ފާރުގައި ނުވަތަ ތަންތާގައި ބަހައްޓާފައި ހުންނަ ތަސްވީރު ފޮޓޯތަކުގައިވާ ޞޫރަ ގެއްލުވާލާނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ފާރުގައި ނުވަތަ ތަންތާގައި ބަހައްޓާފައި ހުންނަ ތަސްވީރު ފޮޓޯތަކުގައިވާ ޞޫރަ ގެއްލުވޭނެ ސިފައަކީ ކޮބައިކަމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ :
މިފަދަ ފޮޓޯތައް ނެގުމާއި ފޮޓޯ ބެހެއްޓުމުގެ ޙުކުމެވެ.
ފޮޓޯ ނެގުމާއި ޞޫރަކުރުމުގެ މި ޢަމަލުގެ ވާހަކަ އަދި ޙުކުމް ޝަރުޢީ އެތައް ދަލީލެއްގައި ވާރިދުވެގެންވެ އެވެ
އޭގެ ތެރޭގައި :
ބުޚާރީއާ މުސްލިމު ރިވާކުރައްވާފައިވެ އެވެ. (أشد الناس عذابا يوم القيامة الذين يضاهئون بخلق الله) ”ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ދެއްވޭނެ މީސްތަކުންގެ ތެރެއިން (އެއްބަޔަކީ) ﷲ ތަޢާލާގެ ހެއްދެވުމާ އެއްވައްތަރަށް ތަކެތި ހެދުމަށް މަސައްކަތްކުރާ މީހުންނެވެ.“
މިތަނުގައި ރަސޫލާ ﷺ ގެ ބަސްފުޅު؛ ”ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ދެއްވޭނެ“ އޮތުމުން އެއީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަން ބަޔާންވެގެންވެ އެވެ.
އަދިވެސް އަލް-ބުޚާރީ އަދި މުސްލިމް، ޞަޙާބީ ابن عباس ابن عباس رضي الله عنه ގެ ކިބައިން ރިވާކުރެއްވި އެވެ. ابن عباس ވިދާޅުވި އެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ. (كلُّ مصوِّر في النار، يجعل له بكلّ صورةٍ صوّرها نفس يعذّب بها في جهنم) ”ޞޫރަކުރާ ކޮންމެ މީހަކު ވަނީ ނަރަކައިގަ އެވެ. އޭނާ ސޫރަކުރި ކޮންމެ ޞޫރައަކަށް (ޤިޔާމަތް ދުވަހު) ރޫހެއް ލެވި، އެއިން އޭނާއަށް ނަރަކައިގައި ޢަޛާބު ދެވޭ ހުށްޓެވެ.“
މި ޙަދީޡުގައިވެސް ވަނީ ގަދަފަދަ ވަޢީދުގެ އިންޒާރެކެވެ.
މި ޙަދީޘް ޝަރަޙަ ކުރައްވާ މިއަދު ދުނިޔެމަތީގައިވާ އެންމެ ބޮޑެތި ޢިލްމުވެރިން، ސުންނީ ސަލަފީ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު العَلاَّمَة د. صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.
“ ފަހެ ނަބިއްޔާ ﷺ ބަސްފުޅު؛ (كل مصور) ”ސޫރަކުރާ ކޮންމެ މީހަކު“، ހުރިހާ ބާވަތެއްގެ ސޫރަކުރުމުގެ މައްޗަށް ޝާމިލުވެގެންވެ އެވެ. އެއީ ކަނޑައިނެގުމަކުން ނުވަތަ (ހިޔަނި ހުންނަ) ބުދެއް ގޮތުގައި ހެދިކަމުގައި ވިޔަސްމެ އެވެ. އެގޮތަށް ބުދެއް (ޢަރަބި ބަހުން ތިމްޘާލެއް) ގޮތަށް ހެދުމަކީ، ޖިސްމެއް ގޮތަށް ހެދުމޭ ކިޔެއެވެ. މީގެ އިތުރުންވެސް، ގަނޑެއް ނުވަތަ ފިލައެއް ނުވަތަ ފާރެއްގައި ކުރަހައިގެން، ނޫންނަމަ މިޒަމާނުގައި ވުޖޫދަށް އައިސްފައިވާ ފޮޓޯ ނަގާ އާލަތް (ކެމެރާ) އިން ނެގުން ކަމުގައިވިޔަސް މިކަމުގެ ތެރެއަށް ވަދެގެން ދާނެ އެވެ. އެހެނީ އެއީ އެފަދައިން ސޫރައެއް ނަގައިފި މީހަކަށް މުޞައްވިރެކޭ (ސޫރަކުރާ މީހެކޭ) ކިޔޭނެތީއެވެ. އޭނާ އެކުރި ކަމަކީ ތަޞްވީރުކުރުމޭ ކިޔޭނެތީއެވެ. ފަހެ ބަޔަކު މީހުން ދަޢުވާކުރާ ގޮޮތަށް، ކެމެރާއިން ނަގާ ފޮޓޯ މިޝާމިލު މާނައިގެ ތެރެއިން ނެރެނީ ކޮން އެއްޗެއް ހެއްޔެވެ؟!
އޭނާ އެކުރި ކަމަކީ ސޫރަކުރުމޭ ބުނެވޭހާ ހިނދަކު ފަހެ މިއިންޒާރުގެ ވަޢީދު ބަސްފުޅުން އޭނާ ނެރެނީ ކޮން އެއްޗެއް ހެއްޔެވެ؟!
އަދި ހަމަ އެއާއެކު، ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅު (بكلّ صورةٍ صوّرها) ”އޭނާ ހެދި ކޮންމެ ސޫރައަކަށް“ މިއީވެސް ހުރިިހާ ސޫރަތަކެއްގެ މައްޗަށް ޢާއްމު ބަސްފުޅެކެވެ. ކޮންމެފަދަ ސޫރައަކަށް ވީނަމަވެސް އެވެ. ސިފަކޮށް އަތުން ކުރެހި ކަމުގައިވީނަމަވެސް ނުވަތަ ކަނޑާނެގިޔަސް ނުވަތަ އާލަތް ބޭނުންކޮށްގެން ނެގިކަމުގައި ވިޔަސްމެ އެވެ. އާލަތެއް ބޭނުންކޮށްގެން ނަގާ މީހަކު، އެންމެ ބޮޑުވެގެންވެސް އަންނަ ތަފާތަކީ އަތުން ކުރަހާ މީހަކަށްވުރެ އޭނާ އެކަން ކުރުމުގައި އަވަސްވުމެވެ. އެހެނީ، ނަތީޖާއަކީ އެއް ނަތީޖާއެކެވެ. އެއިން ކޮންމެ މީހެއްގެވެސް ގަސްދަކީ ސޫރައެއް އީޖާދުކުރުމެވެ. ފަހެ އެއްޗެއް ކަނޑާނަގައިގެން ސޫރަކުރާ މީހާ ނުވަތަ އެއްޗެއް ބިނާކޮށްގެން އެކަން ކުރާ މީހާގެ ވެސް ގަސްދަކީ ސޫރައެއް އީޖާދުކުރުމެވެ. އަދި ކުރަހާ މީހާގެވެސް ގަސްދަކީ ސޫރައެއް އީޖާދުކުރުމެވެ. އަދި ކެމެރާއިން ނަގާ މީހާގެވެސް ގަސްދަކީ ސޫރައެއް އީޖާދުކުރުމެވެ. އެބައިމީހުން މެދުގައި އަހަރެމެން ތަފާތުކޮށް ފަރަޤުކުރަންވީ ކީއްވެހެއްޔެވެ؟!
ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ”ސޫރަކުރާ ކޮންމެ މީހަކު“ މިފަދައިންނެވެ. ފަހެ މި ޢާއްމު ލަފްޒު ވަކި އެއްޗަކަށް ޚާއްޞަކޮށްދޭ ދަލީލަކީ ކޮބައިތޯ އެވެ. އެބައިމީޙުން ގެންނަ ފަލްސަފާއާ އަލަށް ގެނެވޭ ބިދުޢަވެރި ބަސްތައް ނޫނީ އިތުރު އެއްޗެއް ނެތެވެެ؟!
ރަސޫލާ ﷺ ބަސްފުޅު ވަކި މާނައަކަށް ޚާއްޞަކުރަން ބޭނުންވަނީ އެބައިމީހުންގެ އަމިއްލަ ރައުޔުން ހެއްޔެވެ. ފޮޓޯގްރާފީ ސޫރަތަކާއި ހިޔަނިހުންނަ އަދި އަތުން ކުރެހޭ ސޫރަތަކުގައިވެސް އެކުލެވިގެންވާ ޙަރާމްކަމަކީ ހަމަ އެއް ކަމަކެވެ. އެއީ އެތަކެތި ޝިރުކަށް ހުރި ވަސީލަތަކަށްވުމާއި، އެތަކެތި ހެދުމަކީ ﷲ ތަޢާލާގެ ހެއްދެވުމާ އެއްގޮތަށް ހަދަން އުޅުމަށް ވާތީއެވެ. އެއިން ކޮންމެ ކަމެއް ކުރާ މީހަކީވެސް މުޞައްވިރެކެވެ. އަދި ހުރިހާ ކަމެއްގެ ވެސް ނަތީޖާއަކީ ހަމަ އެއް ނަތީޖާއެވެ. އަދި މަގްސަދަކީ އެއް ކަމެކެވެ. ފަހެ އާލަތުން އެކަން ކުރާ މީހާ އެހެން ހުރިހާ ބާވަތެއްގެ ސޫރަކުރާ މީހުން ތެރެއިން ޚާއްޞަވަނީ ކޮން ގޮތަކުން ހެއްޔެވެ؟ އެހެނެއް ނޫނެވެ. އަދި ކިއެއްތަ، އާލަތުން އެކަން ކުރާ މީހާ މާ ނުބައިކަން ބޮޑުވެގެންވެއެވެ. އެހެނީ އޭނާ އެކަން ކުރަނީ ކުރަހާ މީހާއަށް ވުރެ މާ ރީއްޗަށެވެ. އޭނާ ނަގާ ސޫރަ ކުލަހެޔޮވަރުކޮށް ރީތިކުރެއެވެ. އަދި ރީތިކޮށް ނެރުމަށްޓަކައި މަސައްކަތްކޮށް، އަތުން ކުރެހޭ ތަކެއްޗަށް ވުރެ މާ ފުރިހަމައަށް އެކަން ކުރެއެވެ. ފަހެ މިހުރިހާ ކަމެއްގައިވެސް ވަނީ އެއް މާނައެކެވެ. އެހެންކަމުން އެކަންތައް މެދުގައި ފަރަޤުކުރުމަށްޓަކައި މިތަކުލީފުތައް ޖައްސައި ނުވަތަ މިފަދަ ހީލަތާއި އޮޅުވާލުން ހެދުމުގެ ބޭނުމެއް ނެތެވެ.
އަދި ހަމަކަށަވަރުން ބަޔާންވެ އެނގިގެންވާ ގޮތުގައި ﷲ އާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅުތައް، އެއިލާހާއި ރަސޫލާގެ ބަސްފުޅުތަކުން އައިސްފައިވާ ދަލީލަކުން މެނުވީ ޚާއްޞަކުރުން ހުއްދަވެގެންނުވެ އެވެ. މީސްތަކުންގެ އިޖުތިހާދުތަކުންނާއި ހީކުރުންތަކާއި އެބައިމީހުންގެ ފަލްސަފީ ވާހަކަތަކުން ޚާއްޞަކުރުން ޖާއިޒެއް ނުވާނެ އެވެ. އެހެން ހަދައިފިނަމަ އެކަން ވަނީ އޭގެ އަހުލުވެރިޔާގެ މައްޗަށް ރައްދުކުރެވިގެންނެވެ. މިއީ، އެހެނީ ޢާއްމު ބަސްފުޅެއް ދަލީލަކާ ލައިގެން މެނުވީ ޚާއްޞަނުކުރެވޭނެކަން އެއީ ޙަދީޡުގެ އަޞްލުތަކާއި ތަފްސީރުގެ އަޞްލުތަކުގެ ތެރޭގައި ބަޔާންވެގެންވާ ކަމެކެވެ. މީސްތަކުން އަމިއްލައަށް ކުރާ އިޖުތިހާދުތަކުން ޢާއްމު ބަހެއް ޚާއްޞަނުކުރެވޭނެއެވެ. މިއީ އެ ގަވާއިދެއްގެ މައްޗަށް އިޖުމާޢުވެވިފައިވާ، އޭގެ މައްޗަށް އެއްވެސް އަރާރުމެއްނުވާ ގަވާއިދެކެވެ. ފަަހެ މިގަވާއިދު އެބައިމީހުންގެ މައްޗަށް ވަންހަނާ ވަނީ ކޮންފަދައަކުން ހެއްޔެވެ؟
އަދި ހަމަކަށަވަރުން ކެމެރާއިން ނަގާ ފޮޓޯ މަނާވެގެންވާ ސޫރަކުރުމުގެ ތެރެއަށް ނުވަންނާނެއޭ ބުނެ މިފަދަ އެތައް ވާހަކަތަކެއް އެބައިމީހުން ދައްކަ އެވެ. މިހުރިހާ ވާހަކަތަކަކީވެސް ޢިލްމުގެ އަހުލުވެރިންނާ އުޞޫލު ޢިލްމުގެ ބޭފުޅުން ގާތުގައި އެއްވެސް އަގެއް ނެތް ބޭކާރު ވާހަކަތަކެކެވެ. އުޞޫލު ޢިލްމުގެ ގަވާއިދުތައް މިކަމާ ފުށުއަރަ އެވެ. އަދި އެބައިމީހުންނަށް އެކަން ރަނގަޅަށް އެނގޭނެ އެވެ. އެހެނެއްކަމަކު – سبحان الله – ހަވާ ނަފްސުގެ އެދުމާއި މަގުފުރެދުމުގެ ސަބަބުން މީހާ ގެއްލެނިވެ އޮޔާ ދަނީ ހާދަހާ ދުރަކަށެވެ.“ إعانة المستفيد بشرح كتاب التوحيد 358-365
އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ.
(من صور صورة في الدنيا كُلِّف أن ينفخ فيه الروح وليس بنافخ) ”ދުނިޔޭގައި ސޫރައެއް ހަދައިފި މީހަކު، ޤިޔާމަތް ދުވަހު އެއަށް ރޫހެއް ފުމެ އެޅުއްވުމަށް ޖެއްސެވޭނެތެވެ. އޭނާ އަކީ އެކަން ކުރެވޭނެ މީހެއް ނޫނެވެ.“
ވުމުން، މިއަދު މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ދިރޭ ތަކެތީގެ ފޮޓޯ ނެގުމާއި ފޮޓޯތައް ބެހެއްޓުމުގެ ޢަމަލުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. ފަހެ، މިއީ އޭގެ އިންތިހާއަށް ނުރައްކަލާއި ވަޢީދު ވާރިދުވެގެންވާ ބާބެކެވެ.
ސުވާލުގެ ދެވަނަ ބައެވެ.
ފޮޓޯއެއް ބަހައްޓައިފިހިނދު އޭގައިވާ ޞޫރަ ގެއްލިގެންދާނީ ކިހިނަކުން ހެއްޔެވެ؟
މިކަމަށްވެސް ޢަމަލު ކުރުމަށް ޝަރީޢަތުގައި ސާފު ޞަރީޙަ ދަލީލުވެ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.
(الصورة الرأس فإذا قطع الرأس فلا صورة) الصحيحه 1921
”ޞޫރައަކީ އޭގެ ބޮލެވެ. (އޭގައި ބޯ ހުރުމެވެ.) ފަހެ، އޭގެ ބޯ ކަނޑައިފި ހިނދުގައި އޭގައި ޞޫރައެއް ނުވެ އެވެ.“
ބުނަމެވެ. އެންމެހައި ޞޫރަތަކުގެ މައްޗަށް ޢަމަލުބަހައްޓަންޖެހޭނެގޮތް ބަޔާންކުރައްވާ ޙަދީޘް ކުރެއްވި އެވެ.
(لا تدع صورة إلا طمستها ولا قبراً مشرفاً إلا سويته) مسلم 969
” އެއްވެސް ޞޫރައެއް، އޭގެ ސިފަ ގެއްލުވާފައިމެނުވީ ދޫނުކުރައްވާށެވެ. އަދި ބިންމަތިން އުފުލާފައިވާ އެއްވެސް ޤަބުރެއް ބިމާ ހަމަކުރުމަށްފަހުގައި މެނުވީ ދޫނުކުރައްވާށެވެ.“
ﷲގެ އާޔަތްތަކާއި ރަސޫލާގެ ޙަދީޘްްފުޅަށްވުރެ ހެޔޮވެގެންވާ އެއްވެސް ހިދާޔަތެއް މި ދުނިޔެމައްޗަކު ނުވާނެ އެވެ. އެންމެހައި އަހުލުވެރިންގެ ބަސްތަކުގެ މައްޗަށް ޙުއްޖަތް ނެރެން ޖެހޭނީ ދަލީލުންނެވެ. ބުދެއްގެ ލޯ ކަނޑައިފައި ހުރުން، އަނގަމަތީ ޓޭޕް އަޅައިފައި ހުރުން، ލޮލުގައި އަވި އައިނު އެޅުމުން އޭގެ ޞޫރަ ގެއްލޭނެކަމަށް އޮތް ޙަދީޘެއް އެބަ އޮތްތޯ އެވެ؟
ފަހެ، ޙަދީޘްގައި ސާފު ބަހުން ބަޔާންވެގެންވާ ހިނދު، އެއަށްވުރެ ހެޔޮ ގޮތެއް އޮންނާނެ ކަމަށް މުއުމިނު އަޅަކު ދެކޭނެ ހެއްޔެވެ؟
ޞޫރަ ނުވަތަ އެ ފޮޓޯއެއްގެ ޞޫރަ ގެއްލުވާލެވޭނެ ސިފައަކީ ކޮބައިކަން ބަޔާންވެގެންވާހިނދު، އެ ނޫން ގޮތަކަށް އެކަން ކުރެވޭނެކަމުގައި ބުނާނީ ކިހިނަކުން ހެއްޔެވެ؟
ސޫރައިގެ ސިފަ ގެއްލުވާލުމުގެ ސިފަ ބަޔާންކުރައްވާ މިއަދު ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންވަނާ العَلاَّمَة د. صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.
”ސޫރަތައް طمس ކުރުމުގެ މާނައަކީ ބައެއް ޖާހިލުން ނުވަތަ ހީލަތްތެރިން ބުނާ ގޮތަށް އޭގެ ކަރުގައި ރޮނގެއް އަޅައި، އެއީ ހާރެއް ފަދަ އެއްޗެއް އަޅާފައި ހުންނަ ގޮތަށް ހެދުމެއް ނޫނެވެ. އެހެނީ ސޫރަތައް طمس ކުރުމަކީ އޭގެ ބޯ ދުއްވާލުމެވެ. އެއްގޮތަކީ އޭގެ ބޯ ބުރިކޮށްލައިގެންނެވެ. ނުވަތަ އޭގެ މަތީގައި (އެއްޗެއް) ހާކައި އެ ސޫރަ ފޮރުވާލައިގެންނެވެ.“ إعانة المستفيد بشرح كتاب التوحيد 358-365
ވުމުން ޙަދީޘްތަކާއި ޚިލާފަށް މީސްތަކުން ގެނެސްފައިވާ ބިދުޢަވެރި ޢަމަލުތައް ދޫކޮށްލުން ހުއްޓެވެ. އެ ޢަމަލުތަކަށް ބެލުމެއް ނުވެ އެވެ. ހުރިހައިވެސް ހެޔޮކަމަކީ، ﷲ އާއި ރަސޫލާ ﷺ ގެ އެންގެވި ގޮތެވެ. ފަހެ، އެކަމުގައި ދުނިޔެ އަދި އާޚިރަތުގެ ހެޔޮކަންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.