ޤަޟާ ކުރަންޖެހިފައިވާ ރަމަޟާން މަހުގެ ރޯދަތަކެއް ހުއްޓާ، ސުންނަތް ރޯދަ؛ މިގޮތުން ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދަހިފުމުން އޭގެ އަޖުރު ޙާސިލްވާނެ ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ޤަޟާ ކުރަންޖެހިފައިވާ ރަމަޟާން މަހުގެ ރޯދަތަކެއް ހުއްޓާ، ސުންނަތް ރޯދަ؛ މިގޮތުން ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދަހިފުމާ މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފުރަތަމައީ: ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދައަށް ހުރުން، މި ޢަމަލުގެ ބޮޑުކަން ދެނެގަތުމެވެ. ޙަދީޘްގައި ވެއެވެ. (كان رسول الله ﷺ يصوم تسع ذي الحجة، ويوم عاشوراء، وثلاثة أيام من كل شهر)

”ރަސޫލާ صلى الله عليه وسلم ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހު، ރޯދައަށް ހުންނަވައެވެ. އަދި ޢާޝޫރާ ދުވަހު، ރޯދައަށް ހުންނަވައެވެ. އަދި ކޮންމެ މަހެއްގެ ތިން ދުވަހު، ރޯދައަށް ހުންނަވައެވެ“. މި ދުވަސްތަކުގައި ރޯދައަށް ހުރުމާ ބެހޭގޮތުން ޢިލްމުވެރިންގެ ގިނަ ބަސްފުޅުތަކެއް ބަޔާން ވެގެންވެއެވެ. އެފަދަ ބަސްފުޅުތަކުގެ ތެރޭގައި:

  • الحافظ النووي -رحمه الله- ވިދާޅުވެފައިވެއެވެ. ”ހަމަކަށަވަރުން މި ދުވަސްތަކުގައި ރޯދައަށް ހުރުން ނުހަނު ގަދައަށް މުސްތަޙައްބު ވެގެންވެއެވެ“.
  • الإِمَام ابن مفلح -رحمه الله- ވިދާޅުވެފައިވެއެވެ. ”ޛުލްޙިއްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަހިފުން މުސްތަޙައްބު ވެގެންވެއެވެ. އަދި ނުވަވަނަ ދުވަހު ރޯދަ ހިފުން ވަރަށްބޮޑަށް އެދެވިގެންވެއެވެ. އެއީ ޢަރަފާތް ދުވަހެވެ“.
  • الشيخ العَلاَّمَة محمد بن صالح العُثَيمين رحمه الله ވިދާޅުވެފައިވެއެވެ. ”މި ދިހަ ދުވަހުގައި ކުރެވޭ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ޢީދު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގައި ރޯދަ ހިފުންވެއެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم މި ދުވަސްތަކުގައި ރޯދައަށް ހުންނަވާކަން ބަޔާން ވެގެންވުމެވެ. އެއީ الإِماَم أَحمد އަދި ސުނަނުގެ އަޞްޙާބުން حَفْصَة بِنت عُمَر بن الخَطَّاب -رضي الله عنها- ގެ އަރިއަހުން ރިވާކޮށްފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ މި ދުވަސްތަކުގައި ރޯދައަށް ހުންނެވުން ދޫކޮށްނުލައްވައެވެ. މިއީ މި މައްސަލައިގައި ޞައްޙަ ވެގެންވާ ބަސްފުޅެވެ. ދެންފަހެ، الإِماَم مُسلِم ރިވާކޮށްފައިވާ عَائِشَة ގެ ޙަދީޘްގައި ވަނީ، ނަބިއްޔާ صلى الله عليه وسلم މި ދުވަސްތަކުގައި ރޯދައަށް ނުހުންނަވާ ކަމުގައިއެވެ. ފަހެ، ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އިތުބާރުހިފޭ، ޢަދުލުވެރި ދެ ފަރާތެއް އެއް މައްސަލައެއްގައި އެކަކު ޘާބިތުކޮށް އަނެކަކު ނަފީކުރާނަމަ، އެހިނދުގައި އިސްކުރަންޖެހޭނީ ޘާބިތު ކުރާ ފާރާތުގެ ބަހެވެ. ސަބަބަކީ ޘާބިތު ކުރާ ފަރާތުގެ އަތުގައި އިތުރު ޢިލްމުވުމެވެ. ދެންފަހެ، عَائِشَة އެ ކަމަނާގެ ޙަދީޘްގައި ނަފީކޮށްފައިވަނީ އެކަމަނާއަށް އެކަމުގެ ޢިލްމު ލިބިވަޑައިގެންފައި ނުވުމެވެ. އެކަން ނުވާކަމެއްގޮތުގައި ނަފީކުރައްވާފައި ނުވެއެވެ. ފަހެ، މިގޮތުން މި ދެޙަދީޘް ޖަމަޢަކުރެވެއެވެ“.
  • عَن الثَّوري عَن عُثْمَان بن موهب -رحمه الله- ވިދާޅުވެފައިވެއެވެ.

”މީހަކު أَبُو هُرَيرة -رضي الله عنه- އަރިއަހުގައި ސުވާލުކޮށް ދެންނެވި އަޑު އެހީމެވެ. (އެމީހަކު ދެންނެވިއެވެ.) ރަމަޟާން މަހުގެ ރޯދަތަކެއް ތިމަންނަ ޤަޟާކުރަން ޖެހިފައިވެއެވެ. (އެ ރޯދަތައް ޤަޟާކުރަން ޖެހިފައި ވަނިކޮށް) ޙައްޖުމަހުގެ ނުވަ ދުވަހުގައި ސުންނަތް ރޯދަ ހިފިދާނެ ހެއްޔެވެ؟ އެހިނދު أَبُو هُرَيرة -رضي الله عنه- ވިދާޅުވިއެވެ. ނޫނެކެވެ. އަދި ކިޔެއްތަ! ﷲގެ ޙައްޤު އަދާކުރަން ފަށާށެވެ. އެއަށްފަހު ތިބާ ބޭނުންނަމަ، ސުންނަތް އަޅުކަންތަކާއިގެން ކުރިއަށްދިއުން ހުއްޓެވެ“.

  • މި އަޘަރު ޛިކުރު ކުރެއްވުމަށްފަހު، الشَّيخ عَبد القَادر الجُنَيد حفظه الله ވިދާޅުވެފައިވެއެވެ.

“ހަމަކަށަވަރުން މި ރިވާޔަތުގައި أَبُو هُرَيرة -رضي الله عنه- ސުވާލު ކުރި މީހާއަށް ޙައްޖުމަހުގެ 9 ދުވަހުގައި ސުންނަތް ރޯދަ ހިފުން އިންކާރު ކުރައްވާފައި ނުވެއެވެ. އެހެނަސް އެކަމަށް އިޤްރާރުވެ ވަޑައިގެންނެވިއެވެ. އެއީ ރަމަޟާން މަހުގެ ރޯދަ އަދާކުރުމަށްފަހު، އެ ދުވަސްތަކުގައި ސުންނަތް ރޯދަ ހިފުމަށެވެ. ފަހެ، އެހެންވުމުން ބަޔާން ވެގެންވަނީ އުއްމަތުގެ ޞަލަފުއް ޞާލިޙުންގެ އަރިއަހުގައި މި ދުވަސްތަކުގައި ރޯދަ ހިފުމަކީ (އެބޭކަލުންގެ މެދުގައި) މަޢުރޫފް ކަމެއްގެ ގޮތުގައިވާ ކަމެވެ. އެކަމުގެ އެންމެ އިސްފަރާތްތަކީ މާތް ނަބިއްޔާ ﷺ ގެ އަޞްޙާބުންނެވެ”.

 

ވުމާއެކު، މި ދުވަސްތަކުގައި ރޯދައަށް ހުރުމުގެ މާތްކަމާއި މަތިވެރިކަން ބަޔާން ވެގެންވެއެވެ. ފަހެ، މި ދުވަސްތަކުގައި ރޯދަހިފުމަށް ކުޅަދާނަވެގެންވާ މީހާ މި ދުވަސްތަކުގެ އަޖުރާއި ޘަވާބުން މަޙްރޫމުވެ ނުދިއުމަށްޓަކައި ރޯދަ ހިފުން ދޫކޮށް ނުލުން ހުއްޓެވެ.

ދެވަނައީ: މި ދުވަސްތަކުގައި (ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހުގެ ރޯދަ އަކީ) ވަކި ސަބަބަކަށް ޓަކައި އޭގެ ޛާތުގައި ޤަޞްދު ވެގެންވާ ރޯދަތަކަށް ނުވުމާއި އެކު، އެމީހެއްގެ ޛިންމާގައިވާ ފަރުޟު ރޯދަތައް ހިފުމަށް ނިޔަތްގަނެ، މި ދުވަސްތަކުގައި ހިފައިފި ކަމުގައިވާނަމަ، އެމީހަކު ވާނީ މި ދުވަސްތަކުގައި ރޯދައަށް ހުރުމުގެ އަޅުކަންވެސް ޙާޞިލް ކޮށްފައިއެވެ.

އެހެންކަމުން އެމީހަށް ދެ އަޖުރު ލިބުމަކީ، (ފަރުޟު ރޯދަ ޤަޟާ ކުރުމާއި އަދި ޙައްޖުމަހުގެ 9 ދުވަހުގެ ރޯދަ ހިފުމުގެ އަޖުރު) ލިބުމަކީ އެމީހަކަށް ﷲ ގެ ފަޟުލުވަންތަކަމުން މި ޘަވާބު ލިބުމުން ދުރުކަމެއް ނޫނެވެ. ވީމާ، އެމީހަކަށް އެދެވިގެންވަނީ ފަރުޟު ރޯދަތަކަށް ނިތަޔްގަނެ ފަރުޟު ރޯދަތައް ޤަޟާ ކުރުމެވެ.

މަތީގައި ޛިކުރު ކޮށްފައިވާ ގޮތަށް ފަރުޟު ރޯދަތައް ހުއްޓައި ސުންނަތް ރޯދަތައް ހިފުމުގެ މައްޗަށް ޢިލްމުވެރިން މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެ ޚިލާފުތައް ތިރީގައި ބަޔާން ކުރަމެވެ.

ޤައުލު- 1: ޤަޟާ ރޯދަތައް ހުއްޓައި ސުންނަތް ރޯދަ ހިފުން ހުއްދަވާނެ ކަމުގައި ބުނެފައިވާ ބުނުމެވެ. ފަހެ، މި ޤައުލަކީ الحنفيّة މަޛްހަބުގެ ޤައުލެވެ. އަދި މި ޤައުލަކީ الحنابلة ގެ މަޛްހަބުގެ ޤައުލެކެވެ.

ޤައުލު- 2: ޤަޟާ ރޯދަ ހުއްޓައި ސުންނަތް ރޯދަ ހިފުން ކަރާހަތްތެރި ކަމުގައި ވުމެވެ. މިފަދައިން المالكيّة އަދި الشّافعيّة ވިދާޅުވެފައިވެއެވެ.

ޤައުލު- 3: الحنابلة މަޛްބަހުގެ 2 ޤައުލުގެ ތެރެއިން އެއް ޤައުލުގައިވެއެވެ. ވާޖިބު ރޯދަ ޤަޟާކުރަން ޖެހިފައިވާ ފަރާތަކަށް ސުންނަތް ރޯދަ ހިފުން ޙަރާމްވެގެންވާ ކަމެވެ.

ހުއްދަ ވެގެންވާ ކަމަށް ވިދާޅުވެފައިވާ ޢިލްމުވެރިންގެ މައިގަނޑު ދަލީލަކީ عَائِشَة -رضي الله عنها- ގެ ދަލީލެވެ. އެއީ، (كان يكون علي الصوم من رمضان فما أستطيع أن أقضيه إلا في شعبان) ”ތިމަންކަމަނާ ޤަޟާކުރަން ޖެހިފައިވާ ރަމަޟާންމަހުގެ ރޯދަ ހުރެއެވެ. އެ ރޯދަތައް ޝަޢުބާން މަހުގައި މެނުވީ ޤަޟާކުރުމަށް ތިމަން ކަމަނާއަށް ކުޅަދާނައެއް ނުވެއެވެ“ (صحيح البخاري 1950).

އެބޭކަލުން ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާގެ އަނބިކަނބަލުން عَائِشَة -رضي الله عنها- ގެ މަޤާމާއި، މަތިވެރިކަމުގެ ޙައްޤުގައި ޝައްވާލުމަހުގެ ރޯދަ ނުހިއްޕަވާކަމުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ (އެބަހީ؛ ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ހުއްޓާ ސުންނަތް ރޯދަ ނުހިފޭނެ ކަމުގައި ބުނާނަމަ، عَائِشَة -رضي الله عنها- ގެ ރަމަޟާން މަހުގެ ރޯދަތައް ޝަޢުބާން މަހާއި ޖެހެންދެން ޤަޟާ ނުކުރެވި ހުރުން އެކަމަނާ ވިދާޅުވެފައިވުމުން، ޝައްްވާލުމަހުގެ ރޯދަތައް އެކަމަނާ ނުހިއްޕަވަނީއޭ ބުނެވެނީ ހެއްޔެވެ؟)

އެހިނދު، މި ދަލީލަށް ޖަވާބު ލިބިގެންދެއެވެ. ނަބިއްޔާގެ އަނބިކަނބަލުން عَائِشَة -رضي الله عنها- ޤާއިމްވެ ވަޑައިގެން ހުންނަވަނީ ޝައްވާލުމަހުގެ ރޯދައަށްވުރެ އެއަށްވުރެ މާތް މަތިވެރި އަޅުކަމެއްގައެވެ. އެއީ، ރަސޫލާ ﷺ ގެ ޙައްޤުޤައި ނަބިއްޔާގެ މަޤާމަށް ޓަކައި ނަބިއްޔާގެ އެންމެހައި ކަންކަމެއްގައި މަޝްޣޫލުވެ ވަޑައިގެން ހުންނެވުމެވެ. އެއީ މާ މަތިވެރި ވެގެންވާ އަޅުކަމެކެވެ.

ފަހެ، ދީނުގައި، ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކުގައި ވަނީ، ދެ މަޞްލަޙަތެއް ފުށުއަރައިފިހިނދު، (ސުންނަތް ރޯދަ ހިފުމާއި، ނަބިއްޔާއަށް ޓަކައި މަޝްޣޫލުވެ ޚިދުމަތުގައި ދެމިހުންނެވުން) އެހިނދު އިސްވެގެންވާ މަޞްލަޙަތު ކުރިއަށް ނެރުން ހުއްޓެވެ. ފަހެ، މިއީ އެ ސަބަބަކަށް ޓަކައި އެކަމަނާއަށް ރަމަޟާން މަހުގެ ރޯދަތައް ޝަޢުބާން މަހާ ހަމައަށް ލަސްކުރެއްވުމަށް މެދުވެރިވި ސަބަބު ކަމުގައިވެއެވެ. ފަހެ، އެހިނދު ދެވަނަ ޤައުލުގެ އަހުލުވެރިންގެ ދަލީލަށް ޖަވާބު ދެވެއެވެ.

އަދިވެސް ބުނެވެއެވެ. އެ ކަމަނާގެ ޢަމަލު ފުޅުގައި ޤަޟާކުރަންޖެހިފައިވާ ރަމަޟާން މަހުގެ ރޯދަތައް ހުއްޓާ ސުންނަތް ރޯދަތައް ހިއްޕަވާ ކަމުގައި ނުވެއެވެ. “ތިމަން ކަމަނާ ސުންނަތް ރޯދަ ހިއްޕަވަމެވެ.” މިފަދައިން ވިދާޅުވެފައި ނުވެއެވެ. އެހެނަސް ވިދާޅުވެފައިވަނީ ނަބިއްޔާގެ މަޤާމަށް ޓަކައި “ޚިދުމަތް ކުރުމާއި ނަބިއްޔާއަށް މަޝްޣޫލުވެ އުޅުއްވުމަށްޓަކައި” ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން ލަސްކުރައްވާކަމެވެ.

އަދި ރިވާޔަތުގައި އެކަމަނާއަށް ސުންނަތް ރޯދަ ހިފުމަށް އިޛުނަފުޅު ދެއްވާފައިވާކަން ވެސް ނުވެއެވެ. އެހެނަސް އޭގެ ބަދަލުގައި ރިވާޔަތުގައި ވަރަށް ސާފުކޮށް ބަޔާން ވެގެންވަނީ އެކަމަނާ ރޯދަތައް ލަސްކުރައްވާފައިވަނީ ނަބިއްޔާގެ ޙާޖަތަށް ޓަކައި އަދި ޚިދުމަތަށްޓަކައި ކަމެވެ.

ބުނަމެވެ. ފަހެ، އެބޭކަލުން ހުއްދަ ކަމުގައި ގެނެސްފައިވާ މައިގަނޑު ދަލީލަށް މިފަދައިން ޖަވާބު ދެވުމުން މައްސަލަ ވަރަށް ސާފުކޮށް ބަޔާން ވެގެންވެއެވެ.

ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހާއަށް ސުންނަތް ރޯދަ އޭގެ ކުރިން ހިފުން ހުއްދަ ވެގެން ނުވާކަން ބަޔާންކޮށްފައިވާ ދަލީލުތަކުގެ ތެރޭގައި އަދި ބަސްފުޅުތަކުގެ ތެރޭގައި ވެއެވެ.

  1. ފަރުޟު އަޅުކަންތަކަކީ ﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަންތަކެވެ. ސުންނަތް އަޅުކަންތައް ވަނީ އެއަށްފަހުގައިއެވެ. ވީމާ، ﷲ އާ ކުއްތަންވެ އެއިލާހުގެ ހަޟުރަތަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަން ދޫކޮށް ސުންނަތް އަޅުކަންތަކަށް ދިއުމެއް ނުވެއެވެ.
  2. عُثْمَان بِن مَوهِب ވިދާޅުވެފައިވެއެވެ. أَبُوهُرَيرة -رضي الله عنه- އަރިއަހުގައި މީހަކު ސުވާލު ދެންނެވިއެވެ. ”ރަމާޟާން މަހު ގެއްލިފައިވާ (ޤަޟާ ކުރަން ޖެހިފައިވާ) ރޯދަތަކެއް އެބަ ހުއްޓެވެ. އެ ރޯދަތައް ހުއްޓާ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ރޯދަތައް ހިފިދާނެ ތޯ އެވެ؟

أَبُوهُرَيرة رضي الله عنه ވިދާޅުވިއެވެ. ނޫނެކެވެ. (ޤަޟާކުރަންޖެހޭ ރޯދަތައް ހުއްޓާ، ސުންނަތް ރޯދަތައް ހިފަނީ) ކީއްވެތޯއެވެ؟ ﷲގެ ޙައްޤު އަދާކުރުމަށް ފަށާށެވެ. އެއަށްފަހު ތިބާ ބޭނުންވެއްޖެހިނދު ސުންނަތް ރޯދަ ހިފުން ހުއްޓެވެ“ (البيهقي في السنن الكبرى ٨٣٩٥ صحيح).

މީގެ އިތުރަށް މިފަދައިން ވާރިދުވެގެންވާ ބައެއް އަޘަރުތަކުގައިވެ އެވެ.

  1. حماد ވިދާޅުވެފައިވެއެވެ. ތިމަން (ތާބިޢީ) إبراهيم އަދި سعيد بن جبير އަރިހުގައި އެ މީހަކު ޤަޟާކުރަންޖެހޭ ފަރުޟު ރޯދަތަކެއް ހުއްޓާ ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދަހިފުމާ މެދު ސުވާލު ދެންނެވީމެވެ. (އެހިނދު ވިދާޅުވިއެވެ.) “ޙައްޖުމަހުގެ ދުވަސްތަކުގައި ސުންނަތް ރޯދަ އިސް ނުކުރާށެވެ. ފަރުޟު ރޯދަ ހިފުން ހުއްޓެވެ”.

ފަހެ، މައްސަލައިގެ ޚުލާޞާގައި ބުނަމެވެ. ރަމަޟާން މަހުގެ ރޯދަތަކެއް ގެއްލިފައިވާ މީހާ އެ ރޯދަތައް ހުއްޓާ ސުންނަތް ރޯދަ ނުހިފައި، ފަރުޟު ރޯދަ ޤަޟާ ކުރުމަށް އަވަސްވެގަތުން އެއީ އަޥަލާވެގެންވާ ގޮތެވެ. އަދި ﷲ ތަޢާލާގެ ރުއްސެވުމަށް ވާޞިލް ވުމަށް ބަޔާން ވެގެންވާ ގޮތެވެ. ޤުދުސީ ޙަދީޘްގައި ވާރިދު ވެގެންވެއެވެ. الرسول- صلى الله عليه وسلم- قال: ” قال الله تعالى: وما تقرّب إليّ عبدي بشيءٍ أحبّ إليّ مما افترضت عليه ” ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަން އިލާހުގެ އަޅާ، ތިމަން އިލާހު ފަރުޟު ކުރައްވާފައިވާ އަޅުކަމެއް އަދާކޮށްގެން ތިމަން އިލާހުގެ ޙަޟުރަތަށް ކުއްތަންވުމަށް ލޯބޮވޮޑިގަންނަވާ މިންވަރަށް އެހެން ޢަމަލެއް ނުވެއެވެ…”.

މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ العلامة الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. “ފަހެ، ޤަޟާ ރޯދަ ހިފުމަށް ޖެހިފައިވާ މީހާއަށް ވާޖިބުވެގެންވަނީ ސުންނަތް ރޯދަ ހިފުމަށްވުރެ ކުރިން ޤަޟާ ރޯދަ ހިފުމެވެ. ސަބަބަކީ، ފަރުޟު (އަޅުކަން) ސުންނަތަށް ވުރެ، މުހިންމު ވެގެންވުމެވެ. މިއީ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަވެގެންވާ ގޮތެވެ”.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply