ތަރާވީޙް ނަމާދުގެ ދެ ރަކުޢަތް ދޭތެރޭގައި ކިޔާނެ އެއްވެސް ޚާއްޞަ ޛިކުރެއްވޭތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ތަރާވީޙް ނަމާދުގެ ދެ ރަކުޢަތް ދޭތެރޭގައި ކިޔާނެ އެއްވެސް ޚާއްޞަ ޛިކުރެއް ނޯވެ އެވެ. އަދި ކިޔެއްތަ! އިމާމް އަށް އޮތީ ސަލާމް ދިނުމަށްފަހު އަނެއް ރަކުޢަތްތައް ކުރުމަށް ތެދުވުމެވެ. އެ ދެމެދުގައި މީސްތަކުން އަރާމު ކޮށްލުމަށް ނުވަތަ ވަރުބަލި ފިލުވުމަށް ވަޤުތުުކޮޅެއް ދިނުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.
އެހެނަސް އެއީ ވަކި ޛިކުރެއް އަދި ދުޢާއެއް ކިޔުމުގެ ގޮތުން ނޫނެވެ. ވަރުބަލި ވެފައި ވުމުން ހިތްހަމަ ޖެހިލުމަށް ދެވޭ ވަޤުތެކެވެ. ތަރާވީޙް ނަމާދަށް މިފަދައިން ނަންދެވިފައިވާ ސަބަބަކީވެސް މި އެވެ.
ތަރާވީޙް ނަމާދަށް އެފަދައިން ”ތަރާވީޙް ނަމާދުގެ ނަމުން ނަންދެވިފައިވަނީ ރަކުޢަތް ކުރުމަށްފަހު އަރާމު ކުރާތީ އެވެ. الإِمَام ابن حجر -رحمه الله- ވިދާޅުވެފައިވެ އެވެ . ”ރަމަޟާން މަހުގެ ރޭގަނޑުގެ ވަގުތުގައި މީސްތަކުން ޖަމަޢަވެ ކުރާ ނަމާދަށް ތަރާވީޙް (އިށީނދެ އިނދެ އަރާމްކުރުން) ނަމާދުގެ ނަމުން ނަންދެވިފައިވެ އެވެ. ސަބަބަކީ އެންމެ ފުރަތަމަ އެބައިމީހުން އެ ނަމާދު ޖަމާޢަތުގައި ކުރި ހިނދުގައި ކޮންމެ 2 ސަލާމެއް ދިނުމަށްފަހު (4 ރަކުޢަތް ކުރުމަށްފަހު) އަރާމް ކުރެ އެވެ.“ فتح الباري: ج4 ص250
އަރާމު ކުރުމަށް ވަޤުތު ދިނުމުން، މީހަކު ތަސްބީޙަ ކިޔަނީ އެވެ. އަނެކަކު އެ ވަޤުތުގައި ޤުރުއާން ކިޔަވަނީ އެވެ. އަނެކަކު ތަހްލީލު ކިޔަނީ އެވެ. ވަޤުތު އެކިއެކި ޛިކުރު ކުރުމުގައި ހޭދަ ކުރީ އެވެ. މިކަމުގައި އެއްވެސް މަނާ ކަމެއް ނެތެވެ. އެހެނަސް އެންމެން އެއް އަޑަކުން ޖަމާޢަތުގެ ޛިކުރެއް ފަދައިން ކިޔުން ޘާބިތުވެގެންވާ ޢަމަލެއް ނޫނެވެ. އަދި ވަކި ޚާއްޞަ ޛިކުރެއް ކިޔުމަށްވެސް އޮތް މަޤާމެއް ނޫނެވެ.
ނިންމާލުމުގެ ކުރީގައި ބުނަމެވެ. ވިތުރި ކޮށް ނިންމުމަށްފަހު ކިޔުމަށް ޚާއްޞަ ޛިކުރެއްވެ އެވެ. މިއީ ވަރަށް ގިނަ ބަޔަކު ދޫކޮށްފައިވާ ސުންނަތެކެވެ. ޙަދީޘްގައި ވެ އެވެ. ނަބިއްޔާ. ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(وإذا سلَّمَ من الوترِ، قال سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ، ثلاثًا ويمدُّ بِها صوتَه، ويرفعُ في الثالثةِ) ”ނަބިއްޔާ ﷺ ވިތުރި ކުރައްވާ ނިމިވަޑައިގަތުމުން سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ سبحانَ الملِكِ القدُّوسِ ތިންފަހަރަށް ވިދާޅުވެ އެވެ. އަދި القدُّوسِ ވިދާޅުވެ ދަމާލެއްވި އެވެ. އަދި 3ވަނަ ފަހަރަށް ވިދާޅުވާ ހިނދުގައި އަޑު އުފުއްލަވާ ވިދާޅުވެ އެވެ.“ قيام رمضان ، الشيخ الألباني ، صحيح 33
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.