ސަޖިދައިން ދެވަނަ ރަކުޢަތަށް ތެދުވާ މީހާ، އަތްތިލަ ޖައްސާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ސަޖިދައިން ތެދުވެ އަނެއް ރަކުޢަތަށް ތެދުވާ މީހާ، ތެދުވާހިނދު އަތުގެ މައްޗަށް ބުރަވެ އަދި މޮށްކޮޅު ބިންމަތީގައި ޖައްސައި ތެދުވުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ޚިލާފްވެގެންވެ އެވެ.

ތިކަމުގެ ޚިލާފް ބިނާވެގެންވަނީ އިމާމް الطبَرَانِي -رحمه الله- ރިވާ ކުރައްވާފައިވާ މި ރިވާޔަތުގެ މައްޗަށެވެ.

އެ ރިވާޔަތުގައި الأرزق بن قيس-رحمه الله- ވިދާޅުވެފައިވެ އެވެ. (رأيت عبد الله ابن عمر وهو يعجن في الصلاة, يعتمد على يديه إذا قام. فقلت: ما هذا يا أبا عبد الرحمن؟ قال:رأيت رسول الله صلى الله عليه وسلم يعجن في الصلاة يعني يعتمد)

”ފުށްގަނޑު މޮޑޭއިރު އޭގައި އަތްޖަހާ ފަދައިން ދެ އަތްޕުޅުގެ މައްޗަށް ބުރަވެވަޑައިގެން، ނަމާދުގައި عبد الله ابن عمر -رضي الله عنهما- ތެދުވެވަޑައިގަންނަވާ ތަން ތިމަން ދެކުނީމެވެ.“

އެހިނދު ތިމަން ابن عُمر ގެ އަރިހުގައި ދެންނެވީމެވެ. އޭ أبُو عبد الرحمن އެވެ. ތިޔައީ ކޮން ކަމެއް ހެއްޔެވެ؟

އެހިނދު ދެންނެވި އެވެ. ”ފުށްގަނޑު މައްޗަށް ބުރަވާ ފަދައިން އެފަދައިން ނަމާދުގައި ރަސޫލާ صلى الله عليه وسلم (ދެއަތްޕުޅުގެ މޮށްކޮޅުގެ) މައްޗަށް ބުރަވެ ވަޑައިގަންނަވާތަން ތިމަން ދެކުނީމެވެ.“

މި ޙަދީޘް އަލް-އިމާމް الألباني الصحيحة 2674 ގައި ގެންނަވާފައިވެ އެވެ.

ބައެއް ޢިލްމުވެރިން މި ޙަދީޘަކީ ޙުއްޖަތެއްނެތް، ބަލިކަށި ޙަދީޘެއްކަމުގައި ދެކިލައްވަ އެވެ.

ހަމައެފަދައިން ފުށްގަނޑު މޮޑެން މޮށްކޮޅު ޖައްސައިގެން ތެދުވާއިރު ޢަމަލު ކުރުމަކީ އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ފަރާތުން މިއީ ވާރިދުވެގެންވާ ސުންނަތެއް ކަމުގައި، އެބޭކަލުންގެ ކިބައިން ނަޤުލުކުރެވިގެންވާކަން ވާރިދުވެ އެވެ. އަދި ޞަޙާބީ ماَلِك بن حُوَيرث -رضي الله عنه- ގެ ޙަދީޘްގައިވެސް ބަޔާންވެގެންވަނީ ތެދުވާހިނދު، ބިމަށް ބުރަވެ ތެދުވާ ކަމެވެ.

ފަހެ، އިމާމް الشافعِي -رحمه الله- އަދި އެނޫންވެސް ޢިލްމުވެރިން އެއީ ދެ އަތްތިލައިގެ މައްޗަށް ބުރަވުން ކަމުގައި މާނަކޮށްފައިވެ އެވެ. އެހެން ވުމުން މޮށްކޮޅުމައްޗަށް އަތްތިލަ ބެހެއްޓުން އެއީ ޘާބިތުވެގެންވާ ކަމެއް ނޫންކަމުގައި ބުނެވެ އެވެ.

އަޚާ އެވެ! މި ޙަދީޘް (الأرزق بن قيس ) ގެ ޙަދީޘްގައި عبد الله ابن عمر -رضي الله عنهما- ގެ ޢަމަލުފުޅުގެ މުރާދަކީ ދެއަތްތިލައިގެ މައްޗަށް ބުރަވެ ތެދުވުން ކަމުގައި ބައެއް ޢިލްމުވެރިން މާނަ ކުރައްވަ އެވެ. އެހެނަސް މިއީ އަތްތިލައިގެ މައްޗަށް ބުރަވެ ތެދުވުން ކަމުގައި ބުނުން ވަރަށް ދުރު ބުނުމެކެވެ. ސަބަބަކީ ޙަދީޘްގައި ވަރަށް ޞަރީޙަކޮށް يعجن (ފުށްގަނޑު މޮޑޭގޮތަށް) ވިދާޅުވެފައިވުމުން އެއީ އަތްތިލައިގެ މައްޗަށް ބުރަވުން ނޫން ކަމާއި، އެއީ މޮށްކޮޅު މައްޗަށް ބުރަވުން ކަމުގައި ބަޔާންވެ އެވެ.

ވުމުން، ޙައްޤާއި ގާތްކަމުގައިވަނީ މި ޙަދީޘް (މޮށްކޮޅު މައްޗަށް) ބުރަވެ ތެދުވުމުގެ މައްޗަށް ވާ ގޮތަށް ޢަމަލު ކުރުމެވެ. އަދި ޙަދީޘް ޘާބިތުވުމުން އެކަމުގައި ދެބަސްވުން ފިލައި ދިޔައީ އެވެ.

މިފަދައިން ތެދުވުމަށް ބާރުދެވޭ ޙުއްޖަތްތަކާއިއެކު ސިފަތުއް-ސަލާތުގައި އިމާމް الأَلبَانِي -رحمه الله- މި މައްސަލަ ޛިކުރު ކުރައްވާ އަދި މިޢަމަލަށް އިންކާރުކުރާ ޢިލްމުވެރިންނަށް ވަކިން ރައްދުވެސް ދެއްވާފައިވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts