|

އަންހެނުންނަށް ޖަމާޢަތް ހަދައިގެން ޢީދު ނަމާދު ކުރެވިދާނެތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ބުނަމެވެ. ފަރުޟު ނަމާދުތަކުގައި އަދި ޢީދު ނަމާދާއި އެހެން ނަމާދު ތަކުގައި އަންހެނުން ޖަމާޢަތް ހަދައިގެން ނަމާދު ކުރުމުގެ މައްޗަށް ބުނަމެވެ.

ޔަޢުނީ : ފިރިހެނުން ނެތި، ގޭގައި ނުވަތަ ނަމާދު ކުރާ ތަނުގައި ހަމައެކަނި އަންހެނުން ތިބެއްޖެހިނދު އަންހެނަކު އިމާމް އަށް އިސްވެ އެހެން އަންހެނުންނާ އެކު ޖަމާޢަތުގައި ނަމާދު ކުރާނީ އެވެ.

މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ العلامة الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.

”އެކަމުގައި އެއްވެސް މައްސަލއެއް އޮތް ކަމެއް އެނގިފައެއްނެތެވެ. ސަބަބަކީ ޢީދު ނަމާދަކީ ފިރިހެނުންނަށްވެސް އަދި އަންހެނުންނަށް ޝަރުޢު ކުރެވިގެންވާ ނަމާދެކެވެ. ސުންނަތަކީ ހާމަތަނަކަށް ނުކުމެ (ނަމާދު ކުރުމެވެ.) ފަހެ، އަންހެނުންނަށް ފިރިހެނުންނާ އެކުގައި ޖަމާޢަތް ހަދައިގެން ކުރުމަށް ނުކުތުމަށް ކުޅަދާނަނުވެއްޖެހިނދު، އެކަނބަލުން ގޭގައި ނަމާދު ކުރުން ހުއްޓެވެ. އެކަނި ނުވަތަ ޖަމާޢަތް ހަދައިގެން ކަމުގައިވީނަމަވެސް އެވެ. އަދި އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި އެކަނބަލުންނަށް އެކަމުގައި ބޮޑުވެގެންވާ އަޖުރު ހުއްޓެވެ.“

ވުމުން، އަންހެނުންނަށް، ހަމައެކަނި އަންހެނުން ޖަމާޢަތެއްގައި ޢީދު ނަމާދު ފަދަ ޖަމާޢަތް ހަދައިގެން ކުރާ ސުންނަތް ނަމާދުތައް އަދި ފަރުޟު ނަމާދުތައް ކުރެވޭނެ އެވެ.

ވަކިން ޖަމާޢަތް ހަދައިގެން ކުރާނަމަ، އެއީ ގޭގައިފަދަ ތަނެއްގައި ކުރާނަމަ އެއްވެސް މައްސަލައެއްނެތެވެ.

ސުވާލުގެ އިތުރަށް އިތުރު މަޢުލޫމާތުގެ ގޮތުގައި ބަޔާން ކުރަމެވެ. އަންހެނުން ޖަމާޢަތުގައި އަންހެން އިމާމް ހުންނާނީ ކޮންތާކު ހެއްޔެވެ؟

އަންހެނުންގެ ޖަމާޢަތެއްގައި އަންހެނަކު އިމާމްއަށް ޢައްޔަނުވާ ދަނޑިވަޅުގައި، އެޙާލަތުގައި އަންހެން އިމާމް ހުންނާނެ ގޮތަކީ :

އިމާމް ހުންނާނީ އަންހެނުންގެ ސަފުގެ މެދުގަ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން أُمُّ سَلَمَة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެ އެވެ.

(أم سلمة زوج النبي صلى الله عليه وسلم تؤم النساء،تقوم معهن في صفهن)

ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން أم سلمة (އެކަމަނާ) އަންހެނުންނާ އެކު އިމާމްވެ ނަމާދު ކުރައްވަ އެވެ. އަދި ހުންނަވަނީ އަންހެންކަނބަލުންގެ ސަފުގެ (ތެރޭގައި ސަފުގެ) މެދުގަ އެވެ.

މި ޙަދީޘް ޛިކުރު ކުރައްވައި الألباني (تمام المنة – 154) ވިދާޅުވެފައިވެ އެވެ. إسناد صحيح

އަދި عَائِشَة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެ އެވެ. –އަންހެން ކަނބަލުންނާއެކު އިމާމްވެ ނަމާދު ކުރައްވާހިނދު- އެކަނބަލުންގެ (ސަފުގައި) މެދުގައި ހުންނަވަ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

ނަމާދު ގޭގައިި ކުރާނެ ގޮތް ޚުލާޞާކޮށް ތިރީގައިވާ ލިންކްއިން ލިބިވަޑައިގަންނަވާނެ އެވެ. ކިޔާލުން ހުއްޓެވެ.

ގޭގައި ޢީދު ނަމާދު ކުރާނެ ސިފަ (ޚުލާޞާކޮށް)

Similar Posts