ދަރިން ނުލިބޭ އަންހެނަކާއި ކައިވެނިކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ދަރިންނުލިބޭ ޙާލުގައިވާ އަންހެނުންނާއި ކައިވެނި ކުރުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

އަޚާ އެވެ! ކައިވެނީގެ އެއް މަޤްޞަދު ކަމުގައިވާހުށީ ދަރިން ހޯދުމެވެ. އަދި މިކަމަށް އިޝާރަތް ކުރެވިފައިވާ ގިނަ ޙަދީޘްތަކެއްވެ އެވެ.

އޭގެ ތެރޭގައި ޙަދީޘް ގައިވެ އެވެ. عن معقل بن يسار قال :جاء رجل إلى رسول الله -صلى الله عليه وسلم- فقال: يا رسول الله إني أصبت امرأة ذات حسب وجمال ولكنها لا تلد، أفأتزوجها؟ فنهاه. ثم أتاه الثانية، فقال مثل ذلك فنهاه. ثم أتاه الثالثة، فقال مثل ذلك، فقال -صلى الله عليه وسلم- (تزوجوا الودود الولود فإني مكاثر بكم)

معقل بن يسار ވިދާޅުވި އެވެ. رسول الله -صلى الله عليه وسلم- ގެ އަރިއަހަށް މީހަކު އައިސް ދެންނެވި އެވެ. ﷲ ގެ رسول އާ އެވެ. ޙަސަބާއި ނަސަބުގެ ޝަރަފުވެރި އަދި ރީތި އަންހެނެއް (ކައިވެނިކުރުމަށް) ހޯދައިފީމެވެ. އެހެނަސް އެއީ ދަރިންނުވިހާ އަންހެނެކެވެ. ފަހެ، އަހަރެން އެ އަންހެނާއާ ކައިވެނި ކުރަމު ހެއްޔެވެ؟ ފަހެ، އެހިނދު ނަބިއްޔާ -صلى الله عليه وسلم- އެކަން ނަހީކުރެއްވި އެވެ. އެއަށްފަހު ދެވަނަ ފަހަރަށް ވަޑައިގެން އެފަދައިން ދެންނެވުމުން ނަހީ ކުރެއްވި އެވެ. އަދި އެމީހަކު رسول الله صلى الله عليه وسلم- އަރިއަހަށް ވަޑައިގެން ތިންވަނަ ފަހަރަށް އެފަދައިން ދެންނެވި އެވެ. އެހިނދު، ޙަދީޘްފުޅު ކުރެއްވި އެވެ.

”ތިޔަބައިމީހުން ގިނަގިނައިން ދަރިންވިހާ އަދި ފިރިންދެކެ ނުހަނު ލޯބިވާ އަދި ތިޔަބައިމީހުން އެ އަންހެނުންދެކެ ލޯބިވާ އަންހެނުންނާ ކައިވެނި ކުރާށެވެ. ފަހެ، ތިޔަބައިމީހުންގެ ޢަދަދު ގިނަކަމަށްޓަކައި (އެހެން އުއްމަތްތަކުގެ މައްޗަށް) ފަޚުރުވެރިވަޑައިގަންނަވާނެ ފަރާތެއް ކަމުގައި ހަމަކަށަވަރުން ތިމަން ނަބިއްޔާ ވާހުށީމެވެ.“

أبو داود 2050 و النسائي 3227

ޙަދީޘް ކިޔާލުމުން ބަޔާންވެގެންދަނީ ނުވިހާ އަންހެނުންނާ ކައިވެނި ކުރުމުގެ މައްޗަށް ނަހީ ކުރައްވާފައިވާ ކަމެވެ.

އެހެނަސް އެ ނަހީގެ މުދާރަކީ ޙަރާމް ވުމެއް ނޫނެވެ. އެހެނަސް ކަރާހަތްތެރި ކަމެވެ. އެދެވިގެން ނުވުމެވެ. ސަބަބަކީ ކައިވެނީގެ އެއް މަޤްޞަދު ކަމުގައިވާ ދަރިން ލިބުމުގެ ފުރުސަތު ނެތުމެވެ.

ފަހެ، ކައިވެނިކޮށް ދަރިން ލިބޭ އަންހެނަކާ ކައިވެނި ކުރުމުގެ ޤާބިލްކަމާއި އެކަމުގެ ދޮރު ހުޅުވިފައިވާ ހިނދުގައި އެފަދަ އަންހެނަކު އިޚްތިޔާރު ކުރުމުގައި ހެޔޮވެގެންވެ އެވެ.

ސުވާލުގައި ބުނެފައިވާ ފަދައިން، އަންހެން މީހާގެ ޢުމުރުގެ ދޮށީކަމާއެކު ދަރިން ނުލިބޭ ޢުމުރަށް ގޮސްފައިވާ އަންހެނަކަށް، އެ އަންހެން މީހާއަށް ކުލުނާއި އަޅާ ލުމާއި އަދި ނަފްސަށް ހެޔޮ އެދުމުގެ ޤަޞްތު އޮވެ އެ ފަދައިން ކައިވެނި ކުރުމަކީ އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ކިޔެއްތަ! އެފަދަ ހެޔޮވެގެންވާ ނިޔަތެއް އޮވެއްޖެހިނދު އެމީހާއަށް އެކަމުގައި އަޖުރުލިބޭނެކަންވެސް ޝައްކެތްނެތެވެ.

ދެންފަހެ ޢުމުރުން ދޮށީ ވުމާއި ޢުމުރުން ހަގު ވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ފިރިހެން މީހާގެ ޢުމުރު 30 އަންހެން މީހާގެ ޢުމުރު 50 ވުމަކީ ކައިވެނި ކުރުމުން އެއްކިބާވުމަށް އޮތް ކަމެއް ނޫނެވެ.

އަދި ފިރިހެން މީހާގެ ޢުމުރު 50 ކަމުގައިވެ އަންހެން މީހާގެ ޢުމުރު 20 އަހަރު ވުމަކީވެސް ކައިވެނި ކުރުމުން އެއްކިބާވުމަށް އޮތް ކަމެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts