އަލް-މުލްކު ސޫރަތް އަދި އަލް-ބަޤަރާ ޞޫރަތް ރޭގަނޑުގައި ޢާދަކޮށް ކިޔެވުމަކީ ސުންނަތެއްތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަލް-މުލްކު ސޫރަތް އަދި އަލް-ބަޤަރާ ޞޫރަތް ރޭގަނޑުގައި ޢާދަކޮށް ކިޔެވުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ފުރަތަމައީ :
މި ދެ ސޫރަތުގެ ތެރެއިން ރޭގަނޑުގައި ކިޔެވުން، ޢާދަކޮށް ކިޔެވުމަށް ސުންނަތުގައި މުލްކު ސޫރަތް ވާރިދުވެގެންވެ އެވެ. އެފަދަ ބައެއް ޙަދީޘް ޙަދީޘްތައް ޛިކުރު ކުރަމެވެ.
ޞަޙާބީ جابر بن عبدالله ގެ އަރިހުން الإمام الترمذي – الإمام النسائِي އަދި الإمام أحمد -رحمهم الله- އަދި އެހެނިހެން ސުންނަތުގެ ފޮތްތަކުގައި ރިވާކުރެވިގެންވެ އެވެ.
(كَانَ لا يَنامُ حتى يقرأَ الم تَنْزِيلُ السَّجْدَةُ ، و تَبارَكَ الذي بيدِهِ الملكُ)
”މާތް ނަބިއްޔާ صلى الله عليه وسلم، الم تَنْزِيلُ السَّجْدَةُ (ސަޖިދަ ސޫރަތް) އަދި تَبارَكَ الذي بيدِهِ الملكُ (މުލްކު-ސޫރަތް) ވިދާޅުނުވެ އަވަހާރަފުޅު ނުލައްޕަވަ އެވެ.“
މި ޙަދީޘް الإمام الألَبانِي -رحمه الله- السلسلة الصحيحة ގައި ޛިކުރު ކުރައްވައި ޙަދީޘް ޞައްޙަ ކަމުގައި ޙުކުމް ކުރައްވާފައިވެ އެވެ.
މަތީގައި ބަޔާންވެގެންވާ ޙަދީޘްއިން، ރޭގަނޑުގައި ޢާދަކޮށް މި ޞޫރަތް ކިޔެވުން މުސްތަޙައްބުވެގެންވާކަން ބަޔާންވެގެންވެ އެވެ.
އެހެނަސް ސޫރަތު-އަލް ބަޤަރާ މެދުގައި މިފަދައިން ވާރިދުވެގެން ނުވެ އެވެ. އެބަހީ : ކޮންމެ ރެއަކު ޢާދަވެ، އެއީ މުޞްތަޙައްބު ޢަމަލެއްގެ ގޮތުގައި ކުރުމެވެ.
އެހެނަސް ރޭގަނޑަށް ވަކިން ޚާއްޞަ ނުކޮށް، ބަޤަރާ ޞޫރަތް ގިނަގިނައިން ކިޔުމަކުން މަނާ ކަމެއް ނެތެވެ. އެހެނީ، އެކަން ވަނީ އެދެވިގެންވާ ޢަމަލެއް ކަމުގަ އެވެ. ސަބަބަކީ، ބަޤަރާ ސޫރަތުގެ މާތް ކަމާއި މަތިވެރި ކަން ބަޔާންވެގެންވާ ބައެއް ރިވާޔަތްތަކުގައިވެ އެވެ.
ޞަޙާބީ عبد الله بن مسعود -رضي الله عنه- އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ޙަދީޘް ކުރެއްވި އެވެ. (اقرؤوا سورةَ البقرةِ في بيوتِكم ، فإنَّ الشيطانَ لا يدخلُ بيتًا يُقْرَأُ فيه سورةُ البقرةِ)
”ތިޔަބައިމީހުންގެ ގެތަކުގައި ބަޤަރާ ސޫރަތް ކިޔެވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެ ގެއެއްގެ ތެރޭގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކަށް ޝައިޠާނާ ނުވަންނާނެ އެވެ.“
الألباني މި ޙަދީޘް السلسلة الصحيحة 1521 ގައި ގެންނަވާފައިވެ އެވެ.
ވުމުން، ގޭގައި މި ޞޫރަތް ހުއްޓާލުމެއްނެތި އަބަދުވެސް ކިޔަވާ ގޮތަށް، އެ ޤަޞްދުގައި ކިޔެވުމުގެ ނިޔަތުގައި ކޮންމެ ރެއަކުވެސް ވަކި މިންވަރެއް ކިޔެވުމުގެ ބޭނުމުގައި ކިޔެވުން މައްސަލައެއް ނެތެވެ. އެހެނަސް އެއީ ރޭގަނޑުގައި ކިޔުމަށް މުޞްތަޙައްބުވެގެންވާ ޢަމަލެއް ގޮތުގައި ނޫނެވެ.
އެހެނަސް މިތަނުގައި މުހިންމު ވެގެންވާ މަޢުލޫމާތެއް ޙިއްސާ ކުރަމެވެ. ޞައްޙަ ޙަދީޘްއިން އަލް-ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ރޭގަނޑަށް ޚާއްޞަކޮށް ކިޔެވުން ބަޔާންވެގެންވެ އެވެ. ފަހެ، އެއީ މުޞްތަޙައްބުވެގެންވާ ޢަމަލެކެވެ.
އެފަދަ ޙަދީޘްތަކުގެ ތެރޭގައި :
البُخَاري (5008) އަދި مُسلم (808) ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (مَن قرَأ بالآيتَينِ مِن آخرِ سورةِ البقرةِ في ليلةٍ كفَتاه) “البقرةِ ސޫރަތުގެ އެންމެ ފަހު ދެ އާޔަތް ރޭގަނޑުގައި ކިޔަވައިފި މީހާއަށް އެންމެހައި ކަންތައްތަކުން ފުދިގެންވެ އެވެ.”
الإمام ابن القَيِّم ވިދާޅުވެފައިވެ އެވެ. މާނައަކީ : ގެއްލުންދޭނެ އެންމެހައި ތަކެތީގެ ނުބައިކަމުން ފުދިގެންވެ އެވެ. (ސަލާމަތްކަން ލިބިގެންވެ އެވެ.)
الإمام ابن بَاز ވިދާޅުވެފައިވެ އެވެ. މާނައަކީ : އެންމެހައި ތަކެތީގެ ނުބައިކަމުން ފުދިގެންވެ އެވެ.
ދެވަނައީ :
ޤިޔާމަތް ދުވަހުގައި އަލް-މުލްކު ސޫރަތް އަދި އަލް-ބަޤަރާ ޞޫރަތް އޭގެ ޞާހިބާއަށް ޝަފާއަތްތެރިވާނޭ ކަމުގައި ބުނެފައިވާ ބުނުމުގެ މައްޗަށް ބުނަމެވެ.
- އަލް-ބަޤަރާ ސޫރަތާއި މެދުގައި ވާރިދުވެގެންވާ އިމާމް مسلم ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ.
ޞަޙާބީ ﺃﺑﻲ ﺃﻣﺎﻣﺔ ﺍﻟﺒﺎﻫﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ރިވާކޮށްފައިވެ އެވެ. : ﺭﺳﻮﻝ ﺍﻟﻠﻪ – ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -ޙަދީޘް ކުރައްވަނިކޮށް ތިމަން ޞަޙާބީއަށް އަޑުއިވުނެވެ.
»ﺍﻗﺮﺀﻭﺍ ﺍﻟﻘﺮﺁﻥ، ﻓﺈﻧﻪ ﻳﺄﺗﻲ ﻳﻮﻡ ﺍﻟﻘﻴﺎﻣﺔ ﺷﻔﻴﻌﺎ ﻷﺻﺤﺎﺑﻪ، ﺍﻗﺮﺀﻭﺍ ﺍﻟﺰﻫﺮﺍﻭﻳﻦ: ﺍﻟﺒﻘﺮﺓ ﻭﺳﻮﺭﺓ ﺁﻝ ﻋﻤﺮﺍﻥ، ﻓﺈﻧﻬﻤﺎ ﺗﺄﺗﻴﺎﻥ ﻳﻮﻡ ﺍﻟﻘﻴﺎﻣﺔ ﻛﺄﻧﻬﻤﺎ ﻏﻤﺎﻣﺘﺎﻥ، ﺃﻭ ﻛﺄﻧﻬﻤﺎ ﻏﻴﺎﻳﺘﺎﻥ، ﺃﻭ ﻛﺄﻧﻬﻤﺎ ﻓﺮﻗﺎﻥ ﻣﻦ ﻃﻴﺮ ﺻﻮﺍﻑ، ﺗﺤﺎﺟﺎﻥ ﻋﻦ ﺃﺻﺤﺎﺑﻬﻤﺎ، ﺍﻗﺮﺀﻭﺍ ﺳﻮﺭﺓ ﺍﻟﺒﻘﺮﺓ، ﻓﺈﻥ ﺃﺧﺬﻫﺎ ﺑﺮﻛﺔ، ﻭﺗﺮﻛﻬﺎ ﺣﺴﺮﺓ، ﻭﻻ ﺗﺴﺘﻄﻴﻌﻬﺎ ﺍﻟﺒﻄﻠﺔ
”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން (ޤުރުއާން) އޭގެ އަޞްޙާބުންނަށް ޝަފާޢަތްތެރިވުމަށް ޤިޔާމަތް ދުވަހުގައި އަންނާނެ އެވެ. ތިޔަބައިމީހުން ޒަހްރާވައިނި -އަލްބަޤަރާ އަދި ޢާލި-ޢިމްރާން- ކިޔަވާށެވެ. ފަހެ، ހަމަށަވަރުން ދެ ޞޫރަތް ( އެ ދެޞޫރަތް ކިޔަވާމީހުންނަށްޓަކައި) ބޯ ވިލާގަނޑެއް ފަދައިން ނުވަތަ ބޯމަތިން ހިޔާވައްސެއް ހޯދައިދޭ އެއްޗެއްގެ ގޮތުގައި ޤިޔާމަތްދުވަހުގައި އަންނާނެތެވެ. (ބޯ ވިލާގަނޑެއް ފަދައިން ފާޅުވެ ޤިޔާމަތް ދުވަހުގައި މަޙްޝަރުގެ މައިދާނުގައިވާ ގަދަ ހޫނުން ސަލާމަތްކޮށްދެ އެވެ.) ނުވަތަ ދެފިޔަ ޖަހަމުން އުދުހެމުންދާ ދޫނީގެ ދެ ބޮޑު ދެބައިގަނޑެއް ފަދައިން ހިޔާވަހިކަން ހޯދައިދީ، އެ ސޫރަތުގެ އަހުލުވެރީންނަށް ދިފާޢު ކުރުމުގައި، ވެރި ރައްބުގެ ޙަޟުރަތުގައި (ޝަފާޢަތަށް އެދި) ދަންނަވާނެ އެވެ. (މިތަނުގައި މުރާދަކީ އޭގެ ޞާޙިބާއަށް ޝަފާއަތަށް އެދި ދެންނެވުމެވެ.) އަދި ތިޔަބައިމީހުން އަލް-ބަޤްރާ ސޫރަތް ކިޔަވާހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެ ސޫރަތް ކިޔެވުމަކީ ބަރަކާތެކެވެ. އަދި ދޫކޮށްލުމަކީ ހިތާމަވެރި (އަބާއްޖަވެރި) ކަމެކެވެ. އަދި އެ ޞޫރަތްގެ މައްޗަށް ސިޙުރުވެރިންނަށް ގަދަވެ ނުގަނެވޭނެ އެވެ.“
ﻣﺴﻠﻢ ޞަހީހުގައި 804 ވަނަ ޙަދީޘްގައި މި ރިވާކޮށްފައިވެ އެވެ.
އިސްވެ ބަޔާންވެދިޔަ ޙަދީޘްއިން އަލް-ބަޤަރާ ސޫރަތުގެ މާތް ކަމާއި މަތިވެރި ކަން ބަޔާންވުމުގެ އިތުރަށް އެ ޞޫރަތަކީ ޤިޔާމަތް ދުވަހުގައި އޭގެ ޞާހިބާއަށް ޝަފާޢަތްއެދި އަންނާނެ ޞޫރަތެއްކަން ބަޔާންވެގެންވެ އެވެ.
- އަލް-މުލްކު ސޫރަތް އަދި ޤިޔާމަތް ދުވަހުގައި އޭގެ ޞާހިބާއަށް ޝަފާޢަތްތެރި ވާނެކަމުގެ މައްޗަށް ވާރިދުވެގެންވާ ދަލީލުތަކުގެ ތެރޭގައިވެ އެވެ. ޞަޙާބީ أبو هريرة ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެ އެވެ. މާތް ނަބިއްޔާ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ޙަދީޘް ކުރެއްވި އެވެ. (إنَّ سورةً منَ القرآنِ ثلاثونَ آيةً شفعَت لرجلٍ حتَّى غُفِرَ لَهُ، وَهيَ سورَةُ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ) ”ހަމަކަށަވަރުން 30 އާޔަތުގެ މައްޗަށް އެކުލެވިގެންވާ ސޫރަތެއް ޤުރުއާނުގައިވެ އެވެ. އޭގެ ޞާހިބާއަށް ފާފަ ފުއްސެވިގެން ދިއުމަށް ދާންދެން ޝަފާއަތްތެރިވާނެތެވެ. އެ ސޫރަތަކީ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ އެވެ.) މި ޙަދީޘް ސުނަނުގައި ވާރިދުވެގެންވެ އެވެ. އަދި އިމާމް الألباني -رحمه الله- صحيح الترمذي ގައި މި ރިވާޔަތް ހަސަން ކުރައްވާފައިވެ އެވެ.
ވުމުން، ޤުރުއާން ގިނައިން ކިޔެވުމަކީވެސް ޝަފާޢަތް ޙާޞިލްވާނެ ޢަމަކެއް ކަމުގައި ދަންނަ އެވެ. އަދި ބައެއް ޞޫރަތުގެ މާތް ކަމުގެ ތެރޭގައި އޭގެ ޞާޙިބާއަށް ޝަފާޢަތްތެރިވާނެ ކަން ބަޔާންވެގެންވެ އެވެ.
ސުވާލުގެ ޖަވާބު އޮޅުން ފިލައިފި ކަމުގައި އުއްމީދު ކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.