ހިތުން ކުރާ ޛިކުރުން ޘަވާބު ލިބޭނެ ތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލު : ތުންފަތާއި ދުލުން އެއްވެސް ހަރަކާތެއް ކުރުމެއް ނެތި، ހިތުން ކުރާ ޛިކުރުން ޘަވާބު ލިބޭނެ ތޯ އެވެ؟
ޖަވާބު : ނުލިބޭނެ އެވެ. ކޮންމެހެންވެސް (ތުންފަތް، ދޫ) ޙަރަކާތް ކުރަން ޖެހޭނެ އެވެ. ސަބަބަކީ ކޮންމެހެންވެސް ދުލުން ކުރެވޭ ޛިކުރުގައި، ދޫ ހަރަކާތް ކުރަންޖެހޭނެ އެވެ. ﷲ ވަޙީ ކުރެއްވި އެވެ. ﴿لا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ﴾ ”އެ ޤުރުއާން ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ނަބިއްޔާގެ ދޫފުޅު، އެ ޤުރުއާނާއިގެން ޙަރަކާތްތެރި ނުކުރައްވާށެވެ.“
ފަހެ، ބަހަކީ ދުލުގެ ޢަމަލެވެ. ބަސް ބުނުމުގެ މުރާދަކީ އެބަސްތައް ދުލަށް އަރުވައި ދުލުގެ ޙަރަކާތުން ދުލުން ބުނުމެވެ. ދުލުން ބުނުމަކީ އެއީ ބަސްބުނުމެވެ. ފަހެ، ކޮންމެހެންވެސް ޛިކުރު ކުރުމުގައި ދޫ ހަރަކާތް ކުރަންޖެހޭނެ އެވެ.
އަދިވެސް ބުނަމެވެ.
މީހަކު ޤުރުއާން ލޮލުން ބަލައިގެން ހިތުން ކިޔެވީ އެވެ. އެ ހިނދުގައި އެމީހާ ޤުރުއާން ކިޔެވިކަމުގައި ބުނެވޭނެ ހެއްޔެވެ؟ އެހެނަސް އެއީ އެމީހަކު ޤުރުއާން ކިޔެވި ކަމުގައި ނުވާނެ އެވެ.
النبي ﷺ ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. (مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لَا أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ) ޤުރުއާނުން އަކުރެއް ކިޔަވައިފި މީހަކަަށް ހެޔޮކަމެއްވެ އެވެ. ކޮންމެ ހެޔޮކަމަކަށް އޭގެ ދިހަ ހެޔޮކަންވެ އެވެ. الم އަކީ އެއް އަކުރު ކަމުގައި ވިދާޅެއް ނުވަމެވެ. އެހެނަސް އަލިފް އަކީ އެއް އަކުރެވެ. ލާމް އަކީ އެއް އަކުރެވެ. މީމް އަކީ އެއް އަކުރެވެ.“
ފަހެ ޤުރުއާން ކިޔެވުމަކީ މިއީ އެވެ. އެހެނަސް ލޮލުން ބެލުމަކީ ކިޔެވުމެއް ނޫނެވެ. ފަހެ ކޮންމެހެންވެސް ދުލުން ހަރަކާތް ކުރަންޖެހޭނެ އެވެ. ﴿لا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ﴾ ”އެ ޤުރުއާން ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ނަބިއްޔާގެ ދޫފުޅު، އެ ޤުރުއާނާއިގެން ޙަރަކާތްތެރި ނުކުރައްވާށެވެ. ހަމަކަށަވަރުން، އެ ޤުރުއާން ޖަމަޢަކުރެއްވުމާއި، އަދި އެ ޤުރުއާން ކިޔަވައި ވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަން އިލާހަށް އޮތް ކަމެކެވެ.“
އަޚާ އެވެ! ދޫ ޙަރާކާތްކޮށް ކިޔެވުމަކީ އެއީ ޛިކުރު ކުރުމުގައި އެއަށް ކަނޑައެޅިފައިވާ ގޮތެވެ. ޤުރުއާން ކިޔެވުން، ޛިކުރު ކުރުން، ނަމާދުގައި ކިޔެވުން އަދި އެ ނޫން ޝަރުޢީ ތަކެތި ކިޔުން ކަމުގައިވީނަމަވެސް އެވެ.
ނަބިއްޔާ ﷺ އުއްމަތަށް ދައްކައިދެއްވާފައިވާ ގޮތަކީވެސް މި އެވެ.
މިއީ ނަބިއްޔާ ޢަމަލުފުުޅުކުރައްވާ ގޮތް ކަމުގައި ގިނަ ރިވާޔަތްތަކުގައި ބަޔާންވެގެންވެ އެވެ. އިމާމް البُخَارِي رحمه الله ޞަޙީޙުގައި ރިވާކުރައްވާފައިވެ އެވެ. مَعْمَرُ ވިދާޅުވި އެވެ. އަހަރެމެން خَبابُ އަރިއަހުގައި ސުވާލު ދެންނެވީމެވެ. ނަބިއްޔާ ﷺ މެންދުރު ނަމާދުގައި އަދި އަޞްރު ނަމާދުގައި ކިޔަވާ ވިދާޅުވޭ ހެއްޔެވެ؟ ޖަވާބުގައި ދެންނެވި އެވެ. އާދޭހެވެ. ތިމަންނަ ދެންނެވީމެވެ. ތިޔަބޭކަލުންނަށް އެކަން ދެނެވަޑައިގެންނެވެނީ ކިހިނަކުން ހެއްޔެވެ؟
ވިދާޅުވި އެވެ. (باضْطِرَابِ لِحْيَتِهِ) ”ނަބިއްޔާގެ ތުބުޅިފުޅުގެ އިސްތަށިފުޅުތަކުގެ ޙަރަކާތުންނެވެެ.“ البخاري ٧٦٠
އެބަހީ، ދޫފުޅުން ޙަރާކާތުން ކިޔަވައިވިދާޅުވުމުން، ނަތީއްޖާއަކީ އަނގަފުޅު ޙަރަކާތް ކުރުމެވެ. ފަހެ، އެހިނދު ތުބުޅިފުޅުގައިވާ އިސްތަށިފުޅުތައް ތެޅެ އެވެ.
މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއްނެތް ގޮތުގައި އިއްތިފާޤުވަޑައިގެންފައިވާ މައްސަލައެކެވެ.
އުއްމަތުގެ އެންމެ ކުރީ ކޮޅުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام ابن أبي دَاود رحمه الله ވިދާޅުވެފައިވެ އެވެ.
”ވާރިދުވެގެންވާ ޛިކުރުތަކުން ޛިކުރު ކުރާ މީހާއަށް ޛިކުރުތައް ދުލުން ކިޔައިފުމަށް ދާންދެން އެމީހަކަށް އެއްވެސް އަޖުރެއް ލިބިގެން ނުވާކަމަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ. އޭނާއަކީ އަޑުއިވޭ ޙާލުގައިވާ މީހެއްނަމަ އޭނާގެ ނަފްސަށް އަޑުއިވޭ ވަރަށް ކިޔުން ހުއްޓެވެ.“ كشف اللثام شرح عمدة الأحكام ( ٥٨٢/٦)
ވުމުން، ދުލަށް ގެނެސް އެ ކިޔަން ޖެހޭނެ އެވެ. ތުންފަތް އަދި އަނގައިގެ ހަރަކާތް ނެތްކަމުގައިވީނަމަވެސް އެވެ. ދުލުން ކިޔަން ޖެހޭނެ އެވެ.
އެހެން ނޫންކަމުގައިވާނަމަ، އެއީ އެއްވެސް އެއްޗެއް ކިޔެވި މީހެއް ކަމުގައިނުވާނެ އެވެ. އެއްވެސް އެއްޗަކަށް އަޖުރެއް އަދި ޘަވާބެއްވެސް ނުލިބޭނެ އެވެ.
ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمَة ابن العُثَيمِين رحمه الله ވިދާޅުވެފައިވެ އެވެ.
”ކިޔަވާހިނދު ކޮންމެހެންވެސް ދޫ ޙަރަކާތްކޮށް ދުލުން ކިޔަވަން ޖެހޭނެ އެވެ. އިންސާނަކު ނަމާދުކުރާ ހިނދުގައި އޭނާގެ ހިތުން ކިޔެވުމުން އެހިނދު އޭނާ ކިޔެވި ކަމުގައި ނުވާނެ އެވެ.“ فتاوى 13 /156
މާނައަކީ، ދުލުގެ ޙަރަކާތުން ނުކިޔާ ކަމުގައިވާނަމަ، އެއީ އެއްވެސް އެއްޗެއް ކިޔައިހެދި މީހެއް ކަމުގައި ނުވާނެ އެވެ. އެއީ، އެއްވެސް އެއްޗެއް ކިޔައިހެދުން ކަމުގައިވެސް ނުވާނެ އެވެ. އޭނާ އެ ޛިކުރެއް އަދި ޤުރުއާނެއް ކިޔެވި ފަރާތެއް ކަމުގައި ނުވާނެ އެވެ.
މި މައުޟޫގައި ވަރަށްގިނަ ބަސްފުޅުތައް ޢިލްމުވެރިންގެ ފަރާތުން ބަޔާންވެެގެންވެ އެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.
”ޤުރުއާން އޭނާގެ ދުލުން ކިޔައިފުމަށް ދާންދެން އޭނާއަކީ ޤުރުއާން ކިޔެވި މީހެއް ކަމުގައި ނުވާނެ އެވެ. އަދި ޤުރުއާން ކިޔެވުމުގެ ޘަވާބެއްވެސް އޭނާއަށް ނުލިބޭނެ އެވެ. އޭނާގެ ކައިރީގައިވާ މީހުންނަށް އަޑު ނީވުނު ކަމުގައިވީނަމަވެސް މެ އެވެ. (މާނައީ :މީހުންނަށް އަޑު ނީވުނު ކަމުގައިވީނަމަވެސް ދުލުން ޙަރަކާތްކޮށް ކިޔަން ޖެހޭނެ ކަމެވެ.)“ مجموع الفتاوى ٣٦٣/٨
ވުމުން، ބަޔާންވެގެންދަނީ، މީސްތަކުންގެ ތެރެއިން ބަޔަކު މީހުން އެމީހުން ނަމާދުގައި ދުލުން ޙަރަކާތް ގެނެސްގަތުމެއް ނެތި ހަމައެކަނި ހިތަށް އަރުވާލާ، ހިތްތަށް ގެނައުން އެއީ އެ ޛިކުރުތައް ކިޔުން ކަމުގައި ނުވާނެ ކަމެވެ.
ވިސްނާލަން ޖެހެ އެވެ. ވަސްވާސްތަކަކީ ހިތަށް ވަންނަ އަދި ހިތުގެ ތެރޭގައިވާ ކަންތައްތަކެވެ.
ދުލުގެ ހަރަކާތް ނެތި ހިތަށް އަރުވާލުން އެއީ އެއެއްޗެއް ކިޔައިހެދުން ކަމުގައިވާނަމަ، ވަސްވާސްއަކީވެސް އޭނާއަށް އެފަދަ އެއްޗެއް ކަމުގައިވާނެ ނޫންހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.