މުސްކުޅިބަލީގެ ސަބަބުން ނަމާދުގައި ކިޔާތަކެތި ހަނދާންނެތިއްޖެނަމަ ނަމާދު ކުރާނީ ކިހިނެއްތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ބައްޕައަށް ދިމާވެފައިވާ ޙާލަތަށް ﷲ ޙަޟުރަތުން ހެޔޮ ގޮތް މިންވަރު ވުމަށް އެދެމެވެ. ބައްޕައަށް އެކަމުގައި ﷲ ހިތްވަރު ދެއްވާނދޭވެ.    

އަޚާ އެވެ! ސުވާލުގައި ޛިކުރުކޮށްފައިވާ ބަލި މީހާގެ ޢަމަލުތަކުން ދަލީލުކޮށްދެނީ ބުއްދި ސަލާމަތުން ހުރި ކަމެވެ. ސަބަބަކީ ނަމާދު ވަޤުތު ވަދެއްޖެކަން އިނގުމާއި، އެވަޤުތު ވަނުމުން ނަމާދު ކުރުމަށް ބޭނުންވާކަން ބަޔާން ކޮށްފައި ވުމެވެ. އެހެނަސް ބައްޕަ ހިތާމަ ކުރަނީ ނަމާދުގައި ކިޔާ ތަކެތި ހަނދާންނެތުމުގެ ސަބަބުންނެވެ.  

ބައްޕައަށް ދިމާވެފައިވާ ޙާލަތަށް ﷲ ތަޢާލާ ޝިފާ މިންވަރު ކުރައްވާށި އެވެ. އެހިނދު ނަމާދު ތައް ކުރުމަށް އޮތް ސިފަ މިތަނުގައި ބަޔާން ކުރަމެވެ. ދިމާވެފައިވާ ޙާލަތުން އަރައިގަނެވޭނެ އެއްގޮތަށް ވުރެ ގިނަ ގޮތްތައްވެ އެވެ. 

ނަމާދު : ހަނދާންނެތުމުގެ ކަންތަކަކީ ވަރަށްވެސް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ބައްޕައަށްވެސް ދިމާވެފައިވަނީ ހަނދާންނެތުން ކަމުގައި ވުމުން ނަމާދުގައި ޙައްލު ކުރާނެ ގޮތެއްވެ އެވެ.  

އެއީބައްޕަ ގޮވައިގެން އަބަދުވެސް ކޮންމެވެސް އެކަކު ނަމާދު ކުރުމެވެ. އެގޮތުން މިސްކިތަށް ދިއުން ވާޖިބު ނުވާ ޢުމުރުގެ ފިރިހެން ކުޑަ ކުއްޖެއް އިމާމެއްގެ ގޮތުގައި ބަހައްޓައި ނަމާދު ކޮށް ބައްޕަ އެ އިމާމްއަށް ތަބަޢަވުމުގައި ވުމެވެ. 

މާނައީ : ބައްޕަ އެކަނި ނަމާދު ނުކުރުމެވެ. އެހެނަސް ބައްޕަ ނަމާދު ކުރާނީ އަބަދުވެސް ޖަމާޢަތް ހަދައިގެންނެވެ. އެގޮތުން ދަރިއެއް އަބަދުވެސް ވަޤުތު ޖެހުމުން ބައްޕައާ އެކު ޖަމާޢަތް ހަދައި ނަމާދު ކުރާނީ އެވެ. އެހިނދު ބައްޕަ ވާނީ އިމާމްއަށް ތަބަޢަވެ ނަމާދު ކުރާ ފަރާތަކަށެވެ. އެއާއެކު، ހަނދާން ނެތުމުގެ ސަބަބުން ދިމާވާ ކަންތައްތައް ހައްލުވީ އެވެ.  

ދެ ފިރިހެނުން އެކުގައި ނަމާދު ކުރާހިނދު އިމާމް މީހާއާ އެއްހަމައެއްގައި އެއް ސަފެއްގައި މައުމޫމު މީހާ ހުއްޓި ހުންނާނީ އެވެ.  އެގޮތުން އިމާމް މީހާގެ ކަނާތްފަރާތުގައި މައުމޫމް ހުއްޓި ހުންނާނީ އެވެ. ރުކޫޢުގައި އަދި އިޢުތިދާލުގައި އަދި ސަޖިދައިގައި ކިޔާ ޛިކުރުތައް ބައްޕައަށް އަޑު އިވޭވަރަށް ކިޔުން ހުއްޓެވެ. ފަހެ، އަޑު އިވުމުން ހަދާންވެ އެފަދައިން އެހިނދު ކިޔާނެ އެވެ.  

ޙާޖަތެއް މެދުވެރިވެ އެފަދައިން އަޑު އުފުލައި ކައިރީގައިވާ މީހާއަށް އިއްވުމަށް ކިޔުމުން މައްސަލައެއް ނެތެވެ. ކުޑަކުއްޖެއް ނެތް ކަމުގައިވެ، ނަމާދު މިސްކިތުގައިކުރުން ވާޖިބު ފަރާތްތައް ކަމުގައިވާނަމަ، މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށްފަހު ގެއަށް އައިސް އެމީހެއްގެ ސުންނަތް ނަމާދު ކުރާހިނދު ބައްޕަގެ ފަރުޟު ނަމާދުގައި ބައިވެރިވެ ކުރިއަށް ގެންދިއުމެވެ. އެއީ ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.  

ޖަމާޢަތުގައި  އިމާމާއެކު ނަމާދު ކުރުމަށްފަހު ދެން ފަހުން އަންނަ ބަޔަކާއެކު ސުންނަތް ނަމާދެއްގެ ނިޔަތުގައި އޭނާއަށް އިމާމްވެ ނަމާދު ކުރެވިދާނެއެވެ. އެއީ معاذ رضي الله عنه  ނަބިއްޔާ صلى الله عليه وسلم އާއެކު އިޝާ ނަމާދު ކުރެއްވުމަށްފަހު  ދެން معاذ رضي الله عنه  ގެ ޖަމާޢަތުގެ (އަވަށުގެ) އަހުލުވެރީންނާއެކު  އިމާމުވެ ނަމާދު ކުރައްވައެވެ. އެއީ އެމީހުންގެ ފަރުޟެވެ. އަދި معاذ رضي الله عنه  އަށް ސުންނަތް ނަމާދެކެވެ. އެހެނީ އިލްމުވެރީންގެ ބަސްފުޅުތަކުން ސައްހަ ގޮތަކީ   الامام އަދި މައުމޫމީންގެ ނިޔަތް އެއްގޮތްވުން ޝަރުތުވެގެން ނުވެއެވެ. 

އެހެނަސް 2 ވަނަ ރަކުޢަތަށްފަހު ސުންނަތް ކުރާ މީހާ އައްތަހިޔާތަށް އިށީނދެ ސަލާމް ދިނުމުން ބައްޕަ ތެދުވާން ޖެހޭނެ އެވެ. އަދި އަނެއްކާވެސް އިމާމް ސަލާމް ދިނުމަށްފަހު ތެދުވެ ސުންނަތް ކުރުމުގައިވާނީ އެވެ. ފަހެ، ބައްޕަ އެހިނދު އިމާމް ތަބަޢަވުމުގައި ވުމެވެ. 

ނަމާދު މިފަދައިން އިމާމްވެ ކޮށްދެވޭނެ އެއްވެސް ފަރާތެއް ނެތިއްޖެހިނދު، ކައިރީގައި މީހަކު ހުރެގެން ލައިދިނުމެވެ. އެ ގޮތުން ރުކޫޢަށް ދެވުމުން ރުކޫޢުގައި ކިޔާ ޛިކުރު އަދި ސަޖިދައަސް ދިއުމުން ސަޖިދައިގައި ކިޔާ ޛިކުރުތައް ލައިދިނުމެވެ. އަދި އަޑު އަހައި ބައްޕަ އެފަދައިން ކިޔުމެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts