|

ވަލިއްޔުލް ޢަމްރު ޑޮލަރު ވިއްކަން ކަނޑައަޅާފައިވާ އަގުނޫން އެހެން އަގެއްގައި ޑޮލަރު ވިއްކުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް ދީނުގައިވާ މުހިއްމު ޤަވާޢިދެއް ބަޔާން ކުރަމެވެ.

އެއީ، ކުރާ ހިތްވާ ކަންތައްތަކާއި އަދި ކުރާ ހިތް ނުވާ ކަންތައްތަކުގައި، ލޯބިކުރާ ކަންތައްތަކުގައި އަދި ލޯބި ނުކުރާ ކަންތައްތަކުގައި އަދި އެދޭ ކަންތައްތަކާއި ނޭދޭ ކަންކަމުގައި ވެސް، އެ ކަމަކީ ފާފައަކަށް ނުވާނަމަ، ވެރިޔާ (ވަލިއްޔުލް-އަމްރު)، ރަސްކަލު، އަމީރަށް ކިޔަމަންގަތުން ވާޖިބު ވެގެންވެއެވެ. މިއީ ޝަރުޢީ ޤަވާޢިދެކެވެ.

ابن عمر رضي الله عنهما ގެ ފަރާތްޕުޅުން ރިވާ ކުރައްވާފައިވެއެވެ. السَّمْعُ وَالطَّاعَةُ عَلَى المَرْءِ المُسْلِمِ فِيمَا أَحَبَّ وَكَرِهَ، مَا لَمْ يُؤْمَرْ بِمَعْصِيَةٍ، فَإِذَا أُمِرَ بِمَعْصِيَةٍ فَلاَ سَمْعَ وَلاَ طَاعَةَ»

“މުސްލިމު އަޅާ އޭނާގެ ވެރިޔާއަށް އަޑުއަހާ ކިޔަމަންގަތުންވެއެވެ. އޭނާ ކުރާހިތްވާ ކަންތައްތަކުގައި އަދި ކުރާހިތްނުވާ ކަންތައްތަކުގައި ވިޔަސްމެއެވެ. ފާފައަކަށް އަމުރު ކުރުމަށް ދާންދެނެވެ. ފާފައަކަށް އަމުރުކޮށްފިނަމަ، އެކަމުގައި ކިޔަމަންވެ އަޑުއެހުމެއް ނުވެއެވެ”. إمام البخاري ޞަޙީޙުގައި މި ޙަދީޘް ރިވާކޮށްފައިވެއެވެ.

ވީމާ ސުވާލަކީ، ޑޮލަރު ނުވަތަ ބޭރުފައިސާ ގަނެ ވިއްކުމަށްޓަކައި ވަލިއްޔުލް-އަމްރު ވަކި އަގެއް ކަނޑައަޅައި އެ އަގަށް ގަނެ ވިއްކުމަކީ ތިމާ ފާފަވެރިވާނެ ޢަމަލެއް ހެއްޔެވެ؟

ޖަވާބަކީ ފާފަވެރި ޢަމަލެއް ނޫނެވެ. އެހެނަސް އެއީ އޭނާ ހިތް ނޭދޭ ނުވަތަ ލޯބި ނުކުރާ ޢަމަލެއް ކަމުގައި ވެދާނެއެވެ. މިއީ، އޭނާ ލޯބި ނުކުރާ އަދި ހިތް ނޭދޭ ޢަމަލެއް ކަމުގައި ވީނަމަވެސް އެ ޢަމަލަކީ އޭގެ ސަބަބުން ފާފަވެރިނުވާ ޢަމަލަކަށް ވާހިނދު، ނުވަތަ މުންކަރާތަކަށް މަގު ފަހިކޮށްދޭ ޢަމަލަކަށް ނުވާނަމަ، އޭނާއަށް އޮތީ ވަލިއްޔުލް-އަމްރު ކަނޑައަޅާފައިވާ ޤަވާޢިދު ތަކުގައި ދެމި ހުރުމެވެ. މި ޤަވާޢިދު ފަހުމްވެ ރަނގަޅަށް ދެނެގަތުން ހުއްޓެވެ.

އެއަށް ފަހު ޑޮލަރު ގަނެ ވިއްކުމަށް ޚާއްޞަކޮށް ކޮށްފައިވާ ސުވާލުގައި ޖަވާބު ބަޔާންކުރަމެވެ. މި މައުޟޫގައި މައްކާގައި މިއަދު ތިއްބެވި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޑރ. الشيخ محمد بن عمر بازمول – حفظه الله- ވިދާޅު ވެފައިވެއެވެ.

ސުވާލު : ބޭންކުތަކުން ރަސްމީ އަގުގައި ޑޮލަރު ގަނެ، އެއަށްފަހުގައި ކަޅު ބާޒާރުގައި އެ ޑޮލަރުތައް ވިއްކުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އެހެނީ އަހަރެމެންގެ ޤައުމުގައި، ކަޅުބާރާޒުގައި ޑޮލަރުގެ އަގު މަތިވެފައިވަނީ ކަންބޮޑުވާހާ މިންވަރަށެވެ. އަދި ގާތްގަނޑަކަށް ރަސްމީ އަގާއި ކަޅުބާޒާރުގެ އަގު 3 ދީނާރުގެ ތަފާތު އުޅެއެވެ.

ޖަވާބު: ތަފާތު ދެ ފައިސާ، އެއްފައިސާއަށް އަނެއްފައިސާ ވިއްކުން (އެކްސްޗޭންޖު) ކުރުން ޝަރުޠަކާ އެކު ހުއްދަ ވެގެންވެއެވެ. އެއީ ވަޤުތުން ވަޤުތަށް އަތުން އަތަށް ބަދަލުވުމެވެ.

އެހެނަސް ވަލިއްޔުލް އަމްރު، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތަންތަނުން، ރަސްމީ އަގަކަށް ކަނޑައަޅާފައިވާ އަގަކަށް ނޫނީ ވިއްކުން މަނާ ކޮށްފައިވާނަމަ، ފަހެ އެހިނދުގައި ވާޖިބު ވެގެންވަނީ ވެރިޔާއަށް ކިޔަމަންވެ އަޑުއެހުމެވެ. والله الموفق.

އިތުރަށް ބުނަމެވެ. އަޚާއެވެ! އެމީހަކު ވަނީ ޑޮލަރު ގަންނަން ބޭނުންވެ، އެއަށް ނުހަނު ޙާޖަތް ޖެހިފައިއެވެ. ރަސްމީ އަގަަށް ވުރެ ބޮޑުކޮށް ނޫނީ ގަންނާކަށް ނުލިބެއެވެ. އެވެ. ފަހެ، އެހިނދު އޭނާ ބޮޑު އަގުގައި ގަތުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އޭނާއަކީ ގަންނަ މީހާއެވެ. ބޮޑު އަގެއް ހަދައި އެ ބޮޑު އަގުގައި ވިއްކާ މީހެއް ނޫނެވެ.

އޭނާ ބޮޑު އަގުގައި ގަނެފައިވާ ޑޮލަރު އޭނާ ގަތް ރޭޓުގައި ވިއްކުން ވެސް މައްސަލައެއް ނޫނެވެ. ސަބަބަކީ އެއީ އެއިން ވިޔަފާރިކޮށް ކަޅުބާޒާރުގައި އޭނާ ވިއްކުން ކަމުގައި ނުވާނެއެވެ. އެއީ، އޭނާ ވިއްކާ ޑޮލަރު ފައިދާ ހޯދުމަށް ޓަކައި ވިއްކާ، ވިއްކުމުގެ ތެރެއަށް ނުވަންނާނެތީއެވެ.

Similar Posts

Leave a Reply