ނިދާހެދުމުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނިދާހެދުމުގައި ނަމާދު ކުރުމާއި މެދުގައި ބުނަމެވެ.

ނަޞޭހަތެއްގެ ގޮތުގައި ބުނަމެވެ.

ނަމާދުގައި އެ ހުއްޓެނީ ޢާލަމްތަކުގެ ވެރި ރައްބުގެ ކުރިފުޅު މަތީގައި ކަމުގައިވާތީ އެންމެ އެދެވިގެންވާ ފަދަ ޒީނަތްތެރި ކަމުގައި ހިފާހުށި ކަމެވެ.

އަދި މިއީ އެކަމަށް ﷲ އަމުރުފުޅު ކުރައްވާފައިވާ ކަމެކެވެ. އެއީ ނަމާދުގައި ޒީނަތްތެރިވުމުގައި ހިފުމެވެ.

ﷲ ވަޙީ ކުރައްވާފައިވެ އެވެ. (يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ) الأعراف -31 ”އޭ އާދަމު ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!“

ޙުކުމަށް ބަލާއިރު، ފޭރާމެއްގައި ނިދުމަކީ އޭގެ ސަބަބުން އެ ފޭރާން ނަޖިސް ކުރުވާ ކަމެއް ނޫނެވެ. އަދި ފޭރާމުގެ ޠާހިރުކަން ގެއްލުވާ ސަބަބެއްވެސް ނޫނެވެ.

ވުމުން، ނިދާ ހެދުމުގައި ނަމާދު ކުރި ކަމުގައިވީނަމަވެސް އޭނާގެ ނަމާދު ޞައްޙަ ވާނެ އެވެ.

ދުނިޔެވީ ޙަޔާތަށް ބަލާހިނދު، އެކަމުވެސް އޭނާގެ ނަފްސަށް ޤަދަރު ކުރާ މަތިވެރި މީހަކާ ބައްދަލުކޮށް އޭނާއަށް ފެންނަ ތަނަކަށް ދާހިނދު، ތިމާ ނިދުމަށް ބޭނުން ކުރާ ފޭރާމުގައި، ނުވަތަ ކުޅިވަރު ކުޅުމުގައި ބޭނުންކުރާ ފޭރާމުގައި އެފަދަ ތަނަކަށް ދާނެ ހެއްޔެވެ؟

ނުވަތަ، ބޭއްވޭ އެފަދަ ޙަފްލާތަކަށް ނިދާ ހެދުމުގައި ޙާޟިރުވާނަން ހެއްޔެވެ؟ ޖަވާބަކީ، ތިމާގެ އަތުގައިވާ އެންމެ ހެޔޮ ޒީނަތްތެރި ފުރިހަމަ ފޭރާން ބޭނުންކުރާނެ ކަމެވެ.

އެހެން ކަމުގައިވާނަމަ، ﷲ ޚަލްޤު ކުރެއްވި މި މަޚްލޫޤުންނަށް ޒީނަތްތެރިވެ ފުރިހަމަ ހެޔޮ ޙާލެއްގައި ބައްދަލު ކުރަން ނަފްސު އެދޭހިނދު، މި އެންމެހައި ތަކެއްޗެއް ޚަލްޤު ކުރެއްވި، ޢާލަމްތަކުގެ ވެރި އިލާހު ކުރިފުޅުމަތީގައި އެފަދަ ލިބާހެއްގައި، ފޭރާމެއްގައި ހުރުމާ މެދު ބުނާނީ ކީކޭ ހެއްޔެވެ؟

އިސްވެ ބަޔާންކުރެވުނު އާޔަތުގައިވާ ފަދައިން ނަމާދުގައި ޒީނަތްތެރި ކަމުގައި ހިފުން ކަނޑައެޅިފައިވާ ޙުކުމުގެ ތެރެއަށް ފޭރާމުގެ ޒީނަތްތެރިކަންވެސް ވަންނާނެ އެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ( فإن الله أحق أن يتزين له ) ”ފަހެ، ހަމަކަށަވަރުން ﷲއަށްޓަކައި ޒީނަތްތެރިކަމުގައި ހިފުން ޙައްޤުކަން ބޮޑުވެގެންވެ އެވެ.“

الإمام الألبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޝައްކެތްވެސް ނެތެވެ. ޙަދީޘްގެ ޢާންމު މާނައިން މުސްލިމަކު އޭނާގެ ރައްބުއަށް މުނާޖާދެންނެވުމަށްޓަކައި (ނަމާދުގައި) ކޮޅަށް ޤާއިމްވާހިނދު، އެންމެ ހެޔޮވެގެންވާ ފޭރާމެއްގައި ހުރުން ނުހަނު ހެޔޮވެގެންވެ އެވެ.“ سلسلة الهدى والنور-33

ޞަޙާބީ ابن عمر -رضي الله عنه- ގެ އަރިހުން ވާރިދުވެގެންވާ އަޘަރެއްގައިވެ އެވެ. އެއްދުވަހަކު ابن عمر ގެ މަޥްލާ نافع ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރާތަން ފެނުމުން ابن عمر -رضي الله عنه- ވިދާޅުވި އެވެ. ”ތިބާ ތިފަދައިން ހުރެ ވެރިންގެ ތެރެއިންވާ (ވެރިޔަކާއި) ބައްދަލު ކުރުމަށް ދާނަމު ހެއްޔެވެ؟“ އެހިނދު . ދެންނެވި އެވެ. ނޫނެކެވެ. އެހިނދު ابن عمر -رضي الله عنه- ދެންނެވި އެވެ. ”ފަހެ، ﷲ އަށްޓަކައި، -އެ އިލާހުއަށް- ޒީނަތްތެރިވުން މާ ޙައްޤުކަން ބޮޑުވެގެންވެ އެވެ.“

ޙަޤީޤަތުގައި މިއީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަމިއްލަ ބުނެލުމަށް އޮތް ޖަވާބެކެވެ. ތިމާ ނިދުމަށް ބޭނުންކުރާ ފޭރާމުގައި ވެރިއަކާއި ބައްދަލުކުރުމަށް ދާނަމު ހެއްޔެވެ؟ އޭނާ ޤަދަރު ކުރާ ފަރާތްތަކާއި ބައްދަލު ކުރުމަށް ދާނަން ހެއްޔެވެ؟

އޭނާ ނުދާނެ އެވެ. އެ ހެދުން ނޫން، ފުރިހަމަ ރިވެތި ހެޔޮ ފޭރާމެއްގައި މެނުވީ އޭނާ ނުދާނެ އެވެ.

އެހިނދު، ބުނަންޖެހެ އެވެ! ޢާލަމްތަކުގެ ވެރި ރައްބުއާ މެދުގައި ދެކެނީ ކިހިނަކުން ހެއްޔެވެ؟

ބައެއް މީހުން ކަންތައް ކުރާ ފަދައިން ނިދާ ހެދުމުގައި ނުވަތަ ކުޅެންލާ ހެނދުމުގައި ނޫނީ މަސައްކަތު ހެދުމުގައި ނަމާދު ކުރުން، މި ކަންތައްތަކަކީ އެހެން ގޮތެއް ފެންނަން އޮތް ޙާލަތެއްގައި އެދެވިގެންވާ ކަންތައްތަކެއް ނޫނެވެ.

އެހެނަސް އެ ފޭރާމަކުން ޢަޥްރަ ނިވާވެ އޭގައި ނަޖިހެއް ނެތްނަމަ ނަމާދު ޞައްޙަކަމަށް އަޘަރެއް ނުކުރާނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts