ނަމާދު ނުކުރާ މީހަކާ ކައިވެނި ކުރުން ހުއްދަވާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނަމާދު ނުކުރާ މީހަކާ ކައިވެނި ކުރުމުގެ މައްޗަށް ބުނަމެވެ.
ފަރުވާ ކުޑަކުރުމާއި އެކު ނަމާދުއަޅާ މީހާގެ މައްޗަށް އޮތް ޙުކުމާ މެދު (ޢިލްމު ވެރިން) ދެބަސްވެ، ޚިލާފުވެފައި ވުމުގެ މިމައްސަލައަކީ، ޚިލާފު އުފެދިފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން މައްސަލަ އެކެވެ.
މި ޚިލާފް އުންމަތުގެ ސަލަފުންނަށް ފަހުގައި ޚަލަފުންގެ ތެރޭގައިވެސް ވެއެވެ.
މި މައްސަލަ އާ މެދު ބަޙުޡް ކުރުން އެކި ވަޖުހުތަކުން ވެއެވެ.
ފުރަތަމަ ވަޖުޙު: ނަމާދުގެ ވާޖިބުކަން އިންކާރުކޮށް ނަމާދުއަޅާ މީހާ ދެ ޙާލަތުން ކޮންމެވެސް އެއް ޙާލެއްގައި ނުވެ ނުދާނެއެވެ.
ފުރަތަމަ ޙާލަތަކީ :
އެއްގޮތަކީ އަލަށް އިސްލާމްވެ، ޖާހިލުކަމުގައި ވުމެވެ. ނުވަތަ ޢިލްމާއި، ޢިލްމުގެ އަހުލުވެރިންނާއި ދުރުގައި، ރަށްބޭރު ހިސާބެއްގައި އުޅެބޮޑުވުމުގެ ސަބަބުން ނެވެ. އޭނާއަށް އޭގެ ވާޖިބުކަން ނަމާދު ކުރުމެއް އަދި ނުކުރުމެއް، މިކަންތައް އޭނާ ގާތު ހަމަހަމައެވެ. މިފަދައިން މީހާއަށް ނަމާދުގެ ވާޖިބުކަން ދަލީލުތަކުން ބަޔާންކޮށް އުނގަންނައި ދިނުން ހުއްޓެވެ. އެއަށްފަހު ނަމާދު ޤާއިމްކުރަން ފެށުމުން އިސްލާމްދީނުގެ އަހުލުވެރިއެއް ކަމުގައި ވާނެއެވެ. އެހެނަސް ނަމާދު އެޅުމުގައި މެދުކެނޑުމެއް ނެތި އެގޮތުގައި ދެމިހުރެއްޖެ ހިނދުގައި މުސްލިމުންގެ الإمام އަށް އޮތީ އޭނާ ތަޥްބާ ވުމަށް ތިންދުވަހުގެ މުއްދަތަށް ގޮވާލުމެވެ. އަދި އޭނާ ހައްޔަރުކޮށް ދަތިކުރުމެވެ. އެއާ އެކުވެސް އޭނާ ނަމާދު ކުރުމަށް އިންކާރުު ކުރާނަމަ، މުރުތައްދެއްގެ ގޮތުގައި ޤަތުލު ކޮށްލުމެވެ. މީގެ މާނައީ އޭނާ ހިނެވާ، ކަފުން ކޮށް، ކަށުނަމާދު ކޮށް އަދި މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލައިގެން ނުވާނެކަމެވެ. އަދި އޭނާގެ ވާރުތަ މުދާ އިސްލާމް ކަމުގެ އެއްވެސް އަހުލުވެރިޔަކަށް ނުލިބޭނެއެވެ. އޭނާގެ އަހުލުވެރިންނަށް އޭނާގެ މުދަލެއް ވާރުތައެއް ނުކުރާނެއެވެ. އޭނާގެ އަހުލުވެރިންގެ ގޮތުގައިވާ ނަމާދުކުރާ މީހުންނަކަށް އެމުދާ ވާރުތައެއް ނުކުރާނެއެެވެ. އޭނާގެ މުދާ، މުސްލިމް ވެރިޔާގެ ބެލެހެއްޓުމުގައިވާ މުސްލިމުންގެ ބައިތުލް މާލަށް ފައިޔު (ހަނގުރާމަ ކުރުމެއްނެތި ލިބޭ މުދާ) ގޮތުގައި ވަންނާނެއެވެ.
ދެވަނައީ: ޢިލްމު ލިބިގެންވާ ޙާލުގައި، ނަމާދުގެ ވާޖިބު ކަމުގެ މައްޗަށް އިންކާރު ކުރާ މީހާއެވެ. ފަހެ މި މީހާއަށް ވެސް އޮތީ ކުރީގެ މީހާ ފަދައިން ތަޥްބާ ވުމަށް ގޮވާލުމެވެ. ތަޥްބާ ވުމެވެ. ނޫންނަމަ ޤަތުލު ކުރެވޭނެއެވެ. ފަހެ އޭނާ ތަޥްބާވެ ނަމާދު ޤާއިމްކުރަން ފަށައިފި ހިނދުގައި ބޭނުމަކީ އެއީ އެވެ. އެހެން ނޫންކަމުގައި ވާނަމަ އޭނާ އެގޮތުގައި ނަމާދު އެޅުމުގައި މެދުނުކެނޑި ދެމިހުރުމުން ޤަތުލު ކުރެވޭނެއެވެ.
ތިންވަނައީ: ނަމާދު ކުރުން ވާޖިބުވާކަން އިޤްރާރުވެ ހުރެ، ފަރުވާކުޑަވެ ނަމާދު ކުރުން ދޫކޮށްލުމެވެ. އުއްމަތުގެ އިމާމުން މިފަދަ މީހާގެ މައްޗަށް ދެ ޤައުލެއްގެ މައްޗަށް ޚިލާފް ވެގެންވެއެވެ.
ފުރަތަމައީ: އެފަދަ މީހަކީ ފާސިޤެއް ކަމުގައި ބުނެފައި ވުމެވެ. ފާސިޤެއް ކަމުގައި ބުނެފައިވުމުގެ މާނައަކީ، ނަމާދު އަޅާ މީހާއަކީ ފާސިޤެކޭ ބުނުމެވެ. އެފަދަ މީހާއަށް އޮތީ ތަޥްބާވުމަށް ގޮވާލުމެވެ. ތަޥްބާނުވެ އެގޮތުގައި ދެމިހުރެއްޖެ ހިނދު އޭނާ ޤަތުލުކުރުމެވެ. ފަހެ މިޤައުލުގެ މުރާދަކީ، އެމީހަކު ހިނަވާ، ކަފުން ކޮށް، ކަށުނަމާދު ކޮށް، މުސްލިމް ޤަބުރުސްތާނެއްގައި ވަޅުލާ އޭނާގެ އަހުލުވެރިންގެ ތެރޭގައިވާ ނަމާދު ކުރާމީހުންނަށް އޭނާގެ ވާރުތަމުދާ ވާރުތަ ވުމެވެ. ސަބަބަކީ އޭނާ ޤަތުލް ކުރެވުނީ ޙައްދެއްގައެވެ. މުރުތައްދު ވެގެނެއް ނޫނެވެ. މި މަޛްހަބުގެ ޢިލްމުވެރިންގެ ތެރޭގައި الزُّهْرِيْ، الشَّافِعيْ، ابو خنيفة، އަދި މިއީ أحمد رحمهمالله -الجميع- ގެ ދެ ރިވާޔަތުގެ ތެރެއިން އެއްރިވާޔަތެވެ. އެހެނަސް ابو خنيفة ވިދާޅުވެފައި ވަނީ އޭނާއަށް އޮތީ ތަޢުޒީރު ކުރުމެވެ. ޤަތުލު ކުރުމެއް ނޫނެވެ.
ދެވަނަ މަޛްހަބު: މިފަދައިން الإمام أحمد ގެ އެއްރިވާޔަތެއްގައި ވެއެވެ. އަދި މިފަދައިން ދީނުގެ މުޙައްޤިޤުން އަދި އެނޫން ފަރާތްތައްވެސް ބަޔާންކޮށްފައި ވަނީ އޭނާއަކީ ކާފަރެއް ކަމަށެވެ. އޭނާއަކީ ކާފަރެއްގެ ގޮތުގައި ވުމުން ތަޥްބާ ވުމަށް ގޮވާލުމެވެ. ތަޥްބާ ނުވެއްޖެނަމަ މުރުތައްދެއްގެ ގޮތުގައި ޤަތުލު ކުރުމެވެ. މި ޤައުލަކީ (މި ޙުކުމަކީ) الإمام أحمد رحمه الله އިޤްރާރުވެވަޑައިގެންފައިވާ ގޮތެވެ. امام احمد ވިދާޅުވެފައިވެ އެވެ. وَمَنْ تَرَكَ اَلصَّلَاةَ فَقَدْ كَفَرَ وَلَيْسَ مِنْ اَلْأَعْمَالِ شَيْءٌ تَرْكُهُ كُفْرٌ إِلَّا اَلصَّلَاةُ، مَنْ تَرَكَهَا فَهُوَ كَافِرٌ، وَقَدْ أَحَلَّ اَللَّهُ قَتْلَهُ. މާނައަކީ :ނަމާދު އަޅައިފި މީހަކީ ހަމަކަށަވަރުން ކާފަރެކެވެ. ޢަމަލެއް ދޫކުރުމުން ކާފިރުވާނެ އެއްވެސް ޢަމަލެއް ނަމާދު ނޫނީ ނުވެއެވެ. ނަމާދު އަޅައިފި މީހަކީ ކާފަރެކެވެ. އޭނާ ޤަތުލުކުރުން ހަމަކަށަވަރުން ޙަލާލުވެއްޖެ އެވެ.
މި ބަސްތަކުން ދޭހަވަނީ : ނަމާދު އަޅާމީހާއަކީ ކާފަރެއްގެ ގޮތުގައި ވުމެވެ.
އެއީ ފަރުވާކުޑަ ކުރުން ނޫންގޮތަކަށް ނަމާދު އެޅި ކަމުގައިވީ ނަމަވެސް އެވެ. ސަބަބަކީ الإمام أحمد ގެ އަރިއަހުން ރިވާވެގެންވާ ދެވަނަ ރިވާޔަތް އަދި އެގޮތުގައި الإمام أحمد ގެ އަޞްޙާބުންގެ ތެރޭގައިވާ މުހައްޤިގުން އިޤްރާރު ވެފައިވަނީ ނަމާދު އިންކާރުކޮށް ދޫކޮށްލާ މީހާ އަދި ފަރުވާކުޑަކޮށް ނަމާދު އަޅާ މީހާއަކީވެސް ކާފަރެއް ކަމުގަައެވެ.
މި ޤައުލުގެ އަހުލުވެރިންގެ ދަލީލުތައް ނުހަނު ގިނައެވެ.
އެ ދަލީލު ތަކުގެ ތެރޭގައި:
ނަބިއްޔާ ﷺ ގެ ޙަދީޘްފުޅު ހިމެނެއެވެ. (العَهدُ الذي بَينَنا وبَينَهُم الصلاةُ، فمن تَرَكَها فَقَد كَفَرَ) ”އަހަރެމެންނާއި އެބައިމީހުންނާ ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. ފަހެ، އެނަމާދު އަޅައިފި މީހާ ކާފަރު ވެއްޖެއެވެ.“
މި ބަސްތަކަށް ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި، ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (أُمِرتُ أن أُقاتِلَ الناسَ حتى يشهدوا أن لا إلهَ إلا اللهُ وأن محمدًا رسولُ اللهِ، ويقيموا الصلاةَ، ويؤتوا الزكاةَ، فإذا فعلوا ذلك عَصَموا مني دماءَهم وأموالَهم إلا بحقِّ الإسلامِ، وحسابُهم على اللهِ) ”މީސްތަކުން لا إلهَ إلا اللهُ އަދި محمدًا رسولُ اللهِ (މި ދެކަލިމައަށް) ހެކިދިނުމާއި، ނަމާދު ޤާއިމްކުރުމާއި ޒަކާތްދިނުމަށް ދާންދެން، އެބައިމީހުންނާ ހަނގުރާމަ ކުރެއްވުމަށް ތިމަން ނަބިއްޔާ އަށް އަމުރުފުޅު ކުރެވިގެންވެ އެވެ. އަދި އެބައިމީހުން އެކަން ކޮށްފި ނަމަ، އެބައިމީހުންގެ ލެއާއި މުދާ ތިމަން ނަބިއްޔާގެ އަރިއަހުން ރައްކައުކޮށްފި އެވެ. އިސްލާމްގެ ޙައްޤުން ފިޔަވަ އެވެ. އަދި އެބައިމީހުންގެ ޙިސާބު ވަނީ ﷲ تعالى ގެ މައްޗަށެވެ.“
ފުރަތަމަ ޙަދީޡް އިން، އެއީ بُرَيْدَة رضي الله عنه ގެ ޙަދީޡެވެ. މި ޙަދީޡް އިން ޙާޞިލްވަނީ، ހަމަކަށަވަރުން ނަމާދު އަޅާމީހާގެ މައްޗަށް އޮތީ އާންމު ޙުކުމެކެވެ. އެއީ އިންކާރުކޮށް ނަމާދު އެޅިކަމުގައިވީ ނަމަވެސް ނުވަތަ ފަރުވާ ކުޑަކަމުން ނަމާދު އެޅިކަމުގައިވީ ނަމަވެސް އެވެ.
ދެވަނަ ޙަދީޘްއިން، އެއީ ابن عمر ގެ ޙަދީޘް އެވެ. (މި ޙަދީޡްގައި) ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވަނީ އެމީހެއްގެ ލެޔާއި މުދާ ހިމާޔަތް ކުރެވިގެންވާ ސަބަބެއް ކަމުގައި ވަނީ މި ތިންކަމުގެ މައްޗަށެވެ. އެއީ: ޝަހާދަތުގެ ދެކަލިމަ އާއި، ނަމާދު ޤާއިމް ކުރުމާއި ޒަކާތް ދިނުމެވެ.
މި މާނައަށް ބާރުވެރިކަން ގެނެސްދޭ ދަލީލުތަކުގެ ތެރޭގައި ﷲ ތަޢާލާ ގެ މި ވަޙީ ބަސްފުޅުވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ : ”ފަހެ އެބައިމީހުން ތަޥްބާވެ، ނަމާދު ޤާއިމްކޮށް ޒަކާތްދީ އުޅެފިނަމަ އެބައިމީހުން މިނިވަން ކަމާއެކު ދޫކޮށްލާށެވެ.“
އަޚާ އެވެ! މި އާޔަތުންވެސް ބަޔާންވެގެންވަނީ : ތަޥްބާނުވެ، ނަމާދު ނުކުރާނަމަ އެމީހުން މިނިވަނުންގެ ގޮތުގައި އުޅެން ދޫކޮށްލައިގެން ނުވާނެ ކަމެވެ. ފަހެ، އެފަދަ މީހަކު އަތްބެއްގެ ގޮތުގައި ނުވަތަ ފިރިއެއްގެ ގޮތުގައި ގެންގުޅެވޭނެތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލުން ހުއްޓެވެ.
އަދި އެހެން އާޔަތެއްގައި ވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ“ފަހެ، އެބައިމީހުން ތަޥްބާވެ ނަމާދު ޤާއިމްކޮށް ޒަކާތް ދީފިނަމަ، ފަހެ އެބައިމީހުންނަކީ ދީނުގައި ތިޔަބައި މީހުންގެ އަޚުންނެވެ.“
މާނައީ : އެމީހުން ނަމާދު ނުކުރާހިނދެއްގައި ތިޔަބައިމީހުންގެ އަޚުންގެ ގޮތުގައި އެމީސްތަކުން ނުވާނެ ކަމެވެ. އެއީ ދީނުގައިވާ އަޚުންނެއް ނޫނެވެ.
މި އާޔަތްތަކުން ބަޔާންވެގެންވާ ދަލީލަކީ، އެއްއާޔަތެއްގައި ދީނުގެ އަޚުން ކަމުގައި ނިސްބަތް ކުރައްވާފައި ވުމެވެ. އަދި އަނެއް އާޔަތުގައި ތަޥްބާވުމުން މިނިވަން ކަމާއެކު ދޫކޮށްލުން ނިސްބަތް ކުރައްވާފައި ވުމެވެ. ޔަޢުނީ: ކުފުރުން ސަލާމަތްވެ އިސްލާމް ދީން އެބައިމީހުންގެ ފަރާތުން ޤަބޫލުވުމެވެ. އެގޮތުން ދީނުގެ ތެރެއަށް ވައްދައިދޭ ކަންތައްތަކުގެ ގޮތުގައި ވަނީ ޝަހާދަތާއި ނަމާދު ޤާއިމް ކުރުމާއި ޒަކާތް ދިނުމެވެ.
ޙަދީޘް ގައިވެއެވެ. (بُنِيَ الإسلامُ على خمسٍ : شَهادةِ أن لا إلهَ إلا اللهُ وأنَّ محمدًا رسولُ اللهِ، وإقامِ الصلاةِ، وإيتاءِ الزكاةِ، والحجِّ، وصومِ رمضانَ) ”އިސްލާމްދީން ބިނާ ވެގެންވަނީ ފަސް ރުކުނެއްގެ މައްޗަށެވެ. ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ ފަރާތެއް ނުވާކަމަށް ހެކި ވުމާއި، ހަމަކަށަވަރުން މުޙައްމަދު ﷺ އަކީ ﷲ ގެ އަޅާ އަދި ﷲ ގެ ރަސޫލާ ކަމަށް ހެކި ވުމާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ﷲ ގެ ގެކޮޅަށް ޙައްޖު ކުރުމާއި ރަމަޟާން މަހު ރޯދަ ހިފުމެވެ.“
ނަމާދަކީ ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ޢަމަލެވެ. އެމީހެއްގެ ނަމާދާއި މެދު އެންމެ ފުރަތަމަ ސުވާލު ކުރެވޭހިނދު، އެ ސުވާލަށް ޖަވާބު ނުދެވިއްޖެ މީހާގެ އެހެނިހެން އެންމެހައި ޢަމަލުތައް ފަސާދަވެދާނެކަމުގެ މައްޗަށް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެ އެވެ.
ނަމާދުގެ ސުވާލަށް ޖަވާބު ދެވިއްޖެމީހާގެ އެހެނިހެން ސުވާލުތައް ފަސޭހަވާނެ އެވެ.
އަދި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إِنِّي نُهِيت عنْ قَتْل المُصلِّين) ”ނަމާދުކުރާ މީހުން ޤަތުލުކުރުން ތިމަން ނަބިއްޔާއަށް ނަހީކުރެވިގެންވެ އެވެ.“
ފަހެ، މި ޙަދީޘްއިން ދަލީލު ކުރެވެނީ، ނަމާދު ނުކުރާމީހުންގެ މައްޗަށް އޮތް ޙުކުމަކީ އެމީހުން ޤަތުލުކުރުމެވެ.
ދަންނަ އެވެ! ޤަތުލުކުރުން މިއީ މުސްލިމް ވެރިންނަށް އޮތް ޙައްޤެކެވެ. އެއީ ޢާންމު ރައްޔަތުން ނުކުމެ ޙުކުމް ތަންފީޛު ކުރުމެއްް ނޫނެވެ. ފަހެ، ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާއަކީ މިފަދަ ޙުކުމްތަށް ވެރިންނާ ހަވާލުކޮށް ވެރިން ޤާއިމްކުރާ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމެވެ.
އަޚާ އެވެ. އަދިވެސް ބުނަމެވެ.
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ، مَالك، أحمد އަދި الشافعي رحمهم الله ދެކެވަޑައިގަންނަވަނީ އަދި ސަލަފުއް ޞާލިޙުންގެ ޖުމްހޫރުން ވިދާޅުވަނީ، ހަމަކަށަވަރުން ނަމާދު އަޅައިފި މީހާ، ނަމާދު ވާޖިބުވެގެންވާ ކަމުގެ މައްޗަށް ދެކޮޅު ނެހެދިކަމުގައި ވީނަމަވެސް އޭނާއަށް އޮތީ ތަޥްބާވުމެވެ.
ތަޥްބާ ނުވެއްޖެހިނދު އޮތީ ޤަތުލުކުރުމެވެ. އެއްގޮތަކީ، އޭނާ ޤަތުލުކުރުންއޮތީ ކުފުރުވުމުންނެވެ. ނުވަތަ ޤަތުލުކުރުން އޮތީ ޙައްދެއްގެ ގޮތުގަ އެވެ.
މިކަމުގައި ޞައްޙަ ގޮތަކީ، އޭނާ ޤަތުލުކުރަނީ ކާފަރެއްގެ (ކުފުރު) ގޮތުގަ އެވެ. أبُو حَنِيفة އަދި ޖަމާޢަތެއްގެ ޢިލްމުވެރިން رحمهم الله ނަޤުލުކުރައްވާފައިވެ އެވެ. ނަމާދު އަޅާ މީހާގެ މައްޗަށް އޮތް (ޙުކުމަކީ) އޭނާ ހައްޔަރު ކުރުމެވެ. (ޖަލަށް ލުމެވެ.) އަދި އެކަމުގެ މައްޗަށް އޭނާއަށް ޢުޤޫބާތް ދިނުމެވެ. ހަށިގަނޑަށް އަނިޔާ ދިނުމާއި އަދި އެނޫންވެސް އެކިބާވަތްތަކުގެ އަޛާބު އޭނާއަށް ދިނުމެވެ. އެއީ އޭނާ ނަމާދުކުރުމަށް ދާންދެނެވެ. ނުވަތަ މަރުވެގެން ދާންދެނެވެ.
އަދި ތިންވަނަ ދަލީލަކީ، ޞަޙާބީން މިގޮތުގައި އިޖްމާޢު ވެވަޑައިގެން ވުމެވެ. އަޚާ އެވެ! މިއީ މާތް ނަބިއްޔާ އަޞްޙާބު ބޭކަލުންނަށް ދީން އުނގަންނަވައި ދެއްވިގޮތެވެ. ފަހެ، އެ ގޮތުގައި އެބޭކަލުން އަހަރެމެންނަށް މިވަނީ ދީން އުނގަންނައިދެއްވާ ދަސްކޮށް ދެއްވާފަ އެވެ. ވިސްނާލުން ހުއްޓެވެ. އެ ޞަހާބީން މިފަދައިން ޤަބޫލުކުރާހިނދު އަހަރެމެންނަށް މިނޫން ގޮތްގޮތަށް ޢަމަލު ކުރުން ހުއްދަވާނެ ހެއްޔެވެ؟
އެގޮތުގައި ރިވާޔަތެއް عبدالله بن شقيق -رحمه الله- އަރިއަހުން ނަޤުލުވެގެން ވެއެވެ. ވިދާޅުވިއެވެ. (كانَ أصحابُ محمَّدٍ صلَّى اللَّهُ عليهِ وسلَّمَ لا يَرونَ شيئًا منَ الأعمالِ تركُهُ كُفرٌ غيرَ الصَّلاةِ) ”ނަބިއްޔާ ﷺ ގެ އަޞްޙާބުން، ނަމާދު މެނުވީ އެއްވެސް ޢަމަލެއް ދޫކުރުމުން ކާފަރުވާނެ ކަމުގައި ދެކެވަޑައިނުގަންނަވައެވެ.“ މި އިޖްމާޢު ނަބިއްޔާ ﷺ ގެ ޞަޙާބީންގެ ފަރާތްޕުޅުން ނަޤުލުކުރައްވާފައި މިވަނީ ތާބިޢީންގެ ތެރޭގައިވި ޡިޤާ އެކެވެ. ތާބިޢީ ވިދާޅުވެފައިވަނީ، ތާބިޢީއާ ބައްދަލުވި محمّد ގެ ޞަޙާބީން އެފަދައިން ވިދާޅުވާކަމުގައެވެ.
އަޚާ އެވެ! ބުއްދިން ވިސްނާލުން ހުއްޓެވެ. އިސްލާމް ދީން ނެގެހެއްޓިފައިވާ އެއްޗަކީ ކޮބައިކަން ބަޔާންކުރައްވާ ނަބިއްޔާ ޙަދީޘް ކުރައްވާފައިވަނީ، ނަމާދަކީ އެދީނުގެ ތަނބުކަމުގަ އެވެ. ތަނބެވެ. ފަހެ އެއްވެސް އެއްޗެއް އުފުލުމަށް ޤާއިމްވެފައިވާ ތަނބު ނެތިވެއްޖެހިނދު އެ އެއްޗެއް، ޢިމާރާތް ހުންނާނެ ގޮތާއި މެދު ވިސްނާލުން ހުއްޓެވެ. ތަނބު ނެތިވެއްޖެހިނދު އެ އެއްޗެއް އޮންނާނެގޮތާއި އަދި އެ އިމާރާތް ނުވަތަ ބިނާއަކީ ވެއްޓިފައިވާ އެއްޗެއްގެ ގޮތުގައިވާނެ އެވެ.
މާނައަކީ، އެމީހެއްގެ އިސްލާމް ދީނެއް ނޯންނާނެ ކަމެވެ.
ނަމާދަކީ، މުސްލިމުންނާއި ކާފަރުންނާ ދެމެދު ފަރަޤު ކުރެވިގެންވާ ޢަލާމާތެވެ. ނަމާދު ނުކުރާ މީހެއްގެ ދީނެއް ނޯންނާނެ އެވެ. ނަމާދަކީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ގޮތުގައި އެ ނަމާދަށް ޙާޟިރުނުވާ ފިރިހެނުންނަށް ޢުޤޫބާތެއްގެ ގޮތުގައި އެބައިމީހުންނާއި އެބައިމީހުންގެ ގެދޮރުތައް އަންދާލުމަށް ބޭނުންފުޅުވި ކަމެކެވެ.
އިސްލާމް ދީނުގައި ނަމާދު އަޅާ މީހާއަކީ ޒިނޭ ކުރާ މީހާއަށްވުރެ، ވައްކަން ކުރާ މީހާއަށްވުރެ އަދި ބަނގުރާ ބޯ މީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ.
އަޚާ އެވެ! މިއީ ނަމާދުގެ މަޤާމެވެ. މަތިވެރި ކަމެވެ. އެ ދޫކޮށްލައިފި މީހާގެ ނުބައިކަމެވެ. ފަހެ، މިފަދައިން ނަމާދު މަޢުރިފާވެއްޖެ މީހާ ނަމާދު ދޫކޮށްލާނެ ހެއްޔެވެ؟ ނަމާދަށް އިހުމާލުވާނެ ހެެއްޔެވެ؟
ނަމާދަކީ އެއީ އޭނާގެ ޙަޔާތުގައި މަތިވެރިކަމެއްނެތިވެ، ޤަދަރެއްނެތިވެ، ހުސްވަޤުތެއް ވެއްޖެއްްޔާ، ވަޤުތެއް ބާކީ އޮތިއްޔާ ކުރާފަދަ އެއްޗެއް ކަމުގައި ހަދާނެ ހެއެްޔެވެ؟
ދެންއޮތީ ނަމާދުގެ މަތިވެރިކަމާއި މަޤާމް އެނގި ބަޔާންވުމުން، އެފަދަ މީހަކާއި ކައިވެނި ކުރުމެވެ
މި ކަމަށް އިސްވެ ބަޔާންވި ޖުމްލަތަކުގެ ތެރެއިން ޖުމްލައެއް ހަނދާންކޮށްލަދެމެވެ. އެއީ شَيخ الإسلام ابن تَيمية -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެކެވެ. ނަމާދު އަޅާމީހާގެ ނުބައިކަން ބަޔާންކުރައްވާ ވިދާޅުވި އެވެ. ”
އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ނަމާދު އަޅާ މީހާއަކީ ވައްކަން ކުރާމީހާއަށްވުރެ، ޒިނޭ ކުރާމީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ.“
އަޚާ އެވެ! އެންމެން ދަންނަ ޒިނޭ ކުރާ މީހަކާ ކައިވެނި ކުރާނަން ހެއްޔެވެ؟ ވައްކަން ކުރުމުގައި އެންމެން ދަންނަ މީހަކާއި ކައިވެނި ކުރާނަން ހެއްޔެވެ؟ އެންމެން ދަންނަ ބަނގުރާބޯ މީހަކާ ކައިވެނި ކުރާނަން ހެއްޔެވެ؟
ޖަވާބަކީ ނުކުރާނެ އެވެ. ކައިވެނިކުރަން އުޅެފިނަމަ، މައިން ބަފައިން، އަވަށްޓެރިން، ގާތް، ދަންނަ މީހުން، ތިމާގެ މީހުން …. މިއެންމެން ނުކުންނާނެ އެވެ. ދުނިޔޭގެ ލަދަށްވިޔަސް ތިމާ އެކަން ނުކުރާނެ އެވެ. ވީއިރު، ވިސްނާލުން ހުއްޓެވެ. މި އެންމެހައި ފާފަތަކާއި ނުބައްދަލު، މި އެންމެހައި ފާފަތަކާއި ގާތްވެސް، ކައިރިވެސް ނުކުރާ ނުބައިކަންބޮޑުވެގެންވާ ފާފަ ކަމުގައިވާ ނަމާދު އެޅުމުގައިވާ މީހަކާ ކައިވެނި ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއިން ބަޔާން ކޮށްފައިވާ ފަތުވާގައިވެ އެވެ.
ސުވާލު : އަހަރެމެންގެ މައްޗަށް ﷲ ވަނީ ޒިނޭ ޙަރާމް ކުރައްވާފަ އެވެ. އަދި ނަމާދު އެޅުންވަނީ ޙަރާމް ކުރައްވާފަ އެވެ. ފަހެ، މި ދެ ފާފައިގެ ތެރެއިން ނުބައިކަން ބޮޑުވެގެންވަނީ ކޮން ފާފައެއް ތޯ އެވެ؟
ޖަވާބު : ”ޒިނޭ ކުރުމުގެ ފާފައަށްވުރެ ނަމާދު ދޫކޮށްލުމުގެ ފާފަ ބޮޑުވެގެންވެ އެވެ. ސަބަބަކީ ނަމާދު އެޅުމަކީ އިސްލާމް ދީނުން ބޭރުވާނެ ބޮޑު ކުފުރެކެވެ. އެހެނަސް ޒިނޭ އަކީ ބޮޑުފާފައިގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެ ފާފަ ޙަލާލު ނުކުރާހިނދެއްގައި އެ ފާފައިގެ އަހުލުވެރިޔާ ކާފަރެއް ނުވާނެ އެވެ. އެހެނަސް އެ ކަންތައް ޙާކިމާ ހަމައަށް އުފުލިއްޖެހިނދު އޭނާގެ މައްޗަށް ޝަރުޢީ ޙައްދު ތަންފީޛު ކުރުން ވާޖިބުވާނެ އެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.“
އަޚާ އެވެ! ބުނަމެވެ. ނަމާދު ނުކުރާ މީހަކާއި ކައިވެނި ކުރުން ޙަރާމްވާނެ އެވެ. ކައިވެނި ޞައްޙަވެސް ނުވާނެ އެވެ. ސަބަބަކީ ޢިލްމުވެރިންގެ ބަސްފުޅުތަކުން ދަލީލުތަކުގެ މައްޗަށް ބިނާކޮށް ޞައްޙަ ޤައުލަކީ ނަމާދު އަޅާފައިވާ މީހާއަކީ ކާފަރެއް ކަމެވެ. މިއީ މުސްލިމް އަންހެނަކު އަދި ފިރިހެނަކު ކުރާނެ ކަމެއް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.