|

ދަރަންޏެއް އޮތް މީހާ ޙައްޖުކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އެމީހަކު އަދާކުރަން ޖެހޭ ދަރަންޏެއް އޮތް މީހާ ޙައްޖުކުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ސުވާލުގެ ޖަވާބު ބޮޑަށް ބަޔާންވެ ފަހުމްވެ ދިއުމަށްޓަކައި ޙައްޖު ކުރާ މީހާގެ މައްޗަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާން ކުރަމެވެ.

(ޖަވާބުގެ ފުރަތަމަބައި)

ފުރަތަމައީ : މުސްލިމެއް ކަމުގައި ވުމެވެ. (މާނައީ : މުސްލިމެއް ނޫން ކަމުގައިވާނަމަ އެމީހެއްގެ ޙައްޖު ޞައްޙައެއް ނުވާނެ އެވެ.) ފަހެ، ކާފަރަކަށް އިސްލާމްވުމުގެ ކުރީގައި ޙައްޖު ކުރުމަށް އަދި ޢުމްރާ ކުރުމަކަށް އަމުރު ކުރުމެއް ނުވެއެވެ. އަދި މި އަޅުކަން ކުރި ކަމުގައިވީނަމަވެސް ޞައްޙައެއް ނުވާނެއެވެ.

ދެވަނައީ : ބާލިޣްވެފައިވާ ފަރާތެއް ކަމުގައިވުމެވެ. ކުޑަކުއްޖާ އާއި އަޅުމީހާ، މި ދެމީހުންގެ މައްޗަށް ޙައްޖު ވާޖިބުވެގެން ނުވެ އެވެ. ނަމަވެސް، ޙައްޖު ކޮށްފިނަމަ 2 މީހުންގެ ޢަމަލު ނަފްލު (ސުންނަތް) އަޅުކަމެއްގެ ގޮތުގައި ޞައްޙަވެ އެދެމީހުން ގޮވައިގެން ޙައްޖު ކުރި މީހާއަށް އެކަމުގެ ޘަވާބު ލިބޭނެއެވެ. އެއީ ابن عباس -رضي الله عنمها- ގެ ޙަދީޘްގައި އައިސްފައިވުމުންނެވެ. ابن عباس -رضي الله عنمها- ވިދާޅުވިއެވެ. (رَفَعَتْ اِمْرَأَة صَبِيّاً لَهَا فَقَالَتْ: يَا رَسُوْل اللهِ! أَلِهَذَا حَجٌّ؟ قَالَ: نَعَمْ! وَلَكِ أَجْرٌ) ”އަންހެނަކު އޭނާގެ ކުޑަ ދަރިފުޅު އުފުލައި ދެންނެވިއެވެ. ﷲ ގެ ރަސޫލާ އެވެ. މި ކުއްޖާއަށް ޙައްޖު ވޭތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. ”އާނއެކެވެ. ކަނބުލޭގެއަށް އޭގެ އަޖުރު ހުއްޓެވެ.“ މި ޙަދީޘް އިމާމް مسلم (3254) ރިވާކުރެއްވި އެވެ.

ތިންވަނައީ : ބުއްދި ސަލަމާތުން ހުރުމެވެ. އެހެނީ : މޮޔައެއްގެ ކިބައިން ޢަމަލު ޞައްޙަވެގެން ނުވެ އެވެ. ބުއްދި ފިލައިފައިވާ މޮޔަމީހާއަށް ޙައްޖު އަދި ޢުމްރާ ކުރުމަށް އަމުރު ކުރުމެއްނުވެ އެވެ. އަދި ބުއްދި ފިލާފައިވުމުގެ ސަބަބުން އެ އަޅުކަން ކުރި ކަމުގައިވީނަމަވެސް އޭނާގެ އެ އަޅުކަން ޞައްޙައެއް ނުވާނެ އެވެ. މި ކަމުގެ މައްޗަށް ވާރިދުވެގެންވާ ދަލީލު ތަކުގެ ތެރޭގައި ނަބިއްޔާ ﷺ ގެ އަރިހުން އިމާމް أبوداود (4403) ގައި ޞަހާބީ عليّ رضي الله عنه އަރިހުން ރިވާކޮށްފައިވާ ޙަދީޘް ފުޅުގައިވާ ފަދައިންނެވެ. (رُفِعَ القَلَم عَنْ ثَلاثَةِ: عَنْ النَّاِئم حَتَّى يَسْتَيْقِظَ، وَعَنْ الصَّبِيَّ حَتَى يَحْتَلِم، وَعَنْ المَجُنُوْنَ حتَّى يَعْقِلَ) ”ތިން މީހެއްގެ މަތިން ޤަލަން އުފުލިގެން ވެއެވެ. ނިދާފައި އޮންނަ މީހާ ހޭލުމަށް ދާންދެން، ކުޑަކުއްޖަކު ބާލިޢު ވަންދެން އަދި ބުއްދިފިލާފައިވާ މޮޔަ މީހާ ބުއްދި އައުމަށް ދާންދެނެވެ.“

ހަތަރުވަނައީ : ޙައްޖު ކުރުމަށް ކެރި ކުޅަދާނަވެގެންވުމެވެ. ކުޅަދާނަވުމަކީ އެއީ ޖިސްމާނީ ގޮތުންނާއި މާލީ ތަނަވަސްކަމުން ކުޅަދާނަވުމެވެ. ﷲ ގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. ( وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ) [آل عمران: 97] ”އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަޞްދުކޮށްގެން ދިއުމީ (ޙައްޖު ވުމަކީ) ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ.“

ފަސްވަނައީ : މިނިވަނެއް ކަމުގައި ވުމެވެ.

އަދި އަންހެނުންނަށް 6ވަނަ ޝަރުޠެއްގެ ގޮތުގައި : މަޙްރަމެއް ހުރުން ކަނޑައެޅިފައިވެ އެވެ. އަންހެނަކަށް ހަށިގަނޑުގެ ކުޅަދާނަކަމާއި ފައިސާގެ ތަނަވަސްކަން ލިބިފައިވީ ނަމަވެސް އޭނާއާ އެކުގައި ދަތުރު ކުރާނެ މަޙްރަމެއް ނެތްހިނދުގައި އޭނާއަކީ ކުޅަދާނަވެގެންވާ އަންހެނެއް ކަމުގައި ނުވާނެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. (لَا تُسَاِفر المَرأَةُ إِلاَّ مَعَ ذِيْ مَحْرَم، وَلاَ يَدْخُل عَلَيْهَا رَجُلٌ إِلاَّ وَمَعَهَا مَحْرَمٌ، فَقَالَ رَجُلٌ: يَا رَسُوْلَ اللهِ! إِنِّيْ أُرِيْدُ أَنْ أَخْرُجَ فِيْ جَيْشٍ كَذَا وَكذَا، وَامْرَأَتِيْ تُرِيْدُ الحَجَّ؟ فَقَالَ: اُخْرُجْ مَعَهَا) ”މަޙްރަމަކާ ނުލައި މެނުވީ އަންހެނަކު ދަތުރުކޮށްގެން ނުވާނެއެވެ. އަދި އަންހެންމީހާގެ މަޖްލިސް އަށް މަޙްރަމެއް ނެތި ފިރިހެނަކު ވަދެގެން ނުވާނެއެވެ. ފަހެ އެހިނދު މީހަކު ދެންނެވިއެވެ. ﷲ ގެ ރަސޫލާ އެވެ. އަޅުގަނޑު ވަނީ އެވެނި މިވެނި ހަނގުރާމައަކަށް ދިއުމަށް ނިންމާފަ އެވެ. އަޅުގަނޑުގެެ އަނބިމީހާ ވަނީ ޙައްޖު ކުރުމަށް ނުކުމެ އެވެ. ފަހެ، އެހިނދު ޙަދީޘް ކުރެއްވިއެވެ. އަނބިމީހާއާ އެކުގައި ދާށެވެ.“ މި ޙަދީޘް ابن عباس رضي الله عنه ގެ އަރިއަހުން البخاري (1862) އަދި مسلم (3272) ރިވާކުރައްވާފައިވެ އެވެ. މިއީ ޙައްޖު ވާޖިބުވުމުގެ ޝަރުޠެކެވެ. އެބަހީ : ޙައްޖު އެއަންހެން މީހާގެ މައްޗަށް ވާޖިބު ވެގެން ނުވުމެވެ. އެހެނަސް ޙައްޖުކޮށްފިހިނދު އޭނާގެ ޙައްޖު ޞައްޙަވާނެ އެވެ.

ބުނަމެވެ. ޙައްޖުގެ ޝަރުޠުތަކުގެ ތެރޭގައިވެސް ޙައްޖު ކުރާ މީހަކީ އޭނާގެ ބޮލުގައި ދަރަންޏެއް އޮތް މީހެއް ކަމުގައި ބަޔާންވެގެން ނުވެ އެވެ.
އެއަށްފަހު ޙައްޖުގެ ރުކުންތައް ޛިކުރު ކުރަމެވެ.
އެއީ : އިޙްރާމް ބަނުން، ޢަރަފާތުގައި ހުރުން، ޠަވާފް ކުރުން، ސަޢުޔު ކުރުން މި އެވެ.
ފަހެ، ރުކުންތަކުގައިވެސް އެމީހެއްގެ މައްޗަށް ދަރަންޏެއް ނެތް މީހެއް ކަމުގައި ކަނޑައެޅިގެން ނުވެ އެވެ.
ޙައްޖުގެ ވާޖިބުތަކުގެ ތެރޭގައިވެސް އެފަދައިން ނުވެ އެވެ.
ވުމާއެކު، ދަރަންޏެއް އޮތް މީހާ، ޙައްޖު ކުރުމުން އޭނާގެ ޙައްޖު ޞައްޙަވާނެ ކަމާއި މެދުގައި އެއްވެސް ޝައްކެތް ނެތެވެ.
މި ހިސާބަށް ފަހުމްވެއްޖެހިނދު، ޖަވާބުގެ ދެވަނަބައި ފަހުމްވެ ދިއުން ފަސޭހަވެގެންވެ އެވެ.
(ޖަވާބުގެ ދެވަނަ ބައެވެ.)
އެމީހެއްގެ ބޮލުގައި، ޒިންމާގައި ދަރަންޏެއް އޮތް މީހާ ޙައްޖު ކޮށްފިހިނދުގަ އެވެ. އެހިނދުގައި އެކަމަށް އޮތް ޖަވާބެވެ.

ފުރަތަމަ ބައިގައި އެމީހެއްގެ ޙައްޖު ޞައްޙަވާނެ ކަމުގެ މައްޗަށް އެއްވެސް ޝައްކެތްނެތްކަން ބަޔާންވެއްޖެ އެވެ.
ޙައްޖު އެމީހެއްގެ މައްޗަށް ވާޖިބުވަނީ، ޖިސްމާނީ ގޮތުންނާއި، މާލީގޮތުންވެސް އެމީހަކީ ކުޅަދާނަކަން ލިބިގެންވާ ފަރާތެއްގެ ގޮތުގައި ވުމުންނެވެ.

ފަހެ، އެމީހެއްގެ ޒިންމާގައި ދަރަންޏެއް އޮތް މީހާގެ އެ ޢަމަލުން ބަޔާންވަނީ އޭނާއަކީ، އަތްމަތީގައި ނުވަތަ ލިބޭ އެއްޗަކުން މާލީ ގޮތުން ފުދުންތެރިކަން ނެތް މީހެއްގެ ގޮތުގަ އެވެ.

ވުމުން، އެފަދަ ފުދުންތެރިކަމެއް ނެތް މީހާއަށް ޙައްޖު ވާޖިބުވެގެން ނުވެ އެވެ. އަދި އެ ގޮތުގައި ދުނިޔެ ދޫކޮށްފިހިނދު، އޭނާގެ މައްޗަށް އެއްވެސް ކުށް ފާފައެއް ނެތެވެ. ﷲ އޭނާގެ މަތިން ނުހިއްޕަވާނެ އެވެ.

އެހެނަސް ތިމާގެ ބޮލުގައި ދަރަންޏެއް އޮވެ މަރުވެއްޖެމީހާގެ މަތިން ދަރަނި ވެއްޓިގެން ނުދާނެ އެވެ. އެހެނީ، އެއީ އަޅުތަކުންނަށް އަދާކުރުމަށް އޮތް ޙައްޤެކެވެ. އެއީ، ﷲ އޭނާގެ މަތިން ފުއްސަވައި ދެއްވާނެ ޢަމަލެއް ނޫނެވެ.

ވުމުން، އެފަދަ ދަރަންޏެއް އޮތް މީހާއަށް ވާޖިބުވެގެންވަނީ އޭނާގެ ދަރަނި ދައްކައި ޚަލާޞްކުރުމެވެ. އެއީ، އޭނާގެ ޙައްޤުގައި އެންމެ ހެޔޮ އަދި އެންމެ އެދެވިގެންވާ ގޮތެވެ.

ފައިސާ އަދި އަތްމަތީގައި ފައިސާ ހުރެއްޖެހިނދު، ޙައްޖު ވުމުގެ ބަދަލުގައި މީސްތަކުންނަށް އަދާކުރަންޖެހޭ ޙައްޤު ކަމުގައިވާ ދަރަނިވެސް އަދާކޮށް ޚަލާޞް ކުރުމެވެ.

މި މައްސަލައިގައި ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

”އޭނާގެ ޒިންމާގައި ދަރަންޏެއް އޮތް މީހާ ޙައްޖުކޮށްފިހިނދު، ޙައްޖު ޞައްޙަވާނެ އެވެ. އެހެނަސް އޭނާ ދައްކަން ޖެހިފައިވާ ދަރަންޏެއް އޮވެ އެ އަދާނުކޮށް ޙައްޖު ކުރާ މީހާ ފާފަވެރި ވާނެ އެވެ. ސަބަބަކީ، ދަރަނި އަދާކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެ އެވެ. (އެ ދަރަނިވެރި ޙާލުގައިވެ) އޭނާގެ މައްޗަށް ޙައްޖު ވާޖިބެއް ނުވެ އެވެ. ސަބަބަކީ ﷲ ވަނީ ޙައްޖު ކުރާ މީހާއަށް ޝަރުޠެއްގެ ގޮތުގައި ކެރިކުޅަދާނަކަށް ކަނޑައަޅުއްވާފަ އެވެ. އެކަލާނގެ ވަޙީ ކުރެއްވި އެވެ. ( وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ) [آل عمران: 97] ”އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަޞްދުކޮށްގެން ދިއުމީ (ޙައްޖު ވުމަކީ) ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ.“

އެމީހެއްގެ ބޮލުގައި ދަރަންޏެއް ދެއްކުމުގެ ޒިންމާ އުފުލާ މީހާއަކީ، ޙައްޖު ކުރުމަށް ކުޅަދާނަވެގެންވާ މީހެއް ނޫނެވެ…“ فتاوى نور على الدرب

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ رحمه الله ވިދާޅުވެފައިވެ އެވެ.

”ދަރަނި ދެއްކުމާއި، ދަރަނި އަދާކުރުމަކީ މިކަމުގައި އެންމެ މުހިންމު ވެގެންވާ ގޮތެވެ. މަޚްލޫޤުތަކުންގެ ޙައްޤު އަދާކުރުން (އަޥްލާވެގެންވެ އެވެ.) ކުޅަދާނަކަން ލިބިގެންވާ ހިނދުގައި މެނުވީ ޙައްޖުގެ އަޅުކަން އަދާކުރުމެއް ނުވެ އެވެ. މިހާރު އޭނާ ދައްކަންޖެހޭ ދަރަންޏެއް އޮވެ، އެ ދަރަނި ދައްކާފައި ޙައްޖަށް ދެވޭނެ ޤާބިލްކަމެއް ނެތް މީހާއަކީ، އެމީހެއްގެ މައްޗަށް ހައްޖު ވާޖިބުވެގެންވާ މީހެއް ނޫނެވެ. އޭނާވަނީ ޙައްޖު ކުރުމުގެ ތަކްލީފު ޖެހިގެންވާ މީހެއްގެ ގޮތުގައެއް ނޫނެވެ. .. އެހެނަސް އެ ދަރަނި ނުދައްކައި އޭނާ ޙައްޖުކޮށްފިނަމަ އޭނާގެ ޙައްޖު ޞައްޙަވާނެ އެވެ.“
ވުމުން، ނިންމާލުމުގެ ކުރިން ބުނަމެވެ.
އާދަމު ދަރިންގެ ޙައްޤަކީ، އޭނާގެ ބޮލުން ނެއްޓިގެންދާނެ އެއްޗެއް ނޫނެވެ. އޭނާ މަރުވެދިޔަސް އެ ޙައްޤުތައް އުފުލަންޖެހޭނެ އެވެ. އެ ޙައްޤުތައް އަދާ ނުކޮށްހުރެ އޭނާ މަރުވެއްޖެހިނދުވެސް، އޭނާވާހުށީ އެ އުފުލުމުގައި ދެމިހުންނާނެ ފަރާތެއް ކަމުގަ އެވެ.

އެހެނަސް އެމީހަކަށް ކުޅަދާނަނުވެ، ޙައްޖު އަދާނުކޮށް މަރުވެއްޖެ މީހާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. ދަރަނި ދައްކާފައި ޙައްޖު ކުރުމުގެ ކުޅަދާނަކަށް ނުލިބުނު މީހާގެ މައްޗަށް އެއްވެސް ކުށެއް އަދި ފާފައެއް ނެތެވެ.

ވުމުން، އެމީހަކު ވިސްނާލުން ހުއްޓެވެ. މިކަމުގައި އިސްކުރާނީ ކޮން ޢަމަލެއް ހެޔެވެ؟

(ތިންވަނަބައި)

ދަރަނި އެމީހެއްގެ ޒިންމާގައި އޮތްވައި އެމީހަކަށް، އޭނާގެ މާލީ ތަނަވަސްކަމުން ނޫން ގޮތަކަށް ޙައްޖު ދަތުރެއް ލިބުނީ އެވެ. އެބަހީ : ހިލޭ ޙައްޖުދަތުރެއް ލިބުނީ އެވެ.

މިފަދަ މީހާގެ ޙައްޖު އިސްކުރަންވާނެ އެވެ. ސަބަބަކީ އޭނާގެ ތަނަވަސްކަމުން ނޫން ގޮތުގައި އޭނާއަށް ޙައްޖު ކުރުމުގެ ކުޅަދާނަކަން ލިބިގެން ދިއުމެވެ. މި ޙާލަތުގައި އޭނާ ޙައްޖު ވުމުގައި އެއްވެސް ކުށެއް ނެތެވެ. ސަބަބަކީ، މީޙާލަތުގައި އޭނާ ދަރަނި އެމީހަކަށް އަދާކުރަން ޖެހިފައިވާ މީހާއަށް، އޭނާ ޙައްޖު ކުރުމުން ލިބޭ އެއްވެސް ގެއްލުމެއް ނެތުމެވެ. މިފަދައިން العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ.

(މިތަނުގައި އޭނާ ދަރަނި އެމީހަކަށް އަދާ ކުރަން ޖެހިފައިވާ މީހާއަށް ގެއްލުން ލިބޭކަން ބުނެފައި ވުމަކީ، އެ ދަރަނި ނުދައްކައި އަމިއްލަ ފައިސާއިން ޙައްޖުކުރުމުން، ދަރަނި ދިން ފަރާތަށް ދަރަނި އަދާނުކޮށް އެ ފައިސާ ހައްޖަށް ދިނުމުން ދަރަނި ދިން މީހާއަށް ލިބޭ ގެއްލުމެވެ. އެއީ ފައިސާ ހުރެފައި ދަރަނި ނުދެއްކުމުން އޭނާއަށް ލިބޭ ގެއްލުމެވެ.)

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts