ނިފާސްކަމުގެ (ނިފާސް ކަމުގެ ލޭ ގެ) އެންމެ ދިގު މުއްދަތަކީ ކޮބައިތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނިފާސްކަމުގެ (ނިފާސް ކަމުގެ ލޭ ގެ) އެންމެ ގިނަ މުއްދަތަކީ 40 ދުވަސް ކަމުގައި ޢިލްމުގެ އަހުލުވެރިން އިޖްމާޢު ވެގެންވެއެވެ. މިފަދައިން الترمذي އަދި އެނޫން ޢިލްމުވެރިން ބަޔާންކޮށްފައިވެއެވެ. ފަހެ، 40 ދުވަސްވުމުގެ ކުރިން އަންހެންމީހާ (ނިފާސްކަމުގެ ލޭ ހުއްޓިއްޖެ ހިނދުގައި) އެ އަންހެންމީހާ ހިނައިގަނެ ނަމާދު ކުރުން ހުއްޓެވެ.

ނިފާސް ކަމުގެ ލޭ ގެ މަދު މިންވަރެއް ވާރިދުވެގެން އައިސްފައެއް ނުވެއެވެ. މި މައްސަލާގައި އިތުރަށް ދެނެގަންނަންޖެހޭ ނުކުތާތަކެއް ހުރުމުން އެނުކުތާތަކަށް މިތަނުގައި ބަޔާންކުރަމެވެ.

އެގޮތުން ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިއަދު އުއްމަތުގައިވާ އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ العَلامة صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެއެވެ.

“ނިފާސް ކަމުގެ ލޭ، 40 ދުވަސްވުމުގެ ކުރިން ކެނޑުމުން، (އަންހެންމީހާ) ހިނައިގަނެ ނަމާދުކޮށް ރޯދަހިފަމުން ދަނިކޮށް، އެއަށްފަހު (ނިފާސްކަމުގެ 40 ދުވަސް ހަމަވުމުގެ ކުރިން) ލޭ ފެނިއްޖެނަމަ، މިކަމުގައި ޞައްޙަ ގޮތަކީ، އެ ލެއަކީ ނިފާސް ކަމުގެ ލޭ ކަމުގައި ބެލުމެވެ. އަދި ޠާހިރުވެ ހުރި ދުވަސްތަކުގައި ހިފި ރޯދައަކީ (ޞައްޙަ ރޯދަތަކެއް) ކަމުގައިވެ، އެ ރޯދަތައް ޤަޟާކުރާކަށް ނުޖެހުމަކީ އެކަމުގެ ޞައްޙަ ގޮތެވެ”.

އެހެންވުމުން ޙާޞިލްވާ ފައިދާ ތަކަކީ :

1- ނިފާސްގެ އެންމެ ގިނަ މުއްދަތަކީ 40 ދުވަސްކަން ބަޔާންވެގެން ދިއުމެވެ.

2- 40 ދުވަސް ކުރިން ޠާހިރުވެއްޖެ މީހާ، 40 ދުވަސްވަންދެން އަޅުކަންނުކޮށް ހުރެގެން ނުވާނެކަމެވެ. އަދި ލޭ ކެނޑުމާ އެކު ހިނައިގަނެ، އަޅުކަންތަކުގައި ޤާއިމްވުން އަންހެން މީހާގެ މައްޗަށް ވާޖިބު ވެގެންވުމެވެ.

3- 40 ދުވަސްވުމުގެ ކުރިން ނިފާސްލޭ ހުއްޓި ހިނގައިގަނެ އަޅުކަން ކުރަމުން ގެންދާ އަންހެނާއަށް 40 ދުވަހުގެ މުއްދަތުގެ ތެރޭގައި އަނެއްކާވެސް ލޭ ފެނިއްޖެހިނދު، އެއީ ނިފާސް ކަމުގައި ބަލައި، އަނެއްކާވެސް ނަމާދުކުރުން ރޯދަ ހިފުން ދޫކޮށްލާނީއެވެ. އަދި އިސްވެ ކޮށްފައިވާ އަޅުކަންތަކުގައި އެއްވެސް މައްސަލައެއްނެތެވެ.

4- ރޯދަމަސް ކުރިން ނިފާސް ކަމުގައިވާ އަންހެނަކު ރޯދަ މަސްތެރޭގައި ނިފާސް ކަމުގެ ލޭ ހުއްޓިއްޖެހިނދު (އެއީ ނިފާސްލޭ އަންނަތާ 20 ދުވަސް ނުވަތަ 15 ދުވަސް) ކަމުގައި ވީނަމަވެސް ނަމާދު ކުރުމާއި ރޯދަ ހިފުމުގައި ޤާއިމްވާން ޖެހޭނެކަން ބަޔާން ވެގެންދެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply