ހުކުރު ނަމާދުގައި ޤުނޫތު ނާޒިލާ ކިޔުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ހުކުރު ނަމާދުގައި ޤުނޫތު ނާޒިލާ ކިޔުމުގެ މައްޗަށް ކޮށްފައިވާ ސުވާލަށް ޖަވާބުގައި ބުނެމެވެ.
ފުރަތަމައީ : ޤުނޫތު ނާޒިލާ ފަރުޟު ފަސް ނަމާދުގައި ކިޔުން ޘާބިތުވެގެންވާކަން ބަޔާން ކުރުމެވެ.
މިކަމުގައި ޞައްޙަވެގެންވާ ބަސްފުޅަކީ އެންމެހައި ފަރުޟު ނަމާދު ތަކުގައި ފަހު ރަކުޢަތުގެ ރުކޫޢަށް ފަހުގައި ކިޔުމެވެ. މިއީ މިކަމުގައި ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. މި ބަސްފުޅުގެ މައްޗަށް ވާރިދުވެގެންވާ ޞަރީޙަ ދަލީލުތަކުގެ ތެރޭގައި صحيح البخاري ގައި أنس ގެ އަރިހުން ބަޔާން ވެގެންވާ ޙަދީޘް ހިމެނެ އެވެ.
ޙަދީޘްގައިވެ އެވެ. قنت النبي صلى الله عليه وسلم بعد الركوع شهرا يدعو على رعل وزكوان ނަބިއްޔާ صلى الله عليه وسلم ނަމާދުގެ ރުކޫޢަށް ފަހުގައި އެއްމަސް ވަންދެން ޤުނޫތު ކިޔުއްވި އެވެ. (އެ ޤުނޫތުގައި) رعل އަދި زكوان – މި ޤަބީލާގެ މައްޗަށް ދުޢާ ކުރެއްވި އެވެ.“
އަދިވެސް މިފަދައިން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި الإمام أحمد އަދި أبودادو، ابن عباس -رضي الله عنهما- ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެކެވެ.
”ރަސޫލާ صلى الله عليه وسلم އެއްމަސް ދުވަސްވަންދެން ޤުނޫތު ވިދާޅުވި އެވެ. މެންދުރު ނަމާދު، އަޞްރު ނަމާދު، މަޣްރިބް ނަމާދު، އިޟާ ފަތިސްނަމާދުގައި ވިދާޅުވި އެވެ. އެންމެ ފަހު ރަކުޢަތުގެ سمع الله لمن حمده ވިދާޅުވުމަށްފަހު، رعل އަދި زكوان (އެބައިމީހުންގެ މައްޗަށް) ދުޢާ ކުރެއްވި އެވެ.“
شيخ الإسلام ابن تيمية -رحمه الله :ވިދާޅުވެފައިވެ އެވެ. ”ނާޒިލާއެއް ދިމާވުމުން މުއުމިނުނަށްޓަކައި ދުޢާކުރުމާއެކު ކާފަރުންގެ މައްޗަށް ދުޢާކުރުން ފަތިސް ނަމާދާއި އެނޫން އެހެނިހެން ނަމާދުތަކުގައިވެ އެވެ.“
ދެވަނައީ : ފަރުޟު ފަސް ނަމާދުގެ އިތުރުން، ހުކުރު ނަމާދުގައި ކިޔުމާއި މެދުގަ އެވެ.
ހުކުރު ނަމާދުގައި ޤުނޫތު ނާޒިލާ ކިޔުމުގެ މައްޗަށް ޢިލްމުވެރިން ޚިލާފްވަޑައިގެންފައިވެ އެވެ.
ގިނަ ޢިލްމުވެރިންގެ ޤައުލު ކަމުގައިވާހުށީ ހުކުރު ނަމާދުގައި ޤުނޫތު ކިޔުމެއް ނުވާ ކަމެވެ. الشافعي ، مالك ، أحمد މިފަދައިން ދެކެވަޑައިގަންނަވަ އެވެ.
ޞަޙާބީން އަދި ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުންގެ ބަސްފުޅުކަމުގައިވާހުށީ މިފަދައިންނެވެ. އޭގެ ތެރޭގައި علي بن أبي طالب ، المغيرة بن شعبة ، النعمان بن بشير އަދި ޠާބިއީ ބޭކަލުންގެ ތެރެއިން عطاء ، الزهري ، قتادة، طاوس ، مكحول ، النخعي ހިމެނި ވަޑައިގަންނަވަ އެވެ.
އަދި މިޤައުލަކީ މުޙައްޤިޤުންގެ ތެރެއިން ގިނަ ބޭކަލުންގެ ޤައުލުކަމުގައިވެ އެވެ. އޭގެ ތެރޭގައި شيخ الإسلام ابن تيمية އިޚްތިޔާރު ކުރެއްވި ޤައުލެވެ.
ސަބަބަކީ، ހުކުރު ޚުޠުބާގައި ދުޢާކުރުމުން އެއީ އެކަމަށް ފުދިގެންވާ މިންވަރު ކަމުގައިވުމެވެ. އަދި ހަމަ އެފަދައިން ނަބިއްޔާ صلى الله عليه وسلم ހުކުރު ނަމާދުގައި ޤުނޫތު ނާޒިލާ ވިދާޅުކަމުގައި އެއްވެސް ދަލީލެއް ވާރިދުވެގެން ނުވުމެވެ.
އަދި އެއްވެސް ޞަޙާބީއެއްގެ އަރިހުންވެސް ހުކުރު ނަމާދުގައި ޤުނޫތު ވިދާޅުވިކަން ވާރިދުވެގެން ނުވުމެވެ. ابن عبد البر ވިދާޅުވެފައިވެ އެވެ. ”އެއްވެސް ޞަޙާބީއެއް ހުކުރު ނަމާދުގައި ޤުނޫތު ވިދާޅުވިކަމަށް ނަޤުލުވެގެން އައިސްފައި ނުވެ އެވެ.“
އަދިވެސް ވިދާޅުވެފައިވެ އެވެ. އަޅުކަންތަކުގެ އަޞްލަކީ ހުއްޓިފައިވުމެވެ. (ދަލީލެއް ޘާބިތު ވުމަށް ދާންދެން އެ އަޅުކަން ކޮށްގެން ނުވުމެވެ.) ފަހެ، ހުކުރު ނަމާދުގައި ޤުނޫތު ކިޔުމަށް އެއްވެސް ދަލީލެއް ވާރިދުވެގެންނުވުމުން އެއީ ޘާބިތު ކަމެއް ނޫން ކަމެވެ.
الشيخ ابن عثيمين رحمه الله އަރިހުގައި ސުވާލު ކުރެވުނެވެ.
ހުކުރު ނަމާދުގައި ޤުނޫތު ނާޒިލާ ކިޔުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބުގައި ވިދާޅުވި އެވެ.
”ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ހަމަކަށަވަރުން އިމާމް ހުކުރު ނަމާދުގައި ޤުނޫތު ނާޒިލާ ކިޔުމެއް ނުވެ އެވެ. ސަބަބަކީ ޚުޠުބާގައި މުއުމިނުންނަށް ދުޢާ ކުރުން ވުމުންނެވެ. ފަހެ، (އެގޮތުން) އެބަޔަކަށް ޤުނޫތު (ނާޒިލާ) ކިޔުމަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޚުޠުބާގެ ތެރޭގައި ދުޢާކޮށްދިނުން ހުއްޓެވެ. މިއީ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތެވެ.“
އެހިނދު ސުވާލު ދެންނެވުމެވެ. ޤުނޫތު ކިޔަފި ކަމުގައިވާނަމަ (އެކަމުގައި އޮތީ ކިހިނަކުން ހެއްޔެވެ؟
ޖަވާބުގައި ވިދާޅުވި އެވެ.
”ޢިލްމުވެރިން (ޤުނޫތު ކިޔުމެއް
ނުވާކަން) ވިދާޅުވެފައިވުމުން، އޭނާއަށް އޮތީ ޤުނޫތު ކިޔުން ދޫކޮށްލުމެވެ.
އެހިނދު ސުވާލު ދެންނެވުނެވެ. އެއީ ހުއްދަކަމެއް ތޯ އެވެ؟
ފަހެ، ޖަވާބުގައި ވިދާޅުވި އެވެ. ”
މައްސަލައެއް ނެތެވެ. ސަބަބަކީ ޤުނޫތު ކިޔައިފިހިނދު އުރެދުމެއް ކަމުގައި ނުވާނެ އެވެ. އެހެނަސް އެންމެ ހެޔޮވެގެންވާ ގޮތަކީ އެބަޔަކަށް ޤުނޫތު ނާޒިލާ ކިޔުމަށް ބޭނުންވާ ފަރާތްތަކަށް ޚުޠުބާދޭހިނދު ޚުޠުބާގެ ތެރޭގައި ދުޢާ ކޮށްދިނުމެވެ.“
ވުމުން މައްސަލައިގެ ޚުލާޞާ އަކީ، ހުކުރު ނަމާދުގައި ޤުނޫތު ކިޔުމެއް ނުވާ ކަމެވެ. އެއީ އެކަމަށް އެއްވެސް ދަލީލެއް ވާރިދުވެފަ އެއް ނުވުމުންނެވެ.
ނިންމާލުމުގެ ކުރިން ނުހަނު މުހިންމުވެގެންވާ ފައިދާ އެއް ބަޔާން ކުރަމެވެ.
މައްސަލައަކީ ޚިލާފީ މައްސަލައެއް ކަމުގައި އެނގި ބަޔާންވެ އެވެ.
ހުކުރު ނަމާދުގައި ކިޔުމަށްވުރެ ނުކިޔުން އަޥްލާވެގެންވެ އެވެ. އެއާއި އެކުގައިވެސް އިމާމެއް ހުކުރު ނަމާދުގައި ޤުނުތު ކިޔަނީ އެވެ.
ފަހެ، ވުމުން މިފަދަ މައްސަލައެއްގައި އިމާމް ދެ ޤައުލުންކުރެ ޤައުލެއް ނަގައި، އޭނާގެ ރައުޔާ ޚިލާފް ޤައުލު ނެގި ކަމުގައިވީނަމަވެސް މައުމޫމުން އެހިނދު އިމާމް އަށް ތަބަޢަވުން ހުއްޓެވެ.
މާތް ނަބިއްޔާ صَلَّى اللهُ عليه وسلَّمَ ޙަދީޘްފުޅު ކުރައްވާފައިވެ އެވެ. (إنَّما جُعِل الإمامُ ليؤتمَّ به….) ”ހަމަކަށަވަރުން އިމާމް ލެވިގެންވަނީ އިމާމްއަށް ތަބަޢަވުމަށްޓަކަ އެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.