ރަމަޟާން މަހުގެ ރޯދަތަކެއް ޤަޟާ ކުރަން ޖެހިފައިވާ މީހަކަށް އެ ރޯދަތައް ޤަޟާނުކޮށް ޝައްވާލުމަހުގެ ރޯދަ ހިފޭނެތޯއެވެ.
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޤަޟާ ކުރަންޖެހިފައިވާ ރަމަޟާން މަހުގެ ރޯދަތަކެއް ހުއްޓާ ޝައްވާލުމަހުގެ ރޯދަ ހިފުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ފުރަތަމައީ : ޝައްޥާލުމަހުގެ 6 ރޯދަ ހިފުމުގައިއޮތް ޘަވާބާއި އަޖުރު ދެނެގަތުމެވެ. صحيح مسلم ގައި ރިވާކުރެވިގެންވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (مَنْ صامَ رمضانَ ثُمَّ أَتْبَعَهُ ستًّا مِنْ شوَّالٍ كانَ كصيامِ الدَّهْرِ) ”ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު، އެއަށްފަހު އެއާއި ވިދިގެން ޝައްވާލު މަހުން 6 ރޯދަ ހިފައިފިމީހާއަކީ، މުޅި އަހަރު ދުވަސް ރޯދަހިފި މީހެއްފަދަ އެވެ.“صحيح مسلم (1164 ) ފަހެ، ﷲގެ މިފަޟްލުވަންތަކަން އަހަރެމެންގެ ނަފްސުތަކަށް އެނގިގަތުން ހުއްޓެވެ. ޙަދީޘްއިން ބަޔާންވެގެންވަނީ، ރަމަޟާން މަހުގެ އެންމެހައި ރޯދަތަކެއް ހިފުމަށްފަހު އެއާއި ވިދިގެން ޝައްވާލުމަހުގެ 6 ރޯދަ ހިފި މީހާއަށް މެނުވީ މި އަޖުރު ޙާޞިލް ނުވާނެ ކަމެވެ.
އަދިވެސް ތަފްޞީލުކޮށް ބަޔާން ކުރަމެވެ.
ދެވަނައީ : ރަމަޟާން މަހުގެ ރޯދަތަކެއް ޤަޟާކުރަން ޖެހިފައިވާ މީހާއަށް އެ ރޯދަތައް ޤަޟާ ނުކޮށްހުރެ، ޝައްވާލު މަހުގެ ރޯދަތައް ހިފޭނެ ހެއްޔެވެ؟
މި މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި 2 ޤައުލެއް ބަޔާންވެގެންވެ އެވެ.
ފުރަތަމަ ޤައުލަކީ : ޤަޟާ ރޯދަތައް ނުހިފައި ޝައްވާލުމަހުގެ ރޯދަތައް ހިފުން ހުއްދައެއް ނުވާނެ އެވެ. މިއީ الحنابلة ގެ މަޛްހަބުގެ އެއް ރިވާޔަތެވެ. އަދި މި ޤައުލު ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި الشيخ ابن باز ، الشيخ ابن عثيمين ، الشيخ صالح الفوزان އަދި އެނޫން ޢިލްމުވެރިންވެސް ހިމެނިވަޑައިގަންނަވަ އެވެ.އެބޭކަލުން ގެނެސްފައިވާ ދަލީލުތަކުގައިވެ އެވެ.
- ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (مَنْ صامَ رمضانَ ثُمَّ أَتْبَعَهُ ستًّا مِنْ شوَّالٍ كانَ كصيامِ الدَّهْرِ) ”ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު، އެއަށްފަހު އެއާއި ވިދިގެން ޝައްވާލު މަހުން 6 ރޯދަ ހިފައިފިމީހާއަކީ، މުޅި އަހަރު ދުވަސް ރޯދަހިފި މީހެއްފަދަ އެވެ.“
މި ޙަދީޘްއިން ބަޔާންވެގެންވަނީ : ރަމަޟާން މަހުގެ ރޯދަ ހިފައި (އެއަށްފަހު) ޝައްވާލުމަހުގެ 6 ރޯދަ…… “އެއަށްފަހު” މިފަދައިން ޛިކުރުވެފައިވުމުން އެހިނދު ބަޔާންވަނީ ތަރުތީބެއް އޮތް ކަމެވެ.
އެއީ ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހުގައި ޝައްވާލުމަހުގެ ރޯދަ ހިފުމެވެ. އެގޮތުން ރަމަޟާން މަހުގެ 10 ރޯދަ ނުހިފައި އޮތް މީހަކަށް ބުނެވޭނީ އެމީހާވަނީ ރަމަޟާން މަހުގެ ބައެއްގައި ރޯދަ ހިފައިފަ އެވެ. ރަމަޟާން މަހުގެ ރޯދަ ހިފައިފައި އެއަށްފަހު ޝައްވާލު މަހުގެ ރޯދަހިފުމުގެ ތެރެއަށް ނުވަންނާނެ އެވެ.
އަދިވެސް ވިދާޅުވެފައިވެ އެވެ. ދަލީލު ކުރެވެނީ، ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ކުރުމެވެ. އެއަށްފަހުގައި މެނުވީ ޤަޟާ ރޯދަ ހިފުމެއްނުވެ އެވެ. އެހެން ނޫނީ ޙަދީޘްގައިވާ އަޖުރު ޙާޞިލްވި ފަރާތެއް ކަމުގައި ނުވާނެ އެވެ.
- އަދިވެސް ވިދާޅުވެފައިވެ އެވެ. ފަރުޟު އަޅުކަންތަކަކީ ﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަންތަކެވެ. ސުންނަތް އަޅުކަންތައްވަނީ އެއަށްފަހުގަ އެވެ. ވުމުން ﷲއާއި ކުއްތަންވެ އެއިލާހުގެ ހަޟުރަތަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަން ދޫކޮށް ސުންނަތް އަޅުކަންތަކަށް ދިއުމެއް ނުވެ އެވެ.
- عُثْمَان بِن مَوهِب ވިދާޅުވެފައިވެ އެވެ. أَبُوهُرَيرة -رضي الله عنه- އަރިއަހުގައި މީހަކު ސުވާލު ދެންނެވި އެވެ. ”ރަމާޟާން މަހުގައި ގެއްލިފައިވާ (ޤަޟާ ކުރަން ޖެހިފައިވާ) ރޯދަތަކެއް އެބަ ހުއްޓެވެ. އެ ރޯދަތައް ހުއްޓާ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ރޯދަތައް ހިފިދާނެ ތޯ އެވެ؟
أَبُوهُرَيرة رضي الله عنه ވިދާޅުވި އެވެ. ނޫނެކެވެ. (ޤަޟާކުރަންޖެހޭ ރޯދަތައް ހުއްޓާ، ސުންނަތް ރޯދަތައް ހިފަނީ) ކީއްވެތޯ އެވެ؟ ﷲގެ ޙައްޤު އަދާކުރުމަށް ފަށާށެވެ. އެއަށްފަހު ތިބާ ބޭނުންވެއްޖެހިނދު ސުންނަތް ރޯދަ ހިފުން ހުއްޓެވެ.“ البيهقي في السنن الكبرى ٨٣٩٥ صحيح
الإمام ابن رجب الحنبلي رحمه الله ވިދާޅުވެފައިވެ އެވެ. ”ރަމަޟާން މަހުގެ ހުރިހައި ރޯދައެއް ހިފައި އެއަށްފަހު ޝައްވާލުމަހުގެ ހަ ރޯދަ ހިފާ މީހާއަށް މެނުވީ ޝައްވާލުމަހުގެ ހަ ރޯދަ ހިފުމުގެ މަޤްޞަދެއް ޙާޞިލެއް ނުވާނެ އެވެ.“ اللطائف223
ދެވަނަ ޤައުލަކީ : ރަމަޟާން މަހުގެ ރޯދަތައް ޤަޟާ ކުރަންޖެހިފައިވާ މީހާއަށް ޝައްވާލުމަހުގެ 6 ރޯދަ ހިފުން ހުއްދަވާނެ ކަމުގައި ބުނެފައިވާ ބުނުމެވެ.
މި ޤައުލުގެ އަހުލުވެރިން ބަޔާންކޮށްފައިވާ ދަލީލުތަކުގެ ތެރޭގައި ހިމެނެ އެވެ. عَائِشَة -رضي الله عنها- ވިދާޅުވެފައިވެ އެވެ. (كان يكون علي الصوم من رمضان فما أستطيع أن أقضيه إلا في شعبان) ”ތިމަންކަމަނާ ޤަޟާކުރަން ޖެހިފައިވާ ރަމަޟާންމަހުގެ ރޯދަ ހުރެ އެވެ. އެ ރޯދަތައް ޝަޢުބާން މައްސަރުގައިމެނުވީ ޤަޟާކުރުމަށް ތިމަންކަމަނާއަށް ކުޅަދާނައެއް ނުވެ އެވެ.“ صحيح البخاري 1950
އެބޭކަލުން ވިދާޅުވެފައިވެ އެވެ. މާތް ނަބިއްޔާގެ އަނބިކަނބަލުން عَائِشَة -رضي الله عنها- ގެ މަޤާމާއި، މަތިވެރިކަމުގެ ޙައްޤުގައި ޝައްވާލުމަހުގެ ރޯދަ ނުހިއްޕަވާކަމުގައި ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ (އެބަހީ : ރަމަޟާން މަހުގެ ޤަޟާ ރޯދަތައް ހުއްޓާ ސުންނަތް ރޯދަ ނުހިފޭނެ ކަމުގައި ބުނާނަމަ، عَائِشَة -رضي الله عنها- ގެ ރަމަޟާން މަހުގެ ރޯދަތައް ޝަޢުބާން މަހާއި ޖެހެންދެން ޤަޟާ ނުކުރެވި ހުރުން އެކަމަނާ ވިދާޅުވެފައިވުމުން، ޝައްވާލުމަހުގެ ރޯދަތައް އެކަމަނާ ނުހިއްޕަވަނީއޭ ބުނެވެނީ ހެއްޔެވެ؟)
އެހިނދު، މި ދަލީލަށް ޖަވާބުގައި ބުނެވެ އެވެ. ނަބިއްޔާގެ އަނބިކަނބަލުން عَائِشَة -رضي الله عنها- ޤާއިމްވެވަޑައިގެން ހުންނަވަނީ ޝައްވާލުމަހުގެ ރޯދައަށްވުރެ އެއަށްވުރެ މާތް މަތިވެރި އަޅުކަމަކާއިގެންނެވެ. ރަސޫލާ ﷺ ގެ ޙައްޤުޤައި ނަބިއްޔާގެ މަޤާމަށްޓަކައި ނަބިއްޔާގެ އެންމެހައި ކަންކަމެއްގައި މަޝްޣޫލުވަޑައިގެން ހުންނެވުމެވެ.
އެއީ މާ މަތިވެރި ވެގެންވާ އަޅުކަމެކެވެ. ފަހެ، ދީނުގައި، ޝަރީޢަތުގައި ކަނޑައެޅިފައިވާ ޤަވާޢިދުގައިވަނީ، ދެ މަޞްލަޙަތެއް ފުށުއަރައިފިހިނދު، (ސުންނަތް ރޯދަ ހިފުމާއި، ނަބިއްޔާއަށް ޓަކައި މަޝްޣޫލުވެ ޚިދުމަތުގައި ދެމިހުންނެވުން) އެހިނދު އިސްވެގެންވާ މަޞްލަޙަތު ކުރިއަށް ނެރުން ހުއްޓެވެ. ފަހެ، މިއީ އެސަބަބަށްޓަކައި އެކަމަނާއަށް ރަމަޟާން މަހުގެ ރޯދަތައް ޝަޢުބާން ހަމައަށް ލަސްކުރެއްވުމަށް މެދުވެރިވި ސަބަބު ކަމުގައިވެ އެވެ. ފަހެ، އެހިނދު ދެވަނަ ޤައުލުގެ އަހުލުވެރިންގެ ދަލީލަށް ޖަވާބު ދެވެ އެވެ.
އަދިވެސް ބުނެވެ އެވެ. އެ ކަމަނާގެ ޢަމަލު ފުޅުގައި ޤަޟާކުރަންޖެހިފައިވާ ރަމަޟާން މަހުގެ ރޯދަތައްހުއްޓާ ސުންނަތް ރޯދަތައް ހިއްޕަވާ ކަމުގައި ނުވެ އެވެ. “ތިމަން ކަމަނާ ސުންނަތް ރޯދަ ހިއްޕަވަމެވެ.” މިފަދައިން ވިދާޅުވެފައިނުވެ އެވެ. އެހެނަސް ވިދާޅުވެފައިވަނީ “ނަބިއްޔާގެ މަޤާމް -ޚިދުމަތް ކުރުމާއި ނަބިއްޔާއަށް މަޝްޣޫލުވެ އުޅުއްވުމަށްޓަކައި- ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން ލަސްކުރައްވާކަމެވެ. އަދި ރިވާޔަތުގައި އެކަމަނާއަށް ސުންނަތް ރޯދަ ހިފުމަށް އިޛުނަފުޅު ދެއްވާފައިވާކަންވެސް ނުވެ އެވެ. އެހެނަސް އޭގެ ބަދަލުގައި ރިވާޔަތުގައި ވަރަށް ސާފުކޮށް ބަޔާންވެގެންވަނީ އެކަމަނާ ރޯދަތައް ލަސްކުރައްވާފައިވަނި ނަބިއްޔާގެ ޙާޖަތަށްޓަކައި އަދި ޚިދުމަތަށްޓަކައި ކަމެވެ.
ފަހެ، ޚުލާޞާގައި ބުނަމެވެ. (مَنْ صامَ رمضانَ ثُمَّ أَتْبَعَهُ ستًّا مِنْ شوَّالٍ كانَ كصيامِ الدَّهْرِ) ”ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު، އެއަށްފަހު އެއާއި ވިދިގެން ޝައްވާލު މަހުން 6 ރޯދަ ހިފައިފިމީހާއަކީ، މުޅި އަހަރު ދުވަސް ރޯދަހިފި މީހެއްފަދަ އެވެ.“
މި ޙަދީޘްގައި ބަޔާންވެގެންވާ ލަފްޟާއި، ދަލީލު ކުރެވިފައިވާ ދަލީލުތަކުން ރަމަޟާން މަހުގެ ރޯދަ ޤަޟާކުރަން ޖެހިފައިވާ މީހާ އެ ރޯދަތައް ޤަޟާނުކޮށް، ޝައްވާލުމަހުގެ ރޯދަތައް ހިފުން ހުއްދަނުވާނެ ކަމާއި، މުޅިއަހަރުގައި ރޯދައަށް ހުރުމުގެ ޘަވާބު ނުލިބޭނެކަމަށް ބުނެފައިވާ ޤައުލަކީ ނުހަނު ބާރުދަގަ ބުނުމެކެވެ. ޙުއްޖަތްތައް ލިބިގެންވާ ޤައުލެކެވެ.
އެހެނަސް މި ޤައުލު ވިދާޅުފެވައިވާ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ޢިލްމުވެރިން، އޭގެ ތެރޭގައި العلامة ابن العثَيمِين- رحمه الله- ޟަރޫރީ ވެފައިވާ ޙާލަތެއް މެދުވެރިވާ ފަރާތަށް، ޒަރޫރީ ޙާލަތާއި ގުޅިގެން، ޤަޟާ ރޯދަތައް ހުއްޓާ ޝައްވާލު މަހުގެ 6 ރޯދަ ހިފުން ހުއްދަ ކުރައްވާފައިވެ އެވެ.
ޝެއިޚް ވިދާޅުވެފައިވެ އެވެ. “އަންހެނަކު ރަމަޟާން މަހުގެ ރޯދަތައް ޤަޟާން ކުރަންޖެހިފައިވާހިނދު، އެ ރޯދަތައް ޤަޟާ ކުރުމަށްފަހުގައި މެނުވީ ޝައްޥާލުމަހުގެ ރޯދަ ހިފައިގެން ނުވާނެ އެވެ. ސަބަބަކީ ނަބިއްޔާ ﷺ މިފަދައިން ޙަދީޘް ކުރައްވާފައިވުމުންނެވެ. (مَنْ صامَ رمضانَ ثُمَّ أَتْبَعَهُ ستًّا مِنْ شوَّالٍ ….) ”ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު، އެއަށްފަހު އެއާއި ވިދިގެން ޝައްވާލު މަހުން 6 ރޯދަ ހިފައިފިމީހާއަކީ، ……“ ފަހެ، ރަމަޟާން މަހުގެ ރޯދަތަކެއް ޤަޟާކުރަން ޖެހިފައިވާ މީހާއަކީ، ރަމަޟާން މަހު އެކުގައި ރޯދަ ހިފިމީހަކަށް ނުވާނެ އެވެ .ވުމުން، އެ ރޯދަތައް ޤަޟާކޮށްފައި ޝައްވާލުމަހުގެ ރޯދަ ހިފުމުން މެނުވީ އެ ޘަވާބެއް ޙާޞިލެއް ނުވާނެ އެވެ. ފަހެ، އެގޮތުން ރޯދަ ޤަޟާކުރުމަށް ޝައްވާލުމަސް އެކުއެކީގައި ނަގަނީ އެވެ. މިޘާލަކަށް އަންހެނަކު ނިފާސްވެ ރަމަޟާން މަހުގެ އެންމެ ދުވަހަކުވެސް ރޯދައަށް ނުހުރެވުނީ އެވެ. އެއަށްފަހު ޝައްވާލު މަހުގައި ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރަން ފެއްޓީ އެވެ. އަދި ذي القعدة މަހުގައި މެނުވީ ޤަޟާ ރޯދަތައް ހަމަކޮށް ނުނިމެ އެވެ. ފަހެ، (މި ޙާލުގައި) އަންހެން މީހާ ޝައްޥާލު މަހުގައި (ޝައްވާލު މަހުގެ 6 ރޯދަ ހިފާނީ އެވެ.) އަދި ޝައްޥާލުމަހުގެ ރޯދަ ހިފުމުގެ އަޖުރު ލިބޭނެ އެވެ. ސަބަބަކީ މިތަކުގައި މިފަދައިން ޢަމަލުކުރީ ޒަރޫރީ ވުމުންނެވެ. އަންހެން މީހާއީ ޢުޛުރުވެރި ޙާލަތުގައިވާ ފަރާތެއް ކަމުގައިވުމެވެ.” مجموع فتاوى و جـ20 ص 19
و الله أعلم މިއީ މިކަމުގައި ވަރަށްވެސް ޢަދުލުވެރި، އެންމެހައި ދަލީލުތަކެއް ޖަމްޢު ކުރެވޭ އެންމެ ފުރިހަމަ ޤައުލު ކަމުގައި ވެ އެވެ. ވުމުން، ޙައިޟުގެ ޙާލަތު ބައްދަލުވާ އަންހެނުންނަށް ޝައްޥާލުމަހުގައި، ޤަޟާރޯދަ ހިފައި، ޙައިޟުގެ މުއްދަތު ގޮސް، ޝައްވާލު މަހުގެ ރޯދަތައް ހިފުމުގެ ކުޅަދާނަކަން އޮވެއްޖެހިނދު، ރަމަޟާން މަހުގެ ރޯދަ ޤަޟާ ނުކޮށް ހިފުމަށް ނުބުނެވޭނެ އެވެ.
އެކަނބަލުންނަށް އޮތީ ޤަޟާ ރޯދަތައް ހިފުމަށްފަހުގައި ޝައްޥާލު މަހުގެ ރޯދަ ހިފުމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.