މުސްކުޅިބަލީގައި ދޫކުރި ރޯދަތައް ނުހިފި ހުއްޓައި ރަމަޟާން މައްސަރާ ބައްދަލު ކުރުމުން ޢަމަލު ކުރާނީ ކިހިނެތްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. 

أما بعد: 

 

ސުވާލަށް ޖަވާބު ދިނުމަށްޓަކައި ބޭނުންވާ ބައެއް ތަފްޞީލު ނެތްކަމުގައިވެ އެހެނަސް އެ އެންމެހައި ބަސްތަކުގެ މައްޗަށް ޖަވާބު ބަޔާން ކުރަމެވެ.

ފުރަތަމައީ : ބަލި ޙާލަތުގައިވާ މީހާގެ ޙާލަތެވެ. ބައެއްފަހަރު މުސްކުޅި ބަލީގައި އޮންނަ މީހާއަކީ ބުއްދި ފިލައިފައިވާ، ސިކުޑި ހަމަނުޖެހޭ ފަރާތެއް ކަމުގައިވެ އެވެ. މިފަދަ މީހާގެ މައްޗަށް ރޯދަ ހިފުމެއް އަދި ރޯދައަކަށް ފިދިޔަ ދިނުމެއްވެސް ނުވެ އެވެ.    

ނުވަތަ މުސްކުޅި ޙާލަތުގައި ހަށިގަނޑުގައި އެފަދަ ބާރުވެރި ކަމެއް ނެތުމުގެ ސަބަބުން ރޯދަ ނުހިފުމެވެ. ފަހެ، މިއީ ބުއްދި ސަލާމަތުން ހުރި ފަރާތެކެވެ. އެހިނދު އެފަދަ ޤާބިލްކަމެއް ނެތުމުން ރޯދަ ދޫކުރާނީ އެވެ. އަދި ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީ އެވެ. އެއީ ހަނޑުލުން ބަލާނަމަ ކޮންމެ ރޯދައަކަށް 1.5 ކިލޯ ހަނޑުލެވެ. (އެއީ ޞާޢުއެއްގެ ދެބައި ކުޅަ އެއްބަ އެވެ.)    

މި މައުޟޫގައި، މިތަނުގައި މިއަދު މަދީނާގައި ތިއްބެވި ސުންނަތުގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންވާ العلامة الشّيخ عُبيد الجَابِري – حفظه الله- ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ. 

”އޭ ދަރިޔާ އެވެ. ބަޔާންކޮށްފައި ތިވަނީ ދުވަސްވުމުގެ ސަބަބުން މުސްކުޅިބަލީގައި ރޯދަ ނުހިފޭ މީހާގެ ވާހަކަ އެވެ. އަހަރެން ބުނަމެވެ. ދުވަސްވެ މުސްކުޅި ބަލީގައިވާމީހާ ވާނީ 2 ޙާލަތެއްގަ އެވެ 

ފުރަތަމައީ : ތިޔަ ބަޔާންކުރި ފަދައިން ތިޔަބައިމީހުންގެ ތެރޭގައިވާ މުސްކުޅިމީހާ ފަދައިން، އޭނާއަށް ރޯދަހިފުން ނުކުޅެދުންތެރިވެފައިވާ މީހާ އެވެ. އޭނާގެ ބުއްދި އަދި ހެޔޮނުބައި ވަކިކުރުން ފިލައި ނުދެ އެވެ. އޭނާއަށް ތިމަންނަ މިވަނީ ރަމަޟާންމަހުގައިކަން އިނގެ އެވެ. ފަހަރެއްގައި އޭނާއަށް ރޯދަ ހިފިދާނެ އެވެ. އެހެނަސް އެއީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށްވެ އެވެ. ފަހެ، މިއީ ތަކްލީފު ޖެހިގެންވާ މީހެކެވެ. މިފަދަ މީހާއަށް (އޮތް ޙުކުމަކީ، ރޯދަ ދޫކުރުމަށްފަހު) ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމެވެ. އެއީ ތިޔަބައިމީހުން ބޭނުންވި ގޮތެއްގަ އެވެ. ދިހަ ދުވަހަށްފަހު، އެ ދިހަ ދުވަހުގެ ރޯދައަށް ކާންދިނުމެވެ. ނުވަތަ ވިހި ދުވަހުންނެވެ. ނުވަތަ އެންމެހައި މީސްތަކުން ރޯދަހިފައި ނިމުމުން، މީސްތަކުން ރޯދަހިފި ދުވަސްތަކުގެ ޢަދަދަށް ކާންދިނުމެވެ. ނުވަތަ ކޮންމެ ދުވަހަކު މިސްކީނަކަށް ކާންދިނުމެވެ. 

ފަހެ، ކޮންމެ މުސްލިމަކު ދަންނަ ހުއްޓެވެ. ހަމަކަށަވަރުން މިސްކީނަކަށް ކާންދޭން ޖެހޭނީ އެތަނެއްގެ އަހުލުވެރިން ކާބޯތަކެތީގެ މެދުމިންގަޑުންނެވެ. ހެނދުނު ކެއުމެއް ނުވަތަ މެންދުރު ކެއުމެއް ނުވަތަ ރޭގަނޑު ކެއުމެއް ދިނުމެވެ. (މާނައަކީ :ކައްކާފައި ކާންދޭނަމަ ބަނޑު ފުރޭވަރަށް އެއިރެއްގެ ކޮއްތު ކައްކާފައި ކާން ދިނުމެވެ.) 

(ނުކައްކައި ކާބޯތަކެތީ ދޭ ކަމުގައިވާނަމަ އެތަނެއްގެ އަހުލުވެރިން ކެއުމުގެ ގޮތުން ބޭނުންކުރާ ތަކެއްޗެވެ.) އެއީ: ކާތަކެތީގެ ގޮތުގައި ހަނޑޫ ނުވަތަ އެފަދަ އެހެންތަކެއްޗެވެ. (އެ ގޮތުން ދޭނީ ކޮންމެ ރޯދައަކަށް) ޞާޢެއްގެ ދެބައިކުޅަ އެއްބަ އެވެ.  އަދި އެއާއިއެކުގައި ކާން ރިހައެއްފަދަ އެއްޗެއް ދިނުން ހުއްޓެވެ. 

ތިޔަބައިމީހުންގެ ތެރޭގައިވާ މުސްކުޅި ދުވަސްވީ މީހާއަކީ ބުއްދިފިލައިފައި، ހެޔޮނުބައި ވަކިނުކުރެވޭ ޙާލަތުގައިވާ މީހެއްނަމަ، އެމީހާވަނީ ތަކްލީފު ކެނޑިފަ އެވެ. އަހަރެމެންނަށާއި އޭނާއަށް ހެޔޮވެގެންވާ ނިމުމެއް ﷲ ދެއްވާނދޭވެ. އޭނާއަށް އެހިނދު ރޯދަ ހިފުމެއް އަދި ބަދަލުގައި ކާންބޯން ދިނުމެއްވެސް ނުވެ އެވެ.“  (ޝެއިޚްގެ ފަތުވާ ނިމުނީ އެވެ.)

  

މަތީގައި ޛިކުރުކޮށްފައިވާ ފަތުވާއިން ބަލި މީހާގެ ޙާލަތުގެ މައްޗަށް ޢަމަލު ކުރަންވީ ގޮތް އެ ވަނީ ބަޔާންވެފަ އެވެ.     

ދެވަނައީ : ސުވާލުގައިވާ ދެވަނަ ބައެވެ. އެއީ ފާއިތުވީ އަހަރުގައި ދޫކޮށްފައިވާ ރޯދަތަކެވެ. އެގޮތުން 16 ރޯދަ ދޫކޮށްފައިވެ އެ ރޯދަތައް ޤަޟާ ނުކުރެވި ހުއްޓާ މި ރަމަޟާން މަސް ބައްދަލު ކުރީ ކަމުގައި ބަޔާންކޮށްފައިވުމެވެ.    

ފާއިތުވީ ރަމަޟާން މަހުގައިވެސް އެމީހަކު ވަނީ ބުއްދި ފިލައިފައިވާނަމަ، މިއީ ޤަޟާކުރުމަށް ޖެހޭ ރޯދަތަކެއް ނޫނެވެ.  

އެހެނަސް ބޮޑަށް ބުރަވެވެނީ، ބުއްދި ސަލާމަތުން ހުރި މުސްކުޅި ބަލީގައިވާ ފަރާތެއް ކަމެވެ. އެހެނަސް ހަށިގަނޑުގައި އެފަދަ ބާރުވެރި ކަމެއް ނެތުމެވެ. ވުމުން، އިސްވެ ބަޔާންކުރި ގޮތަށް ކޮންމެ ރޯދައަށް މިސްކީނަކަށް ކާންދިނުން ހުއްޓެވެ. އެއީ ކައްކާފައި ކާން ދިނުމެވެ. (މަތީގައި އޭގެ ސިފަ ބަޔާން ކުރެވިއްޖެ އެވެ.) ނުވަތަ ނުކައްކައި ހުރި ކާބޯތަކެތި ނެރުމެވެ. އެގޮތުން ބަލާނަމަ، 16 ރޯދައަށް ކޮންމެ ރޯދއަކަށް 1.5 ކިލޯގެ ހަޑުލުގެ މަގުން ނެރޭނީ އެވެ.  

އެއީ ޖުމްލަ 24 ކިލޯ ހަޑުލެވެ. ފަހެ، މިސްކީނަކަށް ނުވަތަ ފަޤީރަކަށް އެމިންވަރު ދިނުމުން އެއީ ރޯދަތައް އަދާވުމެވެ. 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم. 

Similar Posts