ދުނިޔެ މަތީގައި ވޭނާއި، ބަލިތަކާއި ދަތި ޙާލުގައި އުޅޭ ފަރާތްތައް އެކަމުގެ މައްޗަށް ޘަވާބު ލިބޭ ވާހަކަ އަކީ ރަނގަޅު ވާހަކަ ތަކެއްތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ދުނިޔެ މަތީގައި ވޭނާއި، ބަލިތަކާއި ދަތި ޙާލުގައި އުޅޭ ފަރާތްތައް އެކަމުގެ މައްޗަށް ޘަވާބު ލިބޭ ވާހަކަ އަޑުއަހާފައިވާ ކަމާއި އެކަމުގެ މައްޗަށް އަޖުރުލިބޭ ކަމަށް ބުނެފައިވެ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
އަޚާ އެވެ! މުހިންމު ނުކުތާ ތަކެއް ފާހަގަ ކުރަމެވެ.
ފުރަތަމައީ : ދުނިޔެ މަތީގައި އެކަކު ޞިއްޙަތުގައި އަނެކަކު ބަލީގައި އަނެކަކު ފަޤީރު އަނެކަކު މުއްސަދިން ގޮތުގައި، މިފަދައިން ލައްވާފައިވާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. ފަހެ، މިއީ ﷲ މޮޅަށް ކަންތައްތައް ދެނެވޮޑިގަންނަވާ ޙާލަތުގައި ނިޔާ ކުރައްވައި ޤަދަރުގައި ލިޔުއްވާފައިވާ ގޮތުގައި ހިނގަމުންދާ ކަންތައްތަކެއް ކަމުގައި ޤަބޫލު ކުރަން ޖެހެ އެވެ. އަދި އޭގައި ބޮޑުވެގެންވާ ޙިކްމަތެއްވެ އެވެ. އަހަރެމެންނަށް ނޭގުނު ކަމުގައިވީނަމަވެސް އޭގައި ބޮޑުވެގެންވާ ޙިކްމަތެއްވެ އެވެ.
ވުމުން މިތަނުގައި ދަންނަހުއްޓެވެ. މިފަދަ ޙާލަތްތައް މެދުވެރި ތަޙައްމަލު ކުރަމުންދާ ފަރާތް ޤަބޫލުކޮށް ދަންނަންޖެހޭ މުހިންމު 2 ކަމެއްވެ އެވެ. އެއްކަމަކީ އޭނާގެ އަމިއްލަ ނަފްސާއި މެދުގަ އެވެ. އެއީ، މިފަދައިން ބަލީގައި އަދި ވޭނުގައި ތަޙައްމަލު ކުރަމުންދަނީ އޭނާގެ ނަފްސުގެ އުނިކަމުގެ ސަބަބުންކަމެވެ. އަދި ﷲ މެދުގައި ދެކެންޖެހެނީ، އެއީ، އޭނާއަށް އޭނާ ކުރާ ޢަމަލު ތަކާއި އަޅުކަންތަކުން އޭނާއަށް ލިބިގެން ނުދާނެ ދަރަޖައެއް ﷲ އޭނާއަށް އެ ދަރަޖަ ދެއްވުމަށްޓަކައި އެފަދަ ޙާލެއްގައި ޤާއިމްކޮށް ކުރިމަތި ކުރެއްވުމެވެ. ދެވަނައީ، އޭނާގެ ކުށްފާފަތައް އޭނާއަށް ފުހެވިގެން ދިއުމަށްޓަކަ އެވެ. މިފަދައިން ﷲ މެދުގައި އޭނާ ދެކެންޖެހުން ހުއްޓެވެ. ޔަޢުނީ ﷲ މެދުގައި ހެޔޮގޮތުގައި ދެކެން ޖެހުމެވެ.
ދެވަނައީ : ބަލި ޙާލަތުގައިވާ ފަރާތަކީ އެއްވެސް ޙާލެއްގައި ﷲ އެމީހެއްދެކެ ކޯފާވެވޮޑިގަންންވާ ނުވަތަ ނުރުއްސަވާ ލޯބިވޮޑިނުގަންންވާ ފަރާތެއް ކަމުގައި ބައެއް މީހުން ދެކޭ ދެކުމަކީ ވަރަށްބޮޑު ކުށެކެވެ. ވަރަށްބޮޑުވެގެންވާ ކުށް ބަހެކެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ العلامة الشَّيخ ابن بَاز رحمه الله ވިދާޅުވެފައިވެ އެވެ. ” ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ބަލީގެ ޝިކާރަކަށްވެ ނުވަތަ އެފަދަ ވޭނުގައި އުޅޭމީހަކީ، ﷲ އެމީހަކު ދެކެ ލޯބިވޮޑިނުގަންންވާ (ﷲ ކޯފާވެވޮޑިގެންވާ) މީހެއްގެ ގޮތުގަ އެވެ. އެހެނަސް (ޙަޤީޤަތަކީ) އެފަދައިން ނޫނެވެ. ފަހެ، ހަމަކަށަވަރުން ﷲ ގެ ހަޟުރަތުގައި އެބަޔަކަށް އެންމެ ޢިއްޒަތް ލިބިގެންވާ އަދި އެބަޔަކުދެކެ އެ އިލާހު އެންމެ ލޯބިވޮޑިގަންނަވާ މީސްތަކުން ބަލިތަކާއި މުޞީބާތްތަކުން އިމްތިޙާނު ކުރެވޭލެއް ގިނަ ކަމާ އެވެ. އެގޮތުން ނަބިއްޔުންނާއި، ރަސޫލުންނާއި އަދި އެނޫނަސް އެހެނިހެން ޞާލިޙު އަޅުތަކުންފަދަ މީސްތަކުންނެވެ.“ مجموع الفتاوى ١٤٩/٧
الإمام ابن العُثَيمِين – رحمه الله – ވިދާޅުވެފައިވެ އެވެ. ”މުޢުމިނު އަޅާ އަށް ހެޔޮ ޚަބަރު ހުއްޓެވެ. މުޞީބާތަކުން އޭނާ އިމްތިޙާނު ކުރެވިއްޖެނަމަ ﷲ އޭނާދެކެ ކޯފާވެވޮޑިގެންނަވަނީ ކަމަށް ހީނުކުރާނެ އެވެ. އެހެނެއްކަމަކު ފަހަރެއްގައި މިއީ އަޅާދެކެ ﷲ ލޯބިވެވޮޑިގެންނެވުނުގެ ޢަލާމާތެއް ކަމުގައި ވެދާނެ އެވެ. ހުސްޠާހިރުވަންތަ ފަރާތް އޭނާ މުޞީބާތްތަކުން އިމްތިޙާން ކުރައްވަ އެވެ. ފަހެ އިންސާނާ ރުހި ކެތްތެރިވެ އަޖުރަށް އެދިއްޖެނަމަ އޭނާއަށްވަނީ ﷲގެ ރުހިވޮޑިގަތުމެވެ. ރުޅި އައިސްފިނަމަ އޭނާއަށް ވަނީ ﷲގެ ކޯފާ އެވެ.“ شرح رياض الصالحين م١- ص٢٥٩
އޭގެ ތެރޭގައި :1. އަޅުތަކުން ދަންނަ އެވެ. ހަށިގަނޑަށް އަޅާ ކޮންމެ ވޭނެއް، އަދި ކޮންމެ ދަތިކަމެއް އެގޮތުން ކުޑަ ކަށްޓެއްގެ މިންވަރުންވެސް އަޅާއަށް އޭގެ ސަބަބުން އަޖުރާއި ޘަވާބު ނުލިބި ނުދާނެ އެވެ. ވީހިނދު، ކުޑަ ކައްޓެއްގެ މިންވަރު ހެރިގެން ހަށިގަނޑަށް އަޅާ ނުހަނު ކުޑަ ވޭނަށް އަޖުރާއި ޘާވާބު ލިބޭ ކަމުގައިވާނަމަ، ބަލިތަކާއި، ލޭއަޅާ ފަދަ ކުދިންނާއި އެހެނިހެން ޙާލުގައިވާ ފަރާތްތަކަށް ލިބޭނެ މަތިވެރި ޖަޒާއާ މެދުގައި ވިސްނާލުން ހުއްޓެވެ.
އެ ގޮތުން ބައްޔަކީ ފާފަތައް ފޮހެވި ދިއުމަށް އޮތް ވަޞީލަތެކެވެ. ފާފަ ފޮހެވި އިންސާނާއަށް އެކަމަށް އޮތް ފުރުސަތެއް ކަމުގައިވެ އެވެ. رَسُول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( إِنَّ اللهَ يبْتَلِي عَبدَه المُؤمن بِالسقَمِ حَتَّى يُكفِّر عَنهُ كُلّ ذَنب) ”ހަމަކަށަވަރުން މުއުމިނު އަޅާގެ ކިބައިން އެންމެހައި ފާފަތައް ފޮހެވިއްޖެއުމަށް ދާންދެން ބަލިތަކުން ﷲ ތަޢާލާ، އެ އަޅާ އިމްތިޙާނު ކުރައްވަ އެވެ.“ صَحِح الجَامع 1870
އަދިވެސް އެހެން ޙަދީޘެދއްގައިވެ އެވެ. (عن أم العلاء عمة حكيم بن حزام رضي الله عنها قالت: ”عادَني رسولُ اللَّهِ صلى الله عليه وسلم وأَنا مَريضةٌ، فقالَ: أبشِري يا أمَّ العلاءِ، فإنَّ مَرضَ المسلمِ يذهبُ اللَّهُ بِهِ خطاياهُ، كما تُذهبُ النَّارُ خَبثَ الذَّهبِ والفضَّةِ) حَكِيْم بن حِزَام ގެ ބޮޑުދައިތާފުޅު أُمُّ العَلاَء ވިދާޅުވި އެވެ. ތިމަން ކަމަނާ ބަލި ޙާލުކޮޅުގައިވަނިކޮށް رسولُ اللَّهِ صلى الله عليه وسلم ޒިޔާރަތް ކުރައްވައި އަދި ވިދާޅުވި އެވެ. أمَّ العلاءِ އެވެ! އުފާވެރިކަމުގެ (ޚަބަރު ލިބިގަތުން) ހުއްޓެވެ. ހަމަކަށަވަރުން މުސްލިމު އަޅާއަށް ކުރިމަތިވާ ބަލި ކަމަކީ އޭގެ ސަބަބުން ﷲ އޭނާގެ ކުށް ފާފަތައް ފުއްސަވާ ސަބަބެއް ކަމުގައިވެ އެވެ. އެއީ ރަނާއި ރިހި އަލިފާނަށް ލެވުމުން އޭގައިވާ ޚަބަޘް (ދަގުއި) ނެތިވެގެންދާ ފަދައިންނެވެ.“ رواه أبوداود 3092 الصحيحة (714)
އަޚާ އެވެ! މިއީ ކޮންފަދަ އަޛުރެއް ހެއްޔެވެ؟
الإِمَام العَلاَّمَة العُثَيْمِيْن -رحمه الله – ވިދާޅުވެފައިވެ އެވެ. ”އިންސާނެއްގެ ހަށިގަނޑަށް ކައްޓެއްހާ މިންވަރު ހެރުނު ކަމުގައިވީނަމަވެސް، އެ މުޞީބާތަށް ﷲ އޭނާއަށް އަޖުރު ދެއްވާނެކަމުގެ މައްޗަށް އޭނާ އުއްމީދުކުރުން ހުއްޓެވެ. އެގޮތުން އޭނާއަށް އަޖުރުލިބޭ ހުއްޓެވެ. މިއީ ﷲ سبحانه وتعالى ގެ ނިޢުމަތްތަކުގެ ތެރެއިން ހިމެނިގެންވާ އަދި ދީލަތިވަންތަ ކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެގޮތުން މުއުމިނު އަޅާއަށް ބަލާވެރިކަމެއް މެދުވެރިކުރައްވައި އެއަށްފަހު އެބަލާވެރިކަމުގެ ސަބަބުން އޭނާއަށް ޘަވާބު ދެއްވަ އެވެ. ނުވަތަ އޭނާގެ ކުށްފާފަތަކަށް ކައްފާރާއެއް ކަމުގައިލައްވަ އެވެ.“ شرح رياض الصالحين (٢٤٤/١)
ވުމުން، ލޭއަޅާ ކުދިންނާއި އަދި އެކުދިންގެ މައިން ބަފައިން އުފުލާ ވޭނާއި ދަތިކަމާއި އަދި ބުރަތަކުގެ މައްޗަށް އަޖުލިބޭނެ ކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. އެފަދައިން ﷲ ތަޤްދީރުގައި ނިޔާކުރައްވާފައިވަނީ ހަމަކަށަވަރުންވެސް އެކަމުގައިވާ ބޮޑު ޙިކްމަތަކަށްޓަކަ އެވެ.
2. ހަށިގަނޑަށް ކުރިމަތިވާ ދަތި އަދި އުނދަގުލާއި ބަލީގެ ޙާލަތްތަކަކީ އޭގެ ސަބަބުން ފާފަތައް ފޮހެވި ދިއުމަށް އޮތް ސަބަބެއް ކަމުގައިވެ އެވެ. الإِمَام الحَافظ ابن رجب رحمه الله ވިދާޅުވެފައިވެ އެވެ. ”މި އެންމެހައި ބަލިތަކާއި، ވަބާތަކާއި، ވޭންތަކާއި ބަލާތަކަކީ އިސްވެ ގޮސްފައިވާ ފާފަތަކަށް އޮތް ކައްފާރާއެކެވެ. އަދި އޭގެ ސަބަބުން މުއުމިނު އަޅުތަކުންނަށް އެއިން ޢިބްރަތް ޙާޞިލްވެގެންދާނެ ކަންތައްތަކެވެ. އަދި އެބައިމީހުންތިބި ނުބައިގޮތްތައް ދޫކޮށް މުސްތަޤްބަލުގައި އެފަދައިން ނުތިބެ (ﷲއަށް) ރުޖޫޢަވުމަށްއޮތް ތަކެއްޗެވެ.“ مجموع رسائله 1-216 ފަހެ، ކިތައް އިންސާނުން އެބައިމީހުންނަށް ދިމާވި ޙާލަތާއި ގުޅިގެން ﷲގެ އަޅުތަކުންގެ ގޮތުގައިވާ ބައެއް ކަމުގައި ހަނދުމަވެ، ﷲއަށް ރޫޖުޢަވެފައިވޭ ހެއްޔެވެ.
3. އެ ހިތްތަކާއި ނަފްސުތަކުން ދުނިޔެމަތީގައި ލިބިފައިވާ ތަނަވަސް ކަމާއި އުފަލާއި އަރާމުގެ ސަބަބުން ތިމާ ހެއްދެވި ފަރާތުގެ މަތިން ހަނދާންނެތިވެ، ﷲގެ މަތިން ޣާފިލުވެފައިވާ އުޅުމެއްގައި އުޅުމަށްވުރެ، އެ ނިޢުމަތްތަކުން ﷲ ހަނދުމަނެތިވެދާ ނިޢުމަތްތަކުގައި ވުމަށްވުރެ، ބަލި ޙާލަތް ދިމާވެ އެއިން ﷲ ހަނދުމަކުރެވޭ ޙާލަތުގައި ވުމަކީ ޝައްކެތްވެސް ނެތް ގޮތުގައި ހެޔޮކަން ބޮޑުވެގެންވާ ޢަމަލެކެވެ. الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ . ”ތިބާއަށް ނިޢުމަތެއްލިބި އޭގެ ސަބަބުން ﷲ ހަނދުމަކުރުމުން ހަނދާންނެތިގެންދާ ނިޢުމަތަށްވުރެން، މުޞީބާތެއް ދިމާވެ އޭގެ ސަބަބުން ތިބާﷲ އަށް ކުރިމަތިލައިﷲ އަށް ކުށްތަންވާ މުޞީބާތަކީ ހެޔޮކަންބޮޑުވެގެންވާ ކަމެކެވެ.“ الوابل الصيّب : 110
4. އަޚާ އެވެ! ﷲ ގެ ނިޔާއަށް ކެތްތެރި ވުމާއި، ﷲ މިންވަރު ކުރައްވާފައިވާ މިންވަރަށް ރުހި ޤަބޫލު ވުމަކީ އޭގެ ސަބަބުން އަޅާއަށް ނުހަނު ބޮޑު ދަރަޖަ އުފުލިގެންދާނެ ކަމެކެވެ. ފަހެ، ﷲ އެ އިލާހުގެ އަޅުތަކުން މި މާތް ދަރަޖައަށް ގެންދިއުމަށް އަދި އެ މަޤާމަށް އުފުއްލެވުމަށްޓަކައި އަޅުތަކުންގެ ތެރެއިން ބަޔަކަށް މިފަދައިން މުޞީބާތްތަކާއި ބަލާތައް ކުރިމަތި ކުރައްވަ އެވެ. ފަހެ، މިއީވެސް އެކަމުގައި އަޅާއަށް ނޭގުނަސް ލިބޭނެ މަތިވެރި ހެޔޮ ކަމެކެވެ. الإِمَام محمد ناصر الدين الألباني -رحمه الله- ވިދާޅުވެފައިވެ އެވެ. ”ބަލާތައް (މުޞީބާތްތައް) ވާކަން ކަށަވަރީ ހެވެއް ކަމުގަ އެވެ. (އެއީ) ހަމަކަށަވަރުން އެ ބަލާތަކަށް ކެތްތެރިވެ، ﷲގެ ޤަދަރަށް ރުހިއްޖެހިނދު، އެމީހަކު ވާކަން ކަށަވަރީ ﷲ ހަޟުރަތުގައި ލޯބިވެވޮޑިގަންނަވާ ފަރާތެއް ކަމުގަ އެވެ.“ تالسلسلة الصحيحة 1 / 276
الإِمَام العَلاَّمَة ابن العُثَيمين- رحمه الله – ވިދާޅުވެފައިވެ އެވެ. ”ﷲގެ ހަޟުރަތުންވާ ކޮންމެ ކަމެއް، ރަޙްމަތެއް ކަމުގައި ވާކަން ކަށަވަރެވެ. މީސްތަކުންނަށް ކުރިމަތިވާ ބަލާތަކާއި މުސީބާތްތައް ވެސް ވަނީ ހަމަ އެފަދައިންނެވެ . ފަހެ، ހަގީގަތުގައި އެކަންތައްތަކަކީ ރަހުމަތެކެވެ. ބަލިމަޑުކަމަކީ ރަޙްމަތެކެވެ. އެހެނަސް އެއީ ރަޙްމަތެއްކަން ވިސްނައި ފިކުރުކޮށްފި މީހަކު މެނުވީ ނުދަނަ އެވެ. (وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ) އަދި އެ މިޘާލުތައް ތިމަންއިލާހު މީސްތަކުންނަށް ޖައްސަވަމެވެ. އަދި ޢިލްމުވެރިންނަށް މެނުވީ އެ މިޘާލުތަކެއް ނުވިސްނޭނެތެވެ. ފަހެ މުއުމިނު އަޅާއަށް ބަލިމަޑުކަން ކުރިމަތިވަނީ އޭގެ ސަބަބުން އޭނާގެ ކުށްފާފަތައް ﷲ ފުއްސަވައިދެއްވުމަށްޓަކަ އެވެ.“ تفسير سورة الفاتحة ص47
5 . ބައެއްފަހަރު މި މުޞީބާތްތައް އަދި ދަތިކަމާއި، އެކިއެކި ގޮތްތަކުން ވޭނާއި އުނދަގޫ ޙާލަތްތައް ﷲ އަޅުތަކުންނަށް މެދުވެރި ކުރައްވަނީ އެ އަޅުތަކުންގެ ކެތްތެރިކަމާއި އެ އަޅުތަކުން އެ ގޮތުގައި ތިބެ ޝުކުރުވެރިވާ މިންވަރެއް ބެއްލެވުމަށްޓަކަ އެވެ. الإمام العَلاَّمَة عَبد العَزِيز بن بَاز رحمه الله ވިދާޅުވެފައިވެ އެވެ. ”އަޅާ ޝުކުރުވެރިވާ މިންވަރާއި އަދި ކެތްތެރިކަން ހުރި މިންވަރެއް އިމްތިޙާނު ކުރެއްވުމުގެ ގޮތުން ފަޤީރުކަމާއި ބަލިމަޑުކަމުގެ އިތުރުން އެހެނިހެން މުޞީބާތްތައް މެދުވެރިކުރައްވާ ﷲ އަޅުތަކުން އިމްތިޙާނު ކުރައްވާލެއް ގިނަކަމެވެ.“ مجموع الفتاوى 6-254
މައްސަލަ އޮޅުން ފިލައި ގޮސްފި ކަމުގައި އުއްމީދު ކުރަމެވެ.