ޝަޢުބާން މައްސަރުގައި ސުންނަތް ރޯދަ ހިފުން އޮތީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޝަޢުބާން މައްސަރާއި ގުޅިގެން ވަކި ދުވަހެއް ޤަޞްތު ކުރުމެއްނެތި އެ މައްސަރުގެ ގިނަ ދުވަސްތަކެއްގައި ރޯދަހިފުންވެސް އެދެވިގެންވާ ކަމެކެވެ.

  1. ޝަޢުބާން މައްސަރުގައި ގިނައިން ރޯދަހިފުން އެދެވިގެންވެ އެވެ. ޙަދީޘްގައިވެ އެވެ. أسامة بن زيد -رضي الله عنه- ވިދާޅުވެފައިވެ އެވެ. ތިމަންނަ رَسُول الله صلى الله عليه وسلم އަރިހުގައި ސުވާލުކުރީމެވެ.

(يا رسولَ اللهِ إنِّي أراك تصومُ في شهرٍ ما لا أراك تصومُ في شهرٍ شعبان ، قال : شعبانُ بين رجبَ وشهرِ رمضاَ يغفلُ النَّاسُ عنه ، يُرفعُ فيه أعمالُ إلى رب العالمين، فأُحبُّ ألا يُرفعَ عملي إلَّا وأننا صائمٌ) ”ﷲގެ ރަސޫލާ އެވެ. ޝަޢުބާން މައްސަރުގައި ރޯދަ ހިއްޕަވާ މިންވަރަށް ރަސޫލާ އެހެން އެއްވެސް މައްސަރެއްގައި ރޯދައަށް ހުންނަވާތަނެއް ތިމަންނަ ނުދެކެމެވެ. (އެހިނދު ޙަދީޘް ކުރެއްވި އެވެ.) ރަޖަބު މައްސަރާއި ރަމަޟާން މައްސަރުގެ ދެމެދުގައިވާ ޝަޢުބާން މައްސަރަކީ މީސްތަކުން އެމައްސަރެއްގެ މައްޗަށް ޣާފިލުވެގެންވާ މައްސަރެކެވެ. އަދި އެ މައްސަރަކީ ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. ފަހެ، ތިމަން ނަބިއްޔާގެ ޢަމަލު އުފުއްލެވޭ ހިނދުގައި ރޯދައަށް ހުންނެވުމަށް ތިމަން ނަބިއްޔާ ލޯބި ކުރައްވަމެވެ.“ النسائي2356 الألباني : الإرواء 4- 103

  1. ކޮންމެ ދެ ދުވަހުން އެއްދުވަހު ރޯދަ ހިފާ މީހާއަކީ ޢާދަވެ ރޯދަ ހިފާ މީހެއްކަމުގައި ވުމުން އޭނާއަށްވެސް އެކަން ހުއްދަވެގެންވެ އެވެ. ޙަދީޘްގައިވެ އެވެ. (فَصُمْ صِيَامَ دَاوُدَ عليه السَّلَامُ قالَ: وكيفَ؟ قالَ: كانَ يَصُومُ يَوْمًا ويُفْطِرُ يَوْمًا،) البخاري 1977 ”… ރޯދަ ހިއްޕެވި ފަދައިން ރޯދަ ހިފާށެވެ. … (އެއީ) ދެދުވަހުން އެއްދުވަހު ރޯދައަށް ހުރުމެވެ.“
  2. ހޯމަ އަދި ބުރާސްފަތީގައި ރޯދަ ހިފުން، މިފަދައިން ރޯދަހިފުމަށްވެސް ދަލީލު ވާރިދުވެގެންވެ އެވެ. އަދި މަހުގެ 3 ދުވަހު ރޯދަހިފުންވެސް ވާރިދުވެގެންވެ އެވެ.
  3. އިސްވެ ބަޔާންކޮށްފައިވާ ފަދައިން ޝަޢުބާން މައްސަރަކީ ނަބިއްޔާ صلى الله عليه وسلم އެ މައްސަރެއްގައި ވަރަށްވެސް ގިނައިން ރޯދަ ހިއްޕަވާ މައްސަރެއްކަން ޙަދީޘްތަކުން ދަލީލު ކުރެވެ އެވެ. عَائِشَة -رضي الله عنها- ވިދާޅުވެފައިވެ އެވެ. (ما رأيتُ النَّبيَّ في شهرٍ أكثرَ صيامًا منه في شعبانَ، كان يصومُه إلا قليلًا) ”ޝަޢުބާން މައްސަރަށްވުރެ ގިނައިން އެ މައްސަރެއްގައި ނަބިއްޔާ صلى الله عليه وسلم ރޯދައަށް ހުންނަވާ މައްސަރެއް ނުދެކެމެވެ. އެ މައްސަރުގެ މަދު ދުވަސްތަކެއް މެނުވީ ހުރިހައި ދުވަހެއްގައި ރޯދައަށް ހުންނަވަ އެވެ.“ صحيح الترغيب 1024

الإِمَام العلامة العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ. ”شَعْبَان މަހުގައި ރޯދަ ހިފުމާއި އަދި ރޯދަ ހިފުން ގިނަ ކުރުމަކީ ސުންނަތެކެވެ. އެއީ عَائِشَة رضي الله عنها ވިދާޅުވެފައިވާ ބަސްފުޅުގެ މައްޗަށް ބިނާކޮށެވެ. ”شَعْبَان މައްސަރަށްވުރެ ގިނައިން ނަބިއްޔާ صلى الله عليه وسلم ރޯދަ ހިއްޕަވާ މައްސަރެއް ދެނެވަޑައިނުގަންނަވަމެވެ.“ الفتاوى 20-22

  1. ޝަޢުބާން މައްސަރުގައި ގިނަ ރޯދަ ހިފުމުގެ ޙިކްމަތަކީ ކޮބައިކަންވެސް ބައެއް ޢިލްމުގެ އަހުލުވެރިން ޛިކުރު ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި الحَافظ ابن رَجَب الحَنبَلِي -رحمه الله- ވިދާޅުވެފައިވާ ބަސްފުޅުވެ އެވެ. ”ރަމަޟާން މަހުގެ ކުރިން ޝަޢުބާން މައްސަރުގައި ރޯދަހިފުމަކީ، ފަރުޟު ނަމާދުތަކާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްފަދަ ޢަމަލެކެވެ.“ لطائف المعارف
  2. ޝަޢުބާން މަހުގެ 15 ވަނަ ދުވަހަށް ޚާއްޞަކޮށްގެން ރޯދަ ހިފުން ވާރިދުވެގެން ނުވެ އެވެ. އަދި އެ ދުވަހުގައި ރޯދަ ހިފުމަކީ ވަކި އަޖުރެއް އަދި ޘަވާބެދއް އޮތްކަމަށް ބުނާ ބުނުމަކީ އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. ވުމުން 15ވަނަ ދުވަހަށް ޚާއްޞަކޮށްގެން ރޯދަ ހިފުމަކީ ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ ބިދުޢަވެރި ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ. شَيخ الإِسلام ابن تَيمِيَّة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޝަޢުބާންމަހު 15ވަނަ ދުވަސް ޚާއްޞަކޮށް އެދުވަހުގައި ރޯދަ ހިފުމަކީ އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ.“ إقتضاء الصراط 2-632

ވަރަށްގިނަ ބަޔަކު ޝަޢުބާން މަހުގެ 15 ވަނަ ދުވަހަކީ އެއީ އަޅުކަމަށް ޚާއްޞަވެގެންވާ ދުވަހެއްގެ ގޮތުގައި ހަދައި އެދުވަހަށް ޚާއްޞަކޮށް އެކިއެކި ބާވަތުގެ އަޅުކަމުގައި ޤާއިމްވެ އެވެ. އެހެނަސް މިއީ ދީނުގައި ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. މިއީ މިކަމުގައި އިސްލާމް ދީނުގެ އެންމެ ކުރީކޮޅުގެ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. މިފަދަ ބިދުޢަވެރި ޢަމަލުތަކުން ސަލާމަތްވުން ހުއްޓެވެ.

ބުނަމެވެ. ޢާދަވެ ރޯދަހިފާ ގޮތަށް (އެއީ ހޯމަ ބުރާސްފަތީގައި ޢާދަވެ ހިފާ މީހެއްކަމުގައިވާނަމަ) އެ ޢާދަވެ ހިފާ ގޮތުގައި ދޫނުކޮށް ދެމިހުރުން މޮޅު އިތުރުވެގެންވެ އެވެ.

ފަހެ، ޝަޢުބާން މަސް ކަމުގައިވީނަމަވެސް އެ ޢާދަ ދޫކޮށް ނުލާށެވެ. އެއަށްފަހު ޝަޢުބާން މައްސަރަކީ ގިނައިން ރޯދަ ހިފުމަށް ސުންނަތުގައި ވާރިދުވެގެންވާ މައްސަރެއް ކަމުގައިވުމުން، ރޯދަ ހިފަމުންދާ ޢާދައިގެ މައްޗަށް އިތުރު ދުވަސްތަކެއް ރޯދައަށް ޝަޢުބާން މައްސަރުގައި ހުރުމަށް ނަޞޭހަތްތެރިވަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply