންފުޅުތަކަކީ އެއީ މަލާއިކަތް ބޭކަލުންނަށް ޚާއްޞަވެގެންވާ ނަންފުޅުތަކެއްގެ ގޮތުގައި ކަނޑައެޅިފައިވުމުގެ މައްޗަށެވެ. އެގޮތުން جبرائيل ، ميكائيل އަދި إسرافيل މި ނަންފުޅުތައް ކިޔުން މަހްރޫހަވުމެވެ.
ފަހެ، ވުމުން، މިކަމުގައި ނަޞޭޙަތްތެރިވަނީ މިފަދަ ނަންތައް ކިޔުމުން ދުރުހެލިވުމަށެވެ.
ނިންމާލުމުގެ ކުރީގައި ބުނަމެވެ. މިއަދު މީސްތަކުންގެ ތެރޭގައި ނަންކިޔުމުގެ ތެރޭގައި ޢާންމުވަމުންދާ އެއް ސިފަ ކަމުގައިވާ މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް އަންހެން ދަރިންނަށް ކިޔުމަކީ ދީނުގައި ހުއްދަވެގެންވާ ޢަމަލެއް ނޫން ކަމުގައި ޢިލްމުވެރިން ކަނޑައަޅުއްވަ އެވެ. އެ ގޮތުން ملاك (މަލާކް) ملك (މަލަކް) مَلَكَةَ (މަލަކަ) ނަންތައް ކިޔުމުގެ ޙުކުމަކީ ޙަރާމްވެގެންވުން ކަމުގައި ބުނުމަކީ ނުހަނު ބާރުގަދަ ބުނުމެކެވެ.
ސަބަބަކީ މި ޢަމަލުވާކަން ކަށަވަރީ މުޝްރިކުން މަލާއިކަތް ބޭކަލުންނަކީ ﷲ ގެ އަންހެން ދަރިން ކަމުގައި ހަދާފައިވުމުގެ ޢަމަލާއި ވަތްތަރުވެގެންދާ ޢަމަލެއްގެ ގޮތުގަ އެވެ. ވުމުން މިކަމުގެ މައްޗަށް ސަމާލުވުން ހުއްޓެވެ.
ވުމުން، މައްސަލައިގެ ޚުލާޞާއަކީ ފިރިހެން ދަރިންނަށް މަލާއިކަތް ބޭކަލުންގެ ނަންފުޅުތަކުން ނަން ކިޔުން ދޫކޮށްލުން އަޥްލާވެގެންވުމެވެ.
އަދި އަންހެން ދަރިންނަށް އެފަދަ ނަންތައް ކިޔުން ޙަރާމްވެގެންވުން ކަމުގައި ބުރަވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.