ވިތުރު އެއް ރަކުޢަތަށް ކުރާ މީހާ ކިޔަވާނީ ކޮން ސޫރަތެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ވިތުރި ނަމާދު އެއް ރަކުޢަތަށް ކުރާ މީހާ، ފާތީޙާ ސޫރަތަށްފަހު ކިޔާނެ ސޫރަތާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެ އެވެ.

ފުރަތަމަ ބަސްފުޅަކީ އެ ރަކުޢަތުގައި އިޚްލާޞް ސޫރަތް ނުވަތަ އިޚްލާޞް ސޫރަތާއި އެކު އަލް- މުޢަޥިޛަތައިން ކިޔުމެވެ.

އެއީ އަންނަނިވި ހަދީޘްތަކުގެ މައްޗަށް ބިނާކޮށެވެ.

ޙަދީޘްގައިވެ އެވެ. كانَ رسولُ اللَّهِ يوترُ بثلاثٍ يقرأُ في الأولى بسبِّحِ اسمَ ربِّكَ الأعلى وفي الثَّانيةِ بقل يا أيُّها الكافرون وفي الثَّالثةِ بقل هوَ اللَّهُ أحدٌ ޙަދީޘްގައިވަނީ : ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 3 ރަކުޢަތުން ވިތުރި ކުރައްވަ އެވެ. ވިތުރީގެ ފުރަތަމަ ރަކުޢަތުގައި سبِّحِ اسمَ ربِّكَ الأعلى އަދި ދެވަނަ ރަކުޢަތުގައި قل يا أيُّها الكافرون އަދި ތިންވަނަ ރަކުޢަތުގައި قل هوَ اللَّهُ أحدٌ ވިދާޅުވެ އެވެ. صحيح النسائي 1701

އަދި އިމާމް الترمذي (463) ނަބިއްޔާ ގެ އަނބިކަނބަލުން عائشة رضي الله عنها ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. މި ކަމަނާ އަރިހުގައި ސުވާލު ކުރެވުނެވެ.

: بِأَيِّ شَيْءٍ كَانَ يُوتِرُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فقَالَتْ : (كَانَ يَقْرَأُ فِي الْأُولَى بِسَبِّحِ اسْمَ رَبِّكَ الْأَعْلَى ، وَفِي الثَّانِيَةِ بِقُلْ يَا أَيُّهَا الْكَافِرُونَ ، وَفِي الثَّالِثَةِ بِقُلْ هُوَ اللَّهُ أَحَدٌ وَالْمُعَوِّذَتَيْنِ) ރަސޫލާ ﷺ ވިތުރީގައި ވިދާޅުވަނީ (ކޮން ސޫރަތްތަކެއް ތޯ އެވެ.) އެހިނދު ވިދާޅުވި އެވެ. ވިތުރީގެ ފުރަތަމަ ރަކުޢަތުގައި سبِّحِ اسمَ ربِّكَ الأعلى އަދި ދެވަނަ ރަކުޢަތުގައި قل يا أيُّها الكافرون އަދި ތިންވަނަ ރަކުޢަތުގައި قل هوَ اللَّهُ أحدٌ އަދި الْمُعَوِّذَتَيْنِ ވިދާޅުވެ އެވެ.

ފަހެ، މި ދަލީލުތަކުގެ މައްޗަށް ބުރަވެ އެބޭކަލުން ވިދާޅުވަނީ އެއް ރަކުޢަތަކަށް ކުރާ މީހާ އިޚްލާޞް ސޫރަތް ނުވަތަ އިޚްލާޞް ސޫރަތާއި އެކުގައި އަލް-ފަލަޤި އަދި އައް-ނާސީ ސޫރަތް ކިޔެވުން ހުއްޓެވެ.

ދެވަނަ ބަސްފުޅަކީ :

އެމީހަކަށް ފަސޭހަ މިންވަރެއް، ފަސޭހަ ސޫރަތެއް ކިޔެވުމެވެ. އެބަހީ ވަކި ޚާއްޞަ ސޫރަތެއް ކިޔެވުމެއް ނެތެވެ. އޭގެ ބަދަލުގައި ފަސޭހަ މިންވަރެއް ކިޔެވުމެވެ.

ދަންނަ އެވެ! މިއީ އުއްމަތުގެ ގިނަ ޢިލްމުވެރިންގެ ބުރަވެވަޑައިގަންނަވާ ގޮތެވެ.

އެބޭކަލުން، އެކަމަށް ގެންނަ ދަލީލަކީ، މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެއް ރަކުޢަތުން ވިތުރި ނަމާދު ކުރައްވާ النساء ސޫރަތުގެ 100 އާޔަތް ކިޔެވިކަމަށް ވާރިދުވެގެންވުމެވެ. އަދި އެ ރަކުޢަތުގައި އިޚްލާޞް ސޫރަތް ވިދާޅުވެފައިނުވުމެވެ.

މިފަދައިން އިމާމް النسائي ( 1728 ) ރިވާކޮށްފައިވެ އެވެ. އަދި މި ޙަދީޘް އިމާމް الألباني ޞައްޙަ ކުރެއްވި އެވެ.

ވުމުން، މައްސަލައިގެ އެންމެ ހެޔޮ ގޮތަކީ، އެއް ރަކުޢަތަށް ވިތުރި ކުރާ މީހާއަށް އެ ކަމުގައި ތަނަވަސްވެގެން ވުމެވެ. އެއީ ފާތިޙާ ސޫރަތް ކިޔެވުމަށްފަހު އެމީހަކު ފަސޭހަ މިންވަރެއް ޤުރުއާނުން ކިޔެވުން ވުމެވެ. އަދި އިޚްލާޞް ސޫރަތް ނުވަތަ އިޚްލާޞް ސޫރަތާއި އެކު އަލް-ފަލަޤި އައް-ނާސި ސޫރަތް ކިޔެވުމުގައިވެސް މަނާކަމެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts